2013ގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ކޯމާއެއްގައި އޮންނެވި ބޭފުޅެކެވެ. ސްޓޭޓް މިނިސްޓަރ ފެންވަރުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. މި ބޭފުޅަކީ ޏ. ފުވައްމުލައް ސިޓީ، ޖޫލިއަޓްގޭ ޑރ. އަބްދުލް ޙަންނާނު ވަހީދެވެ.
ޕީއެޗްޑީ ޙާޞިލްކުރެއްވުމަށް އޮސްޓްރޭލިޔާގައި އުޅުއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން އުޅުއްވީ ފުވައްމުލަކުގައެވެ. 2013ވަނަ އަހަރުގެ އޮކްޓޯބަރުގައި ފުވައްމުލަކު ދޫޑިގަމުގައި ރޭގަނޑު ހިނގި ސައިކަލު އެކްސިޑެންޓެއްގައި ޑރ. ޙަންނާނު ސަލާމަތްވީ ކިރިޔާއެވެ. އެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާ ނިޔާވީއެވެ. "އޮސްޓްރޭލިޔާއަށް ޕީއެޗްޑީ އަށް ކިޔަވަން ގޮސް އުޅެފައި އައީ. ތީސިސް ހުށަހަޅާފަ ދެމަސްދުވަސް ވެސް ނުވޭ. ހޭއެެރި އިރުގައި ހޮސްޕިޓަލްގައި އޮތީ. 10 ދުވަސްވީ ފަހުން އަޅުގަނޑަށް ހޭވެރިކަންވީ. އެންމެން ހީކޮށްގެން ތިބީ އަޅުގަނޑު މަރުވަނީއޭ. އެކަކުވެސް ހީއެއް ނުކުރޭ އަޅުގަނޑު ސަލާމަތްވާނެއޭ. ފަހުން، މީހުންގެ ވާހަކަތައް ހުންނަ ގޮތުން އެކަން އަޅުގަނޑަށް ވިސްނައިގަނެވުނީ އެ ގޮތަށް. މިހާރު އެކްސިޑެންޓްގެ އެއްވެސް އުނދަގުލެއް ނެތް" ޑރ. ޙަންނާނު ވިދާޅުވިއެވެ.
ވައަތުފައިގެ ކަށިތައް ބިނދި ކޯކަށިގަނޑުވެސް ބިނދި އެތައް އަނިޔާއެއްވި ނަމަވެސް ޑރ. ޙަންނާން އަކީ ހިތްވަރުގަދަ ބޭފުޅެކެވެ. ހިތްވަރާއި މުރާލިކަމާއެކު ހަޔަރއެޑިއުކޭޝަން ދާއިރާގައި ދެމިހުންނެވި ޚިދުމަތްތެރިއެކެވެ.
ޑރ. ޙަންނާނުގެ އެންމެ ފުރަތަމަ މަދަރުސާއަކީ ފުވައްމުލަކު މަކްތަބެވެ. އެ މަކްތަބުގެ މުއައްސިސް އަދި ބާނީ ކަމުގައިވާ ޢަބްދުލް ޙަމީދު ޢަލި ދީދީ ނުވަތަ ޑރ. ޙަންނާނު ވިދާޅުވާގޮތުން ޙަމީދުބޭބެ އަކީ، އެންމެ ފުރަތަމަ އެދުރެވެ. އަދި ލިބިވަޑައިގެންފައިވާ ގިނަ ހުނަރުތަކުގެ ފުރަތަމަ ބިންގާ އަޅުއްވައިދެއްވި މުހިއްމު އުސްތާޒެވެ. އޭގެ ފަހުން މާލެ ވަޑައިގެން 1986ވަނަ އަހަރު މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އަށް ވެންނެވި އެވެ. ޢަރަބި މީޑިއަމުން ސްކޫލް ގައި ތަޢުލީމު ޙާޞިލުކުރައްވަމުން ގެންދަވަނިކޮށް 1989ގައި ޑރ. ޙަންނާނަށް ކުވައިތު ސަރުކާރުން ސްކޮލަރޝިޕެއް ލިބިވަޑައިގެން މަދަރުސީ ތަޢުލީމު ކުވެއިތަށް ބަދަލުކުރެއްވިއެވެ.
