ޖުވޭރިޔާ ވަޖުދީ (ޖުވޭ) އަކީ ކެއްކުމުގެ ދާއިރާގައި އެފަދަ ދެވަނައެއް ނެތް ކަނބަލެކެވެ. ތަފާތު ހުނަރުތަކެއް ލިބިފައިވާ އަދި އެހުނަރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަމުންދާ ޖުވޭ އާއި އަޅުގަނޑު އެންމެފުރަތަމަ ދިމާވީ މީގެ ވިހި އަހަރު ކުރިން ސްކޫލެއްގައި ބޭއްވި ކާބޯތަކެތީގެ މައުރަޒަކުންނެވެ.
ޖުވޭރިޔާ ވަޖުދީ
އައްޑޫސިޓީ މަރަދޫ އަށް އުފަން ޖުވޭ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރަން ފެށީ 1980ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ މިދާއިރާއަށް ވަދެވުނީ ކިހިނެއްތޯ ސުވާލުކުރުމުން ޖުވޭ ބުނީ މަންމަމެން ކައްކާތަން ފެނިގެން ފެށުނުކަމެއް ކަމަށެވެ. "މަންމަމެން ކައްކާ އުޅޭލެއް އުދަގޫ ކަމުން ކެއްކުމަށް ފަސޭހަގޮތެއް ހޯދުމަށް އަމިއްލައަށް ކާއެއްޗެހި ތައްޔާރުކުރާނީއޭ ހިތައް އަރާފަ އަމިއްލައަށް ކައްކަން ފެށުނީ. ޕިކްނިކް ދާއިރު ތަފާތު އެއްޗެހި ކައްކަން އެއިރު. އެހެންގޮއްސަ ކެއްކުމުގެތެރެއަށް ރަނގަޅަށް ވަދެވުނީ"
ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ޖުވޭ ވަނީ ފުރިހަމަކޮށްފައެވެ. މީގެތެރޭގައި ސްރީލަންކާއިން ފުރިހަމަކުރި ހޮޓެލް ސްކޫލް ޕްރޮގްރާމް ފާހަގަ ކުރެވެއެވެ.
'ޖުވޭސްކުކަރީ' ނަމުގައި ރަޖިސްޓްރީކޮށް 1997ވަނަ އަހަރުން ފެށިގެން ކްލާސްތައް ނަގައިދެމުން ގެންދާ ޖުވޭ މިހާތަނަށް ވަނީ ރާއްޖޭގެ 42 ރަށަކަށް ދަތުރުކޮށް 18000 އަށްވުރެ ގިނަމީހުން ތަމްރީން ކޮށްފައެވެ. ރާއްޖޭގެ އިތުރުން އެކި ޤައުމުތަކުގައި ކެއްކުމާއިގުޅޭ ކްލާސްތައް ޖުވޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިނަ ކްލާސްތައް ކުރިއަށް ގެންދިޔައީ ހިލޭ ސާބަހަށެވެ. 'ޖުވޭދައްތަގެ ކުޑަކައްކާ' ނަމުގައި ސްކޫލްތަކުގައި ޚާއްސަ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ޖުވޭ އަށް ލިބޭ އެންމެބޮޑު އުފަލަކީ ޖުވޭކައިރިން ތަމްރީނުވި ބައެއް މީހުން އަމިއްލަ ވިޔަފާރި ފަށައިގެން ކުރިއަށްދާ މަންޒަރު ފެނުމެވެ.
ކެއްކުމުގެ ދާއިރާއިން ތައްޔާރުކޮށްފައިވާ ފޮތްތައް
މިހާތަނަށް ކެއްކުމުގެ ދާއިރާގެ 175 ފޮތް ޖުވޭ ވަނީ އަމިއްލައަށް ލިޔެ އާންމުންނަށް ލިބޭނެ ގޮތަށް ޗާޕުކޮށްގެން ނެރެފައެވެ. މިފޮތްތަކުގައި 7000 ރެސިޕީ ހިމެނޭއިރު އޭގެތެރެއިން 3800 ރެސިޕީއަކީ ޖުވޭގެ އަމިއްލަ އުފެއްދުންތަކެވެ. ބާކީހުރި ބައެއް ރެސިޕީތަކަކީ ތަރުޖަމާކޮށްފައި ހުރި ރެސިޕީތަކެވެ.
ތަފާތު ދާއިރާތަކުގެ ރެސިޕީތަކަށް މިފޮތްތައް ޚާއްސަކޮށްފައިވާއިރު އޭގެތެރޭގައި އާންމުކޮށް ކާން ބޭނުންކުރާ ބާވަތްތަކުގެ ރެސިޕީތަކުގެ އިތުރަށް ސިއްޙީ އަދި ކުޑަކުދިންނާއި ގުޅުންހުރި ރެސިޕީތައް ހިމެނެއެވެ. ޖުވޭގެ އެންމެ ފާހަގަކުރެވޭ ފޮތްތަކުގެތެރޭގައި ބަކުން ބަކުން، ސިއްޙީ ކާނާ، ރޯދައިގެ ކާނާ، ތަފާތު ކާނާ ފަދަ ފޮތްތައް ހިމެނެއެވެ.
އަތްތެރި މަސައްކަތްތައް
ޖުވޭ ދަނީ އަތްތެރި މަސައްކަތް ދަސްކޮށްދިނުމުގެ ކްލާސްތައް ހިންގަމުންނެވެ. މީގެތެރޭގައި ވިޔުމުގެ މަސައްކަތް، ރިބަން އަދި ބްރެޒިލިއަން އެމްބްރޮއިޑަރީގެ އިތުރަށް ތަފާތު މެޓީރިއަލް ބޭނުންކޮށްގެން މާހަދަން ދަސްކޮށްދިނުން ފަދަ ކްލާސްތައް ކުރިއަށްގެންދިޔައިރު 1000ވަރަކަށް މީހުން ވަނީ ތަމްރީންކޮށްދީފަ އެވެ. ސްކޫލްތަކުގައިވެސް މި ކްލާސްތައް ކުރިއަށްގެންދާއިރު 14 ބާވަތެއްގެ އަތްތެރި މަސައްކަތް ދައްކުވައިދޭ ފޮތެއް ޗާޕުކޮށްފައިވެއެވެ. ޖުވޭ އަކީ ވަރަށް ރީއްޗަށް ކޭކުވެސް އަޅައިދޭމީހެކެވެ.
ޖުވޭގެ ވިޔަފާރިތައް
'ޖުވޭސް ކުކަރީގެ' ދަށުން ފުޑް އެންޑް ކޭޓަރީގެ ވިޔަފާރި މެދުކެޑުމެއްނެތި މިއަދާއި ހަމައަށް ދަނީ ހިންގަމުންނެވެ. 'ޖުވޭސް ކިޗަން' ނަމުގައި ޑެލިވަރީ އެންޑް ޓޭކްއަވޭ ތަނެއް ވަރަށްފަހުން ވަނީ ހުޅުވާފައެވެ.
ލިޔުންތެރިކަމާއި ހުށަހެޅުންތެރިކަން
ޖުވޭ ގެންދަނީ ފޭސްބުކްގައި 'ކާލަމާ ކާލަމާ' އަދި 'ހައްވާގެ ތެލިފޯން' ނަމުގައި ޚާއްސަ 2 ޕޭޖެއް ހިންގަމުންނެވެ.
" ކާލަމާ ކާލަމާ ގައި ހިމެނޭނީ ކުޑަކުދިންގެ ވާހަކަތައް. މިނަމުގައި 12 ފޮތް ނެރެފައިވާއިރު ޖުމްލަ 62 ވާހަކަ ހިމެނޭނެ. ތަރުކާރީ އާއި މޭވާ އަކީ ކުޑަކުދިންގެ ކެއުމުގައި ކޮންމެހެން ހިމަނަންޖެހޭ އެއްޗެއްކަން ބުނެދީ ރަނގަޅު މެސެޖެއް ކުޑަކުދިންނަށް ފޯރުކޮށްދޭން ތައްޔާރުކުރި ފޮތްތަކެއް އެއީ. އެވާހަކަތައް ފަސޭހައިން ލިބޭނެގޮތެއް ހެދުމަށް ފޭސްބުކް ޕޭޖެއް ކާލަމާ ކާލަމާ ނަމުގައި ހިންގަން ފެށީ. ކުޑަކުދިން ޝައުގުވެރިވާ ކުރެހުންތައް ހިމެނޭނެ އެވާހަކަތަކުގައި"
ހައްވާގެ ތެލިފޯން ނަމުގައި ފޮތެއް ޗާޕުކޮށް އަދި ފޭސްބުކް ޕޭޖެއް ހިންގާތީ އެއީ ކިހިނެއް ކިޔުނު ނަމެއްތޯ އެހުމުން ޖުވޭ ހެވިލާފަ ބުނީ "ހައްވާ އަކީ ވަރަށް މުރާލި އައްޑޫގައި އުޅުނު މީހެއް. އެމީހާއަށް ބަލާފަ ތައްޔާރުކުރި އެއްޗެއް ހައްވާގެ ތެލިފޯނަކީ. ފުލޯކު ޚަބަރު އޭގަ ހިމެނޭނީ" މިގޮތަށެވެ.
