November 23, 2024 13:38
Advertisement

-Advertisement-

ޝިމްރާން

ހިތުގެ އޮޕަރޭޝަން އާއި ގުޅިގެން ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން!

ޅ.ކުރެންދޫ އަށް އުފަން ޠޫބާ އަޙްމަދު އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުޙައްމަދު ހަފީޒުއްރަޙްމާންގެ ދެވަނަ ދަރިފުޅު (އިބްރާހީމް ޝިމްރާން ރަޙްމާން) ސިޒޭރިއަން ހަދައިގެން ނެގީ ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި މިފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ.

ޠޫބާ އަޙްމަދު އަދި މުޙައްމަދު ހަފީޒުއްރަޙްމާން ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯއެއް

" ދުވަސްފުރާ ބޭބީ ނެގީ. ބޭބީ އެކޮޅުކޮޅުން އޮތީމަ ސިޒޭރިއަން ހެދީ. ކުރިން ގަވާއިދުން ޑޮކްޓަރަށް ދައްކާ ސްކޭންކުރަމުން ދިޔައީ، އެއްވެސް މައްސަލައެއް ހުރިކަމަކަށް ކުރިން ފާހަގަނުވޭ" ޒީޓައިމްސް އަށް މަޢުލޫމާތުދެމުން ޠޫބާ ކިޔައިދިނެވެ.

ޝިމްރާން އުފަންވުމަށްފަހު ކުޑަ އައިބުކަމެއް ހުރިކަން ފާހަގަވިއެވެ. މިގޮތުން ރޯއިރު ނުވަތަ ހީ ހަދާއިރު ތިރީ ތުންފަތް ކުޑަކޮށް އެއްފަރާތަކަށް ގޮއްސަ ހުންނަ ކަމަށާއި، އަދި އެއްކަންފަތުގައި އައިބުކަމެއް ހުރިކަމަށް ޠޫބާ ފާހަގަކުރިއެވެ. އެހެންނަމަވެސް މިކަންތައްތަކަކީ ދަރިފުޅު ބޮޑުވުމުން އޮޕަރޭޝަންކޮށްގެން ރަނގަޅު ކުރެވޭނެ ކަންތައްތައް ކަމަށް ޑޮކްޓަރާއި ހަވާލާދީ ވަނީ މަޢުލޫމާތުދީފަ އެވެ.

Advertisement

މިހާރު އުމުރުން އެންމެ 17 ދުވަހުގެ ޝިމްރާންގެ ސިއްޙީ ބޮޑު މައްސަލައެއް ހުރިކަން ފާހަގަވީ އުފަންވިތާ 4ވަނަ ދުވަހުގައެވެ. "އޮކްސިޖަން ލެވެލް ދަށްވާން ފެށީމަ ޑޮކްޓަރު ލަފާކުރީ ހިތުގެ މައްސަލައެއް ހުރި ކަމަށް. ވީއެންމެ އަވަހަކަށް މާލެ ގޮސް އައިޖީއެމްއެޗް ޑޮކްޓަރަށް ދައްކާފަ އެކޯ ޓެސްޓް ހަދަން ލަފާދިނީ. ހޮސްޕިޓަލުން ދޫކުރި ދުވަހު ރަށަށް ގޮއްސަ އަނެއްކާ އަނެއް ދުވަހު މާލެ އައީ. އައިޖީއެމްއެޗް ގަ އެކޯޓެސްޓް ހެދިއިރު އެގުނީ ހިތުގެ 3 މައްސަލައެއް ހުރިކަން. އެއީ ސާފު ލެއާއި ނުސާފު ލޭ އެއްވާގޮތަށް އިނީ. ހިތުގެ ވަރަށްބޮޑު 2 ލޯވަޅު އިން. އާންމުކޮށް ނާރުތައް ހުންނަ ގޮތް ނޫން އެހެން ގޮތަކަށް ހުރި ކަމަށް ޑޮކްޓަރު ފާހަގަކުރި" ޠޫބާ ކިޔައިދިނެވެ.

އޭޑީކޭ ހޮސްޕިޓަލުން ދީފައިވާ ލިޔުން

އައިޖީއެމްއެޗް ގަ އޮޕަރޭޝަން ކުރެވެން ނެތިގެން ޝިމްރާންގެ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކުރެވުނީ ފެބުރުއަރީ މަހުގެ 22ވަނަ ދުވަހުގައެވެ.

" އޮޕަރޭޝަންގެ ކުރިން ޑޮކްޓަރުބުނި ވަރަށް ރިސްކު ބޮޑު އޮޕަރޭޝަނެއް ކަމަށް. ކޮންމެފަދަ މައްސަލައެއްވެސް ދިމާވެދާނެ ކަމަށް. ވަރަށްބޮޑަށް ފަޅާފަކުރި އޮޕަރޭޝަން ރަނގަޅަށް ދިޔަ ކަމުގަވަނީ. އަދިވެސް ވެންޓިލޭޓަރުގަ އޮތީ. މިއަދު އެކޯ ޓެސްޓް ހަދާފަ ބުނީ ފުއްޕާމޭ އިންފެކްޓްވެފަ ހުރި ވާހަކަ. އަދި 4 ދުވަސް ފަހުންނޭ ބުނީ ސީދާ އެއްޗެއް ބުނަން އެގޭނީ" ހިތާމައާއިއެކު ޠޫބާ ފާހަގަކުރިއެވެ.

އޮޕަރޭޝަން ކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް

ލޯބިވާ ކުޑަ ދަރިފުޅުގެ އޮޕަރޭޝަނަކީ އޭޑީކޭގައި މިހާތަނަށް ކުރެވުނު މިފަދަ އެންމެ ކުޑަ ބޭބީއެއްގެ އޮޕަރޭޝަން ކަމަށް ޑޮކްޓަރާއި ހަވާލާދީ ޠޫބާ ވަނީ މަޢުލޫމާތުދީފައެވެ. އޭޑީކޭ ހޮސްޕިޓަލުން ދީފައިވާ ލިޔުމުގައިވާ ގޮތުން 30 ނުވަތަ 40 ވަރަކަށް ދުވަސް ހޮސްޕިޓަލުގައި މަޑުކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ޠޫބާ ފާހަގަކުރިގޮތުގައި މިވަގުތު މާލޭގައި ދިރިއުޅެމުންދަނީ ޢާއިލާ މީހެއްގެ ގޭގައެވެ. ކުރިން ރިސޯޓުގައި ވަޒީފާއަދާކުރި ޠޫބާގެ ފިރިމީހާގެ ވަޒީފާގެއްލި އަހަރެއްހާ ދުވަސް ފާއިތުވުމުން ޢާއިލާ އަށް މިވަގުތު ވަނީ އެހީތެރިކަން ބޭނުންވެފައެވެ.

" މިހާރު ފިރިމީހާއަށް ވަޒީފާ ހަމަޖެހިފައޮތީ. އެކަމަކު ބޭބީގެ އޮޕަރޭޝަންގެ ކަންތައްތައް ވަކިކޮޅެއްގަ ޖެހެންދެން މާލޭގަ އަޅުގަނޑު ކައިރީގަ ފިރިމީހާ މަޑުކޮށްގެންހުރީ. އޭޑީކޭގަ ކުރެވޭ އޮޕަރޭޝަންތަކަށް އާސަންދަ ކަވަރ ކުރަނީ ވަކިޕަސެންޓެއް. އެންސްޕާގެ އެހީއަކަށްވެސް އެދިފަވާނީ. އަދި ޖަވާބެއް ނުލިބޭ. ހޮސްޕިޓަލުން ބޭބީ ދޫކޮށްލާނެ ދުވަހެއް ނޭގޭ. އަދި ބިލަށް އަރާނެ ވަރެއްވެސް ނޭގޭތީއާއި އާމްދަނީ ލިބޭނެ އިތުރުގޮތެއް ނެތީމަ އެހީއަކަށް މިއެދެނީ"އެހީއަށް އެދެންޖެހުނުގޮތް ޠޫބާ ކިޔައިދިނެވެ. 

ޠޫބާ އާއި ފިރިމީހާގެ 5 އަހަރުގެ ދަރިފުޅު ހުރީ ރަށުގަ ޢާއިލާ މީހުން ކައިރީގައި ބަހައްޓާފައެވެ. މިވަގުތު މިޢާއިލާއަށް ބޭނުންވަނީ އާންމުންގެ ދީލަތި އެހީތެރިކަމާއި ހެޔޮދުޢާއެވެ.

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

+1
3
+1
0
+1
4
+1
2
+1
6
+1
4
+1
93

Advertisement

ގުޅުންހުރި ލިޔުންތައް