November 22, 2024 20:20
Advertisement

-Advertisement-

ހިނގާ އާލު ޢިމްރާން ސޫރަތަށް ބަލައިލަން

ކީރިތި ޤުރްއާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ﷲ ދެއްވި އެންމެ ބޮޑު މުޢުޖިޒާތެވެ. މިމުޢުޖިޒާތުގެ އެންމެ ހިތްގައިމު އެއް ކަމަކީ ހުރިހާ ޒަމާނަކާއި ތަނަކަށް އެއަމާޒުވާކަމެވެ. ހަމައެގޮތަށް އަހަރެމެންގެ ހަޔާތާއި ކީރިތި ޤުރްއާން ލާމެހޭވަރުގެ ބޮޑުކަމެވެ. އާލު ޢިމްރާން ސޫރަތަށް ތަދައްބުރުކުރުމުން ހީވަނީ އަދުގެ މުސްލިމުންގެ ހާލަތަށް ރިއާޔަތްކުރައްވައި ﷲ ބާވައިލެއްވި ސޫރަތެއް ހެންނެވެ. އަދު ދުނިޔޭގައި ދެ ބިލިއަނެއްހާ މުސްލިމުން އުޅުނަސް އެމީހުންގެ އާރެއް ބާރެއް ނެތެވެ. މައިނޯރިޓީންގެ ގޮތުގައި ދުނިޔޭގެ އެތަން މިތަނުގައި އުޅޭ މުސްލިމުންގެ ހާލަތު ވަރަށް ދަށެވެ. ނަތީޖާއަކީ ވަރަށްބޮޑު މާޔޫސްކަމަކާއި ނާއުއްމީދެއްގައި މުސްލިމް އުއްމަތް އޮތުމެވެ. މިހާލަތުގައި އާލު ޢިމްރާން ސޫރަތުގެ ތަފުސީރަށް ބަލައިލުމުން ލިބެނީ މުޅިން ތަފާތު ފިލާވަޅެކެވެ. މިސޫރަތަކީ ޔަގީންކަމާއި އުއްމީދުގެ ސޫރަތެކެވެ. އަތުގައި އެއްވެސް ވަސީލަތެއް ނެތަސް ﷲ އަށް ވަކީލުކޮށް އެއިލާހަށް ބަރޯސާވެ ފުރިހަމަ އީމާނުގައި ސާބިތުވުމުން ނަސްރާއި ކާމިޔާބު އޮތީ މުސްލިމުންނަށްކަން މިސޫރަތުން ކަށަވަރުވެއެވެ.

ސޫރަތުލް އާލު ޢިމްރާނަކީ ކީރިތި ޤުރްއާނުގެ ތިންވަނަ ސޫރަތެވެ. އާލު ޢިމްރާނު މިބަހުގެ މާނަޔަކީ ޢިމްރާންގެ އާޢިލާއެވެ. ސޫރަތުގެ ބޮޑު ބައެއް އަމާޒުކުރައްވަނީ ފޮތުގެ އަހުލުވެރިންގެތެރޭގައި ހިމެނޭ ނަޞާރާއިންނަށެވެ. މިކަމުގެ ޙިކުމަތެއްގެގޮތުން ސޫރަތް މަރްޔަމްގެފާނުގެ ބަފައިކަލުން ޢިމްރާނުގެފާނަށް ނިސްބަތްވާކަމަށް ބައެއް ޢިލްމުވެރިން ދެކެއެވެ. މިސޫރަތުގައި 200 އާޔަތް އޮތްއިރު އޭގެތެރޭގައި ބަޤަރާ ސޫރަތުގައިވާފަދަ އަސަރުގަދަ ދުޢާއެއްވެއެވެ.

އާލު ޢިމްރާން ސޫރަތަކީ މަދަނީ ސޫރަތެކެވެ. މިސޫރަތް ބަވައިލެއްވީ ހިޖުރައިން ހަތަރުވަނަ އަހަރުއެވެ. ޢިލްމުވެރިން މިސޫރަތް ބާވައިލެއްވި ދުވަސްވަރު ހަތަރު ބަޔަކަށް ބައްސަވައެވެ. ތިރީގައިވަނީ ސޫރަތުގެ ބައިތައް ބައިވައިލެއްވިކަމަށް ބެލެވޭ ދުވަސްވަރުތަކެވެ.

Advertisement
އާޔަތްތައް ބާވައިލެއްވިކަމަށް ބެލޭ ދުވަސްވަރު
1 އިން 32 އަށް ބަދުރު ހަނގުރާމައާއި ވިދިގެން
33 އިން 63 އަށް ހިޖުރައިން 9 ވަނަ އަހަރު ނަޖުރާންގެ ނަޞާރާއިންގެ ޒިޔާރަތާއި ވިދިގެން
64 އިން 120 އަށް ބަދުރު ހަނގުރާމައާއި ވިދިގެން
121 އިން 200 އަށް އުހުދު ހަނގުރާމައަށްފަހު

މިސޫރަތުގެ މައިގަނޑު މައުޟޫއުތަކަކީ ތައުޙިދާއި ވަޙީއާއި އާޚިރަތެވެ. ޑރ. ޔާސިރު ޤާޟީ ފާހަގަކުރައްވާގޮތުގައި މިސޫރަތުގައިވަނީ މައިގަނޑު ދެ މައުޟޫއެކެވެ. ފުރަތަމަ މައިގަނޑަކީ އިސްލާމް ދީނާއި ނަޞާރާ ދީނާއި ހުރި ގުޅުމާއި ތަފާތެވެ. އަހުލު ކިތާބީންނަށް ނުވަތަ ނަޞާރާއިންނާއި ޔަހޫދީންނަށް ﷲ އަންގަވަނީ އެއިލާހަށް އީމާންވުމަށްފަހު ރަސޫލު ﷲ އާއި ކީރިތި ޤުރްއާނަށް އީމާންވުމަށެވެ. ސޫރަތުގެ ދެވަނަ މައިގަނޑަކީ ކިތަންމެ ބޮޑު ދުޝްމަނަކާއި ނުވަތަ ދަތި އުނދަގުލަކާއި ކުރިމަތިވިޔަސް އީމާންކަމަށް ގުޑުމެއް ނާރުވާ ﷲ އަށް ވަކީލުކޮށް ސާބިތުވެހުރުމުގެ މުހިންމުކަމެވެ. އަދި އެގޮތުގައި ދެމިހުރުމުން އާޚިރުގައި ކާމިޔާބު ލިބޭނެކަމެވެ.

މުފައްސިރު ނުޢުމާން ހާމަކުރައްވާގޮތުގައި މިސޫރަތުގައި ﷲ ނަޞާރާއިންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވައެވެ. ހަމައެގޮތަށް ޔަހޫދީންވެސް އެމީހުންގެ ބާޠިލު ޢަޤީދާ ދޫކޮށް އިސްލާމްދީނަށް އައުމަށް ދައުވަތު ދެއްވައެވެ. ފޮތުގެ އަހުލުވެރިންގެ ތާރީޚުން ޢިބުރަތް ހާސިލުކުރުމަށް މުސްލިމުންނަށް އަންގަވައެވެ. އަދި މުންކަރާތްތަކަށް އަރައިނުގަނެ ތަޤުވާވެރިކަމުގައި ދެމިތިބުމަށް އެމީހުންނަށް ހަނދާންކޮށްދެއްވައެވެ. އުހުދު ހަނގުރާމައިގެ ވާހަކައިން މުސްލިމުންނަށް ދެއްވާ ފިލާވަޅަކީ ﷲ ގެ މަގުގައި ތިބިހާ ހިނދަކު އެމީހުންނަށް ކާމިޔާބު ލިބޭނެކަމެވެ. އެހެންކަމުން ސޫރަތުގެ ބިންގަލަކީ އިސްލާމްކަމެވެ. މިސޫރަތުގެ ކުރިއަށް އޮތް ބަޤަރާ ސޫރަތުގެ ބިންގަލަކީ އީމާންކަމެވެ. އީމާންކަމުގެ ނާރެހަކީ ޢައިބަށް އީމާންވުމެވެ. ޢައިބަށް އީމާންނުވުމަކީ ހިތުގެ އެންމެބޮޑު ބަލިކަން ބަޤަރާ ސޫރަތުން އެނގެއެވެ.

މުފައްސިރު ނުޢުމާންގެ ނަޒަރުގައި އާލު ޢިމްރާން ސޫރަތުގެ ބިންގަލަކީ އިސްލާމްކަމެވެ. ނުޢުމާން މިސޫރަތް މައިގަނޑު ފަސް ބަޔަކަށް ބައްސަވައެވެ. އަދި އެއިން ކޮންމެ ބައެއް އިތުރު ތިން ބަޔަކަށް ބައްސަވައެވެ. ތިރީގައިވަނީ އެބައިތަކެވެ.

ފުރަތަމަ ބައި ދެވަނަ ބައި ތިންވަނަ ބައި ހަތަރުވަނަ ބައި ފަސްވަނަ ބައި
އާޔަތް 1 އިން 9 އާޔަތް 21 އިން 32 އާޔަތް 100 އިން 103 އާޔަތް 116 އިން 120 އާޔަތް 190 އިން 195
އާޔަތް 10 އިން 14 އާޔަތް 33 އިން 69 އާޔަތް 104 އިން 109 އާޔަތް 121 އިން 175 އާޔަތް 196 އިން 197
އާޔަތް 15 އިން 20 އާޔަތް 70  އިން 99 އާޔަތް 110 އިން 115 އާޔަތް 176 އިން 189 އާޔަތް 198 އިން 200

ސޫރަތް ފައްޓަވަމުން ﷲ އަންގަވަނީ ހަމައެކަނި އަޅުކަންވެވޭ ފަރާތަކީ އެއިލާހު ކަމަށެވެ. އަދި ކީރިތި ޤުރްއާނާއި އޭގެ ކުރިން އައި ފޮތްތައްވެސް ބާވައިލެއްވީ ﷲ ކަމަށެވެ. ވަޙީއަކީ ﷲ ގެ ޙަޟުރަތުން އަންނަ އެއްޗެއްކަން ސާފުކޮށްދެއްވައެވެ. ޤުރްއާނަކީ ބާވައިލެއްވި ފޮތްތަކުގެ ސިލްސިލާގެ އެންމެފަހުގެ ބޮޅުކަން އެނގިދެއެވެ. ވަޙީގެ ފައިދާ ލިބިގަންނަ މީހުންނަކީ ސާފު އަދި ރަނގަޅު ބުއްދީގެ އަހުލުވެރިންކަން އަންގަވައެވެ. އެއަށްފަހު ދެން އޮންނަނީ ދުޢާއެކެވެ. އެއީ ތެދުމަގުން އެއްކިބާ ނުކުރެއްވުމަށް ތެދުމަގުލިބޭ މީހުންގެ ދުޢާއެވެ.

މިސޫރަތުގެ އެންމެފަހު (ފަސްވަނަ) ބައިގެ ފުރަތަމަ އާޔަތްތަކުގައި ﷲ ސާފު އަދި ރަނގަޅު ބުއްދީގެ އަހުލުވެރިން އިތުރަށް ސިފަކޮށްދެއްވައެވެ. އެފަދަ މީހުންނަކީ ﷲ ގެ ޚަލްގުކުރެއްވުމުގައިވާ އާޔަތްތަކުން އެބަހީ ހެކިތަކުން ﷲ އަށް އީމާންވާ މީހުންކަމުގައެވެ. މާނަޔަކީ  އުލުލް އަލްބާބުގެ އަހުލުވެރިންނަށް ޤުދުރަތުގެ ކޮންމެ އުފެއްދެވުމަކުން އެކަނި ﷲ ވޮޑިގެންވާކަން ކަށަވަރުވުމެވެ. އެއްކޮޅުން ވަޙީގެ އާޔަތްތަކަށް ފިކުރުކުރާ ބަޔަކު ތިބޭއިރު ވަޙި ނުލިބޭ މީހުން އުފެއްދެވުމުގައިވާ އާޔަތްތަކަށް ފިކުރުކުރާކަމުގެ ވާހަކައެވެ. ފުރަތަމަ ބައިގެ ފުރަތަމަ އާޔަތްތަކުގައި ބަޔާންކުރެއްވިފަދައިން އެންމެ ފަހު ބައިގެ ފުރަތަމަ ބައިގައިވެސް ބަޔާންކުރައްވަނީ ދުޢާއެވެ. ނަރަކައިން މިންޖުކުރައްވައި ކުށްތައް ޢަފޫކުރައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާތޯ ﷲ ގެ ޙަޟުރަތަށް ކުރެވޭ ދުޢާއެވެ. ފުރަތަމަ ބައިގެ ފުރަތަމަ ދުޢާގައިވަނީ ދީނަށް އައުމުގެ ދުޢާއެވެ. ފަހުބައިގެ ފުރަތަމަ އާޔަތްތަކުގައިވަނީ ދީނުގައި ފައިތިލަ ސާބިތުކޮށްދެއްވާ ދީނުން ބޭރުވިޔަ ނުދެއްވުމަށް އެދި ކުރެވޭ ދުޢާއެވެ.

