November 24, 2024 08:11
Advertisement

-Advertisement-

މުޙައްމަދުގެ އާއިލާ، ކޮރެއާގައި ދިރިއުޅޭތާ 9 އަހަރު

ދަރިންނަށްޓަކައި އެޅި ފިޔަވަޅު- މުޙައްމަދުގެ ކާމިޔާބީ

''ކޮރެއާއަށް ބަދަލުވި ފުރަތަމަ 2 މަސް ދުވަހަކީ ވަރަށް ހިތްދަތި އިޙުސާސްތަކެއް ކުރެވުނު 2 މަސް. ކޮންމެ ދުވަހަކު ހިތައް އަރާ މިއަދު ފުރައިގެން ރާއްޖެ އަންނަންވީއޭ....''

މިއީ ދެކުނު ކޮރެއާގައި ދިރިއުޅެމުން، ޓްރެވަލް އެޖެންސީތަކެއް ހިންގަމުންދާ ކާމިޔާބު ވިޔަފާރިވެރިޔާ، އދ.ދިގުރަށަށް އުފަން މުޙައްމަދު އިބްރާހީމްގެ ވާހަކައިން އަޅުގަނޑަށް އެންމެ ފުން އަސަރެއް ކުރުވި ޖުމްލައެވެ.

މުޙައްމަދު

އަޅުގަނޑުމެން ހޫނު ގައުމެއްގައި އުޅޭ ބަޔަކަށް، ޚާއްސަކޮށް ރާއްޖެއާއި 4174 މޭލު ދުރުމިނުގައި، ދިވެއްސެއްގެ ހިލަމެއް ނެތް ތަނެއްގައި ދިރިއުޅުމެއް ބިނާކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ފިނިހޫނުމިނަށް ބަލާއިރުވެސް 16 ޑިގްރީގައި ކެތްނުވާ އަޅުގަނޑުމެންނަށް ކޮރެއާފަދަތަނެއްގައި ފިނިމޫސުމުގައި އެވްރެޖްކޮށް މައިނަސް 5-10 ދެމެދުގެ ފިނިމިނުގައި ކެތްކުރެވޭނީ ކިހިނެއްތޯއެވެ. އޭގެ އިތުރަށް އެގައުމުގެ ސަޤާފަތާއި އާދަކާދައާއި، ދީނާއި، ދިރިއުޅުމަކީ ރާއްޖެއާއި އަޅާބަލާނަމަ އުޑާއި ބިމާހާ ތަފާތު ކަންކަމެވެ. މިއިން ކޮންމެކަމަކީ އާ ކަމަކަށްވާއިރު އެކަމަށް ކެތްކުރެވޭތޯ މަސައްކަތްކުރުން އެއީ ކޮންމެމީހަކު ކުރާނެ ކަމެއްނޫނެވެ. ވާނެކަމެއްވެސް ނޫނެވެ. ނަމަވެސް މުޙައްމަދު މި ފިޔަވަޅުއެޅީ އޭނާގެ ދަރިންނަށްޓަކައެވެ.

Advertisement

2006ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްފެށީ އެހެން ޒުވާނުންނެކޭ އެއްގޮތަށް ވަރަށްފޮނި އުންމީދުތަކަކާއި އެކުގައެވެ. ނަމަވެސް 1 އަހަރު ފުރަތަމަ ވަޒީފާގައި ހުރުމަށްފަހު 2007ގައި ލިބުނު އެހެން ރިސޯޓެއްގެ ވަޒީފާއަކީ މުޙައްމަދުގެ ދިރިއުޅުން ފެނުމުގެ ސިއްރެވެ. އަނބިމީހާ ސައްމީ (އިސްލާމްވުމަށްފަހު ސުމައްޔާ) އާއި ދިމާވީ ފޯސީޒަން ކުޑަހުރާއިންނެވެ. އެގުޅުން 2010ގައި ކައިވެންޏަކަށް ބަދަލުވެ، ވަރަށް އަވަސް މުއްދަތެއްގައި މުޙައްމަދު ބައްޕައަކަށްވިއެވެ. އޭރު އުމުރަކީ އެންމެ 25 އަހަރެވެ. ބައްޕައެއްގެ ޒިންމާއަކާއިމެދު އެއްވެސްވަރަކަށް ވިސްނާފައެއް ނެތެވެ. ނަސީބުކަން ދިމާކުރިގޮތުން ލިބެން އުޅެނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ.

ގާތްގަނޑަކަށް 5 މަސްވަންދެން ކުޑަހުރާގައި މަސައްކަތް ކޮށްފައި ސިއްޙީ ހިދުމަތްތަކަށް ބެލުމަށްފަހު މުޙައްމަދުގެ ދެމަފިރިން ނިންމީ ކޮރެއާއަށް ދިރިއުޅުން ބަދަލުކުރާށެވެ. އެހެންނަމަވެސް ރަސްމީ ލިޔެކިޔުންތައް ހަމަނުޖެހުމާއި ވަޒީފާގެ މުހިންމުކަން ވިސްނޭތީ އެވަގުތަށް މުޙައްމަދަށް އަންހެނުންނާއިއެކު ކޮރެއާއަށް ދެވޭގޮތެއް ނުވިއެވެ. އެއީ ހިތްދަތި ވަގުތެކެވެ.

އަންހެނުން އަނބުރާ ގައުމަށް ދިޔައިރު މާބަނޑުކަން އެނގޭނީ ހަމައެކަނި އަންހެނުންގެ ބޭބެ އަށެވެ. އަނބުރާ ގައުމަށް ގޮސް ފުރަތަމަ އަންހެނުން ހުރީ އަންހެނުންގެ ބޭބެ ކައިރީ އެގައުމުގެ ވެރިރަށް ސޯލްގައެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ސައްމީގެ މަންމަ އޭރު އެހާ ގަބޫލެއް ނޫނެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށްވެފައި އެތަކެއް އުންމީދުތަކެއް މައިންބަފައިންގެ ހުންނާނެއެވެ. ޚާއްސަކޮށް މަންމައަކު އެކަމާ ވަރަށް ފުންކޮށް ވިސްނާ އެތައް ހުވަފެންތަކެއް ދެކޭނެއެވެ. އެހެންނަމަވެސް ސައްމީ އޭނާގެ ބޭބެއާއިއެކު މަންމަކައިރިއަށް ދިޔުމުން މާބަނޑުވެފައިވާ ދަރިފުޅުފެނި ސައްމީގެ މަންމަގެ ވިސްނުމާއި ހުރިހާކަމެއް ބަދަލުވިފަދައެވެ. އެ މަންމަގެ ދިރިއުޅުން އާފެށުމަކުން ފެށިއެވެ.

ދެކުދިން މާމައާއި މުނިމާމައާއިއެކު

މުޙައްމަދަށް އޭނާގެ އަނބިދަރިންނާއި އެންމެ ފުރަތަމަވެސް ދިމާވީ އޭގެ 1އަހަރު ފަހުން ދެކުދިންގެ ފުރަތަމަ އުފަންދުވަހުއެވެ. އޭރުވެސް ވިސާ ހަމަނުޖެހޭތީ ދެމީހުންވެސް ފުރައިގެން ދިޔައީ އިންޑޮނޭޝިއާއަށެވެ. ދެކުދިންނާއި ވީޑިއޯ ކޯލް މެދުވެރިކޮށް ފެނިދެނިވެ އުޅުނުކަމުގައިވިޔަސް ހަމަލޮލަށް އަމިއްލަ ދެކުދިން ފުރަތަމަ ފެނުނު ވަގުތަކީ އެއީ މުޙައްމަދަށް ބުނެދޭން ނޭނގޭ އިހުސާސެއް ކުރުވި ވަގުތެކެވެ.

އަންހެނުންނާއި ދަރިންނާއިއެކު މައިދައިތައާއި އަންހެނުންގެ މާމަވެސް އެ ދަތުރުގައި ބައިވެރިވިއެވެ.

"އެއްމާބަނޑު ދެބެއިންގެ ތެރެއިން އެކަކު އުރީމަވެސް ރޯންފަށާނެ. އަނެއްކުއްޖާ އޯކޭ. ވަރަށް ދެރަވި. އެތަނުގައި ހަފްތާއެއް ވަންދެން ތިބެފައި އެމީހުން ފުރުވާލީ. އެދުވަހު އެއަރޕޯޓުން ވަރަށް ރޮވުނު. އޭގެ ފަހުން މިކޮޅަށް އައިސް 2012ވަނަ އަހަރު  ނިމެން އުޅެނިކޮށް ވިސާ ހަމަޖެހުނީ'' މުޙައްމަދުގެ ހަޔާތް ބަދަލުކޮށްލި ދަތުރު ފެށުނުގޮތް ޒީޓައިމްސްއާއި ހިއްސާކުރަމުން މުޙައްމަދު ކިޔައިދިނެވެ.

ކޮރެއާއަށް ދިއުމަށްފަހު އެންމެ ފުރަތަމަ ދެމަސް ދުވަހު އުޅުނީ، އަންހެނުން ސޯލްގައި ވަޒީފާ އަދާކުރަމުންދާތީ، އަންހެނުން ދިރިއުޅެމުންދިޔަ އޭނާގެ ބޭބެގެ އެޕާޓްމަންޓްގައެވެ. ދެކުދިން އުޅެމުންދިޔައީ އެކުދިންގެ މާމައާއިއެކު އަވަށުގައެވެ. ސޯލްގައި ހޭދަކުރި ދުވަސްތަކުގެތެރޭގައި ދިވެއްސަކާއި ބައްދަލުވިއެވެ. އެ ރަޙުމަތްތެރިޔާ ކޮރެއާގެ ސަޤާފަތާއި އާދަކާދައާއި އަޚްލާގު ބަހައްޓަންޖެހޭ ގޮތާއި އަދިވެސް މުހިންމު އެތައް ވާހަކަތަކެއް މުޙައްމަދަށް ކިޔައިދީ ބުނެދީހެދިއެވެ. އެކަމަށް މުޙައްމަދު ފަށްފަށުން ޝުކުރުވެރިވެއެވެ. 2 ވަރަކަށް މަސް ސޯލްގައި ހޭދަކުރުމަށްފަހު ދަރިން ކައިރީ ދިރިއުޅެން އެ އަވަށަށް ބަދަލުވިއެވެ.

ކުދިންް މާމައާއި ކާފައާއިއެކު

އެކަނިމާއެކަނި މައިދައިތައާއި ދެކުދިންނާއިއެކު، އެތާނގެ ބަހެއް ނޭނގި އުޅެންޖެހުންވީ ވޭނަކަށެވެ. އަންހެނުންނަށް އަވަށަށް އާދެވެނީ ހަފްތާ ބަންދުގައި ކަމުން އެކަނިވެރިކަން އިންތިހާއަށް އިތުރުވިއެވެ. ވަޒީފާއެއް ނެތުމާއި އެކަނިވެރިވުން އަދި ކޮރެއާ ބަހުން ބުނާ އެއްޗެއް ދޭހަ ނުވުމާއި އެބަހުން ވާހަކަދައްކަން ނޭނގުންވީ އިތުރު ތަކުލީފަކަށެވެ. މިއަދު ފުރައިގެން ރާއްޖެ ދާނަމޭ ހިތައްއެރި އެތައް ފަހަރެއް ދިޔައެވެ. ނަމަވެސް ދަރިންނަށްޓަކައި ކެތްކޮށްގެން ހުއްޓާ އަންހެނުން ވަޒީފާ އަދާކުރާތަނުން ވަޒީފާލިބި އަނެއްކާ ސޯލްއަށް ބަދަލުވިއެވެ.

ނަމަވެސް އެ އޮފީހުގައި އިނގިރޭސިން ވާހަކަދައްކަން އެގޭ ބައެއް ނެތުން ވެގެންދިޔައީ އަނެއްކާވެސް އިތުރު ފޫހިކަމަކަށެވެ. މުޅި ދުވަސް އެއްކޮށް އެއްވެސް މީހަކާއި އަނގައިން ނުބުނެ އިންނަ ފަހަރު މަދެއް ނޫނެވެ. ދޭތެރެއަކުން އަންހެނުން  އޮންލައިނުން ވާހަކަ ދެއްކިއަސް ގިނަވަގުތު ދިޔައީ ފޫހިކޮށްނެވެ. އެ ދުވަސްވަރު މުޙައްމަދު ދިޔައީ ކޮރެއާ ބަސް ކިޔަވަމުންނެވެ.

މުޙައްމަދަށް ކޮރެއާއިން ދަސްވީ ރާއްޖޭގެ ސަޤާފަތާއި ބީރައްޓެހި، އެހެންނަމަވެސް ރަނގަޅު އާދަތަކެކެވެ. ''އާއިލާގެ ދޮށީމީހުން ކާމޭޒުކައިރީ ތިބޭއިރު، އެމީހުން ކާން ނުފަށަނީސް، ކާން ސަމްސާވެސް ނެގުމަކީ އެތަނުގައި ހުތުރުކަމެއް. ކައި ނިންމާފައި އަދި ކާންފެށުމުގެ ކުރިން ކެއުން ތައްޔާރު ކުރިކަމަށްޓަކައި ޝުކުރު އަދާކުރަންޖެހޭ. ކައި ނިންމާފައި ސިންކަށް ތަށި ލާންޖެހޭ.''

ސޯލްގައި ވަޒީފާ އަދާކުރަމުންދިޔަ ދުވަސްވަރު ކޮންމެ ހަފްތާ ބަންދެއްގައި އެދެމަފިރިން ދަރިން ކައިރިއަށް ދެއެވެ. ނަމަވެސް އަނެއްކާވެސް އަނބުރާ ސޯލްއަށް އަންނަ ކޮންމެ ފަހަރަކު ގެއަށް އާދެވެންދެން އަންހެނުން ރޯތަން ބަލަން ގޮތް ހުސްވެފައި އިންނަނީއެވެ.

މިގޮތަށް އަހަރެއް ހޭދަކުރުމަށްފަހު އެ ދެމަފިރިންގެ ހާލަތު ބަޔާންކޮށް އޮފީހުގެ ވެރިޔާއަށް ކިޔައިދިނުމުން އަންހެނުންނަށް، ގޭގައި ދަރިން ގާތުގައި އިނދެގެން އޮންލައިންކޮށް މަސައްކަތް ކުރެވޭގޮތް ހަމަޖެހިގެންދިޔައިރު މުޙައްމަދަށް އެ ފުރުސަތެއް ނުލިބުނެވެ. އަނބިދަރިންނާއި ވަކިން އުޅެން މަޖުބޫރުވީއެވެ. މިހިސާބުން އަމިއްލަ މަސައްކަތެއްފަށަން ނިންމާ އަންހެނުންގެ އާއިލާގެ އެހީތެރިކަމާއިއެކު ޓްރެވަލް އެޖެންސީއެއް ފެށިއެވެ. އާއިލާއާއިއެކު އުޅެވޭނެ ގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އަންހެނުންނާއި މަޝްވަރާކޮށް އަންހެނުންގެ މުނިމާމަ ދިރިއުޅެމުންދާ ރަށްފުށުގެ ހިތްގައިމު ސަރަހައްދަށް ބަދަލުވިއެވެ. ރާއްޖެއާއި ވައްތަރުގޮތެއް ހުންނަ، އެ ފެހި މާހައުލުގައި ދިރިއުޅެ، ދަނޑުވެރިކަންވެސް ކުރަމުންދާ މުނިމާމައާއިއެކީ އެއާއިލާ މިހާރު އުޅެމުންދަނީ އުފާވެރި ހިތްފަސޭހަ ދިރިއުޅުމެކެވެ. ހަފްތާ ބަންދުގައި މުނިމާމައަށް އެހީތެރިވުމަށް ދަނޑުގައި މަސައްކަތް ކުރެއެވެ.

