މާތްﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުން އެކަލާނގެ މުޢުޖިޒާތްތައް ދައްކަވައެވެ. އެ މުޢުޖިޒާތްތަކުން އިންސާނުން ޢިބްރަތް ލިބިގަތުމަށެވެ. އެކަލާނގެ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ކަން ބަޔާންކޮށް ދިނުމަށާއި، އަދި އެކަލާނގެ އަށް ހުރިހައި ކަމެއްގެ އާރާއި ބާރު ލިބިވޮޑިގެންވާކަން ބަޔާންކޮށްދިނުމަށެވެ. މި އާޔަތްތަކާއި މި ހެކިތަކުން ޢިބްރަތް ލިބިގަނެ އިންސާނުން އެކަލާނގެ އެއްކައުވަންތަކަން ދެނެގަތުމަށްޓަކައެވެ. އެއީ އެއްކައުވަންތަ އިލާހުކަން ޘާބިތުކޮށް ދިނުމަށެވެ. މި ހުރިހައި ހެކިތަކަކީ އިންސާނުންގެ މިންގަޑުން ބަލާނަމަ ވަރަށް އަޖައިބުކުރަނިވި ކަންތައްތަކެވެ. ނަމަވެސް، އެކަލާނގެއަށް އެ ކަންތައްތަކަކީ ދާދި ފަސޭހަ ކަމެކެވެ. މި ހެކިތަކުގެ ތެރެއިން ޅަފަތުގައި ވާހަކަ ދެއްކި 3 ކުޑަކުދިންގެ ވާހަކަ ވެއެވެ. މިތިން ކުދިންނަކީ؛
ޢީސާ عليه السلام
ޢީސާ ޢަލައިހިއް ސަލާމްއަކީ ބަނޫ އިސްރާޢީލުގެ ދަރިފަސްކޮޅުން ފޮނުއްވުނު ރަސޫލު ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ ބައްޕާފުޅަކާނުލައި، ހަމައެކަނި މަންމާ ފުޅެއްގެ ޒަރީއާއިންނެވެ. އެއީ މަރިޔަމްގެފާނެވެ. ޢީސާގެފާނަކީ އެކަލާނގެ ކަލިމަފުޅެވެ. މަރިޔަމްގެފާނާ ހަމައަށް ފޮނުއްވައި، އެކަލިމަފުޅު ލެއްވިއެވެ. އެއީ އެކަލާނގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެކެވެ.
ކީރިތި ޤުރްއާނުގައި މިކަން ބަޔާން ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ." ފަހެ، އެކަމަނާގެ ޤައުމުގެ މީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ މަރިޔަމްގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ. އޭ ހާރޫންގެ އުޚްތާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ. ފަހެ، އެކަމަނާ އެ ދަރިކަލުންނަށް އިޝާރާތް ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟ " އެހިނދު ޤައުމުގެ މީހުންނަށް އެކަލޭގެފާނު (ﷲ ގެ ކަރާމަތުން) ޖަވާބު ދެއްވި އެވެ. ވިދާޅުވިއެވެ. "ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ." ( سورة مريم ٢٧-٣٠)
ޖުރައިޖު ގެ އެކުވެރިޔާ
ޖުރައިޖަކީ އޭނާގެ އަޅުކަން ކުރާތަނުގައި، މީސްތަކުންނާއި އެކަހެރިވެ އަޅުކަންކޮށް އުޅުނު ރާހިބެކެވެ. ވަރަށް އަޅުވެރި ޞާލިހު ބޭކަލެކެވެ. އެކަލޭގެފާނުގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. އަދި ކަސްބީ އަންހެނަކު ވިހޭ ކުއްޖާއަކީ ޖުރައިޖުގެ ދަރިއެއްކަމަށް، އެ ކަސްބީ އަންހެންމީހާ ތުހުމަތު ކުރެއެވެ. އެ ތުހުމަތުން ބަރީޢަވުމަށްޓަކައި ޖުރައިޖު ވުޟޫކުރައްވާ ނަމާދުކޮށް އެ ކުޑަ ފިރިހެން ކުއްޖާގެ ބޮލުގައި ފިރުމާލާފައި އެކުއްޖާގެ ކައިރީ ބުންޏެވެ. ފަހެ ކޮއިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އެ ވާހަކަ ނުދެއްކޭ ކުއްޖާ (ﷲ ގެ ކަރާމަތުން) ޖަވާބު ދިނެވެ. ބަކަރި ހުއިހައްޕާ މީހާއެވެ. އެ ކުއްޖާ ބައްޕައަކީ ކާކުކަން އެ ޤައުމުގެ މީހުންނަށް ބަޔާންކޮށްދީ ހަޤީޤަތް ހާމަކޮށް ދިނުމުން ޖުރައިޖުގެ ބޮލުގައި އެޅިފައިވާ ތުހުމަތުން ބަރީޢަވެވަޑައިގަންނަވައެވެ. (بخاري ٣٤٣٦/ مسلم ٢٥٥٠)
ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅަން އުޅުނު އަންހެން މީހާގެ ކުޑަ ދަރިފުޅު
މޫސާގެފާނު ޒަމާނުގެ ފިރުޢައުނު ޤައުމުގެ މީހުންނަށް ބުންޏެވެ. ތިމަންނާއަކީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ކަލާނގެއެވެ. އަދި ފުރެދި ހައްދު ފަހަނައަޅައިފައިވާ މީހެއްކަމުގައި ފިރުޢައުނުވިޔެވެ. ހުރިހާ އެންމެން އޭނާއަށް އަޅުކަން ކުރުމަށް މަޖުބޫރު ކުރުވިއެވެ. އޭނާ ނޫން ފަރާތަކަށް އަޅުކަން ކުރާ މީހުންނަށް ބޮޑެތި އަދަބު ދީ އުޅުނެވެ. ނަމަވެސް، ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅަން އުޅުނު އަންހެން މީހާ، ﷲ އެއީ އެއްކައުވަންތަ އިލާހުކަމަށް އެކަމަނާ އެއްބަސްވިއެވެ. އެހިނދު ލޮއިން ހަދާފައިވާ ބޮޑު އެއްޗެއް ހޫނު ކުރުމަށް ފިރުޢައުނު އެންގިއެވެ. އެއަށްފަހު އެކަމަނާއާއި އެކަމަނާގެ ދަރިން ވެސް އޭގެ ތެރެއަށް އެއްލާލުމަށް އަމުރު ކުރިއެވެ. އެކަމަނާގެ އުރުގައިވާ ކިރުތުނބުން ނުވީއްލޭވަރުގެ ކުއްޖާ ބުންޏެވެ. އޭ މަންމާއެވެ! ކުރިއަށްދާށެވެ! ހަމަކަށަވަރުން ދުނިޔޭގެ އަޛާބު އާޚިރަތުގެ ޣަޛާބަށްވުރެ ލުއިވާނެއެވެ.
ރަސޫލާ صلى الله عليه وسلم އިސްރާ މިޢުރާޖަށް އަރާވަޑައިގެންނެވި ރޭގައި ވަރަށް މީރުވަހެއް ދުވާތީ އެކަމާ (ޖިބްރީލް ޢަލައިހިއް ސަލާމްއާ) ސުވާލު ކުރެއްވުމުން ވިދާޅުވެއެވެ. އެއީ ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅަން އުޅުނު އަންހެން ކަމަނާއާއި އޭނާގެ ދަރިންނެވެ. (މުސްނަދު އިމާމު އަޙްމަދު (1/ 309) ، އިބްނު މާޖާ (2903).