November 22, 2024 13:18
Advertisement

-Advertisement-

ޑރ.ލުޖައިން

ޑރ.ލުޖައިން: ޕީއެޗްޑީ އަށްފަހު ރާއްޖެ ވަޑައިގަތުމަށް ކެތްމަދުވެފަ!

ރާއްޖޭގައި ތަފާތު ދާއިރާތަކުން ޕީ.އެޗް.ޑީ ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ މާލެއަށް އުފަން ޑރ.ލުޖައިން އިސްމާޢީލް ޝަފީޤްއެވެ. މިފަހަރު ޒީޓައިމްސްގެ ފަރުދުން ކެޓަގަރީގައި ފީޗާރ ކޮށްލުމަށް ޑރ.ލުޖައިން އާއި އިންޓަވިއު ކުރިއިރު ހުންނެވީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަރސިޓީގެ އެކެޑެމިކް މަޤާމެއްގައެވެ.

ޑރ.ލުޖައިން ވިދާޅުވީ އޮސްޓްރޭލިއާގައި ހުންނެވި ނަމަވެސް ޤައުމީ ކަންކަމަށް އިސްކަން ދެއްވާ ކަމަށާއި، ރާއްޖެއިން ކަމެއްގައި އެދިއްޖެ ނަމަ އެކަމެއް ކޮށްދެއްވާ ކަމަށެވެ. އެގޮތުން ދާދިފަހުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އެދިގެން ޑިޖިޓަލް މީޑީއާ އާއި ގުޅޭ ލެކްޗަރއެއް އޮންލައިންކޮށް ނަންގަވައިދެއްވިއެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކުރިއަށްގެންދިޔަ "ހަރުކަށި ފިކުރާ، ހައްދުފަހަނައަޅާ ދިއުމާއި ގުޅޭގޮތުން މީޑިއާ ހޭލުންތެރިކޮށް ބާރު ވެރިކުރުވުން" މި ސެމިނާގައި އެކްސްޕާޓް ޕެނަލިސްޓެއްގެ ދައުރު އަދާކުރެއްވިއެވެ.

"ހަރުކަށި ފިކުރާ، ހައްދުފަހަނައަޅާ ދިއުމާއި ގުޅޭގޮތުން މީޑިއާ ހޭލުންތެރިކޮށް ބާރު ވެރިކުރުވުން" މިސެމިނާ ކުރިއަށް ގެންދިޔައިރު ނަގާފައިވާ ފޮޓޯއެއް

"ވަރަށް ފަހުން އޮންލައިން މީޑިއާ އާއި ބެހޭ އ.ދ.ގެ ޕްރޮޖެކްޓެއްގަ، އަދި ޔޫ.އެސް.އެއިޑް ގެ މީޑިއާ ލިޓްރަސީ ޕްރޮޖެކްޓަކަށް ޚިޔާލު ހިއްސާ ކުރިން. މޯލްޑިވްސް މީޑިއާ ކައުންސިލް އިން ލަފައަކަށް އެދުމުން އެބޭފުޅުންނާ ބައްދަލުކުރިން. ރާއްޖޭގެ މީޑިއާގެ ކަންތައްތައް ރަނގަޅު ކުރުމަށް އަޅުގަނޑަށް ވެވެންއޮތް އެހީއެއް ވާނަން" އޮސްޓްރޭލިއާގައި ހުންނެވި ނަމަވެސް ޤައުމަށް އިސްކަންދެއްވާ މިންވަރު ހާމަކުރައްވަމުން ޑރ.ލުޖައިން ވިދާޅުވިއެވެ.