ކޮންމެ ރަމަޟާން މަހެއްގައިވެސް ކޮންމެވެސް އެއް ޓީވީއެއްގެ ޕްރޮގްރާމްތައް ނުވަތަ ރޭޑިއޯ ޕްރޮގްރާމްތަކުން ޖުވޭގެ ޚާއްސަ ޕްރޮގްރާމްތައް ދަނީ ފެނި އަޑުއިވެމުންނެވެ. ވަރަށް ކުރާހިތުން ޖުވޭ ކުރާ މިމަސައްކަތަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތެކެވެ.
ނޫސްތަކަށް ތަފާތު ރެސިޕީތައް ލިޔެފައިވާ ޖުވޭގެ ޚާއްސަ ރެސިޕީތައް ކުރިއަށް އޮތްތާގައި ޒީޓައިމްސް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލިބިފައިވާ އެވޯޑުތައް
ޖުވޭ އަށް ވަނީ ތަފާތު ދާއިރާތަކުން އެވޯޑުތައް ލިބިފައެވެ. އޭގެތެރެއިން ބައެއް އެވޯޑުތައް ފާހަގަކޮށްލާނަމެވެ. ޤައުމީ ފެންވަރެއްގައި ދިވެހިރާއްޖެއިން ލިބިފަހުރި އެވޯޑުތަކަށް ބަލާއިރު ކެއްކުމުގެ ހުނަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމު އަދި ކުޑަކުދިންނަށް ޚާއްސަ ފޮތް ލިޔުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު 2 ފަހަރު ލިބިފައިވެއެވެ.
ރެހެންދި އެވޯޑުގެ އިތުރަށް ބެސްޓް ވިމެން ޝެފް އެވޯޑާއި، ބެސްޓް ބިޒިނަސް އެވޯޑު ފަދަ އެވޯޑުތައް ވަނީ ލިބިފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގަ ލިބިފަހުރި ބައެއް އެވޯޑުތަކަށް ބަލާއިރު ސީނިއަރ ފެލޯ އޮފް ރޯޔަލް އިންސްޓިޓިއުޓް އޮފް މާސްޓަރ ޝެފް (ސިންގަޕޯރ) އަދި ބެސްޓް ހެލްޕްފުލް ލޭޑީ އެވޯޑު ވަނީ ލިބިފައެވެ.
ޖުވޭގެ ރެސިޕީތަކަށް ދީފައިވާ ނަންތައް
'ޖުވޭސް ރެސިޕްސް' ނަމުގައި ފޭސްބުކްގައި ޖުވޭ ހިންގާ ޕޭޖުގައި ހިއްސާކުރަމުންދާ ރެސިޕީތަކަށް ބައެއް ފަހަރަށް ވަރަށް މަޖާ ނަންތައް ދީފަ ހުންނަތަން ފެނެއެވެ. މީގެތެރޭގައި 'މުގު ފަތަރާސް' އާއި 'ބަރަބޯ ބީފާނު' ނުވަތަ ކޮންމެވެސް ހަސަން ތައްޚާނަކާ ގުޅުވައިގެން ދީފަ ހުންނަ ނަންތައް ފާހަގަކުރެވެއެވެ.
މިނަންތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ޖޯކު ޖެހި މީހުންނަށް އެއިރު ޖުވޭ ރައްދު ދިނީ ލަވައަކުންނެވެ.
" ރެސިޕީ އަކީ ގަހެއްގައި
އަޅާ އެއްޗެއް ނޫނޭ ހަމަތެދެކޭ
ރެސިޕީ އަކީ ބިން ކޮނެފަ
ނަގާ އެއްޗެއް ނޫނޭ ހަމަތެދެކޭ"
ރެސިޕީއަށް ދީފައިވާ ނަންތަކާއި ގުޅޭގޮތުން ސުވާލު ކޮށްލުމުން ޖުވޭ ބުނީ "އެއީ ދުނިޔޭގެ ކޮންމެވެސް ހިސާބެއްގެ އިންސާނެއް ތައްޔާރުކޮށްފަ ހުންނަ އެއްޗެއް. މިގޮތަށް ބަލާފަ ޖުވޭއަށް ރީތި ނަމެއް ކިޔާލަނީ. އެހެން ބަލާއިރު ހުރޭ ނޫންތޯ ސަބްމެރިން ހޮޓްޑޯގް، ލަންބާޑާ.. އެއީ ކޮންމެވެސް ލަވައަކަށް ކަމެއް މީހަކަށް ކަންނޭނގޭ ކިޔާ ނަމެއް. ޖުވޭ އަށް ޖޯކުޖަހާ ކުދިން އެގޮތަށް ޖޯކު ޖަހަނީ ނުވިސްނޭތީ ކަމަށް ޤަބޫލުކުރަނީ" މަޖާ މިޒާޖެއްގެ ޖުވޭ ހެމުން ހެމުން ބުންޏެވެ.
އަމިއްލަ ދިރިއުޅުން
ތަފާތު ޖަމްއިއްޔާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖުވޭގެ އެއްބަނޑު އެއްބަފާ 12 ކުދިން ތިބެއެވެ. އެއްމާބަނޑު ދެކުދިންނާއިއެކު ޖުވޭގެ ތިބެނީ 4 ކުދިންނެވެ. ޤަވާއިދުން ކަސްރަތުކޮށް ޔޯގާ ކުރިއަށް ގެންދެއެވެ.
ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޚާއްސަ ސަމާލުކަމެއްދޭ ޖުވޭ މުނިފޫހިފިލުވުމަށް ކުރަނީ ކޮންކަމެއް ކަން އެނގޭހެއްޔެވެ؟
" ޕިއާނޯ ކުޅެން. ކްލާހަކަށް ގޮސްގެން ދަސްކުރީ. ރޭގަނޑު ހިތްހަމަޖައްސާލަން އެކި ރާގުތަކަށް ކުޅެން" ޖުވޭ ބުންޏެވެ.
ރަށްރަށަށް ގޮއްސަ ކްލާސްތައް ކުރިއަށްގެންދާއިރު، ބައިވެރިވާ މީހުން ޖުވޭގެ އަމިއްލަ ރެސިޕީތައް ޖުވޭއަށް ކިޔައިދޭތީ ވަރަށް މަޖާ ކަމެއްގެގޮތުގައި ޖުވޭވަނީ ފާހަގަކޮށްފައެވެ. "ތުންތުންމަތިން އިވިގެން އެމީހުން އެކިޔައިދެނީ. ދެން ޖުވޭއަށް ވަރަށް މަޖާކަމެއް އެއީ" އަދި އާންމުންގެ ފަރާތުން ޖުވޭއަށް ލިބޭ އިތުބާރާއި ސަޕޯޓު ފެނުމުން ވަރަށް އުފާވާ ކަމަށް ބުނެ ޖުވޭ ވަނީ ޖުވޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.
އިންޓަވިއު ނިންމާލަމުން ޖުވޭ ދިން މެސެޖަކީ "އެނގޭ ރެސިޕީތައް ލިޔެ އެހެން މީހުންނަށް ބުނެދީ ހެދުމަކީ ލިބިފައިވާ ހުނަރު ކުރިއަރާނެކަމެއް. ހީވާގި ކަމާއިއެކު މަސައްކަތްކުރާށޭ. އަނެއްމީހާ ރެސިޕީ ހެދީމަ އެއަށް ޖޯކު ނުޖަހާ. އެއިރުން އަމިއްލަ އުފެއްދުންތައް ހެދޭނެ. މަސައްކަތް ދަސްކޮށްގެން އެހެން މީހުންނަށް ބަރޯސާނުވެ ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތް ކުރާށޭ" މިއެވެ.