އާދަޔާ ޚިލާފަށް ބޯ ބޮޑުވުމުގެ ސަބަބުން އޮޕަރޭޝަންކުރި ޔޫސުފު ޙާމިދުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޢާއިލާއިން ވަނީ މަޢުލޫމާތުދީފައެވެ. ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ޔޫސުފުގެ ބައްޕަ ޅ.ނައިފަރު ޙާމިދު މުޙައްމަދު ބުނީ މިވަގުތު ދަރިފުޅު އޮތީ އައިސީޔޫގަ ކަމަށެވެ.
" މިއަދު މެންދުރުފަހު 2 ޖަހަން އުޅެނިކޮށް އޮޕަރޭޝަން ތިއޭޓަރުން ދަރިފުޅު ނެރުނީ. އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑރ.އަލީ ނިޔާފު އަދި ޑރ.ކިރަން. ޑޮކްޓަރު ވިދާޅުވީ ޔޫސުފުގެ ބޮލުގެ ސައިޒު މަޑުމަޑުން ކުޑަވާނެ ކަމަށް. އަދި އާންމުކޮށް ހުންނަންޖެހޭ ވަރަށް ކުޑަވާނެ ކަމަށް. އެކަމަކު އެކަމަށް ހޭދަވާނެ މުއްދަތެއް އަދި ނޭނގޭ" ޙާމިދު މަޢުލޫމާތުދިނެވެ.
އުމުރުން އެންމެ ފަސްމަހުގެ ޔޫސުފުގެ މިއަދުކުރި އޮޕަރޭޝަންގައި ބަނޑަށް ހޮޅިކޮޅެއް ލައްވާފަހުރި އިރު، އޭގެ ސަބަބުން ބަނޑު ފުއްޕުންފަދަ ކަމެއް ދިމާވެދާނެތީ، ޔޫސުފަށް ފަރުވާދޭނީ އައިސީޔޫގަ ބާއްވައިގެން ކަމަށް ޙާމިދު ވަނީ މަޢުލޫމާތުދީފައެވެ. އަދި މިލެއްވި ހޮޅިކޮޅުގެ ސަބަބުން ޔޫސުފުގެ ބޮލުގަ އުފެދިފައިހުރި ފެން ކުޑަކަމުދާއިރު ބޭރުވެގެންދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ޢާއިލާއިން ވަނީ މަޢުލޫމާތުދީފައެވެ.
ޔޫސުފަކީ ދުވަސް ނުފުރާ ސިޒޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ. ޢާއިޝަތު އާސިދާގެ ބަނޑަށް 5 މަހުގައި ފެންދުލި ފަޅައިގެން ދިޔައިރު، ކުޑަ ދަރިފުޅު ސިޒޭރިއަން ހަދައިގެން ނެގީ ބަނޑަށް 7 މަހުގައި އައިޖީއެމްއެޗް އިންނެވެ. އަދި ޔޫސުފުގެ އުމުރުން އެއްމަހުގަ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ބޮލުގަ އުފެދެމުންދިޔަ ފެން ކުރިން ބޭރުކުރަމުން ދިޔައީ އޭޑީކޭގަ އެއިރު ކުރެވުނު އޮޕަރޭޝަންގަ ބޮލުގަ ލެއްވި ހޮޅިކޮޅުންނެވެ.
ޔޫސުފުގެ އޮޕަރޭޝަނަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބެލެވޭތީއާއި، ބޭސްފަރުވާ ނިމެންދެން ކުރިން ދުވާފަރުގައި ދިރިއުޅުނު ޢާއިލާ މާލޭގައި ދިރިއުޅުމަށް އެހީތެރިކަން ބޭނުންވާތީ، އެކަމާއިގުޅޭ ތަފްސީލީ ރިޕޯޓެއް ޒީޓައިމްސް އިން ވާނީ މި ފެބުރުއަރީމަހުގެ 5ވަނަ ދުވަހު ގެނެސްދީފައެވެ. އެއިރު ޔޫސުފުގެ ޢާއިލާ ދިރިއުޅެމުން ދިޔައީ ދުވަހު ކުއްޔަށް 300 ރުފިޔާ ދީގެންނެވެ. އަދި އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި އޮތީ މިހަފްތާގެ މެދުތެރޭގަ އެވެ. އެއިރު ރިޕޯޓު ގެނެސްދިންއިރު އެންސްޕާގެ ޖަވާބެއްވެސް ޢާއިލާއަށް ނުލިބެއެވެ.
އެހެންނަމަވެސް މިހާރު ހުރިހާ ކަމެއް ބަދަލުވެ ޢާއިލާ އަށް ދަތި ކަމެއް ނެތްކަމަށް ޔޫސުފުގެ މަންމަ އާސިދާ އަދި ބައްޕަ ޙާމިދު ޒީޓައިމްސް އަށް މިއަދު މަޢުލޫމާތުދެމުން ވަނީ ބުނެފައެވެ. "އަޅުގަނޑުމެން ޝުކުރު އަދާކުރަން ބޭނުން ރައީސުލްޖުމްހޫރިއްޔާ އިތުރުން ނައިބު ރައީސް އަށް އަދި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް. ނައިބު ރައީސް އެހީތެރިކަމާއިއެކު އޮޕަރޭޝަން އަވަހަށް ކުރެވޭނެ ގޮތެއް ހަމަޖެހި އިއްޔެ އެޑްމިޓްކުރީ. އެންސްޕާއިން ގުޅާފަބުނި ބޭސްފަރުވާގެ ހުރިހާކަމެއް ހަމަޖެހޭނެ ކަމަށް. އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް ވަނީ އަޅުގަނޑުމެން މާލޭގައި ދިރިއުޅޭނެ ތަނެއް ހަމަޖައްސަދީފައި" ޔޫސުފުގެ މައިންބަފައިން މަޢުލޫމާތުދިނެވެ.
ޖުމްލަގޮތެއްގައި އެ ޢާއިލާއަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އުފަލާއެކު ޢާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މިފަދަ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ޝުކުރު ހައްޤެވެ.