ކުވެއިތުގައި ތަޢުލީމު ޙާޞިލްކުރައްވަނިކޮށް ޢިރާޤުން ކުވެއިތަށް އެރުމުން އެގައުމުގައި ކިޔެވުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން މާލެގެނެސް ސަރުކާރުން ފުރުޞަތު ދެއްވީ އަނެއްކާވެސް މަޢުހަދުންނެވެ. 1991ގައި މަޢުހަދުން ދެވަނަ ފަހަރަށް ފުރުޞަތު ލިބުނީ ކުވެއިތުގައި ތަޢުލީމު ހާސިލްކުރައްވަމުން ގެންދެވި ގްރޭޑަށްވުރެ މަތީ ގްރޭޑަކަށެވެ. 1987ވަނަ އަހަރު އެސްކޫލުގެ ބެސްޓް އޯލް ރައުންޑްގެ މަގާމު ހޯއްދެވިއެވެ. އެއަހަރު އަހްލާޤީ ގޮތުން އެންމެ މޮޅު ދަރިވަރަކަށް އަދި ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރަށްވެސް ހޮވިވަޑައިގެންނެވިއެވެ. މަޢުހަދަށް ވެންނެވި 1986ގައި ކުލާހުން 3 ވަނަ ހޯއްދަވައި، އޭގެ ފަހުން އުޅުއްވި ކޮންމެ ކުލާހަކުން ވެސް ގެންދެވީ ބޮޑު ތަފާތަކުން 1 ވަނަ ހޯއްދަވަމުންނެވެ. ޙަންނާނަކީ ސްކޫލް ގައި ކިޔެވުމުގައި ވަރަށް ބޮޑަށް ވިދާލި ދަރިވަރެކެވެ. ކުވައިތުގައި ކިޔެވިއިރު ވެސް އެ ކާމިޔާބު ދެމެހެއްޓެވި އެވެ.
މަޢުހަދުން ސްކޫލު ނިންމެވިތަނާ ސަރުކާރުން ވަނީ މަޖީދިއްޔާ ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާ ހަމަޖައްސަ ދެއްވާފައެވެ. އަށެއްކަމަސް ދުވަހު ޓީޗަރަކަށް އުޅުއްވުމަށް ފަހު ދެން ވަޑައިގެންނެވީ މިސްރަށެވެ. 1992 ން 1996 އާ ހަމައަށް މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ބެޗްލަރ އޮފް އެޑިއުކޭޝަން، (އިންގްލިޝް ލެންގުއޭޖް އެންޑް ލިޓްރެޗަރ) ހާސިލް ކުރައްވައިގެން މާލެވަޑައިގެން އިނގިރޭސި ޓީޗަރަކަށް އަހަރެއްހާ ދުވަހު މަޢުހަދު ގައި އުޅުއްވިއެވެ. އަދި މަޖީދިއްޔާ ސްކޫލް ގައިވެސް ޕާޓްޓައިމް އިނގިރޭސި ޓީޗަރަކަށް އުޅުއްވިއެވެ. އީޕީއެސް ސްކޫލްގައި ޕާޓްޓައިމް ދިވެހި ޓީޗަރަކަށްވެސް އުޅުއްވިއެވެ.
މަޢުހަދުގެ އިނގިރޭސި ޓީޗަރަކަށް 1997ގައި އުޅުއްވުމަށް ފަހު ގުޅިވަޑައިގަތީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އާ އެވެ. އެއަށްފަހު 2004 ގެ މެދާ ހަމައިން ފެށިގެން ވަޒީފާ އަދާކުރެއްވީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގައެވެ. މާސްޓަރސް ޑިގްރީ ހާސިލް ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސަސެކްސްއިން ނެވެ. ދެވަނަ އެޑިއުކޭޝަން ޕްރޮޖެކްޓުން ލިބުނު ސްކޮލަރޝިޕެއް ގައި 2000 ން 2001 އަށް މާސްޓަރސް އޮފް އާޓްސް އިން އިންޓަނޭޝަނަލް އެޑިއުކޭޝަން (އިވަލުއޭޝަން އެންޑް އެސެސްމެންޓް) ކޯސް ނިންމެވުމަށްފަހު މާލެވަޑައިގެން ޚިދުމަތުގައި ދެމިހުންނެވިއެވެ.
އެކްރެޑިޓޭޝަން ބޯޑުގައި މަސައްކަތްކުރެއްވި ދުވަސްވަރު 2008ގައި ލިބިވަޑައިގެންނެވި އޮސްޓްރޭލިއަން ލީޑަރޝިޕް އެވޯޑް ފެލޯޝިޕެއްގައި އޮސްޓްރޭލިއާ އަށް ވަޑައިގެން ކްއީސްލޭންޑް ޔުނިވަރސިޓީގައި އޮތް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެންނެވިއެވެ. 'ޓްރެއިނާސް އޮން އޮގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް ފޯ އިމްޕްރޫވްޑް ސާވިސް ޑެލިވަރީ' ގެ ނަމުގައި ބޭއްވި މި ތަމްރީނުގެތެރެއިން އެ ޔުނިވަރސިޓީގެ ޕްރޮފެސަރުންނާއި ގާތްގުޅުމެއް އުފެއްދެވިއެވެ. ފެލޯޝިޕްގައި އުޅުއްވިއިރު އޮސްޓްރޭލިއަން ލީޑަރޝިޕް އެވޯޑް ސްކޮލަރޝިޕްގެ މައުލޫމާތު ހޯއްދެވިއެވެ. ފަހުން މާލެވަޑައިގެން ޕީއެޗްޑީ ޕްރޮގްރާމަށް އެޕްލައި ކުރެއްވިއެވެ. އޮސްޓްރޭލިއަން ލީޑަރޝިޕް ސްކޮލަރޝިޕް ލިބިވަޑައިގެން ޕީއެޗްޑީ ހާސިލް ކުރެއްވީ 2010 ން 2014 އަށް ކްއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން، ހަޔަރ އެޑިއުކޭޝަން ކޮލިޓީ އެޝުއަރެންސްގެ ދާއިރާއިން ނެވެ. ޑރ ޙަންނާން ގެންދަވަނީ ވިލާ ކޮލެޖްގެ މާސްޓަރސް ދަރިވަރުންގެ ތީސިސް ބައްލަވާ ސްޕަވައިޒަރެއްގެ ރޯލުވެސް އަދާ ކުރައްވަމުންނެވެ. ގައުމީ ޔުނިވަރސިޓީގައިވެސް ކިޔަވައިދެއްވާފައިވެއެވެ.
ނޫސްވެރިކަމާއި އަދަބިއްޔާތަށް ފަރިތަ، ބޭރު ދުނިޔޭގެ ޚަބަރުތައް ދިރާސާކުރައްވާ ބޭފުޅެއް
ވީޓީވީގެ ދުނިޔެ ޕްރޮގްރާމުގެ އެނަލިސްޓެއްގެ ރޯލު އަދާކުރައްވާ ޑރ. ޙަންނާނަށް ނޫސްވެރިކަމަށް ވަދެވުނީ ސްކޫލު ދައުރުގައެވެ.
ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތްތަކުގަ ސްކޫލުގައި އުޅުއްވިއިރު ބައިވެރިވިއެވެ. އަދި މަޢުހަދުގައި އުޅުއްވިއިރު ސްކޫލުގެ ކުލާސްތަކުގެ މެދުގައި ނެރުނު "ފާރު ނޫސް" ނެރުމުގައިވެސް ޙަންނާން ޙަރަކާތްތެރިވިއެވެ. އޭގެ އިތުރުން މަޢުހަދުގެ ދަރިވަރުންގެ މަޖައްލާ "އަލް މަންހަޖް" ގައި ޙަންނާންގެ ލިޔުއްވުންތައް ހިމެނިފައިވެއެވެ. މަޢުލޫމާތު މުއްސަނދި އަދަބީ ކަންކަމަށް ފަރިތަ ދަރިވަރުންގެ ތެރެއިން ގުނާލެވުނު ޙަންނާން ވިދާޅުވީ އޭނާއަށް މިކަންކަމުގައި ކުރިއަށްދެވުނީ މައުހަދުގެ އޭރުގެ މުދީރު އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ އާއި ދިވެހި މުދައްރިސް އުސްތާޒު ފައުޒީ ގެ އިރުޝާދުގެ ސަބަބުން ކަމަށެވެ.
"އެންމެ ކުޑައިރު ފުވައްމުލަކުގައި އުޅުނުއިރުވެސް ރޭޑިއޯއިން އަޑުއަހަން އިބްރާހިމް ރަޝީދު މޫސާ ބޭރު ދުނިޔޭގެ ޚަބަރުތައް ދިރާސާ ކުރައްވާ ގެނެސްދެއްވާ މަޢުލޫމާތުތަކާއި ތަޙްލީލުތައް. ހަވީރު ނޫހުންވެސް އުސްތާޒު ރަޝީދުގެ ލިޔުއްވުންތައް ފެންނާނެ. އެހިސާބުންފެށިގެން ވަރަށް ބޮޑަށް ނަމޫނާއަކަށް ބަލާ ބޭފުޅެއް ރަޝީދަކީ. މައުހަދުގައި އަދަބީ ކަންކަމުގައިވެސް ވަރަށް މަޢުލޫމާތު ދެއްވާނެ. މިހާރު ރަޝީދު ހިންގެވި މަގުން އެބަ ހިނގޭ" ކަމަށް ޑރ.ހަންނާން ފާހަގަ ކުރެއްވިއެވެ.
ޑރ.ޙަންނާއަކީ ހަވީރު ނޫހަށް ލިޔުއްވި ލިޔުންތެރިއެކެވެ. ކުރީގެ މަޖައްލާތަކުގެ ތެރެއިން އައްޑުވަސް، ގަލަން، ގުންޒަރު އަދި މަނަސް މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގައި މަސައްކަތްޕުޅު ކުރެއްވިއެވެ. އައްޑުވަހާއި ގަލަން މަޖައްލާގެ އެޑިޓަރު ކަން ވެސް ކުރެއްވި އެވެ. ޑރ. ޙަންނާން އަކީ މިހާރު މޯލްޑިވްސް ބިޒްނަޒް ސްޓޭންޑަޑްގެ އެޑިޓަރެވެ.
"އަޅުގަނޑު ވަރަށް ކަންތައްތައް ބަލާ ހޯދާހިތްވޭ. މިޞްރަކީ ވަރަށް ފޮތްތެރި މީހުން އުޅޭ ގައުމެއް. މިޞްރުގައި އުޅުނުއިރު ވަރަށް ގިނަ ނޫސްތަކާއި މަޖައްލާތައް ގަނެ، ކިޔަން. އެއީ އިންޓަނެޓް ތަޢާރަފު ނުވާ ދުވަސް ވަރު. އެކަމަކު، ވަރަށް ގިނަ މައުލޫމާތު ލިބޭނެ މިސްރުގެ ނޫސްތަކާއި މަޖައްލާތައް ކިޔާލީމަ. އޭރުވެސް ވަރަށްގިނަ މައުލޫމާތު ސިކުނޑީގައި ހުންނާނެ. އަދި އަޅުގަނޑަކީ 'ސްޕޭޝަލް ނޮލެޖް' ވަރަށް ބޮޑަށް ހުންނަ މީހެއް. އެކި ގައުމުތަކުގައި ހިނގާ ކަންކަން އަޅުގަނޑަށް ވިޝުއަލައިޒް ކުރެވޭނެ" މިއީވެސް ޙަންނާނުގެ ތަފާތު ކަންކަމެވެ.
ދުނިޔޭގެ ކޮންމެ ބައްރެއްގައި ހިންގާ ކަމެއްނަމަވެސް އެކަމެއްގެ ތަފްޞީލް ޑރ. ޙަންނާނަށް އެނގިވަޑައިގަންނަވައެވެ. އެ މައުލޫމާތު އަދާހަމަ ހަމަކުރައްވަނީ ކިހިނެއްތޯ އަހާލުމުން ވިދާޅުވީ "އަޅުގަނޑަކަށް ނުހުރެވޭނެ އެކި ގައުމުތަކުގައި ހިނގާ ކަންކަން ނުބަލައެއް. ޓީވީން ބޮޑަށް ބެލޭނީ ޚަބަރުތަކާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް" ކަމަށެވެ.
ކެލިގްރަފީ އަކީ ޑރ. ހަންނާނަށް ލިބިވަޑައިގެންފައިވާ ޚާއްސަ ހުނަރެކެވެ. ރީތިކޮށް ޢަރަބި އަދި ދިވެހި އަތުލިޔުން ލިޔުއްވުމަކީ ޙަންނާނުގެ ޚާއްޞަ ހުނަރެކެވެ. ކެލިގްރަޕީ މަސައްކަތުގެ ތެރެއިން ޑރ. ޙަންނާންގެ އަތު ލިއުއްވުމުން ކަނޑާ ނަގާފައިވާ ނަންބޯޑެއް ވަރަށް ފަހަކާއި ޖެހެންދެން ލ. ގަމުގައި ހުންނަ ޤަތަރު އަމީރު ސްކޫލުގައި ހުއްޓެވެ.
ތަރުޖަމާ ކުރުމަކީވެސް ވަރަށް ގިނައިން ކުރައްވާ މަސައްކަތްޕުޅެއްކަން ޑރ.ހަންނާން ފާހަގަ ކުރެއްވިއެވެ. ޑރ. ހަންނާނަކީ 2016 އިން ފެށިގެން އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް ލިންގްއިސްޓްސްގެ މެންބަރެކެވެ. އަދި އެ އިންސްޓިޓިއުޓުން 'ޗާޓަރޑް ލިންގުއިސްޓް' އެއްގެ ލަޤަބާއި ދަރަޖަ ދީފައިވާ ބޭފުޅެކެވެ. އެހެންކަމުން އެކި ޤައުމުތަކުން ތަރުޖަމާކުރުމާއި ބަސް ކިޔަވައިދިނުން ފަދަ ފުރުޞަތުތައް ދަނީ ލިބެމުންނެވެ.
ހުސްވަގުތުތަކުގައި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުއްވައެވެ. އޮފީސް މުބާރާތްތަކުގައި ޓޭބަލް ޓެނިސް ކުޅުއްވައިގެން ވަނަ ހޯއްދަވައެވެ. އަދި ގަވާއިދުން ޖިމަށް ވަޑައިގަންނަވައެވެ. "އަޅުގަނޑަކީ ބޮޑީ ބިލްޑް ކުރުމުގެ ބޭނުމުގައި ގަވާއިދުން ޖިމަށްދާ މީހެއް. އަބަދުވެސް ފިޓްކޮށް ހުންނަން މަސައްކަތް ކުރަން" ޕާކިސްތާނު މީހަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ޑރ. ޙަންނާން ވިދާޅުވިއެވެ.
2 ދައްތަ އާއި އެއް އަންހެން ކޮއްކޮއާއި އެކު ޖުމްލަ 4 މެންބަރުން ހިމެނޭ އާއިލާގައި ޑރ. ހަންނާނަކީ 3 ވަނަ މެންބަރެވެ. އާއިލީ ގުޅުން ކިހިނެއްތޯ އަހާލުމުން ޑރ.ހަންނާން ވިދާޅުވީ "ރަށުން ބޭރުގައި އަދި ޤައުމުން ބޭރުގައި ގިނަ އަހަރުތަކެއް ވަންދެން ޢާއިލާއާ ދުރުގައި އުޅުނީމަ ޢާއިލީ ގުޅުން ބާއްވަން ބޭނުންވާ ވަރަކަށް ނުބޭއްވޭ. އެކަމަކު، ބައްޕަ މުޙައްމަދު ވަޙީދާއި މަންމަ ފާޠިމަތު ޢަބްދުﷲ ދީދީ އަޅުގަނޑަށް ދެއްވި ލޯތްބާއި ފުރިހަމަ ތަރުބިއްޔަތަކީ އަޅުގަނޑުގެ އެންމެ ވަރުގަދަ ބިންގާކަން ފާހަގަކޮށްލަންޖެހޭ". ޢާއިލީ ގޮތުން ބަލާއިރު، ޣިޔާސުއްދީން ރަދުން ގެ ދަރިކޮޅަށް ނިސްބަތްވާ ޑރ.ޙަންނާނު ވިދާޅުވި އެވެ.
އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން އަކީ ޑރ.ޙަންނާނު ގެ 5 ވަނަ ކާފަ އެވެ. ޑރ.ޙަންނާނަކީ، އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދޫނޑިގަމު މަރިޔަމް ދީދީގެ ދޮން ދީދީގެ ޢަބްދުﷲ ދީދީގެ މުޙައްމަދު ވަޙީދުގެ ޑރ. ޙަންނާނެވެ.
ޑރ. ޙަންނާންގެ ތިއްބަވަނީ ދެ ދަރިންނެވެ. ދޮށީ ދަރިފުޅަކީ މިހާރު ގްރޭޑް 12 ގައި ކިޔަވަމުންދާ އަންހެން ދަރިފުޅެކެވެ. ހަގު ދަރިފުޅަކީ ދެމަހުގެ ފިރިހެން ކުއްޖެކެވެ.
ދަރިންނާމެދު ޙަންނާން ކުރައްވާ އުންމީދަކީ ކޮބައިތޯ އަހާލުމުން ޑރ. ޙަންނާން ވިދާޅުވީ "ދަރިން ބޭނުންވާ ގޮތަކަށް އަދި ދަރިންގެ ޝައުގުވެރިކަން ހުންނަ ގޮތަކަށް ކުރިޔަށް ދާންވާނީ. އެހާ ޑިމާންޑިން ވެގެން ނުވާނެ. ސައިކޮލޮޖިކަލް ޕްރެޝަރެއް ކުރާކަށް ބޭނުމެއް ނޫން. 'ބްރީތިން ސްޕޭސް' އެއް ލިބެން ޖެހޭނެ ދަރިންނަށް ވިޔަސް އަނބިމީހާ އަށް ވިޔަސް. އާއިލާ ތެރޭގައި މީހުންނަށް ނަފްސާނީ ފިއްތުންތައް ކުރިމަތިވާނެ ގޮތަށް ކަންކަމާ ބެހުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އޭގެ މާނައެއް ނޫން، ރަނގަޅު އިރުޝާދު ނުދޭނަމޭ. ކަންކަމުގައި ބޭނުންތެރި އިރުޝާދު ދީގެން މީހުންނަށް ރަނގަޅު ގޮތްގޮތް ހޯދައި ދިނުމަކީ އަޅުގަނޑު ގެ ހުނަރެއް ކަމަށް ދެކެން" ކަމަށެވެ.