September 20, 2024 21:34
Advertisement

-Advertisement-

ހަނާ

ހިތް އުފެދިފައިވަނީ ނުބައިތަނެއްގަ، އޮޕަރޭޝަނަށް ތައްޔާރުވަނީ

ފާޠިމަތު ހަނާ ޙުސައިން (ހަނާ)ގެ އުމުރަކީ އެއްއަހަރާއި ނުވަމަހެވެ. ޅ.ނައިފަރަށް އުފަން ހުސެއިން މުޙައްމަދު އަދި ރ.ކަނދޮޅުދޫ ހައްވާ ޢަލީ ގެ މިކުޑަ ދަރިފުޅަކީ ދުވަސްނުފުރާ ސިޒޭރިއަން ހަދައިގެން ލިބުނު ކުއްޖެކެވެ. ޢާއިލާ އިން މަޢުލޫމާތުދޭގޮތުގައި ހަނާގެ ހިތް އުފެދިފައިވަނީ ހަށިގަނޑުގައި އާންމުކޮށް ހިތް އޮންނަ ތަން ނޫން އެހެން ތަނެއްގައެވެ. 

" ވިންދު ދަށްވެގެން ބޭބީ ނެގިއިރު އަޅުގަނޑުގެ ބަނޑަށް 8 މަސް. ބޭބީ އުމުރުން އެއްމަހުގަ އެކޯ ޓެސްޓް ހެދީމަ ހިތުގެ މައްސަލަ ހުރިކަން އެނގުނީ. ހިތް ހުރީ ނުބައިތަނެއްގަ. ކަނައަތްފަޅީގަ ހަނާގެ ހިތް ހުރީ. ދަރިފުޅު ރޯ އިރު އަޑު ނުނުކުމެ ވަރަށްގިނައިރު ހުންނާނެ. ނޭވާ ހާސްވެފަ ހުންނާނީ. އެހާ ގިނަ ދުވަހު ދުނިޔޭގަ ހުންނާނެ ކަމަށް ޑޮކްޓަރުން އުއްމީދު ކަޑާލި ކުއްޖެއް މިއީ" ހިތްދަތިކަމާއިއެކު ޒުވާން މަންމަ ޒީޓައިމްސް އަށް ކިޔައިދިނެވެ.

އަދި ހިތުގައި ލޯވަޅެއް ހުރިކަމަށް ބުނާއިރު، އެލޯވަޅަކީ ބެދޭނެ ލޯވަޅެއް ނޫން ކަމަށް ޑޮކްޓަރާއި ހަވާލާދީ ހައްވަ ވަނީ ބުނެފައެވެ. "ދަރިފުޅު ބަލާބެލުމަށް ބަލިކުއްޖެއްހެން ހީނުވެދާނެ. އެކަމަކު ދަރިފުޅަށް ކާންޖެހޭ މިންވަރަށް ނުކެވޭ. އަބަދު ހޮޑުލާނީ. ބުއްފުޅިވެސް ބޮވޭނީ ވަރުބަލިވާވަރުން ގިނައިރުން. ފަހަކަށް އައިސް ވަރަށް ރޯނެ. ތަނަކަށް ތަދުވާހެން ހީވާގޮތަށް"

Advertisement

ޢާއިލާއިން ދިޔައީ ހަނާގެ އޮކްސިޖަން ހުންނަ މިންވަރު ރ.ދުވާފަރު ސިއްޙީ މަރުކަޒުން ބަލަމުންނެވެ. އޮކްސިޖަން ދަށްވި ފަހަރެއްގައި އައިޖީއެމްއެޗަށް ގެންގޮސްގެން ހަފްތާއެއްހާ ދުވަހު އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. އަދި ކޮވިޑްގެ ހާލަތާއިގުޅިގެން މާލެ ނާދެވި ތިބުމަށްފަހު ހަނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން މާލެ އައީ މިއަހަރު ޖެނުއަރީ މަހުގައެވެ.

"ޑރ.އެލީނާ އަށް ދައްކައިގެން އެކޯ ޓެސްޓް އަލުން ހެއްދީ. ޑޮކްޓަރު ވިދާޅުވީ ވީހާ އަވަހަކަށް އޯޕަން ސާޖަރީއެއް ކުރަން ރާއްޖެއިން ބޭރަށް ދާން. އެންސްޕާއިން އޮތީ އިންޑިއާ އިން ބޭސްފަރުވާގެ ޚަރަދު ހަމަޖެހިފަ. އެކަމަކު އިންޑިއާއަށް ގޮއްސަ އޮޕަރޭޝަން ކުރަންޖެހޭއިރު ކަރަންޓީން މުއްދަތާއިއެކު މަދުވެގެން 1 މަސް ދުވަސް އެކޮޅުގަ މަޑުކުރަންޖެހޭނެ ކަމަށް ބެލެވެނީ. އަޅުގަނޑުމެންގެ އަތަކު ނެތް އެހާގިނަ ރުފިޔާއެއް. އެންސްޕާއިން ގުޅީމަ ބުނިން އިތުރު ޚަރަދުކުރާނެ ގޮތެއް ނެތޭ. އެކަމަކު ވީހާ އަވަހަކަށް ދަރިފުޅުގެ އޮޕަރޭޝަން ކުރަންޖެހޭތީ އާންމުންގެ އެހީތެރިކަމެއް ވަރަށް ބޭނުން"

ހަނާ އޮޕަރޭޝަން އާއި ގުޅޭގޮތުން ދިވެހިރާއްޖެ އަދި އިންޑިއާގެ ޑޮކްޓަރުން ދީފައިވާ ލިޔުން

އިންޑިއާގެ ލިސީ ހޮސްޕިޓަލުން ޑ.ސުނިލް ސޮއިކޮށް، ދީފައިވާ ލިޔުމުގައިވާ ގޮތުން 'ކޮމްޕްލެކްސް ކޮންޖެނިޓަލް' ހިތުގެ ބަލީގެ ސަބަބުން ހަނާގެ ޖެހޭނީ  'އޯޕަން ހާޓް ސާޖަރީ' އެއް ހަދާށެވެ. މި ކަމަށް ޖުމްލަ 5000 ޑޮލަރު ޚަރަދުވާނެކަމަށް އެލިޔުމުގައި ބަޔާން ކޮށްފައިވާއިރު އޭގެތެރެއިން 1000 ޑޮލަރު ޚަރަދުވާނީ ކަރަންޓީން އަށް ކަމަށް ބުނެފައިވެއެވެ.

" ޑރ. އެލީނާ އަޅުގަނޑުމެންނަށް ލިސީ ހޮސްޕިޓަލުގެ އީމެއިލް އެޑްރެސް ފޯރުކޮށްދިނީ. ރާއްޖެއިން ހެދި ޓެސްޓްތަކާއި ޑރ. އެލީނާގެ ލިޔުން ފޮނުވައިގެން ޑރ. ސުނިލްގެ ލިޔުން ހޯދީ އޮޕަރޭޝަނަށް ޚަރަދުވާނެވަރުގެ ތަފްސީލު ބޭނުންވެގެން" އޮންލައިންކޮށް ލިސީ ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކިގޮތުގެ ތަފްސީލުދެމުން ހައްވަ ކިޔައިދިނެވެ.

މަންމަ އަދި ބައްޕަ އާއި އެކު ހަނާ

އެހީތެރިކަމެއް ލިބުނުހާ އަވަހަކަށް ފުރުމަށް ހަނާގެ މައިންބަފައިން މިވަގުތުތިބީ މާލޭގައެވެ. އާމްދަނީ ހޯދުމަށް ފާނަ މަސްވެރިކަންކުރާ ހަނާގެ ބައްޕައަށް މާލޭގައި މަޑުކުރަންޖެހުމުން އާމްދަނީ ލިބޭނެ އިތުރުގޮތެއް ނެތެވެ. އަދި އެދެމަފިރިންގެ 9 އަހަރުގެ އަންހެން ކުއްޖަކު ހުންނައިރު ޢާއިލާ އަކީ ރާއްޖެއިން ބޭރުގަ ގިނަދުވަސްތަކެއް ވަންދެން މަޑުކުރާނެ ވަރުގެ ތަނަވަސް ޢާއިލާއެއް ނޫން ކަމަށް ވަނީ މަޢުލޫމާތުދީފައެވެ.

ނިމިދިޔަ ހަފްތާގައި ޢާންމުންގެ ސަމާލުކަމަށް ޒީޓައިމްސް އިން ގެނެސްދިން އާދަޔާ ޚިލާފަށް ބޯބޮޑުވުމުގެ ސަބަބުން އޮޕަރޭޝަންކުރި ޔޫސުފަކީ، ހައްވަގެ ކޮއްކޮ އާއިޝަތު އާސިދާގެ ދަރިފުޅެވެ. އަދި ޔޫސުފުގެ ބައްޕަ ޙާމިދު މުޙައްމަދަކީ ހައްވަގެ ފިރިމީހާ ޙުސައިން މުޙައްމަދުގެ ބޭބެއެވެ. އެ ޢާއިލާގެ 2 ކުއްޖެއްގެ ބޮޑެތި އޮޕަރޭޝަންތަކެއް އެއްވަގުތެއްގައި ކުރަންޖެހުން މިއީ ޢާއިލާއަށް ދިމާވެފައިވާ ހިތްދަތި ވަގުތެކެވެ.

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

+1
1
+1
0
+1
0
+1
0
+1
3
+1
1
+1
30

Advertisement

ގުޅުންހުރި ލިޔުންތައް