މުނިމާމަގެ ދަނޑުގައި، ހުސްވަގުތުގައި މުނިމާމައަށް އެހީތެރިވުމަކީ މުޙައްމަދުގެ އުފަލެއް

މިހާރު 3 ކުދިންލިބި ކޮރެއާގައި ދިރިއުޅޭތާ 9 އަހަރުވެފައިވާ މުޙައްމަދަކީ މިހާރު ކޮރެއާ ބަހުން ވާހަކަދައްކަން އެނގޭ މީހެކެވެ. އެކަން ކާމިޔާބުވީ ދަރިންގެ ސަބަބުންނެވެ. މަސައްކަތް ކުރަމުންދަނީ ދަރިންނަކީ ދިވެހި ސަޤާފަތަށް ލޯބިކުރާ، އިސްކަންދޭ ކުދިންތަކަކަށް ހެދުމަށެވެ.

އާއިލާގައި މިހާރު 2 ޓްރެވަލް އެޖެންސީ އެބަހުއްޓެވެ. އެއީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ކޮރެއާގެ އެކި ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވާ ޚާއްސަ ބައިވެރިއެކެވެ. މިހާހިސާބަށް އައިއިރު ގިނަ ގުނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެހެން ޤައުމެއްގެ މީހަކަށްވުމާއި، އުމުރުން ހަގުވުމާއި، އެގައުމުގެ ކަންކަން އެހާ ނޭނގި ހުރެ އެފަދަ ފިޔަވަޅެއް އަޅަން މަޖުބޫރުވުން އެއީ ބޮޑެތި ގޮންޖެހުންތަކެވެ.

އެހެންނަމަވެސް ތިމާއަށްވުރެ ބޮޑެތިމީހުންގެ ކިބައިން މަޝްވަރާއާއި ލަފާއަހައި، އެމީހުންގެ ވާހަކައަޑުއަހައި، ނޭނގޭ ކަންކަން ހޯދާ ބަލައި، އަބަދުވެސް ޕޮޒިޓިވްކޮށް ކަންކަމާއިމެދު ދެކުން އެއީ މިއަދު މުޙައްމަދު ކާމިޔާބުވުމުގެ ސަބަބެވެ. ޒުވާނުންނަށް ދޭން މުޙައްމަދު ބޭނުންވަނީ މި މެސެޖެވެ. އަޑުއަހާށެވެ. ތިމާއަށް ހެޔޮއެދޭ މީހުންނާއިއެކީ އުޅޭށެވެ. މީހުންނަށް މާބޮޑަށް އިތުބާރު ނުކުރާށެވެ. ކޮންމެ އުމުރެއްގެ މީހެއް ކަމުގައިވިޔަސް ހިތުގެ އަޑިން އެކަމަކަށް އަޒުމް ކަނޑައަޅައިގެން ބޭނުންވާ ހިސާބަށް ދެވެންދެން ގަދައަޅާ މަސައްކަތްކުރާށެވެ. ހަސަދަވެރިކަން އެއްކިބާކުރާށެވެ. އޭރަށް ކާމިޔާބީއައިސް އަމިއްލައަށް އަތުގައި ހިފާނެއެވެ.

މުޙައްމަދު އޭނާގެ ޢާއިލާގެ ބައެއް މެންބަރުންނާއި އެކު ރިސޯޓެއްގައި

މިހާރުވެސް މުހައްމަދުގެ ދެމަފިރިން ތިބީ ރާއްޖޭގައެވެ. ރާއްޖެދެކެ އިންތިހާއަށް ލޯބިވާ މުޙައްމަދު ކޮރެއާގައި ދިރިއުޅުނަސް، ހިތް އޮތީ އަދިވެސް ރާއްޖޭގައެވެ. އެންމެ ދެރަވާކަމަކީ ރާއްޖޭގެ ބައެއް މީހުން މި ރީތިރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ރަށްތަކަށް އިހުމާލުވާތީއެވެ. އެކަން އެހެން ނުކުރުމަށް މުޙައްމަދު ހުރިހާ ދިވެހިންގެ ކިބައިން އެދެއެވެ.

ވިޔަފާރި ދަތުރެއްގައި އެހާ ބުރަކޮށް އުޅެމުންވެސް ޒީޓައިމްސްއަށްދިން ވަގުތުކޮޅަށްޓަކައި މުޙައްމަދު އިބްރާހިމްއަށް ޝުކުރު އަދާކުރަމެވެ.

+1
6
+1
14
+1
0
+1
2
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް