November 24, 2024 11:36
Advertisement

-Advertisement-

ޢުލަމާ އަދި ދަރިފުޅު ޢައިޝާން

ލޮލަށް ފެންނަކަމެއް ޔަގީނެއް ނޫން، ސިއްޙީ ގިނަ މައްސަލަތަކެއް!

އުމުރުން އެންމެ 14 މަހުގެ ޢައިޝާން އަޙްމަދު އަޙުޝަމް އަކީ އުފަންވީއިރުއްސުރެ ސިއްޙީ ތަފާތު މައްސަލަތަކެއް ދިމާވަމުންދާ ކުއްޖެކެވެ. ގއ.ކަނޑުހުޅުދޫ ޙައްވާ ޢުލަމާއު އަދި ކ.ތުލުސްދޫ އަޙްމަދު އަޙުޝަމް ހާޝިމް ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެދެމަފިރިންގެ ދަރިފުޅު އުފަންވީ ބަނޑަށް 28 ހަފްތާގައި ކަމަށެވެ.

ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން އައިޖީއެމްއެޗް ނާސަރީގައި 3މަސް ވަންދެން ޢައިޝާން އަށް ވަނީ ފަރުވާދީފައެވެ. " އައިޖީއެމްއެޗްގަ ބޭބީ ވިހެއީ. އެއިރު ޑޮކްޓަރުން ބުނި ސިކުޑީގަ ލޭގަނޑުވެފަ ހުރި ވާހަކަ. އެއިރު ނޭވާ އަށް އުދަގޫވެ ވަރަށްގިނައިން ފިޓު ޖެހުނު. އަޅުގަނޑުމެން ޑޮކްޓަރަށް ދައްކަން ޤަވާއިދުން މާލެ އަންނަމުން ދިޔައީ" ޢުލަމާ ކިޔައިދިނެވެ.

ކޮވިޑްގެ ހާލަތާއިގުޅިގެން މާލެ ނާދެވި މަޑުކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމަށް ޢައިޝާން ގޮވައިގެން ކ.ތުލުސްދޫގައި ދިރިއުޅޭ ދެމަފިރިން މާލެ އައީ ޢައިޝާން އުމުރުން 6 މަހުގަ އެވެ.

Advertisement
ޢައިޝާންގެ ސިއްޙީ ހާލަތާއިގުޅޭގޮތުން އައިޖީއެމްއެޗްއިން ދީފައިވާ ލިޔުން

" މާލެ އައިއްސަ އައިޖީއެމްއެޗް ޑޮކްޓަރަށް ދެއްކީމަ ވަރަށް ތަފްސީލުކޮށް ކިޔައިދިން ސިކުނޑީގަ ލޭގަޑުވުމުގެ ސަބަބުން ވަރަށް ބޮޑުވަރުވެފަ ހުރިކަމަށް. ބޭބީ އަކީ ޑިސްޓްރެސް ސިންޑްރޯމް ހުންނަ ހައިރިސްކު ބޭބީއެއް ކަމަށާއި، ސީދާ ސިކުޑީގެ އެކަމަކަށް ފަރުވާ ނުދެވޭނޭ ބުނި. އޭގެ ސަބަބުން އަންނަ ބަދަލުތަކަށް ފަރުވާދޭނީއޭ ބުނީ ޑޮކްޓަރު" ޢުލަމާ އަސަރާއިއެކު ތަފްސީލު ކިޔައިދިނެވެ.

ކަނދުރާ ހަރުނުލުމުގެ އިތުރަށް ދަރިފުޅުގެ ލޮލުގެ މައްސަލަ އުޅޭކަމަށް ޢުލަމާ ވަނީ މަޢުލޫމާތުދީފަ އެވެ. "ވާހަކަދެއްކިއަސް ނުބަލާނެ. ފޯކަސް ނުވަނީ ކަމެއް ނުވަތަ ނުފެންނަނީ ކަމެއް ނޭނގޭ. އެއްގޮތަކަށްވެސް ބަލަހައްޓައިގެން ނުހުރޭ. އެކަމަކު ބޭބީ އަށް އަޑު އިވޭ. އަޑުއިވުމުން ހީ ހަދާނެ"

ޓްރީޓޮޕް ހޮސްޕިޓަލަށް ޢައިޝާން ދެއްކުމުން އެހޮސްޕިޓަލުން ވަނީ ތަފާތު އެކި ދާއިރާތަކުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނަށް ޢައިޝާން ދެއްކުމަށް ލަފާދީފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ދީފައިވާ ލިޔުން

