އަސަރަކާއި އަދި ފޮނިކަމެއް
އެކި ބަސްބަހުން ހަމަ ފެނުނަކަސް
އަސަރުގަދަ އަދި އެންމެފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ
ދިވެހިބަހަކީ ދިވެހީންގެ މާދަރީ ބަހެވެ. މާދަރީ ބަސް ރައްކާތެރިކަމާއި އެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މިޒިންމާ އަދާކުރެވޭނީ ހުރިހާ ދިވެހީންގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގަ ފެންނަމުންދާ މަންޒަރަށް ބަލާއިރު ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ މީހުން މިދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. ޚާއްސަކޮށް ކުޑަކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންނަށް ދިވެހިބަހުން ރަނގަޅަށް ވާހަކަދެއްކުމަށް ދަތިވާކަން ފާހަގަކުރެވެއެވެ.
އިނގިރޭސި ބަހާއި ދިވެހި ބަސް އެއްކޮށްގެން ވާހަކަދެއްކުން މިވަނީ އާންމުވެފައެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކުރުމަކީ މައްސަލައެއް ނޫނެވެ. އެމީހަކު ބޭނުން ބަހަކުން ވާހަކަ ދައްކަން ދަސްކުރަންވީއެވެ. އެކަމަކު ދިވެހި ބަހުން ވާހަކަ ދައްކާއިރު އިނގިރޭސި ބަސް އެއްކޮށްގެން ވާހަކަ ނުދެއްކުން މުހިންމެވެ. ދިވެހިބަސް ދަސްކުރަން އަދި އަޅުގަނޑުމެން ޅަދަރީންނަށް ދަސްކޮށްދޭން މަސައްކަތްކުރަން ހިގާށެވެ. އެހެންނޫނީ އަލަށް އުފަންވާ ޖީލަށް ދިވެހިބަސް ފޯރުކޮށް ނުދެވިދާނެ އެވެ.
ދިވެހިބަހުގައިވެސް ތަފާތު ބަހުރުވަ ހިމެނެއެވެ. އެކި ރަށްރަށުގެ މީހުން ވާހަކަދައްކާ ބަހުރުވަ ތަފާތެވެ. ޚާއްސަކޮށް ލ. އަތޮޅު، ހުވަދުއަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ އިތުރުން ޅ.އަތޮޅު ރައްޔިތުންގެ ބަހުރުވައިގައި ވަރަށްބޮޑު ތަފާތެއް ހުރެއެވެ. ހުވަދުއަތޮޅުގައި ވެސް އެކިރަށްރަށުގެ މީހުން ވާހަކަދައްކާ ބަހުރުވަތަފާތެވެ.
ބައެއް ރަށްރަށުގެ މީހުން ވާހަކަދައްކާ ބަހުރުވަ
ދިވެހިބަސް | އާދެބަލަ |
ލ.އަތޮޅު | އަފޫބިލާ |
ގއ.އަތޮޅު | އާހެން |
ގދ.އަތޮޅު | އަހަފެލެ |
ޏ.އަތޮޅު | އާހޮލަ |
ސ.އަތޮޅު | އާއްސެލަ |
ޅ.އަތޮޅު | ބަހިބަލޭ |
2000ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ޔުނެސްކޯ އިން އިސްނަގައިގެން ފާހަގަކުރަމުންދާއިރު، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެބޮޑު ބޭނުމަކީ މާދަރީ ބަހުގެ މުހިންމުކަން އަންގައިދިނުމެވެ. އަދި މާދަރީ ބަސް ރައްކާތެރިކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށެވެ. ސްކޫލްތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށް އެދުވަހުގެ މުހިންމުކަން ކުޑަކުދިންނަށް ވިސްނައިދެމުން ދިއުމަކީ މާދަރީ ބަސް ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.