ސޫރަތުގެ ފުރަތަމަ ބައިގެ ދެވަނަ ބައިން އަންގަވަނީ ކާފިރުވި މީހުން ފޭލްވާނެ ވާހަކައެވެ. އަދި ދުނިޔެއިން ލިބޭ އެއްވެސް މޮޅަކުން އެމީހުންނަށް އާޚިރަތުގައި ފައިދާ ނުކުރާނެ ވާހަކައެވެ. ދުނިޔޭގައިވާ އެންމެހައި މޮޅުތަކަކީ ވަގުތީ ޒީނަތެއްކަމުގައި އަންގަވައެވެ. އަދި ކާފިރުވި މީހުންނަށް ހުރީ ނަރަކައިގެ އަޒާބުކަން ބަޔާންކުރައްވައެވެ.

ސޫރަތުގެ އެންމެ ފަހު ބައިގެ ދެވަނަ ބައިގައިވެސް ﷲ ބަޔާންކުރައްވަނީ ކާފިރުވި މީހުންގެ ވާހަކައެވެ. މިދުނިޔެއިން އެމީހުންނަށް ލިބިދޭ ވަގުތީ އަރާމަކީ އެއްވެސް އެއްޗެއްނޫންކަމެވެ. އަދި އެމީހުންނަށް ހުރީ ނަރަކައިގެ ގަދަފަދަ އަޒާބުކަމެވެ. ސޫރަތުގެ މިފުރިހަމަ އިންތިޒާމުން އަންގައިދެނީ ސޫރަތުގެ އެއްބައި އަނެއްބަޔާއި ގުޅިލާމެހޭގޮތުގެ ފުރިހަމަކަމެވެ.

ސޫރަތުގެ އެންމެ ފުރަތަމަ ބައިގެ ފަހުބައި ފައްޓަވަނީ ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކުގެ އުފާވެރި ޚަބަރުންނެވެ. ސުވަރުގެއަކީ ތަޤުވާވެރިންގެ ދާއިމީ ގޯތިކަމުގައި ހަނދާންކޮށްދެއްވައެވެ. ﷲ ގެ ދީނަކީ އަބަދުވެސް އިސްލާމް ދީންކަން ބަޔާންކުރައްވައެވެ. އެކި ފަހަރު އެކިގޮތަށް މީހުން ދީން ބަދަލު ކުރަނީކަން ހާމަކޮށްދެއްވައެވެ. އެއަށްފަހު ރަސޫލު ﷲ އަށް އަންގަވަނީ މީސްތަކުންނާއި ހަމައަށް ވަޑައިގަތުމަށެވެ. ކެތްތެރިކަމުގެ މުހިންމުކަންވެސް ﷲ އަންގަވައެވެ. ދެން ސޫރަތުގެ އެންމެ ފަހު ބައިގެ ތިންވަނަބައި ފައްޓަވަމުން ﷲ އަންގަވަނީ ސުވަރުގެއަކީ ތަޤުވާވެރިންގެ ތަނެއްކަމުގައެވެ. އަދި ފޮތުގެ އަހުލުވެރިންގެތެރެއިން ބައެއް މީހުންނަށްވެސް ސުވަރުގެ ހުރިކަމުގެ ވާހަކައެވެ. އެއީ އެމީހުން ﷲ ގެ އާޔަތްތައް ބަދަލުނުކުރިކަމަށްޓަކައެވެ. ފުރަތަމަ ބައިގެ ނިންމަވަމުންވެސް ﷲ އަންގަވަނީ ޖިހާދާއި ދީނުގެ ދައުވަތު ފުޅާކުރެއްވުމަށް އިތުރު ގޮތްތައް ހޯއްދެވުމަށެވެ. އަދި ކެތްތެރިކަމަށްވެސް އިޝާރާތްކުރައްވައެވެ.

އާލު ޢިމްރާނު ސޫރަތުގެ ދެވަނަ ބައިގެ މައުޟޫއުއަކީ ފޮތުގެ އަހުލުވެރިންނެވެ. ސޫރަތުގެ ހަތަރުވަނަ ބައިގެ މައުޟޫއުއަކީ އިސްލާމް ދީނެވެ. ދެވަނަ ބައިގެ ފުރަތަމަ ބައިގައި ﷲ ގެ ފޮތްތައް ބަދަލުކުރި މީހުން ﷲ ކުށްވެރިކުރައްވައެވެ. އެމީހުން ހީކުރީ ނަރަކައިގެ އަލިފާނުގައި އެމީހުން ތިބެންޖެހޭނީ ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ. ފޮތުގެ އަހުލުވެރިން އަމާޒުވާ މައިގަނޑު ދެބަޔަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. އަދި ދެވަނަ ބައިގެ އެންމެ ފަހުބައިގައި ފޮތުގެ އަހުލުވެރިންނަށް ﷲ އަމާޒުކުރައްވާ ސުވާލަކީ އެމީހުން ﷲ ގެ ފޮތަށް ފުރަގަސްދިން ސަބަބެވެ. އެއަށްފަހު ﷲ އެމީހުންނަށް އަންގަވަނީ އެނބުރި އިސްލާމް ދީނަށް އައުމަށެވެ.

ދެވަނަބައިގެ މެދު ބައިގައި ﷲ ފާހަގަކުރައްވަނީ އެއިލާހު ރުއްސުންލެއްވި ބޭކަލުންގެ ވާހަކައެވެ. އާދަމް ޢަލައިހި ސަލާމުން ފެށިގެން ނޫޙާއި އިބުރާހީމާއި ޢިމްރާނުގެފާނުގެ އާޢިލާގެ ވާހަކައެވެ. މިއިން އަންގައިދެނީ އިންސާނުން މާތްކުރެއްވިކަމާއި އެމީހުންގެ ތެރެއިން ނަބިއްޔުންނާއި ރަސޫލުން އިތުރަށް މާތްކުރެއްވިކަމެވެ. އަދި އެހުރިހައި ބޭކަލުންނަކީ އެއް އާއިލާއެއްކަމެވެ. ދެން ޢިމްރާންގެ އަނބިކަނބަލުންނާއި މަރިޔަމްގެފާނާއި ޒަކަރިއްޔާގެފާނާއި ޔަހުޔާގެފާނާއި ޢީސާގެފާނުގެ ވާހަކަ ބަޔާންކުރައްވައެވެ. ޢީސާގެފާނުގެ ވާހަކައިގެ މައިގަނޑަކީ އެކަލޭގެފާނުގެ ޖިހާދެވެ. ޚާއްސަކޮށް އެކަލޭގެފާނުގެ ޤައުމު ބަނޫ އިސްރާއިލާ ދެކޮޅަށް ކުރައްވަންޖެހިވަޑައިގަތް މަސައްކަތްޕުޅެވެ. އަނެއްކޮޅުން ޤައުމުން ބޭރުގެ ދުޝްމަނުންކަމުގައިވި ރޫމީންނާވެސް އެކަލޭގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ޚުލާސާކޮށް ބަޔާންކުރާނަމަ މިބައިން ﷲ ދެއްވަނީ ތާރީޚީ ފިލާވަޅުތަކެވެ. ޔަހޫދީންނާއި ނަޞާރާއިން އަދި މުސްލިމުންވެސް ހޭއަރަންޖެހޭފަދަ ވަރުގަދަ ފިލާވަޅުތަކެވެ. ޔަހޫދީންނަށް މިއަންގަވަނީ އެމީހުން ޢީސާގެފާނާމެދު ކަންތައް ކުރެއްވިފަދައިން ރަސޫލުﷲ އާމެދުވެސް ކަންކުރާ ވާހަކައެވެ.

ހަތަރުވަނަ ބައި ޚާއްސަ ކުރައްވާފައިވަނީ އިސްލާމް ދީނަށް ނުވަތަ އިސްލާމްކަމަށެވެ. ހަތަރުވަނަ ބައިގެ ފުރަތަމަ ބައިގައި ﷲ އަންގަވަނީ ރަނގަޅުނޫން ނުވަތަ ފޭކް ރަހުމަތްތެރިން ނުހޯދުމަށެވެ. އަދި ކާފިރުވި މީހުންނަށް މުސްލިމުންގެ މައްޗަށް ކާމިޔާބު ނުލިބޭނެކަން އަންގަވައެވެ. މުސްލިމުން ތަޤުވާވެރިވެ ކެތްތެރިވުމުން ކާފިރުވި މީހުންގެ މައްޗަށް ކާމިޔާބު ހޯދޭނެކަން އަންގަވައެވެ.

ހަތަރުވަނަ ބައިގެ މެދު ބައިގައި ﷲ ބަޔާންކުރައްވަނީ އުހުދު ހަނގުރާމައިގެ ވާހަކަތަކެވެ. ހަނގުރާމައިގެ ވާހަކަތައް ސަރީޙަކޮށް ބަޔާންކޮށްދެއްވައެވެ. މިވާހަކަތަކުން ލިބިދޭ ފިލާވަޅުތަކާއި ދެވަނަ ބައިން ލިބިދޭ ފިލާވަޅުތަކާއި ތަފާތު ގޮތްގޮތަށް ގުޅެއެވެ. ތަހުލީލީ އަދި ވަޒަންކުރުމުގެ ބުއްދިއަކުން ވިސްނާލުމުން ލިބޭ ފިލާވަޅުތައް ގިނައެވެ. މުސްލިމުން ﷲ ގެ މަގުގައި ސާބިތުވެ ތިބެއްޖެނަމަ އެމީހުންނަށް ނަސްރުދެއްވާނެކަން އެނގިދެއެވެ. އުހުދުގެ ވާހަކައިން ލިބޭ އިތުރު ފިލާވަޅުތައް ގިނައެވެ. ޢީސާގެފާނުގެ ޖިހާދާއި ރަސޫލުﷲ ގެ ޖިހާދާއި ހުރި ގުޅުމެވެ. ދެވަނަބައިގެ މެދުބައިގައި ޢީސާގެފާނު ގަތުލުކުރަން ޔަހޫދީން ނިކުތެވެ. އުހުދުގައި ދުޝްމަނުން ނިކުތީ ރަސޫލުﷲ ގެފާނު ގަތުލުކުރާށެވެ. މިއީ ދެވަނަ ބައިގެ މެދުބައިގެ ވާހަކައަށް އިތުރުވި ބޮޅެކެވެ. ދެބޭކަލުންގެވެސް މެސެޖަކީ އެއް މެސެޖެކެވެ. އެއީ ތައުހީދާއި ﷲ ގެ ވަޙީ ބަސްފުޅާއި އެއިލާހަށް އެކަނި އަޅުކަންކުރުމެވެ.

ހަތަރުވަނަ ބައިގެ ފަހު ބައިގައި ﷲ އަންގަވަނީ ކާފިރުވި މީހުން ކުފުރުގައި ހޯދާ ކުރިއެރުންތައް ފެނި އެކަމާ ކަންބޮޑުނުވުމަށެވެ. އަދި މުނާފިގުންނަށް އިންޒާރުކުރައްވައި ފޮތުގެ އަހުލުވެރިންގެތެރެއިން އެންމެ ނުބައި މީހުންނަކީ އެމީހުންކަން އަންގަވައެވެ.

ސޫރަތުގެ ތިންވަނަ ބައި ނުވަތަ ސޫރަތުގެ މެދުބައިން ލިބިދޭ ފިލާވަޅުތައް ވަކިން ކުޑައެއްނޫނެވެ. ތިންވަނަ ބައިގެ ފުރަތަމަ ވާހަކައަކީ ތަޤުވާއެވެ. މުސްލިމުންގެ ގޮތުގައި މެނުވީ މަރުވެނުދިއުމަށް އަންގަވައެވެ. އަދި ﷲ ގެ ފޮތުގައި ހިފެހެއްޓުމަށް ހަނދާންކޮށްދެއްވައެވެ. ތިންވަނަ ބައިގެ މެދުގައި އަންގަވަނީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރާ އުއްމަތެއްގެ ގޮތުގައި މުސްލިމް އުއްމަތް ލެއްވި ވާހަކައެވެ. މުޅި އިންސާނިއްޔަތުގެ މަންފަޢުއަށްޓަކައި މުސްލިމް އުއްމަތްލެއްވިކަން އަންގަވައެވެ.

ނޯޓް: މިލިއުން ބިނާކޮށްފައިވަނީ މުފައްސިރު ނުޢުމާން ޢަލީ ޚާންގެ ތަފުސީރަށާއި ޢަބުދުލްޢަލާ މަޢުދޫދީގެ ތަފުސީރަށެވެ.

+1
0
+1
3
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް