November 23, 2024 06:34
Advertisement

-Advertisement-

ހާދިސާ: ކަނޑަހަލަގަލާގެ އަންހެން ކުއްޖާ

ކުވައިތު ފަންޑުގެ އެހީގައި 1983ވަނަ އަހަރު ހިންގުނު ޕްރޮޖެކްޓެއްގެ ދަށުން ލ.އަތޮޅާއި ހުވަދުއަތޮޅު އުތުރާއި ދެކުނުގައި ތެޔޮތާނގިތަކެއް ބެހެއްޓުމުގެ މަސައްކަތް ބެލުމަށާއި، އައިސްޕްލާންޓެއް ބަހައްޓާނެ ބިން ހަމަޖެއްސުމަށް އެމް.އެސް.އެލް އިން ރޭވި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. 1983 އެޕްރީލް 09ވަނަ ދުވަހު އިރު އޮއްސުނު ވަގުތު އަޅުގަނޑުމެން ދަތުރުކުރި 'ސިންދުބާދު' ބަދަރުކުރީ ގދ.ކަނޑހަލަގަލާ ނަމަކަށް ކިޔާ ފަޅުރަށެއްގެ ބޭރުގައެވެ. މިއީ ގދ.އަތޮޅު ތެޔޮތާނގި ބަހައްޓަން ހަމަޖެހިފައިވާ ކުޑަ ފަޅުރަށެކެވެ.

އަޅުގަނޑުމެން އެރަށަށް ފޭބީ ސިންދުބާދުގައި އޮންނަ ކުޑަ ބޮއްކުރައެއްގައި އެދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. އަތިރިމަތީގައި ފުނަގަސްތައްގިނަ އެރަށުގެ އެއްގަމުގައި ތެޔޮތާނގި ބެހެއްޓުމުގެ މަސައްކަތްކުރާ މީހުން ދިރިއުޅެން ވަށައިގެން ޓިނު ޖަހާ ދޮރުގައި ސަތަރި ދަމާފައިހުރި އާދައިގެ ގެއެއް ހުއްޓެވެ. ޖަނަރޭޓަރުން ކަރަންޓު ދީ ބޮޑެތި ހޮޅިބުރިތަކުން ދިއްލާފައިހުރި މިގެ ކައިރީގައި ތެޔޮތާނގި ހެދުމުގެ މަސައްކަތް ކުރިއަށް ދެއެވެ. އަޅުގަނޑުމެން އެރަށަށް ފޭބުމާއެކު އެރަށުގައި ތިބި މީހުންގެ ފަރާތުން ލިބުނީ އެރަށަށް ފުރޭތައެއް އަރާ ޚަބަރެވެ.

އެމީހުން ބުނީ ރޭގަނޑު ޖަނެރޭޓަރ ނިއްވާލުމުން ރަށުތެރެއިން އަންހެން ކުއްޖަކު ފެންނަ ކަމަށާއި، ފެންނަނީ އެކުއްޖާގެ ބަނޑުން މަތި ކަމަށެވެ. މި ކުއްޖާ ފެންނަން ފެށުމާއެކު ވާންފެށި ގޮތަކީ ކައްކަން އުޅޭމީހާގެ ހެޔަށް ގޮތްވަނީއެވެ. މިކައްކާމީހާ ރޭގަނޑު މީހުން ނިދާފައި ތިބޭއިރު ގެއިން ނުކުމެގެން ވަލުތެރެއަށް ދާން އުޅެނީއެވެ. އޭނާ ދިޔަނުދީ ހިފެހެއްޓުމުން އެގޭގެ ބޭރުން މީހަކާއި ވާހަކަ ދައްކަނީއެވެ. "ކަލޭދާށޭ އަހަރެން މިދަނީ" މިކަހަލަ ގޮތަށެވެ. އެހެން އުޅުމަށްފަހު މީހުން ނިދުމުން ކައްކާމީހާ ނުކުމެގެން ދަނީއެވެ. އެއްރޭ މީހަކަށް ހޭލެވިގެން ކައްކާމީހާ ކޮބައިތޯ ބެލިއިރު ނެތުމުން ފާނޫޒެއް ހިފައިގެން ވަލުތެރެއާއި ގޮޑުދޮށް ހޯދާބެލުމުންވެސް ނުފެނިގެން އަންނަނިކޮށް ކައްކާމީހާ ފެނުނެވެ.

Advertisement

"'ކޮންތާކުންތަ ތިއަންނަނީ" މީހަކު އަހާލުމުން ޖަވާބުގައި ވަރަށްރީތި ފޭލިގެއެއްގައި އަރާމުގައި އޮއްވާ ނިދުނީ ކަމަށް ކައްކާމީހާ ބުންޏެވެ. އެހެން ބުނުމުން މިފޭލިގެ ހޯދަން ކައްކާމީހާ ގޮވައިގެންގޮސް ހޯދާހޯދާ އެފޭލިގެއެއް ނުފެނުނެވެ. މި ކައްކާމީހާ ގިނަވަގުތު ހުންނަނީ މީހަކާއި ވާހަކަ ނުދައްކާ ފާޑަކަށެވެ. މީނާ ހަމަ ބުއްދި އައުމާއެކު ކިޔަންފެށީ "މިރަށު އުޅޭ އަންހެންކުއްޖާ ބުނީ ތިމަންނަ ކަލޭމެންގެ އެކަކަށްވެސް ގޯނާ ނުކޮށް ހުއްޓާ ކަލޭމެންގެ ތެރެއިން އެކަކު ތިމަންނަގެ ގަޔަށް ކުޑަކަމު ދިޔައީ ކަމަށް". މި އުދަގޫކުރަނީ އެހެންވެގެން ކަމަށެވެ.

ކޮންމެއަކަސް މި ކައްކާ މީހާގެ މައްސަލަ ބޮޑުވުމުން އެންމެފަހުން އޭނާ ގދ.މާތޮޑާއަށް ފޮނުވާލެވުނެވެ. އަޅުގަޑުމެން ކަޑަހަލަގަލާ އަށް އެރޭ ފޭބި ބޭނުން ނިމި، ގާތްގަޑަކަށް ނުވައެއްޖަހާކަށްހާއިރު ބޯޓަށް އެރީއެވެ. އެރޭގެ ކެއުމަށްފަހު އެދުވަހު އެރަށު ފަރުމަތިން ހިފާފައިހުރި ކުދި މަސްތަކެއް އެމުގެ ގޮތުގައި ބުޅީގައިއަޅާ މަސްބާނަން ފެށީއެވެ. މަސްބާނަން ތިއްބާ ކަނޑަހަލަގަލާގައި ތިބި މީހުން ނިދަންވެގެން ޖަނަރޭޓަރ ނިއްވާލުމުން މުޅިރަށް އެކީ އަނދިރިވިއެވެ. ފާނޫޒެއްގެ އަލި ފިޔަވައި އިތުރު އަލިކަމެއް ފެންނަން ނެތްއިރު ދަންވަރު ހަމަހިމޭކަން ކަނޑުވާލީ ރަށުގެ ޖަނަރޭޓަރ ހިންގާލި އަޑަށެވެ.

އިރުކޮޅަކުން ނިވިދިއްލި ބޮކި ތަކެއް ފެންނަންފެށިއެވެ. ބޯޓުގައި ހުރި ރޭޑިއޯ ސެޓުން އެކި ތަންތަނަށް ގުޅަން އުޅެއުޅެ ނުއެއް ގުޅުނެވެ. ރަށުތެރެއިން އެކިއެކި ރާގުރާގަށް އެކިއަޑުތައް އިވެން ފެށުމުން ބިރުން ފިތްކަޑައިގެންދާވަރު ވިއެވެ. ބޯޓާއި ދިމާއަށް ގާތަކެއް އުކުމާއެކު ރަށުތެރެއިން ދުންމާރީގެ އަޑު އިވެންފެށިއެވެ. އެންމެފަހުން ހެނދުނުވުމުން ނިންމީ ގދ.މާތޮޑާއިން ފަންޑިތަވެރިއަކު ގެނެސް ފަންޑިތަހަދާށެވެ. 

ބޯޓުގައިތިބި އެންމެން ނިދުމުން ރަށުތެރެއިން ފީފާތަކެއްގައި ތަޅާއަޑު އިވެންފެށިއެވެ. ރޭޑިއޯސެޓް ހުވާލުމުން މީހަކު ވާހަކަ ދައްކާ އަޑު އިވުމުން އެއީ މާތޮޑާ ކަތީބުކަން އެގި ހުރިހާ ވާހަކައެއް ކިޔާދީ ފަންޑިތަވެރިއަކު ލައްވާ މިކަންތައް ރަނގަޅު ކޮށްދިނުމަށް އެދުނީމެވެ. "ތީޔައީ އެއްވެސް ކަމެއްނޫން. ތިކަންތައް ރަގަޅުކުރެވިދާނެ 100 ރުފިޔާ ދިނީމަ" ކަމަށް ކަތީބު ބުނެ ހެނދުނާ ފަންޑިތަވެރިއަކު ފޮނުވިއެވެ. މިފަންޑިތަވެރިޔާ އެރަށަށްގޮސް ތަކުބީރު ކިޔާއަޑާއި ބަންގީގެއަޑު ބޯޓުގެ ކުދިންނަށް އިވުނެވެ. ހެނދުނު ސިންދުބާދުގައި ފުރައިގެން ދިޔައީ ތިނަދު އަށެވެ. 3 ދުވަސް ފަހުން ޚަބަރު ބަލާލިއިރު ފަންޑިތަ ހެދުމުން އެރަށް އެކީ އަމާންވެއްޖެއެވެ.

ނޯޓް: މިއީ ނ.ތ ހަސަންދީދީ ގެ "ކުރީގެ ހުވަދުއަތޮޅު" އިން ނަގާފައިވާ ލިޔުމެކެވެ. މި ލިޔުން ވާނީ އަސްލު ނުގެއްލޭގޮތަށް ހުލާސާ ކުރެވިފައެވެ.

+1
3
+1
3
+1
3
+1
2
+1
21
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް