September 20, 2024 16:50
Advertisement

-Advertisement-

ހާދިސާ: އެތަކެއް ފުރާނައެއް ތިރީސް ދުވަހުގެ ތެރޭ..

ރަށްތައްވަނީ ފަޤީރުވެ ހާންތިވާން ކައިރިވެފައެވެ. ދުވާލަކު އެއްފަހަރުވެސް އުނދުނަށް ތަވަޔެއް ނުއުދެއެވެ. ކުޑަކުދިން ގިސްލަ ގިސްލާފަ ރޮނީއެވެ. ބަޑުފުރާނަ މުއްތިނުވެ އެތައްބައެއްގެ ފުރާނަ ނެތެމުންދާ ހިތާމަވެރި މަންޒަރު ބަލަންތިބި މައިންބަފައިން ދަރިންނަށް ވާނީ ކިހިނެތްކަމެއް ނޭގި ކަރުނަ އަޅަނީއެވެ. މުޅި ރަށަށް ވަނީ މާޔޫސްކަމާއި ބިރުވެރިކަން ފެތުރިފައެވެ. އައްސުލްޠާނު އިބްރާހީމް ނޫރުއްދީންގެ ރަސްކަމުގެ ދުވަސްވަރު ހުވަދުއަތޮޅު ވިލިގިލީގައި ވަރަށްބޮޑު ރޯގާއެއް ފެތުރުނެވެ. އަދި މިރޯގާގެ ވައިރަސް މުޅި އަތޮޅުގައި ފެތުރުނެވެ. ނަމަވެސް ބޮޑަށް ފެތުރިފައި ވަނީ ވިލިގިލީ ގައެވެ.

މިހާދިސާ މުހައްމަދު އިސްމާޢީލް ދީދީ ލިޔުއްވި 'ބައްޕަގެ ހަނދާނުގެ ޑައިރީ' ގައި ވާގޮތުން، 1883ވަނަ އަހަރު ދިވެހި ދައުލަތުން އަހަރަކު އެއްފަހަރު ސިލޯނުގައި ހުންނަވާ އިގިރޭސީންގެ ގަވަރުނަރުގެ އަރިހަށް ގެންދާ ވެދުމާއިގެން ވަޑައިގަތީ މީރުބަހުރު އިސްމާޢީލް ދީދީ އެވެ.

އޭނާ ވަޑައިގަތީ ކުޑަބަނޑު އޮޑިކޮޅު ކިޔާ އުޅަދެއްގައެވެ. ނިޔާމަ ދަތުރަކަށްފަހު ސިލޯނަށް ގޮސް ވެދުން ކުރުމުގެ ރަސްމިއްޔާތު ނިއްމަވާލެއްވުމަށްފަހު އިރުވައިގެ ކުރީކޮޅު އިސްމާޢީލް ދީދީ ރާއްޖެ ވަޑައިގަތުމަށްޓަކާ ހަމަ އެ އޮޑީގައި ފުރާވަޑައިގަތެވެ. އޮޑިކޮޅު ރާއްޖެއަށް ދަތުރުކުރަމުން އައިސް މާލެ އަތޮޅު ދިއްފުއްޓާ ދިމާއިން ވަރަށް ގަދަ ކޮޅިގަޑެއްގައިޖެހުނެވެ. ފެންމަތީގައި އޮޑިކޮޅު އޮންނަފަހަރާއި ނޯންނަފަރުވެސް އާދެއެވެ. މިގޮތަށް ދަމުންގޮސް ﷲ ގެ ރަޙުމަތުން ވިއްސާރަ އަލިވެ ތަންތަން ފެންނަވަރުވިއިރު އޮޑިކޮޅު އޮތީ ހުވަދު އަތޮޅު ވިލިގިލި ކައިރީގައި ކަމުން ބޭރުގައި ބަދަނރު ކުރީއެވެ. ނަމަވެސް އެތައްއިރެއްވީއިރު ވިލިގިލިން ދޯންޏެއް ނުވަތަ ބޮއްކުރައެއްވެސް އޮޑިކޮޅުގެ ކައިރިއަކަށް ނައެވެ.

Advertisement

އެޒަމާނުގައި ހަމަޖެހިފައި އޮންނަގޮތުން ދިދަ ނަގާފައިވާ އުޅަދެއްނަމަ އެއީ ސަރުކާރުގެ އުޅަދެކެވެ. އަދި ވީހާވެސް އަވަހަކަށް އެއުޅަދެއްގެ ކައިރިއަށް އެރަށަކުން ކޮންމެވެސް އުޅަދެއް ދިއުމަކީ އާދައެކެވެ. ނަމަވެސް އޮޑިކޮޅު ދޮށަށް ވިލިގިލިން ދޯއްޏެއް ނައިސްގެން އިންތިޒާރުގައި ތިއްބާ އައީ އެއަތޮޅު މާމެންދޫ ދޯއްޏެކެވެ. މިދޯނީގައި މާމެންދޫ ކަތީބުން، މުދިމުން އައެވެ. 'އެ މީހުން ބުނީ އޮޑިކޮޅުގައި ދިދަ ހުއްޓާ ފެނުމުން އެމީހުން އައީކަމަށެވެ'. އަދި އަތޮޅުވެރި ދޮން ޙުސައިން ކަލޭގެފާނަށް އޮޑިކޮޅުގެ ޚަބަރު ދިނުމަށް ދޯއްޏެއް ފޮނުވި ކަމަށްވެސް ބުންޏެވެ.

އޮޑިކޮޅުގައި ތިއްބެވި ބޭފުޅުން އަތޮޅުގެ ޙާލު އެއްސެވުމުން އެމީހުން ބުނީ ﷲ ގެ ރަޙުމަތުން އަތޮޅުގެ ބައެއްރަށްތަކުގެ ޙާލު ރަގަޅުކަމަށެވެ. ނަމަވެސް ވިލިގިލީގެ ޙާލު ވަރަށް ގޯސްކަމަށެވެ. ގައިކަހާބައްޔެއް އެރަށުގައި އުޅުމުގެ ސަބަބުން ރަށްވަނީ ބަންދު ކޮށްފައި ނުވަތަ ކަރަންޓީނު ކޮށްފައެވެ. "އަތޮޅުގެ އެއްވެސް ރަށަކުން އެރަށަކަށް ނުދެވޭ. އެ ރަށުންވެސް އެހެން ރަށަކަށް ނުދެވޭ" މި ޙާލަތުގައި ދުވާލަކު 3 ނުވަތަ 4 މީހުން މަރުވާކަމަށް މާމެންދޫ މީހުން ޚަބަރުދިނެވެ. މި ޚަބަރު ލިބުމުން އިސްމާޢީލް ދީދީ ގަސްތުކުރެއްވީ އެރަށަށް ފައިބާ ވަޑައިގެން ރަށުގެ ޙާލު ބެއްލެވުމަށެވެ. އެ ޒަމާނުގައި ކަރަންޓީނު ކުރުމުގެ ޤަވާޢިދެއް ނެތުމާއެކު އެދޯނި މީހުންގެ ކިބައިން އިސްމާޢީލް ދީދީ އެދިވަޑައިގަތީ އޭނާ ވިލިގިއްޔަށް ގެންގޮސް ދިނުމަށެވެ. އެ ކަންކުރަން އެދޯނިމީހުން ޖެހިލުންވުމުން އެމީހުން އެރަށަށް ނުފޭބިޔަސް އިސްމާޢީލް ދީދީ ގެންގޮސްދޭން އެދިވަޑައިގަތެވެ.