" ޓްރީޓޮޕް ހޮސްޕިޓަލުން ފިޒިއޮތެރަޕީ ހެއްދުމަށްފަހު މިހާރު އައިޖީއެމްއެޗުން ފިޒިއޮތެރަޕީ މިކުރިއަށް ގެންދަނީ. ޓްރީޓޮޕު ހޮސްޕިޓަލުގެ ލިޔުމުގައި ފާހަގަކޮށްފައިވަނީ ކުޑަކުދިންގެ ނާރުގެ ޑޮކްޓަރު، ކުޑަކުދިންގެ ލޮލުގެ ޑޮކްޓަރު، ޑިވެލޮޕްމެންޓަލް ޕީޑިއަޓްރިޝަން އަދި ޖެނަޓިކް ސްޕެޝަލިސްޓަކަށް ދައްކަން. ސިކުނޑީގެ ސެލްތަކެއް މަރުވެފައިވާކަމަށް ބުނެފައިވަނީ. ރާއްޖެއިން ބޭރަށް ދާންޖެހެނީ މިދެންނެވި ޑޮކްޓަރުންނަށް ދެއްކުމަށް. އެހެންވެ އާސަންދަ ލިބޭތޯ އަޅުގަނޑުމެން ހުށަހެޅިން. އެކަމަކު އާސަންދަ އޮފީހުން ބުނަނީ އައިޖީއެމްއެޗްގެ ނާރުގެ އަދި ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު ލިޔުން ހުށަހެޅުމަށް."

ޢާއިލާއިން މިހާރު ދަނީ އާސަންދަ އޮފީހުން ބުނިގޮތަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލިޔުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނާރުގެ ޑޮކްޓަރެއްގެ އެޕޮއިންޓްމެންޓް ލިބުނު ކަމުގައިވިއަސް އަދި ލޮލުގެ ޑޮކްޓަރުގެ އެޕޮއިންޓްމެންޓެއް ނުލިބޭ ކަމަށް ޢުލަމާ ވަނީ މަޢުލޫމާތުދީފައެވެ.

އަޙުޝަމް އާއި ޢުލަމާ ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯ އެއް

ކުޑަކުޑަ ޢައިޝާން އަކީ ރޭގަނޑު ވަރަށްގިނަ އިރު ހޭލާ އުޅޭ ކުއްޖެއް ކަމަށާއި، އެހެން އޮންނައިރު އެއްވެސް ހަރަކާތެއް ނުކޮށް ބައެއް ފަހަރު އޮންނަކަމަށް ޢުލަމާ ވަނީ ބުނެފައެވެ. އަދި ދަރިފުޅުގެ ހަށިގަނޑު ހުންނަނީ ބައެއްފަހަރު ވަރަށް ހަރުވެފަ ކަމަށާއި މިފަދަ ތަފާތު ކަންތައްތައް ދަރިފުޅަށް ދިމާވަމުންދާތީ ޢާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަކަށް އިންޑިއާއަށް ޑޮކްޓަރަށް ދައްކަން ދިއުމަށެވެ.

" ބަރުދަންވެސް އިތުރެއްނުވޭ އެހާބޮޑަށް. 6ކިލޯގަ އަދިވެސް ހުރީ. އަޅުގަނޑުމެން ބޭނުންވަނީ ޑޮކްޓަރު ލަފާދިން ގޮތަށް ވީއެންމެއަވަހަކަށް އިންޑިއާ އަށް ގޮސް ޑޮކްޓަރުންނަށް ދައްކައިގެން ދަރިފުޅު ރަނގަޅު ކުރެވޭތޯ ބެލުމަށް. އިންޑިއާގައި ކަރަންޓީނުވުމަށާއި އިތުރުކަންތައްތަކަށް ބޮޑު ޚަރަދެއް ދާނެ ކަމަށް ބެލެވޭ. އެހެންވެ އާންމުންގެ އެހީތެރިކަމެއް ވަރަށް ބޭނުން" އާންމުންގެ އެހީތެރިކަމަށް ބޭނުންވާ ސަބަބު ހާމަކުރަމުން ޢުލަމާ ބުންޏެވެ.

ޢައިޝާންގެ ބައްޕަ އަޙުޝަމަކީ މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ ފަރާތަކަށްވުމުން މާލޭގައި މިދަތުރުގައިވެސް އެއްމަސްދުވަސް ހޭދަވެފައިވާތީ އާމްދަނީ ލިބޭނެ އިތުރުގޮތެއް ނެތްކަމަށް ޢުލަމާ ވަނީ މަޢުލޫމާތުދީފަ އެވެ.

ޢައިޝާން އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުމަށް:

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

+1
2
+1
0
+1
1
+1
0
+1
0
+1
0
+1
62

Advertisement

ގުޅުންހުރި ލިޔުންތައް