ވެރިރަށް މާލޭގެ މަގުމަތީގައި ހިނގަހިނގާ ހުންނައިރު އަތުގައި އޮންނަ ފޯނު ޖަހައިގަނެގެން ވަގުކަލޭގެ ފިލަނީ މަދެއްކޮށެއް ނޫނެވެ. މިފަދަ ކޮންމެ ހާދިސާއެއް ތަހުގީގު ކުރުމަށް އެހީތެރިވެދޭ އެކައްޗަށް މަގުމަތީގައި ހަރުކޮށްފައިހުންނަ ސީސީޓީވީ ކެމެރާތައް ވާނެއެވެ. އެކަމަކު ކެމެރާތަކުގެ ބޭނުން ކުރެވެނީ ކިހާވަރަކަށްތޯ މިއީ އުފެދޭ ސުވާލެކެވެ. މިސުވާލު މިގޮތަށް އުފެދެން ދިމާވަނީ ކެމެރާތައް ބަހައްޓާފަ ހުންނަ ބައެއް ސަރަހައްދުތަކުން ކުށްކުރާ މީހުން ހައްޔަރު ނުކުރެވޭ ވާހަކަ ބައެއްފަހަރަށް ދެކެވޭތީއެވެ.
މަޖީދީމަގުގައި ހުންނަ ސޯސަން ސްޓޯރު ކުރިމަތީ ޕާކުގައި ހިންގި މާރާމާރީއެއްގައި މީހަކު މަރުވެގެން ދިޔައިރު ކެމެރާތަކުން އެމަންޒަރު ރެކޯޑް ކުރެވިފައި ނެތުން މިއީ ވަރަށްކުރިން ދިމާވިކަމެކެވެ. އަދި ހުކުރު މިސްކިތުގަ ހުރި މަހާނަގާތަކެއް ބަޔަކު ތަޅާލިއިރު އެވީޑިއޯ އެސަރަހައްދުގައި ހުރި ކެމެރާތަކުން ރެކޯޑް ކުރެވިފައިނެތުން މިއީވެސް ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތެކެވެ.
ބައެއް ފަހަރު ކެމެރާތަކަށް ކުށްކުރާ މީހުންގެ މަންޒަރު ރެކޯޑް ނުކުރެވުނު ކަމުގަވިއަސް ކެމެރާތަކުގެ އެހީގައި ފުލުހުން ކުރަމުންދާ ތަހުޤީޤުތަކަށް ބޮޑެތި ކާމިޔާބީ ތަކެއް ލިބެމުންދާ ކަމަށް ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފައިވެއެވެ. ސީސީޓީވީ ކެމެރާ އެހީގައި އެންމެ ކާމިޔާބު ކަމާއެކު އެންމެ އަވަހަށް ފުލުހުން ކުށްވެރިން ހޯދި އެއް ހާދިސާއަކީ ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލި ހާދިސާ އެވެ. އެހާދިސާ ހިންގި މީހުންގެ މަންޒަރުތައް ބަންޑާރަކޮށި ފަހަތުގައި ހުރި ސީސީޓީވީ ކެމެރާތަކަށް ރެކޯޑްކުރެވި، އަދި އެވީޑިއޯތައް އާއްމުކުރުމުން އެމައްސަލަ ނިމިގެންދިޔައިރު ސީސީޓީވީ ކެމެރާތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދިޔައެވެ.
ސީސީޓީވީ ކެމެރާތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ދޮޅުމަހެއްހާ ދުވަސްކުރިން އެދިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޒީޓައިމްސް އަށް މިއަދު ދިން މަޢުލޫމާތަށް ބަލާއިރު މާލޭގައި މިވަގުތު 372 ސީސީޓީވީ ކެމެރާ ވަނީ ހަރުކުރެވިފައެވެ. އަދި ހުޅުލޭގައި 20 ކެމެރާ ހަރުކުރެވިފައިވާއިރު އެޗް.ޑީ.ސީ އާއި ގުޅިގެން ކެމެރާ ހަރުކުރުމަށް ވަނީ ރޭވިފައެވެ.
" މާލޭގެ މުހިންމު ސަރަހައްދުތައް ބެލެހެއްޓޭނެ ގޮތަށް ކެމެރާ ހަރުކުރެވިފައިވިއަސް، ހުޅުމާލޭގައި މީހުން ދިރިއުޅޭ އަދި ދިރިނޫޅޭ ސަރަހައްދުގައި އެންމެ އެކަށީގެންވާ އަދަދަށް ކެމެރާ ހުރިކަމަށް ޤަބޫލުނުކުރެވޭ. ސީސީޓީވީ ކެމެރާއަށް ހާއްސަ ޕްރޮޖެކްޓެއް ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އަންނަނީ ހިންގަމުން. މިޕްރޮޖެކްޓަށް މިއަހަރަށް ބަޖެޓު ވަނީ ލިބިފަ" ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
ހަރުކުރެވިފައި ހުންނަ ބައެއް ސީސީޓީވީ ކެމެރާތައް ހަލާކުވެފައި ހުންނަކަމުގެ މަޢުލޫމާތު ލިބޭތީ ސުވާލުކުރުމުން ފުލުހުން މަޢުލޫމާތުދީފައިވަނީ، ކެމެރާތަކަށް ދިމާވާ މައްސަލަތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭ އެޓެންޑްވެ ވަގުތުން ހައްލުކުރެވޭ މައްސަލަތައް ހައްލުކުރަމުން ގެންދާކަމަށެވެ. އަދި މިގޮތަށްދިމާވާ މައްސަލަތައް އާންމުކޮށް ހައްލުކުރަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް އިން ކަމަށް ވަނީ މަޢުލޫމާތުދީފައެވެ.
ދިވެހިރާއްޖޭގައި ކުށްކުރާ މީހުން ކުށްކުރަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށްވާއިރު މިކެމެރާތަކުގެ ބޭނުން ރަނގަޅަށް ހިފި އެކަށީގެންވާ އަދަދަކަށް ކެމެރާ ހަރުކުރުން އެއީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓޭނެކަމެކެވެ. އަދި ސީސީޓީވީ ކެމެރާތަކަކީ ކުށްކުރާމީހުންނަށް އެއިން ރެކި ނުގަނެވޭނެފަދަ އެއްޗެއްގެ ގޮތުގައި ވާންޖެހެއެވެ.