 ކުޑަ ވަޤުތު ކޮޅެއްގެ ތެރޭގައި އިސްމާއީލް ދީދީ އާއި އޮޑިކޮޅުގެ ދެ މީހަކު އެރަށަށް ގެންގޮސްދިނެވެ. އަދި ރަށު ތެރޭގައި ހިންގަވާ ގޭގެއަށް ވެދެވަޑައިގެން މީހުންގެ ޙާލު ހުރިގޮތް ބެއްލެވިއެވެ. ރަށުގެ ޙާލު ބޮޑުކަމުގެ ކޮޅެއްނެތެވެ. އެކަކު ދެމީހަކު ހޭކެނޑިގެން ބިންމަތީގައި ތިބި ގެވެސް މަދެއްނޫނެވެ. މަރުވިތާ ރެއަކާ ދުވާލަށްވުރެ ގިނަވެފައި ވަޅުނުލެވި ތިބި މީހުންވެސް ބައެއް ގޭގައި ތިއްބެވެ. ބައެއްގޭގައި އެކަކު ދެމީހަކު ތެދުވެ އުޅުނަސް އެހެން ގޭގޭގެ ޙާލު ބަލައެއްނުލައެވެ. ރަށުތެރެއިން މީހުން ފެންނަނީ ވަރަށް މަދުންނެވެ. ފެންނަމީހުން ތިބެނީ ދެލޯ ވަޅުވަދެ ހިކިގެން ކަށީގައި ހަން ތައްލާފައެވެ. ސަލާމަތުން ހުރި މީހަކު ފެންނަނީ ވަރަށް މަދުންނެވެ. ގޭގެއިން ކުޑަކުދިން ކާއެއްޗެއް ނުލިބިގެން ރޯއަޑާއި ބަލީގެ ވޭނުގައި މީހުން ކުކުރާއަޑު އިވޭވަރުން ލޮލުން ފެން އަންނަވަރުވެއެވެ. އެދުވަސްކޮޅު އެރަށުގައި ދެތިންދޯނި މަހަށްދެއެވެ. ނަމަވެސް މަހެއް ނުބާނައެވެ. މުޅިރަށުގައި ބަލިމަޑު ކަމާއެއްވަރަށް ތަދުމަޑުކަން އިންތިހާއަށް ގޮސްފައިވެއެވެ. ކާނެ އެއްޗެއް ނެތިގެން ރުއްރުކުން އަޅަމުންގޮސް ރުކެއްގައި ގޮބޮޅިއެއްހާ ހިސާބުވެސް ނެތެވެ.

ކޮންމެއަކަސް އެފަދަ ބަލިމަޑުކަމެއް ތަހައްމަލް ކުރަމުންދާއިރު ފަރުވާދޭނެ ބޭހެއްވެސް އެރަށުގައި ނެތެވެ. މިރޯގާ ޖެހުމުން ވާގޮތަކީ އެންމެ ފުރަތަމަ ހުން އަންނަނީއެވެ. އެއަށްފަހު ގައިން ފިއްތަކެއްނަގާ ދުޅަވެ ހިރުވަނީއެވެ. ކަހަމުން ކަހަމުން ގޮސް ހަންނޮޅި ލޭ އަންނައިރުވެސް މީހާއަކަށް ނޭގެއެވެ. މިގޮތުން ފާރުވާތަން ވަރަށް އަވަހަށް ބޮޑުވެއެވެ. މިބަލި ޖެހުމުން ބައެއްމީހުން ދެ ތިން ދުވަސް ތެރޭގައި މަރުވެއެވެ. މިބަލީގައި މީހުންގެ ޙާލުބޮޑުވާ އެއްސަބަބަކީ އެރަށުގައި ކާނާ އާއި ބޭސް ނެތުމެވެ. މި ބޮޑު ރޯގާ އެރަށުގައި ފެތުރުނު ގޮތަކާއިމެދު ބައެއްމީހުން ބުނެއުޅެނީ އެދުވަސްވަރު އެހިސާބު ގަނޑަށް އުރުނު ބާރންސްލޭ ކިޔާ ބޯޓަކުން އައި ރޯގާއެއްކަމަށެވެ. ބައެއްމީހުން ބުނިގޮތުގައި އެންމެ ފުރަތަމަ މިބަލި ފެތުރުނީ އެބޯޓުގެ ކައިރިން މަސް ބާނާއިގެން ކޭމީހުންގެ ފަރާތުންނެވެ.

ފޮޓޯ: ބީބީސީ.ކޮމް

އިސްމާޢީލް ދީދީ އެދުވަހު ރަށުގެ ޙާލު ބެއްލެވުމަށްފަހު އޮޑިއަށް ވަޑައިގެންނެވިއެވެ. އިސްމާޢީލް ދީދީ އެރަށުމީހުންނަށް އެހީވާން ފެށިއެވެ. އޮޑިކޮޅު އައީ ކޮޅުބުން ކަމަށްވާތީ އޭގައި ވަރަށްގިނަ ސާމާނު ހުއްޓެވެ. އިސްމާޢީލް ދީދީ ކުރެއްވިކަމަކީ އޮޑިން ބަޔަކު ގޮވައިގެން ގޮސް ވިލިގިލީގެ އަތިރިމަތީގައި އުދުން ޖަހައި ރަށުތެރެއިން ބޮޑެތި ލޯގަނޑު (ކައްކާ ބޮޑުތެލި) ގެނެސް އޮޑިން ހަނޑޫ،ހަކުރު،ފުށް، އަދި ސާގު އަރާރޫޓް އާއި ބާރަލީ ގެނެސް ކެއްކުމުގެ އިންތިޒާމް ހަމަޖެއްސެވިއެވެ. މި އިންތިޒާމުގެ ދަށުން ސާގު ފަންޏާއި ބަތްޕެން އަރާރޫޓް އަދި ބާރަލީ ކެއްކުމަށްފަހު އެމީހެއްގެ ބަލިހާލާއި ގުޅޭ މިންވަރު ބެލުމަށްފަހު އޮޑީގެ ކުދިން ލައްވާ ބަލި މީހުނަށް ދޭން ފެށިއެވެ.

ކައްކާނެ ވަރުހުރި މީހުން ތިބި ގޭގެއަށް ތަކެތި ފޮނުވަން ފެއްޓިއެވެ. މިގޮތަށް ހައެއްކަ ދުވަހު މަސައްކަތް ކުރެއްވިތަނާ ގިނަ މީހުން ތެދުވެ އުޅެން ފަށައިފިއެވެ. އަދި މީހުން މަރުވުން މަދުވާން ފެށިއެވެ. މި މަސައްކަތް ހިގަން ފެށިތާ ދެތިންދުވަހުގެ ތެރޭގައި އޭރުގެ އަތޮޅުވެރިޔާ ތިނަދޫ މެދުއަވަށު ދޮން ހުސައިން ކަލޭގެފާނު އޮޑިކޮޅަށް ދުރުވިއެވެ. ވިލިގިލި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކޫއްޑޫ އަކީ އޭރު ހަވަރުގެ ރަށެކެވެ. އެދުވަސްވަރު އެރަށުގައި ވަރަށް ގިނައިން ރުއްއަރައެވެ. ހަކުރުވެސް ވަރަށްގިނައިން ހުއްޓެވެ. އަދި ކާށިވެސް އެހާ ގިނައެވެ.

އިސްމާޢީލް ދީދީ ވިލިގިއްޔަށް ބޭނުންވާ ކާއްޓާއި ހަކުރު ލިބޭނެގޮތް ހަމަޖެއްސެވިއެވެ. މިގޮތުން އެހީވާން ފެށިތާ މަހެއްހާ ދުވަސްވީރު އެރަށުގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅުވެއްޖެއެވެ. އެއަށްފަހު އޮޑިކޮޅު ތިނަދުއަށް ގެންގޮސް އެހެލުމަށްފަހު ފަހުން އޮޑި ބޭލުމަށްފަހު މާލެ އަށް ދަތުރު ފެއްޓެވިއެވެ. އިސްމާޢީލްދީދީ މާލެ ވަޑައިގެން އޭނާ ކުރެއްވި ދަތުރުގެ ޚުލާސާ ރިޕޯޓު މަހާރަދުންނަށް ދެއްވިއެވެ. އަދި ވިލިގިލި މީހުންނަށް ޖެހުނު ބޮޑު މުސީބާތާއި އެކަމުގައި އޭނާ ކަންތައްކުރެއްވި ގޮތް ދެންނެވިއެވެ. އޭނާގެ އެންގެވުމަށް ސަރުކާރުގެ ތަކެތި ވިލިގިލީ މީހުންނަށް އެހީވުމަށް ހޭދަކުރެއްވި ވާހަކަވެސް ރަދުންގެ އަރިހުގައި ދެންނެވިއެވެ. މި ވާހަކަ އަޑުއައްސަވައި އިސްމާޢީލް ދީދީ ކަންކުރެއްވި ގޮތާއިމެދު ރަދުން ވަރަށް ބޮޑަށް ހިތްޕުޅާހަމަކުރައްވާ އައްސަރިބަހާއި ސާބަސް ރައްދު ކުރެއްވި އެވެ.

+1
3
+1
8
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް