މިއީ އަތޮޅުތެރޭގެ ރަށެއްގައި ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މޫސާފުޅާއި ކައްދަ އަކީ ލޯބިން ގުޅިގެން އުޅުނު ޖޯޑެކެވެ. މި ދެމީހުންވެސް ރައްޓެހިވެގެން އުޅުނީ އާއިލާ މީހުންނަށް ސިއްރުންނެވެ. އެޒަމާނަކީ މިހާރު ގޮތަށް ފޯނުން މުއާމަލާތްކުރާ ދުވަސްވަރަކަށް ނުވާތީ ދެމީހުންވެސް ބައްދަލުކޮށް އުޅުނީ ސިޓީގެ ޒަރިއްޔާއިން މެސެޖު ބަދަލުކޮށްގެންނެވެ.
އާދައިގެ މަތިން މިދެމީހުން އެއްރޭ ބައްދަލުކުރަން ގަޑިކިޔާ އެގަޑިއަށް ދެމީހުން ބައްދަލުކުރަން ދާން ބޭނުންވާ ތަން ހަމަޖެއްސިއެވެ. ބައްދަލުކުރަން ހަމަޖެއްސީ ރޭގަނޑުގެ ވަގުތެއްކަމުން ރަށުތެރޭގައި އެއިރު އަލިކަން ނުހުންނާތީ ދަތުރު ކުރަން ޖެހެނީ ވަރަށް ބަލައިގެންނެވެ. އެހެންކަމުން ކައްދަ ކައިރިއަށް ދިއުމަށްޓަކައި މޫސާފުޅު ފެންވަރާ ނަލަވެ ބައްޕަ ހައްޖައްގޮއްސަ ގެނައި އަތަރުފުޅިން އަތަރުލާ ޖަމަލެއްގެ ގޮތުގައި އެއިރު މީހުންދެކޭ މޫސާފުޅުގެ ބައިސްކަލަށް އަރާ ނައްޓާލައިފިއެވެ.
މޫސާފުޅު ގޮސް އޭނާގެ ބައިސްކަލު ކައްދަ ގެ ކައިރި ސަރަހައްދެއްގައި އެހެން މީހުންނަށް ނުފެންނަ ގޮތަށް ފޮރުވުމަށްފަހު ފައިމަގުގައި ކައްދައާއި ބައްދަލުކުރަން ސިއްރު ސިއްރުން ދަނިކޮށް، ކުރިމަތިން ފިލާގަނޑެއްހެން ސިފަވާ ޒާތެއްގެ އެއްޗެއް ފެނުމުން އޭގެ މަތީގައި ފައިއެޅިވަގުތު މޫސާފުޅު ވެއްޓުނީ ވަޅުގަނޑަކަށެވެ. ދުވި ނުބައިވަހުން މޫސާފުޅަށް އެގުނީ އެއީ މީހަކު ރޯނުވަށަން ބޮނބި ފާކުރަން ހަދާފައިހުރި ވަޅުގަނޑެއްކަމެވެ. އެހިސާބުން މޫސާފުޅު އެނބުރި ދިޔައީ ގެއަށެވެ. ކައްދަ މޫސާފުޅުގެ އިންތިޒާރުގައި ހުރެހުރެ ޚަބަރެއް ނުވުމުން އައިރުޅީގައި ކުދިކިޔަމުން ދިޔައީ ގެއަށެވެ. ކައްދަ އެފަހުން ވަރަށްގިނަ ދުވަސްވަންދެން ރުޅިމޫނު ދައްކައިގެން ހުރިކަމަށްވެއެވެ.