ދަރިފުޅަށް ނަން ކިޔުމަކީ، އެކުދިންނަށް މި ދީނުގައި ދެއްވާފައިވާ ޙައްޤެކެވެ. އެކުދިންނަށްޓަކައި މައިންބަފައިން އަދާކުރަންޖެހޭ ޙައްޤެކެވެ. މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތެކެވެ. ނަން ކިޔުމަކީ ދަރިފުޅުގެ ހަޔާތުގެ ހުރިހައި ކަމަކާއި ގުޅުންހުރި މުހިންމު ކަމެކެވެ. ދުނިޔެ އާރާސްތުކުރެވޭނީ އަމިއްލަ ނަފްސު އެނގިގެންނެވެ. ތިބާއަކީ ކާކުކަން ދެނެގަނެގެންނެވެ. އެ ވަޞީލަތަކީ ކުއްޖާގެ ނަމެވެ. މާނަ ރީތި، އިސްލާމީ ނަމެއް ކުއްޖާއަށް ކިޔުމަކީ ކުއްޖާ އުފަންވުމާއިއެކު މައިންބަފައިން އަދާކުރަންޖެހޭ އެންމެ މުހިންމު އެއް ޙައްޤެވެ. ދަރިންނަށް ނަން ކިޔުމުގައި މައިންބަފައިން ވަރަށް ފަރުވާތެރިވެއެވެ. ނަމަވެސް، ބައެއް މައިންބަފައިން ކުދިންނަށް ކިޔައިފައި ހުންނަ ނަމަކީ އިސްލާމް ދީނުގައި އެ ނަމެއް ކިޔުމަށް އެކަށީގެންނުވާ ނަން ނަމެވެ. ވީމާ، ދަރިންނަށް ނަން ކިޔުމުގައި ގެންގުޅެންޖެހޭ އިސްލާމީ އުޞޫލުތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހު، ތިންވަނަ ދުވަހު ނުވަތަ ހަތްވަނައަށް ވާ ދުވަހު ނަން ދިނުމަށް ސުންނަތުން ޘާބިތުވެއެވެ. މިއިން ކޮންމެ ދުވަހެއް އިޚްތިޔާރު ކުރިޔަސް ރަނގަޅުވާނެއެވެ.
ދިވެހި ރާއްޖޭގެ އާދަކާދައިގައި ކިޔަނީ ދެ ނަމެވެ. މިސާލަކަށް؛ މުޙައްމަދު އިބްރާހީމް ނުވަތަ ޢާއިޝަތު ފިރާޝާ އެވެ. މިއީ ދެނަމެވެ. ކުދިންނަށް ނަންކިޔުމުގައި އެންމެ ހެޔޮ ގޮތަކީ އެއް ނަން ކިޔުމެވެ. އަދި އެކުއްޖާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން އަދި ބައްޕަ ފަރާތުގެ ކާފަގެ ނަން ލުމެވެ. ކީރިތި ޤުރްއާންގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެދަރިން އެބައިމީހުންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެހެނީ އެގޮތް ﷲގެ ޙަޟްރަތުގައި ޢަދުލުވެރިކަން ބޮޑެވެ." (ސޫރަތުލް އަޙްޒާބު 5). ކުދިންނަށް ނަންކިޔުމުގައި، ނަމުގެ ފަހަތަށް ކުއްޖާގެ ބައްޕަގެ ނަން އޮތުމަކީ އިސްލާމްދީންގައި އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ކަމެކެވެ. އެއީ ނަޞަބު އޮޅިގެން ނުދިއުމެވެ. ކާކުގެ ދަރިއެއްކަން އެނގުމެވެ. އަދި ޢާއިލީ ނަސަބު ރައްކާތެރި ކުރުމަށްޓަކައެވެ. އަދި ނަސަބު އައިސްފައިވާގޮތް އެނގެން އޮތުމަށްޓަކައެވެ. ބައްޕަ ނެތް ކުދިންގެ ނަމުގެ ފަހަތަށްލާނެ ވަކި ނަންތަކެއް އިސްލާމްދީންގައި އައިސްފައެއް ނުވެއެވެ. އެކުދިން ނިސްބަތްކުރެވެނީ އެކުދިންގެ މަންމައަށެވެ.
ނަން ކިޔުމުގައި އަޅުގަނޑުމެން އިސްކަންދޭންވީ ބައްޕަގެ ނަމުން އަކުރެއް ނުވަތަ މަންމަގެ ނަމުން އަކުރެއް ލުމަކަށް ނޫނެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، މާނަ ރަނގަޅު، އިސްލާމީ ރިވެތި ނަމަކުން ދަރިންނަށް ނަންކިޔުމަށެވެ. އެހެނީ، ޤިޔާމަތް ދުވަހުން ގޮވާލެވޭނީ އެމީހަކަށް ކިޔާ އެންމެ ރީތި ނަމަކުންނެވެ. އަދި މާނަ ރަނގަޅު ނަމެއް ކިޔުމުން ދަރިފުޅުގެ ޝަޚްޞިއްޔަތަށް އެނަމުގެ ހެޔޮ އަސަރު ކުރާނެތީއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ނަންތަކުންނާއި ތިޔަބައިމީހުންގެ ބައްޕައިންގެ ނަންތަކުން ތިޔަބައި މީހުންނަށް ގޮވައިލެވޭނެއެވެ. ފަހެ ތިޔަބައިމީހުން ރިވެތި ނަންތަކުން ނަންކިޔާށެވެ." (ރަވާހު އަބޫ ދާވޫދު).
ކުދިންނަށް ކިޔަން ރަނގަޅު ނަންތަކާބެހޭ ގޮތުންވެސް ކީރިތި ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު އިރުޝާދު ދެއްވާފައިވެއެވެ. ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ނަންފުޅުތައް ދިނުމަށާއި، މި އުއްމަތުގެ އެންމެ ހެޔޮލަފާ ޞާލިޙު ބޭކަލުންގެ ނަންތައް ކިޔުމަށެވެ. އެބޭކަލުންގެ ތެރެއިން ރަސޫލާ صلى الله عليه وسلمގެ މިތުރު ޞަޙާބީންގެ ނަންފުޅުތައް ހިމެނެއެވެ. އެބޭކަލުންގެ ނަންފުޅު ތަކުން ނަން ދިނުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދި މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ދެނަމަކީ ޢަބްދުއްރަޙްމާން އާއި ޢަބްދުﷲ އެވެ. މިކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޠް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ނަން ކިޔާއިރު ނަބީބޭކަލުންގެ ނަންތަކުން ނަން ކިޔާށެވެ. އަދި ނަންތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ޢަބްދުﷲ އާއި ޢަބްދުއްރަހްމާން އެވެ."
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ ނަމެއް ނުކިޔޭނެއެވެ. މިސާލަކަށް؛ އައްރައްޒާޤް، އައްރަޙްމާންއެވެ. ނަމަވެސް އިސްމުފުޅުގެ ކުރިއަށް "عبد" ލައިގެން ކިޔޭނެއެވެ. މިސާލަކަށް: عبد الملك، عبد العزيز، عبد القدوس. މިފަދަ ނަން ކިޔުމުގައި، މިއީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންފުޅެއްތޯ ބަލައި ކަށަވަރު ކުރަންވާނެއެވެ. އެހެނީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންފުޅު ތަކަކީ ޤުރުއާނުން ނުވަތަ ސުންނަތުން އެނަންފުޅެއް ކޮންމެހެންވެސް ޘާބިތުވާން ޖެހޭނެ ނަމެކެވެ.
މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ކިޔުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ މަކުރޫހަކަމެކެވެ. މިކަމާއި ގުޅިގެން އައިސްފައިވާ އަންނަނިވި ޙަދީޘް "އަދި މަލާއިކަތްބޭކަލުންގެ ނަންފުޅުތަކުން ނަންކިޔައި ނޫޅޭށެވެ." މި ޙަދީޘަކީ އެއީ ޞައްޙަ ޙަދީޘެއް ނޫންކަމަށް އިމާމު ބުޚާރީއާއި އަދި ޝައިޚް އަލްބާނީފަދަ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "މިއީ ޞައްޙަ ހަދީޘެއް ނޫންވީމައި، މި ޙަދީޘުން ދަލީލެއް ނުނެގޭ މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ދަރިންނަށް ނަން ދިނުން ހުއްދަ ނޫންކަމަކަށެއް" ވީމާ، މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަން ދިނުމަކީ މައްސަލައެއްނޫނެވެ.
އެ ނަމަކުން ތިމާގެ އަމިއްލަ ނަފްސައް ބޮޑާކަން ގެނެސްދޭފަދަ ނަންތައް ދަރިންނަށް ކިޔުން ހުއްދަވެގެން ނުވެއެވެ. އިތުރުއެކަލޭގެފާނު ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. " ޤިޔާމަތް ދުވަހުން ﷲގެ ޙަޟްރަތުގައި އެންމެ ރުހިވޮޑިގެން ނުވާނޭ މީހަކީ، އަދި އެމީހުންކުރެ އެންމެ ނުބައިވެގެންވާ މީހަކީ، އެމީހަކަށް "ރަސްކަލުންގެ ރަސްގެފާނޭ" ނަންކިޔޭ މީހާއެވެ. ﷲ މެނުވީ ރަސްކަލަކު ނުވެއެވެ.
އެނަމެއް އަޑު އިވުމުން ތިމާއާއި އެހެން މީހުންނަށް އެނަމަކުން ހިތްހަމަޖެހުން ނުލިބޭކަހަލަ ނަން ކިޔުންވެސް ހުއްދަވެގެނެއް ނުވެއެވެ. މިސާލަކަށް: ޙަރްބު (ހަނގުރާމް)، ކަލްބު (ކުއްތާ) މިކަހަލަ ނަންނަމެވެ. ހަމައެހެންމެ، ފިރުޢައުނުންނަށް ކިޔާއުޅޭ ނަންނަމާއި ޖިންނި ޝައިތާނުންނަށް ކިޔާއުޅޭ ނަންތައް ކިޔުން ހުއްދަވެގެނެއް ނުވެއެވެ. އިސްލާމްދީނަށް ނިޞްބަތްކޮށްފައި ހުންނަ ނަންނަމަކީވެސް ކިޔުން މަކްރޫހަ ނަންތަކެވެ. މިސާލަކަށް ނޫރައްދީން، ނޫރުލްއިސްލާމް، ޝަމްސުލްއިސްލާމް ފަދަ ނަންތަކެވެ.
އަޅުގަނޑުމެންނަކީ އިސްލާމުންނަށްވީތީ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަންވާނީ އިސްލާމީ، ރިވެތި މާނައެއް އެކުލެވިގެންވާ ނަމެވެ. ކޮންމެ ބަހަކުން ކުއްޖާއަށް ނަންކީ ނަމަވެސް، އެ ނަމެއް ވާންވާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައިވާ މުސްލިމް ކުދިންނަށް ކިޔާ ބާވަތުގެ ނަމަކަށެވެ. އެހެންކަމުން، އަޅުގަނޑުމެން ކުދިންނަށް ނަންކިޔުމުގައި ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ އިރުޝާދުގައި ހިފައިގެން އެގޮތަށް ނަންކިޔުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.