ޢަބްދުއްރަޙީމް ޢަބްދުﷲ މިނަމަކީ ސިޔާސީ ދާއިރާގައި ވަރަށް ގިނައިން އަޑުއިވޭ މަޝްހޫރު ނަމެކެވެ. އަޅުގަނޑަށް ޢަބްދުއްރަޙީމް ފާހަގަކުރެވެނީ ޚާއްސަ ޅެންވެރިއެއްގެ ގޮތުގައެވެ. ޢަބްދުއްރަޙީމްގެ މަންމަ ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ މިޅެން ފާހަގަ ކުރެވެއެވެ.
އޭ މަގޭ ލޮބުވެތިވި މަންމާ
ތިޔަ ހަނދާން ނުފިލާނެޔޭ
ހޭ މަގޭ ހުރިނަމަ މިދެލޮލުން
ކަރުނައެއް ނުހިކޭނެޔޭ
ޢަބްދުއްރަޙީމް
ލ.ފޮނަދޫ އަރާއިރު ޢަބްދުއްރަޙީމް އެންމެފުރަތަމަ ތަޢުލީމް ހާސިލުކުރެއްވީ ފޮނަދޫގައި އެއިރު ހިންގި މަކުތަބަކުންނެވެ. އެއަށްފަހު މާލެއަށް ވަޑައިގެން 'ވުޑްވިލާ' އިން ސަނަދަށް ކިޔަވާވިދާޅުވެ ފަހުން ވަނީ ފެކަލްޓީ އޮފް މެނޭޖްމަންޓް އިން މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާޞިލްކުރައްވާފައެވެ.
ސަރުކާރުގެ އެކި މަޤާމްތައް އަދާކުރެއްވިއިރު އޭގެތެރޭގައި ކާތިބުކަމާއި ސެކްރެޓަރީ އަދި މެނޭޖަރުގެ މަޤާމް ހިމެނެއެވެ. މީގެ އިތުރުން ކަސްޓަމްސްގައި ވެސް ޢަބްދުއްރަޙީމް ވަޒީފާ އަދާކުރެއްވިއެވެ.
ސިޔާސީ ދާއިރާ
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން 2009 އިން 2019 އަށް ކުރެއްވިއިރު، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
"ޢަމަލީގޮތުން ސިޔާސީ ދާއިރާގައި އުޅެންފެށީ ޑީއާރުޕީ އުފެދުމުގެތެރެއިން 2005ވަނަ އަހަރު. ޑީއާރުޕީ އާއި އުފެދުނު ޚިޔާލު ތަފާތުވުމުގައި ރައީސް ޔާމީން އަރިހުގަ ދެން މަސައްކަތްކުރީ ޕީއޭގަ. އެއަށްފަހު ރައީސް ޔާމީން ވިދާޅުވެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ. އަޅުގަނޑު ފުރަތަމަ ދެންނެވިން އެހެން މީހަކު ލައްވާ ކުރިމަތިލާން. އަދި އެމީހަކު ހޯދަދޭން މަސައްކަތް ކުރާނެ ކަމަށް. އެއިރު ރަށުގަ ދިރިއުޅުން ވަރަށްބޮޑަށް ހަމަޖެހިފަހުރީ. އަޅުގަނޑު ސިޔާސީ ދާއިރާއަށް ނެރެދެއްވީ ރައީސް ޔާމީން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
10 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވުމަށްފަހު އެންމެފަހުން ބޭއްވި އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޢަބްދުއްރަޙީމް މިހާރު ހުންނެވީ ޕީއެންސީގެ ރައީސްގެ މަޤާމުގައެވެ. ޕީޕީއެމްގެ އެންމެފުރަތަމަ އިންތިޤާލީ ނައިބު ރައީސްކަން ވެސް ކުރެއްވި ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ މަސައްކަތްކުރާނީ އެކީގައި ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި އެންމެ އިސްކޮށް މިވަގުތު މަސައްކަތްކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ދެޕާޓީގެ ހުރިހާ ކެންޑިޑޭޓުން ވާދަކުރާނީ ޕީޕީއެމް ނަމުގައެވެ. "މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން. ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭ. ރަށްރަށަށް ދަތުރު ނުކުރެވޭ އަޅުގަނޑުމެންނަށް. އެކަމަކު ސަރުކާރުން އެބަ ދަތުރުކުރޭ. އިންތިޚާބުގަ ވާދަކުރާނަން. ޕީޕީއެމް އަދި ޕީއެންސީ އަށް ކާމިޔާބުވާނެ ކަމަށް ޤަބޫލުކުރަނީ"
ކޮވިޑްގެ ނުރައްކާތެރިކަމުގެ އިތުރަށް ސިޔާސީ ގޮތުން ދިވެހިރާއްޖޭގެ ޙާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، މިހާރު މިއޮތް ސަރުކާރަށް 2023ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކީ ކޮބައިތޯ މިއީ އުފެދޭ ސުވާލެކެވެ. "އަޅުގަނޑު ގަބޫލުކުރަނީ 2023 ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ކުރެވޭނެ ކަމަށް. ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓުގެ ގޮތުގައި އިރާދަކުރެއްވިއްޔާ ވާދަކުރައްވާނީ ރައީސް ޔާމީން. އެހެން ކެންޑިޑޭޓަކާއި މެދު ނުވިސްނަން. މިވަގުތު ރާއްޖޭގެ މާޙައުލު އޮތްގޮތުން އިންތިޚާބެއް ކާމިޔާބުކުރާނެ އެންމެފަސޭހަ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީން ވެރިކަމުގަ ހުންނެވި އިރަށްވުރެ މިއަދު އޮތް ތާއީދު މާބޮޑު. އިތުރު ލީޑަރަކާއިމެދު ވިސްނަންޖެހޭ އެއްވެސް ސަބަބެއް ނެތް" ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަމިއްލަ ވިޔަފާރި
އަމިއްލަ ވިޔަފާރި ފެއްޓެވީ 1999ވަނަ އަހަރު އެވެ. އެންމެފުރަތަމަ ފޮނަދޫގައި ބުކްޝޮޕެއް ހުޅުއްވިއެވެ. އެއަށްފަހު އާދައިގެ ކަންމަތީ ފިހާރައިން ލިބެންހުންނަ ހުރިހާ އެއްޗެއް ލިބޭގޮތަށް އެވިޔަފާރިއަށް ބަދަލު ގެންނެވިއެވެ. "ވިޔަފާރި ފުޅާކުރީ ހުރިހާ އެއްޗެއް ލިބޭގޮތަށް. ހާޑްވެއާ ސާމާނާ، ފަރުނީޗަރ. ހިލަވެލި، ކޮންސްޓްރަކްޝަން ކޮމްޕެނީއެއް ވެސް އުފެއްދިން. 'އަދި ޓްރޭޑަރސް' ނަމުގަ ވިޔަފާރި ކުރީ. 'އަދި ކޮންސްޓްރަކްޝަން ކޮމްޕެނީ' އުފެއްދީ. އެހިސާބުން މާލެއާއި ރަށާ ދެމެދު މުދާ އުފުލާނެ ބޯޓެއް ނެތިގެން ބޯޓެއްވެސް ހޯދިން"
އެއިރު ކުރައްވަމުން ގެންދެވި ވިޔަފާރި އަށް ހީނަރުކަން އައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮވިވަޑައިގެން ޢާއިލާއާއިއެކު މާލެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ހިސާބުންނެވެ. މިހާރު ވިޔަފާރި ކުރައްވަމުން ގެންދަވަނީ ވައިޓްލިންކް ޕްރައިވެޓް ލިމިޓެޑް ކުންފުނި އުފައްދަވައިގެންނެވެ.
"މިހާރު 'އަދި ޓްރޭޑަރސް' 'އަދި ކޮންސްޓްރަކްޝަން' އެއް ނެތް. އެހެންކުންފުންޏެއް ހަދައިގެން ފޮނަދޫގައި ހާޑްވެއާ ވިޔަފާރިކުރަމުން މިދަނީ އަރަފާ ޓްރޭޑަރސް ނަމުގަ. މިހާރު އޮންނާނެ މާލެ އާއި ރަށާއި ދެމެދު ދަތުރުކުރާ ބޯޓެއް. އަރަފާ އެކްސްޕްރެސް އެއީ. އަޅުގަނޑުމެންގެ ކޮމްޕެނީގެ ފަރާތުން މުދާ ބޭރުން ގެނެސް ސަޕްލައި ކުރުމުގެ މަސައްކަތް ކުރަން. އަދި ކުރިން ތެލުގެ ވިޔަފާރި ކުރިން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޅެންވެރިކަން މިއީ ކިހިނެއް ފެށުނުކަމެއް؟
ޅެންވެރިކަމަށް ޝައުގުވެރިކަން އުފެދުނީ ވަރަށް ކުޑައިރުގައެވެ. ޢަބްދުއްރަޙީމް ކުޑައިރު މަކުތަބަށް ވަޑައިގަތް ދުވަސް ހަދާންކުރައްވަމުން ވިދާޅުވީ އެއިރު އޮންނަނީ ކިޔަވާކުދިން 4 ގުރޫޕަކަށް ބަހާފަ ކަމަށެވެ. ބައިތުބާޒީ ކުޅުން އޮންނައިރު ވަރަށް ގިނައިން ޅެން ފަރިތަކޮށް ދަސްކުރުމުގެ މަސައްކަތް ކުރެއްވިއިރު މިދާއިރާއަށް ޝައުގު އެފެދުނީއެވެ.
އެހެންނަމަވެސް ޢަމަލީގޮތުން ޅެން ހައްދަވަން ފެއްޓެވީ ޢާއިލާއާއި ދުރުގައި ގިނަދުވަސް ތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމުންނެވެ. " ޢާއިލާއާއި އެކަހެރިކޮށް ދުވަސްތަކެއް ހޭދަކުރަންޖެހުނީ އެދުވަސްވަރު ޅެންވެރިކަމަށް ވަދެވުނީ. އެއިރު އަޅުގަނޑުގެ ހަޔާތުގަދިމާވި ހުރިހާ ކަމެއް ޅެމުގެ ސިފައިގަ ހެދިން. އެކަމަކު ސުނާމީގެ ފަހުން އެހުރިހާ ޅެމެއް ލިޔެފަ ހުރި ފޮތް ފެންނަންނެތް" އެއިރުގެ ހަދާންތައް އާކުރައްވަމުން ވިދާޅުވިއެވެ.
އެންމެ ހަދާނީ ޅެމަކީ ފުރަތަމަ ދަރިފުޅު ލިބިވަޑައިގަތުމުން ހެއްދެވި ޅެމެވެ. އެޅެން ޚާއްސަވަނީ "އެއިރުގަ ފޯނެއް ނުހުރޭ. އަޅުގަނޑު ޢާއިލާއާއި ދުރުގަ ހުއްޓާ ސިޓީއެއް ލިބުނީމަ އެނގުނީ ދަރިފުޅު ވިހެއިކަން. ތަފާތު އިހުސާސްތަކެއް ކުރެވުނު އެޅެން ހެދިއިރު" މިސަބަބާއި ހުރެއެވެ.
ބައްޕަ ފުރަތަމަ ކީ މަށަށް
ދަރިފުޅު މިދުނިޔޭ ޢާލަމަށް
އައިވަގުތު އެނގުމުން ތަބައްސުމް
އުފެދުނޭ ވީ އުފަލުން
މިހާތަނަށް 1000 އަށް ވުރެ ގިނަ ލަވައާއި ޅެން ހެއްދެވި ޢަބްދުއްރަޙީމް މިހާރު ގެންދަވަނީ އަމިއްލަ ޅެންފޮތެއް އާންމުކޮށް ނެރުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިފޮތް ނެރުމަށް ހަމަޖެހިފައިވަނީ ޢަބްދުއްރަޙީމްގެ 54ވަނަ އުފަންދުވަހާއި ދިމާކޮށް މިއަހަރުގެ އެޕްރީލް މަހުގެ 19ވަނަ ދުވަހުގައެވެ.
ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ޅެން ހެދުމުގެ މުބާރާތުން އެއްވަނަ އަދި ދެވަނަ ވެސް ހޯއްދަވާފައިވާ ޢަބްދުއްރަޙީމް ދާދިފަހުން ވަނީ ޅެންވެރިކަމުގެ ކޯހެއްވެސް ފުރިހަމަ ކުރައްވައިފައެވެ. އެވެސް މިދާއިރާއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އިތުރަށް އެފަންނު ކުރިއެރުވުމުގެ ބޭނުމުގައެވެ.
ޤައުމީ ލަވައާއި ކެމްޕެއިން ލަވަ ގިނައިން ހައްދަވާފައިވާ ޢަބްދުއްރަޙީމް ވަރަށް ފަހުން ކޮވިޑާއި ގުޅޭގޮތުން ހެއްދެވި ލަވައަކަށް ވަނީ އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައެވެ. ޔޫޓިއުބުން އެކަނި މިލަވަ 68000 މީހުން ބަލާފައިވެއެވެ.
ކަރުނުން މިދެލޯ ފޯވެއޭ
ވިރިގެން މިހިތާ މޭ ދެއޭ
އުފެދޭ ވޭނާއި ތަދާ
ރިހުމާއި އަސަރާ އެކުލެވޭ
އަމިއްލަ ދިރިއުޅުއްވުން
ޢަބްދުއްރަޙީމް ފާހަގަކުރެވެނީ މަންމަ މަރްޔަމް އަޙްމަދުގެ ހަނދާނުގައި، ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. "އަޅުގަނޑުގެ އެއްމާބަނޑު ހުންނާނެ ލޯފަން މީހެއް. އެއީ ޢަބްދުލްކަރީމް. އޭނާ މީހަކާއި އިދެގެން އެހެން ގެއަކަށް ބަދަލުވިފަހުން މަންމަ ދިރިއުޅުއްވީ ޢަބުދުލްކަރީމް އާއި އެކު. އެއްގޮތަކަށް ނުތެދުވެވި އޮންނަތާ 2 އަހަރެއްހާ ދުވަސްތެރޭގައި މަންމަ ނިޔާވީ" މަންމަ ވަކިވެދިޔަ ހިތްދަތި ހަނދާން އާކުރައްވަމުން ވިދާޅުވިއެވެ.
ދިޔާނާ ޙުސައިން އާއި ކައިވެނި ބައްލަވައިގެން 5 ކުދިން ޢަބްދުއްރަޙީމަށް ލިބިވަޑައިގެންނެވި އިރު މީގެތެރެއިން ސިޔާސީ ދާއިރާއަށް ޝައުގުހުންނަނީ ހަމައެކަނި ހުރި ފިރިހެން ދަރިފުޅު އިބްރާހީމް ފައިސަލް އެވެ.
" 1 ކުއްޖަކު ފިޔަވާ ހުރިހާ ކުދިންތިބީ ޑިގްރީ އަދި މާސްޓަރސް ފެންވަރަށް ކިޔަވާފަ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ދިރިއުޅުމުގައި ލިބުނު ހުރިހާ ކާމިޔާބެއްގެ އެންމެބޮޑު ހިއްސާދާރަކީ އަންހެނުން. ސިޔާސީ މަސައްކަތުގައި ދަރިފުޅު ފައިސަލްގެ އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަގަކުރެވޭ. ޖުމްލަގޮތެއްގައި އަންހެނުންނާއި ހުރިހާ ކުދިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރަން" އިންޓަވިއު ނިންމަވާލައްވަމުން ވަނީ ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.