September 20, 2024 20:29
Advertisement

-Advertisement-

މާބަނޑު ދުވަސްވަރު ހަކުރު ހުންނަ މިންވަރު މަދުކުރުމަށް ސަމާލުވޭ!

ހަކުރު މައްޗަށް ދިއުމަކީ ވަރަށް ގިނަ ދިވެހިންނަށް ދިމާވެފައިވާ ސިއްޙީ މައްސަލައަކަށްވާއިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ މީހުން ވަރަށްގިނަކަން ފާހަގަކުރެވެއެވެ. ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވެއެވެ.

ދިވެހިރާއްޖޭގައި ހަކުރު ހުންނަ މިންވަރު އިތުރުވެފައިވާ ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އުޅޭއިރު މާބަނޑު މީހުން މިކަމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އޭޑީކޭގައި ގިނަ އަދަދެއްގެ މާބަނޑުމީހުން ބައްލަވާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އާމިނަތު ނުސްރާ ވިދާޅުވީ ހަކުރު ހުންނަ މީހުން މާބަނޑު ދުވަސްވަރު އިތުރު ކޮމްޕްލިކޭޝަންތަކުން ސަލާމަތްވާން ވަރަށްބޮޑަށް އިސްކަންދޭންޖެހޭނެ ކަމަށެވެ.

ޑރ.ނުސްރާ

" މާބަނޑުއިރު ހަކުރުމަތިވާ މީހުންގެތެރޭގައި އެބަހިމެނޭ ބަރުދަން މާބޮޑަށްމަތި މީހުން. ޕޮލިސިސްޓިކް އޯވަރީ މައްސަލަ ކުރިން ދިމާވެފަތިބި މީހުން. އަދި އާއިލާގައި ހަކުރު ބަލި ހުންނަ މީހުންވެސް އެބަޖެހޭ ވިސްނަން. ވަރަށްގިނަފަހަރު އަޑުއިވޭ ބަނޑުބޮޑުވުމަށްފަހު 2 މީހުންނަށް ވާވަރަށް ކާންޖެހޭ ވާހަކަ. އެއީ ހިތުހުރިވަރަކަށް ކާން އޮންނަ ވަގުތެއްނޫން. ސިއްޙަތަށް ފައިދާހުރި ގޮތަށް ކެއުމަށް ސަމާލުކަންދޭންވީ" ޒީޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ.ނުސްރާ ވިދާޅުވިއެވެ.

Advertisement

ބަނޑުގައި އޮންނަ ދަރިފުޅުގެ ބަރުދަން މާބޮޑަށް މައްޗަށް ދިއުމަކީ ހަކުރު ހުންނަ މީހުންނަށް ދިމާވާކަމެއް ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް ބަނޑުބޮޑުއިރު ބަރުދަން ހުންނަންޖެހޭ ވަރުގަ ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ޑރ.ނުސްރާ ފާހަގަކުރެއްވިއެވެ.

ހަކުރު ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރުމުން އޭގެ އަސަރު މައިމީހާގެ ސިއްޙަތަށާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ފޯރުން އެކަށީގެންވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުވަސް ނުފުރާ ވިހެއުމާއި، ވިހާއިރު ކުޑަދަރިފުޅުގެ ބަރުދަން މާ ބަރުވުމުގެ އިތުރަށް ކުޑަ ދަރިފުޅުގެ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެ ބައެއް ފަހަރަށް އުފަންވާ ކުދިންގެ އައިބު ހުންނަ ފަދަ ކަންތައްތައް ދިމާވާ ކަމަށް ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

އަދި މާބަނޑު ދުވަސްވަރު މައިމީހާގެ ހަކުރު މާބޮޑަށް މަތިވެ ކުޑަދަރިފުޅުގެ ބަރުދަން އިތުރުވުމުން ވިހެއުމުގައި ދަތިތައް ކުރިމަތިވާ މަންމައިން ވަރަށްގިނައިން އުޅޭއިރު، ރަނގަޅު ކާނާ ކެއުމަށް ވަރަށްބޮޑަށް އިސްކަންދޭންޖެހެއެވެ. މާބަނޑު ދުވަސްވަރު އެކަށީގެންވާ މިންވަރަކަށް ހަށިގަނޑުގެ ބަރުދަން އިތުރުކުރުމަށް އިސްކަން ދޭންވާނެއެވެ. މައިމީހާގެ ބަރުދަން އިތުރުވަމުން ދާގޮތް ޑޮކްޓަރުގެ ލަފާގެ މަތިން ޤަވާއިދުން ބަލަންވާނެއެވެ. ސިއްޙީ ތަޖުރިބާކާރުން ވިދާޅުވާގޮތުން ބަލިވެ އިންނައިރު ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހުރެއްޖެނަމަ ބަލިވެއިނުމުން އެހޭދަވާ 9 މަސްދުވަހުގެ ތެރޭގައި ބަރުދަން 10-12 ކިލޯއާއި ދެމެދަށް އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ.

އާންމުގޮތެއްގައި ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެތެރޭގައި ހަށިގަޑުގެ ބަރުދަން އިތުރުވުމާއި ފަލަވުމުގެ އިތުރަށް ކަސްރަތާއި ދުރުގައި އުޅުން ހިމެނެއެވެ. ހަކުރުބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުމާއި ބޯ އެނބުރުމުގެ އިތުރަށް ހަށިގަނޑުން ކެނޑޭ ތަންތަން ފަސޭހަވުމަށް ގިނަދުވަސް ހޭދަވުން ހިމެނެއެވެ. އަދި ލޮލުގެ ފެނުން ނުސާފުވެ ބަނޑުހައިވެ ގިނަގިނައިން ފެންބޯން ބޭނުންވުންފަދަ ކަންތައްތައް ހިމެނެއެވެ.

ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ވިޓަމިން އަދި ޕްރޮޓީން ހުންނަ ކާނާ ކެއުމުގައި ބޭނުންކުރުމަށް އިސްކަމެއް ދޭންޖެހެއެވެ. އަދި ޤަވާއިދުން ކަސްރަތުކުރުން ވަރަށްމުހިއްމެވެ.

+1
0
+1
5
+1
0
+1
2
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް