ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގައި އަންހެނަކު ހުއްޓިލައިގެން ހުރީ ވަށައިގެންވާ މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. އިރު އޮއްސެން މާގިނަ ވަގުތެއް ނެތްކަން އޭނާގެ ހިޔަންޏަށް ބަލާލުމުން އެނގެއެވެ. އޭނާގެ ފުރަގަހުން ކަށިކެޔޮ ގަހަކާއި އަދިވެސް ރާއްޖޭގެ ގޮނޑުދޮށްތަކުން ފެންނަ އެކިކަހަލަ ކުދި ގަސްތައް ފެނެއެވެ. އެ އަންހެން މީހާގެ ދާދި ގާތުގައި ވެލައެއް ބިސްއަޅަން އޮތެވެ.
މިއީ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ ނިކަން ޗާލުކޮށް ދިވެހިރާއްޖޭގެ އެކި މަންޒަރުތައް 3ޑީކޮށް ދައްކުވައިދޭ މޮޅު ހުނަރުވެރިއެއްގެ ބުރަ މަސައްކަތެވެ.
ނ. ޅޮހީއަށް އުފަން ހުސައިން ނިޔާޒަށް ލިބިފައިވާ މި ހުނަރަކީ އެތައް ޖީލަކުން ވާރުތަވެފައިވާ އާއިލީ ހުނަރެކެވެ.
"ކުޑައިރު ކިޔަވަން އުޅުނު އިރު އަބަދުވެސް ކުރެހުމާއި ގުޅޭ ކަމެއްގައި އުޅެފައިވަނީ. ކްލާހުގައި އިނދެގެން ކުރަހާތީ އަބަދުވެސް ހުންނާނީ ކުށްވެރިވެފައި. ކޮންމެ ފޮތެއްގެ ކަވަރ ޕޭޖާއި ޖެހިގެން އެ ހުންނަ ގަނޑުގައި ކުރަހާފަ ހުންނާނީ. އޭރު ބައެއް ފަހަރު ކުށްވެރިވިޔަސް، އެހެން ކުރަހާފަ ހުންނަ ބައެއް ކުރެހުންތައް ބޭނުންކޮށްގެން ޓީޗަރުން ފިލާވަޅުތައް ނަގައިދިނުމުގައި ބޭނުންކޮށްފައި ހުންނާނެ'' ކުރެހުން ފެށުނު ގޮތް ޒީ ޓައިމްސްއާއި ހިއްސާކުރަމުން ހުސައިން ނިޔާޒު ކިޔައި ދިނެވެ.
މޭނާ ސްކޫލުން ކިޔެވުން ނިންމައި ވަޒީފާއެއް ލިބޭތޯ މަސައްކަތް ފަށައިގަތްއިރު ކުރެހުމާއި އެއްކޮށް ދުރަށްދާން ޖެހުނެވެ. ވަޒީފާއެއް ފަސޭހައިން ނުލިބޭތީއާއި އެކީ، އޭރު އެންމެ ފަސޭހައިން ލިބުނު ވަޒީފާ ކަމުގައިވާ ރިސޯޓްތައް ހެދުމުގެ އެކި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން ފެށިއެވެ.
ބުރަ، ބޮޑު މަސައްކަތްތަކެވެ. ފަތިހު ހޭލާ ގޮތަށް ރޭ ދެބައިވަންދެން މަސައްކަތުގައި އުޅެއެވެ. ނިދުމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ކުރަންޖެހުނީ ހީވެސް ނުކުރާހާ ދަތި، އުނދަގޫ އަދި ބިރުވެރިކަމެއްގައެވެ.
" އެކިއެކި މަސައްކަތް ކުރި އިރު އެންމެ ފުރަތަމަ ދިޔަ ރިސޯޓްގައި ކުރަން ޖެހުނު މަސައްކަތަކީ ގައު އެޅުން. މުޅިންވެސް ތިބީ ސްކޫލު ނިންމި ގޮތަށް އެތަނަށް ވަން ކުދިން. ހެނދުނު 6.30ގައި ނުކުންނަ ގޮތަށް ރޭގަނޑު 12.30 ވަންދެން އެ މަސައްކަތުގައި އުޅެން ޖެހޭ. ބްރޭކް ލިބެނީ ކާން ނޫނީ ސައިބޯންޖެހޭ ގަޑީގައި އެކަނި. އެ ބުނާ އަދަދަކަށް ގައު އަޅަން ތިބެން ޖެހޭ ދަންވަރަކަސް. ޓެންޓްތަކެއްގައި ނިދަން ޖެހުނީ. ކުރަފި، މަކުނުފަދަ ދިރޭ ސޫފި އެހާ ގިނަ. ފަހާނާ ކުރަން ހުންނަ ފާހާނައަކީ ފްލެޝްވާ އެއްޗެއްނޫން. އެތަން އެހާ މުޑުދާރު. އެހެންވެ ކޮންމެ ފަހަރަކު ފާހާނަކުރަން ދާނީ ސެކިޔުރިޓީއަށް ފިލައިގެން އަތިރިއަށް. ފެންވަރަން ޖެހެނީ ބިދޭސީންނާއި އެންމެން އެކީ އެއްތަނެއްގައި. އެހެންވެ ވަލުތެރޭ ހުންނަ ފެހި ޖަހާފައި ހުންނަ ވަޅަކުން ފެންވަރާހެދިން. އެތަކެއް ރިސޯޓްތަކެއްގައި މަސައްކަތް ކުރިއިރު އުޖޫރައެއް ނުލިބޭ. ބުރަ މަސައްކަތް ކުރުވާފަ އެންމެ ފަހު ވަގުތު ލާރި ނުދިން."
3 އަހަރެއްހާ ދުވަސް ވަންދެން އަލަށް ހަދަންފެށި ހަތަރު ރިސޯޓެއްގައި އުޅުމަށްފަހު ދެން ދާންފެށީ ކަންނެލި މަސްވެރިކަން ކުރާށެވެ. 6 ވަރަކަށް މަސް ވަންދެން ކަންނެލި މަސްވެރިކަން ކުރުމަށްފަހު އުފަން ރަށަށް ބަދަލުވެ އޭރު ހިންގި ބައެއް ކޯސްތަކުގައި ބައިވެރިވުމުގެ ނަތީޖާއަކީ މިއަދު މި ފެންނަ ހުސައިން ނިޔާޒެވެ. ކުރެހުމާއި ގާތްގަނޑަކަށް 5 އަހަރަށް ދުރުގައި ހުރުމަށްފަހު އަލުން މި ދާއިރާއަށް ވަންއިރު، ހުސައިން ނިޔާޒު ވަނީ އެ މަސައްކަތްތަކާއިއެކު އޭރު ކައުންސިލަށް ކުރިމަތިލައި އެކަން ކާމިޔާބުކޮށްފައެވެ.
ދައުރު ނިންމާލުމަށްފަހު މާލެ ބަދަލުވެ ވަޒީފާއެއްގައި އުޅެމުން އެކި ކަހަލަ ސޮފްޓްވެއަރތައް ބޭނުން ކޮށްގެން ކުރެހުމުގެ މަސައްކަތް ދިޔައީ ކުރިއަށް ގެންދަމުންނެވެ. އެފަހުން ގްރެފިކްސް ޑިޒައިން އެޑްވާންސް ޑިޕްލޮމާ އަދި ގްރެފިކްސް އާއި މަލްޓިމީޑިއާ އިން ޑިގްރީ ވަނީ ނިންމާފައެވެ. އިސްލާމިކް ބޭންކްގެ މާކެޓިންގެ ވަޒީފާއެއް ލިބި އެތަނުގައި މަސައްކަތް ކުރަމުންދާއިރު އެކި އެކި ޕްރޮޖެކްޓްތައް ދަނީ ލިބެމުންނެވެ.
''އެއީ އެކި މީހުން ކޮށްފަ އެންމެ ފަހު ވަގުތު ނުނިމިގެން ހަވާލުކޮށްފަ ހުންނަ މަސައްކަތް. ބައެއް ޕްރޮޖެކްޓްތައް ނުވާނެ އޭވެސް ހިތަށް އެރި. އެކަމަކު ހަމަ ކުރިއަށް ގެންދިޔައީ. އެހެންވިޔަސް ބޮޑަށް މަސައްކަތް ކުރަމުންދިޔައީ އަމިއްލަ އަށް ދަސްކުރަން.''
ހަމައެކަނި ކުރެހުމެއް ނޫނެވެ. ފޮޓޯ ނެގުމަކީވެސް ހުސައިން ނިޔާޒު ވަރަށް ކުރާ ހިތްވާ ކަމެކެވެ. ކަމެއް ކުރާހިތުން ކޮށްފިނަމަ އެއީ މީހުން ބަލައިގަންނަ ކަމަކަށް ވެދެއެވެ. ގުދުރަތީ ތަފާތު މަންޒަރުތަކާއި އެކި ސޫފާސޫފީގެ ފޮޓޯތައް ނެގުމަށް ޝައުޤުހުންނަ ހުސައިން ނިޔާޒުގެ ފޮޓޯތަކަށް އެތަކެއް ވަނައެއް ލިބިފައިވާއިރު ރާއްޖެ ތަމްސީލު ކުރުމަށްޓަކައި ހުސައިން ނިޔާޒުގެ ފޮޓޯތައް ވަނީ ބޭނުންކޮށްފައެވެ.
''ސަރުކާރުން އިއުލާނު ކުރި ބައެއް މުބާރާތްތަކުގައި ބައިވެރިކޮށްގެން ވަނަ ލިބިފައި ހުރީ ބައެއް ފޮޓޯއިން. އެއްވަނަ ދެވަނަ ތިންވަނަވެސް ލިބިފައި އެބަހުރި. ރާއްޖެއިން ފާހަގަކޮށްލެވޭ މޮޅެތި ފޮޓޯ ގްރާފަރުން ބައިވެރިވި މައުރަޒުތަކުން ވަނަ ލިބިފައި ހުރީ. އެގޮތަށް ލިބިފައި ހުރި ފޮޓޯތައް ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސްގައިވެސް ބޭނުންކޮށްފައި އެބަހުރި.''
އެ އާއިލާގެ އެންމެންނަކީވެސް ވަރަށް އުފެއްދުންތެރި ޚިޔާލުތަކެއްގެ ބައެކެވެ. އުފެއްދުންތެރި މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުން ފެންނަމުން ދެއެވެ. ''އާއިލާގެ އެންމެން ކުރަހާ. ބައްޕަވެސް އޮޑިދޯނިފަހަރު ބަންނައިރު އޭގެ ޑިޒައިން ކުރާނެ. ކާފައަކީ ކިއްސަރުވަޑާމުގެ މަސައްކަތުގައި މަޝްހޫރުމީހެއް. މަންމަ ފަރާތު ކާފައަކީ މަސްވެރިއެއް އެކަމަކު ވަރަށް މޮޅަށް ފެހުމުގެ މަސައްކަތް އޭރު ކުރި.''
މިހާރު ކުރެހުމަށް ވުރެ ޑިޒައިނިންގ އާއި އެނިމޭޝަން މަސައްކަތް ކުރަމުންދާ ހުސައިން ނިޔާޒު ގެންދަނީ އެފަދަ ހުރިހާ ސޮފްޓްވެއަރ އެއްގެ ބޭނުންކުރަމުންނެވެ. އާއިލާއާއި ޚާއްސަކޮށް އޮފީހުގެ ޓީމުގެ އެހީތެރިކަމާއިއެކު މިމަސައްކަތް ކުރިއަށްގެންދާއިރު ހުސައިން ނިޔާޒުގެ އެންމެ ބޮޑު ޝައުޤެއް ހުރީ ދިވެހިވަންތަ އުފެއްދުންތަކަށެވެ. ސަބަބަކީ މިހާރުގެ ޖީލަށް އަދި ފަހުގެ ޖީލަށް އިހު ޒަމާނުގެ އެ މަންޒަރުތައް ކުލަކޮށް ދައްކާލުމެވެ.
''ދިވެހިވަންތަ ތަކެތި ކުރެހޭތޯ މަސައްކަތް ކުރަނީ ރަށްތަކުގައި އުޅެ ބޮޑުވިއިރު، ކުޑައިރުގެ ހަނދާންތައް މިހާރުގެ ކުދިންނަށް ދައްކާލަން. ބައެއް ފަހަރު ސްކޫލުތަކުންވެސް އެ ކުރެހުންތައް ބޭނުންވެގެން އެބަހުރި އެދިފައި. ކިޔަވައިދިނުމުގައި ބޭނުންކުރަން. އެހެންވެ ބައެއް ކުރެހުންތައް ބޭނުންކޮށްގެން އެވީޑިއޯ ޑޮކިޔުމަންޓްރީތައް ހަދަން ވިސްނަމުން މިދަނީ. އެގޮތުން ކުރިން ރާއްޖެއިން ފެނުނު ތަންތަނާއި ތަކެތި އަދި އޭރުގެ މަންޒަރުތައް ކުރެހުމުގެ މަސައްކަތް ކުރަމުން މިދަނީ.''
ރާއްޖޭގެ ތާރީހާއި ގުޅޭ ވަރަށް ގިނަ ކަންކަން އޭނާގެ ދާއިރާއިން ކުރަން ބޭނުންވެފައިވާ ހުސައިން ނިޔާޒު ދަނީ އެ މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން ރާއްޖޭގެ މާހައުލުން ފެންނަ ގަސްތަކާއި، ރާއްޖޭގައި އާންމުކޮށްހެދޭ ބާވަތްތަކުގެ ގަސްތައް ކުރަހަމުންދާއިރު ބޭނުންވަނީ ރިސޯޓްތައް ހަދާ މީހުންނަށް ޑިޒައިން ކުރާއިރު ތްރީޑީކޮށް ހުންނަ އެ ކުރެހުންތަކުގެ ބޭނުންކުރެވުމެވެ. އެގޮތުން އެފަދަ ސޮފްޓްވެއަރތަކުން ފަސޭހައިން ބޭނުން ކުރެވޭނެގޮތަށް ލައިބްރަރީއެއް ހަދާ، އޭގެ ބޭނުން ކުރެވޭގޮތް ހަދަން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަބަޔަކު މިމަސައްކަތް ދަސްކޮށްދޭން އެދޭކަން ފާހަގަކޮށް ހުސައިން ނިޔާޒު ބުނީ އެކަމަށް ތައްޔާރުވަމުންދާކަމަށާއި ނަމަވެސް އެއީ ވަރަށްބޮޑު ކަމަކަށްވެފައި މިކަމުގައި އޭނާދަނީ އަދިވެސް އިތުރަށް ދަސްކުރަމުން ކަމަށްވާތީ އިތުރަށް ދަސްކޮށްގެން އެކަން ކުރަން ވިސްނަމުންދާކަމަށެވެ.
ރޭގަނޑުވެސް ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކުރަމުންދާ ހުސައިން ނިޔާޒު އޭނާއަށް ކުރެވިފައިހުރި މަސައްކަތްތަކާއިމެދު އެހާ ހިތްހަމައެއް ނުޖެހެއެވެ. ސަބަބަކީ އަދިވެސް އެ ކުރެހުންތަކުގައި ރަނގަޅުކުރަންޖެހޭ ކަންތައް ހުރިކަން ފާހަގަވާތީއެވެ. އާންމުންގެ ވަރަށްބޮޑު ތާޢީދެއް މި ރޮނގުން ހުސައިން ނިޔާޒަށް އޮތްކަން ސޯޝަލް މީޑިއާއަށް އޭނާގެ އުފެއްދުންތަކަށް ކޮމެންޓްކުރަން ހުޅުވާލުމުން ފާހަގަވެގެންދެއެވެ. މިފަދައިން ގިނަ ވަގުތު ހޭދަކޮށްގެން ކުރާ ބުރަ މަސައްކަތުގައި ވޯޓަރމާކް ޖަހާފައި ހުންނައިރު އެބައިތައް ކަނޑާލާފައި ބައެއް މީޑިއާތަކުގައި ބޭނުންކޮށްފައި ހުރިކަން ހުސައިން ނިޔާޒު ފާހަގަކުރިއެވެ.
ރާއްޖޭގެ މަސްވެރިކަމާއި ގުޅޭ ކަންކަންވެސް ވީޑިއޯއިންނާއި ތްރީޑީކޮށް ދައްކާލަން ބޭނުންވާ ހުސައިން ނިޔާޒަށް ވަގުތު ލިބެނީ އެހާ ދަތިކޮށްނެވެ. އެހެންކަމުން އޭނާ އުންމީދުކުރަނީ ވަޒީފާއަކަށް ނުގޮސް އަމިއްލައަށް އެ މަސައްކަތްކޮށް އާމްދަނީ ލިބޭނެ ދުވަހަކަށެވެ.