Advertisement

ފީއެޗްޑީއާއި ހަމައަށް ވަޑައިގެންނެވިއިރު އެއް ދާއިރާއެއްގައި ހިފަހައްޓާލެވުނީ ކީއްވެ؟
"ވަރަށް ކުޑައިރުވެސް ނޫސްވެރިކަން ކުރުމަށް ޝައުގުހުރޭ. ހަނދާން ވަނީ އުމުރުން 8 އަހަރުގައި 1990ގެ ވޯލްޑް ކަޕް ދުވަސްވަރު އަޅުގަނޑު މަންމަ، އާއިލާ އެންމެންނަށް ހަވީރު ނޫހުގެ ލިޔުމެއް ކިޔުއްވާދެއްވި. އޭރު މެޗުތައް ބަލަން ދަންވަރު ހޭލާ އިންނަން. ވަރަށް މަޖާކޮށް ލިޔެފައިން އިނގިރޭސި އާޓިކަލެއް. އެންމެފަހު ޖުމްލަ އިނީ (ސްލީޕް އޮން އިޓް ޓްނައިޓް، ބިޓްވީން މެޗަސް) މިހެން. މި ޖުމްލަ އަޑުއަހާފަ އާއިލާ އެންމެނަށް ވަރަށް މަޖާވި. އެ މަޖާކަން އަޅުގަނޑަށް ވަރަށް ބޮޑު އިމްޕެކްޓަކަށްވި. ނޫހެއްގައި ލިޔެފައިވާ އެއްޗަކުން މީހުންނަށް މިކަހަލަ އުފާވެރިކަމެއް އަންނަންޏާ އަޅުގަނޑު ބޭނުންވި އެކަމުގައި އުޅެން" އޭރުން ފެށިގެން ނޫސްވެރިކަން ކުރުމަށް އޭނާ އަޒުމް ކަނޑައެޅުއްވިއެވެ.
"އޭރު ގްރޭޑް 3 ގައި. ދެން ފުރުސަތުލިބުނު ވަރަކުން މިކަމުގައި އުޅުނިން" ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް މީޑިއާ ދިޓީވީ-ދިއެފްއެމް ގައި މަސައްކަތް ކުރެއްވި ލުޖައިންއަށް ނޫސްވެރިކަން ހިޔާރު ކުރެއްވުނު ގޮތަކީ މިއީއެވެ.

ދިޓީވީގައި ޚަބަރު ވިދާޅުވަނީ

ޕީ.އެޗް.ޑީއަށް އޮސްޓްރޭލިއާއަށް ވަޑައިގެންނެވުމުގެ ކުރިން ޑރ.ލުޖައިން، އެމްއެންޔޫގެ ޖާނަލިޒަމް ޑިޕާޓްމެންޓް ގާއިމުކޮށް މި ޑިޕާޓްމަންޓް ހިންގެވުމުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިއެވެ. ޤައުމީ ޔުނިވަރސިޓީގައި އަލަށް ނޫސްވެރިކަމުގެ ޑިގްރީ ކޯސް ހިންގަންފެށި ހިސާބުން ފެށިގެން ރާއްޖޭގައި ފުރަތަ ޑިގްރީއަށް މުޅިން އަލަށް ޖާނަލިސްޓުން ތަމްރީން ކޮށްދެއްވި އެއް އެދުރެވެ. ޑރ.ލުޖައިން ރާއްޖޭގެ މީޑިއާ އާއި ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވިއެވެ. ސީ.އެން.އެމް. އާއި ޓީ.ވީ.އެމް އާއި ދިޓީވީގައި ޚަބަރު ތައްޔާރު ކުރުމާއި ނިއުސްރޫމްގެ އެކިއެކި ކަންކަން ބެލެހެއްޓެވުމާއި ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމް އުފެއްދެވުމުގައި އުޅުއްވިއެވެ.

އެމްއެންޔޫގައި ލުޖައިން ކިޔަވާދެއްވި އިރު އޭނާގެ ބައެއް ދަރިވަރުންނާ އެކު

މިވަގުތު އޮސްޓްރޭލިއާގެ ޔުނިވަރސީޓީ އޮފް ކްއީންސްލޭންޑްގައި ނޫސްވެރިން ބިނާކުރުމުގައިވެސް އަދި މި ޒަމާނާ އެއްގޮތަށް ނޫސްވެރިކަން ކުރިއެރުވުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ. މީހުން ތަމްރީން ކުރުން ނުވަތަ އެނގޭ އެއްޗެއް އެހެން މީހުންނަށް ބުނެދެއްވާ ކިޔަވާ ދެއްވުމަކީ އޭނާ ވަރަށް ލޯތްބާއި ޝައުޤުވެރިކަމާއެކު ކުރައްވާ ކަމެކެވެ.

"އަޅުގަނޑު ޕީ.އެޗް.ޑީ އަށް ކިޔަވަން އޮސްޓްރޭލިއާ އަށް އައިއިރު އަޒުމު ކަނޑައެޅިން އަނބުރާ ރާއްޖެއަށް ދާނީ ދަސްވެނިވެ ގްރެޖުއޭޝަން ނިންމާފައޭ. ދާން އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި. ނަމަވެސް ކޮވިޑާއި ހެދި އަދި ދެވޭގޮތެއް ނުވެގެން މިއުޅެނީ. މިހާރު 5 އަހަރަށްވުރެ ގިނަދުވަސްވެއްޖެ ރާއްޖެއަށް ނުދެވި. މަންމަ އާއި އާއިލާ މެންބަރުންނާއި އެކުވެރިން އޮންލައިން ޕްލެޓްފޯމްތަކުން ބައްދަލުވޭ." އާއިލީ ގުޅުން ކިހިނެތްތޯ އަހާލުމުން ޑރ. ލުޖައިން ފާހަގަކުރެއްވީ މިކަންކަމެވެ.

ލުޖައިން ވަރަށް ހަގު އުމުރެއްގައި މަންމަ އާއި އެކު

"ވަރަށް ބޮޑަށް ރާއްޖެއަށް ދާހިތުން މިހުރީ. ޤައުމަށް އަންނަ ބަދަލުތަށް އަމިއްލައަށް ތަޖުރިބާކޮށްލާހިތްވޭ. މިސާލަކަށް 2016 ގައި ތައާރަފުކުރި ދިވެހި ރުފިޔާގެ ނޫޓް އަދި ބޭނުން ނުކުރުން. ބްރިޖެއް ނުދެކެން. ރަސްފަންނު ނުދެކެން. ރާއްޖެގޮސް ދެކިލަން ބޭނުންވާ ތަންތަނާއި ދިމާވާން ބޭނުންވާ މީހުން ވަރަށް ގިނަ" މިއީ ޑރ.ލުޖައިން ރާއްޖެއަށް ވަޑައިގެންނެވުމަށް ކެތްމަދުވެފައި ހުންނެވި މިންވަރެވެ.

ދިރިއުޅުމުގައި އެންމެ ބޮޑު 'އިންސްޕިރޭޝަން' އަކީ މަންމަ އައިޝަތު ޢަލީދީދީ
ޑރ.ލުޖައިން އަކީ ހ.ޑައިމަންޑް ވިލާ އާއިޝަތު ޢަލީދީދީގެ ދަރިފުޅެކެވެ. 'ޑައިމަންޑެއް' ފަދައިން އޭނާގެ ދަރިފުޅު ތައުލީމީ ޤާބިލު މީހަކަށް ހެދުމުގައި އެ މަންމަގެ ދައުރު ވަރަށް ބޮޑެވެ. "މަންމަ އަކީ އަޅުގަނޑު ހަމައަކަށް އަޅުވާ މައިގަނޑު ފަރާތް. ބޯ ހާސްވެ ސްޓްރެސްވެ ހަދާނެ ގޮތް ހުސްވެގެންދާ ދަނޑިވަޅުތަކުގައިވެސް މަންމަ ދެއްވާ ލަފާ އެއީ ހަމަ އެންމެރަނގަޅު ހައްލު. ތައުލީމީ ހަޔާތުގަ އަދި ވަޒީފާއަށް ނިކުންފަހުން މަންމަ އަބަދުވެސް އެއްބާރުލުންދެއްވާނެ. ކަންތައްތައް ކުރަންވީ ގޮތް ސާފުކޮށްދެއްވާނެ" ޑރ.ލުޖައިން ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން އެއްބަނޑު އެއްބަފާ ދެ ދައްތަގެ ފަރާތުންވެސް ނުހަނު ގިނަ އެހީތެރިކަން ލިބޭކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ލުޖައިން އޭނާގެ މަންމަ އާއިޝަތު ދީދީ އާއި އެކު

ތަޢުލީމީ ހަޔާތުގައި ރާއްޖެއަށް ފަހުރުވެރި ވަނަތަކެއް ހޯއްދަވާދެއްވި
ޑރ.ލުޖައިންގެ ތަފާތަކީ މަތީ ތައުލީމުގެ މަރްހަލާތައް ފުރިހަމަކުރެއްވީ ނޫސްވެރިކަމުގެ ދާއިރާއިން، އަދި އޭނާ ހޯއްދެވި ހުރިހާ ފުރުސަތުތަކަކީވެސް ސްކޮލަރޝިޕްތަކުން ހޯއްދެވި ފުރުސަތުތަކެވެ.
ޑިޖިޓަލް މީޑިއާ އާއި ނޫސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ(ޕީ.އެޗް.ޑީ) 2020ގައި ހާސިލް ކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއީންސްލޭންޑް އިންނެވެ. އެއީ އޮސްޓްރޭލިއާ ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްގައެވެ. 2012ގައި ހުބަރޓް އެޗް ހަމްފްރީ ފެލޯޝިޕް ނޫސްވެރިކަމުގެ ދާއިރާއިން ފުރިހަމަ ކުރެއްވީ އެމެރިކާ ސަރުކާރުން ދެއްވި ފުލްބްރައިޓް ސްކޮލާރޝިޕެއްގައި އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގައެވެ. 2008ގައި ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ އިން މާސްޓަރ އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލް ކުރެއްވީ އިނގިރޭސިވިލާތުގެ ސަރުކާރުން ދެއްވި ޝެވެނިން ސްކޮލަރޝިޕެއްގައެވެ. ބެޗްލަރ އޮފް އާޓްސް އިން މާސް ކޮމިއުނިކޭޝަން 2004 ގައި ފުރިހަމަ ކުރެއްވީ ދިވެހި ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްގައި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީގައެވެ.

ރާއްޖެއަށް ރަންވަނަތައް ހޯދައިދިންކަމަށް މި ބުނަނީ ހާވަޑް ޔުނިވަރސިޓީން 2011 ގައި ބޭއްވި ވީޑިއޯ މުބާރާތަކަށް "ވަޓް އިސް ދަ ފިއުޗަރ އޮފް ނިއުސް" މި މައުޟޫއަށް ޑރ.ލުޖައިން ތައްޔާރުކުރެއްވި އެނިމޭޓެޑް ވީޑިއޯއަކަށް ރަން ވަނައެއް ލިބިފައިވާތީއެވެ. ނޫސްވެރިކަމުގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ އަދި ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވިއިރު މި ދެކޯހުން ވަނީ އެއްވަނަ ހޯއްދަވާފައެވެ. ޔުނިވަރސިޓީން ދެއްވި އިނާމުތަކުގެ އިތުރުން އެފަހަރު ދިވެހި ސަރުކާރުން ޑރ.ލުޖައިންއަށް މަތީ ދަރަޖަ ހޯދާ ޤައުމަށް ރީތިނަން ހޯއްދަވާދެއްވާ ފަރާތްތަކަށް ދެއްވާ ޙާއްސަ އިނާމް ދެއްވިއެވެ.

ދިވެހި ދައުލަތުން ދެއްވާ ޚާއްސަ އިނާމާއި ހަވާލުވެވަޑައިގަންނަވަނީ

ޑރ. ލުޖައިންއަކީ 1998 ގައި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 8 މާއްދާއިން ޑިސްޓިންކްޝަން ހާސިލް ކުރައްވައިގެން ރާއްޖޭގެ އެންމެ ގަދަ 10 ގައި ހިމެނުނު ދަރިވަރެކެވެ. 1998 ގައި މަޖީދިއްޔާ ސުކޫލުން އޯލެވެލް ނިންމަވާ، އޭރުގެ އެސް.އީ.ސީ (މިހާރުގެ ސީ.އެޗް.އެސް.އީ) އިން އޭ ލެވެލް ނިންމެވީ 2000ވަނަ އަހަރުގައެވެ.

ހުސްވަގުތު ހޭދަކުރައްވަނީ ކިހިނެއް؟
ޑރ.ލުޖައިން އަކީ ވަރަށް ގިނައިން ފޮތް ކިއުއްވާ ބޭފުޅެކެވެ. "ވާހަކަ ފޮތް ކިޔަން. ފެންޓަސީ ޖޯންރާ ބޮޑަށް ކިޔަނީ. އޮސްޓްރޭލިއާއަށް އައިފަހުން ހައިކް ކުރަން ވަރަށް ޝައުޤުވެރިވި. ކައިރީގައި ހުންނަ ފަރުބަދައަކަށް ކޮންމެ ހަފްތާއަކު އެރޭތޯ ބަލަން. ކުއީސްލޭންޑްގައި އުޅޭތީ ވަރަށް ގިނައިން ގޮނޑުދޮށްތަކަށް ދަން" މިއީ ވަޒީފާ އާއި ކިޔެވުމުގެ ބޭރުން ޑރ.ލުޖައިން ވަގުތު ހޭދަކުރައްވާ ގޮތެވެ.

+1
0
+1
4
+1
1
+1
8
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް