ހެޕީމާކެޓްގެ ސީއީއޯ އަދި އެމް.އެން.ޑީއެފް ކުރީގެ ކެޕްޓަން ޢަލީ އިހުސާނަކީ ހިންގުންތެރި ޒުވާން ސީއީއޯއެކެވެ. ހެޕީމާކެޓުން ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލުމުން އެކަން ޔަޤީންވެއެވެ. އަދި އިޖްތިމާއީ ކަންކަމާއި ޤައުމުގަ ހިނގާ މުހިންމު ކަންކަމުގައި އަމިއްލަ ޚިޔާލު ފާޅުކުރައްވާ ބޭފުޅެއްގެގޮތުގައި ފާހަގަކުރެވެއެވެ.
ޢަލީ އިހުސާން
އައްޑޫސިޓީ ފޭދޫ އަށް އުފަން 35 އަހަރުގެ އިހުސާން އެންމެފުރަތަމަ ތަޢުލީމް ހާސިލުކުރެއްވީ ފޭދޫ ސްކޫލުންނެވެ. އެސްކޫލުގެ ކެޕްޓަންކަން ކުރެއްވިއެވެ. އެއަށްފަހު ހިތަދޫ މުޙިއްބުއްދީން ސްކޫލުން ގުރޭޑު 10 ނިންމަވާލެއްވުމަށްފަހު އޭލެވެލް ހެއްދެވީ މާލޭގައި ހުންނަ ސީ.އެޗް.އެސް.އީ އިންނެވެ. ކިޔެވި ދުވަސްވަރު އިހުސާންއަކީ ފާހަގަކުރެވޭ ދަރިވަރެކެވެ.
ތަޢުލީމް
ސިންގަޕޫރުގެ ނަންޔަންގ ޓެކްނޮލޯޖިކަލް ޔުނިވަރސިޓީއިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓަރސް ފުރިހަމަކުރައްވާފައިވާ އިހުސާން ވަނީ ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ އިން ބެޗެލަރ އޮފް ސައިންސް އިން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބެޗެލަރ އޮފް ސައިންސް އިން ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީސް ފުރިހަމަ ކުރައްވާފައެވެ.
ލިބިވަޑައިގެންނެވި ކާމިޔާބީތައް
ޔޫއެސް މިލިޓަރީ އެކަޑަމީ އިން 'ޑިލިއަން ކްލިންޓަން މެމޯރިއަލް' އެވޯޑާއި، 'ހެންރީ އޯ ފްލިޕަރ' އެވޯޑު ލިބިވަޑައިގެންނެވި އެވެ. އަދި 'ޓެން އައުޓް ސްޓޭންޑިންގ ޔަންގ ޕީޕަލްސް އޮފް މޯލްޑިވްސް' އެވޯޑުގެ އިތުރަށް ޚިދުމަތުގެ އަގު ވަޒަންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ 'ޕްރެޒިޑެންޝަލް ކޮމެންޑޭޝަން ފޮރ އައުޓްސްޓޭންޑިންގ ސަރވިސް' ސެޓިފިކެޓް ލިބިވަޑައިގެންފައިވެއެވެ.
ޔޫއެސް މިލިޓަރީ އެކަޑަމީގެ 219 އަހަރުގެ ތާރީޚުގައި 4500 އެމެރިކާ ސިފައިންގެ ކޮމާންޑަރުކަން ކުރެއްވި ބޭރު ޤައުމެއްގެ ހަމައެކަނި ބޭފުޅަކީ އިހުސާން ކަމަށްވާއިރު މިއީ ލިބުނު ވަރަށްބޮޑު ކާމިޔާބެކެވެ. ކެޑޭޓު ކޮމާންޑަރުކަން ކުރެއްވިއިރު ވެސްޓްޕޮއިންޓަށް އެމެރިކާގެ އެއިރުގެ ރައީސް ބަރަކް އޮބާމާ ވަޑައިގެންނެވި ދުވަހު އޮބާމާގެ އަރިހުގައި އުޅުއްވުމުގެ ފުރުސަތު އިހުސާން އަށް ލިބިވަޑައިގެންނެވިއެވެ.
ވަޒީފާ
ސްކޫލް ނިންމަވާލެއްވުމަށްފަހު ވަޒީފާ އަދާނުކުރައްވާ އިހުސާން ހޭދަކުރެއްވީ އެންމެ 2 ދުވަސް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ގުރޭޑް 10 ނިންމެވުމަށްފަހު ފޭދޫ ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ގޮތުގައި ގުރޭޑު 6ގެ ކުދިންނަށް ކިޔަވައިދެއްވިއެވެ. "އެއިރު އުމުރުން 15 އަހަރު. އެއީ ފުރަތަމަ ވަޒީފާ. އޭލެވެލް ނިންމާފަ ޖެހިގެންއައި ދުވަހު ވަޒީފާ އަށް ނުކުތީ މެގަޗިޕް ކޮމްޕިއުޓަރސް އަށް އެއަށްފަހު އެމް.އެން.ޑީ.އެފް ވަޒީފާ އަށް ދިޔައީ" އިހުސާން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ހިދުމަތާއި ގުޅިވަޑައިގަތީ 2005ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. ސިފައިންގެ ވަޒީފާގައި ހުންނަވައިގެން އިހުސާން ވަނީ ޔޫއެސް އިން ޚާއްސަ ތަމްރީންތަކެއް ފުރިހަމަކުރައްވާފައެވެ. މީގެތެރޭގައި ޔޫއެސް މިލިޓަރީ އެކެޑަމީގައި 4 އަހަރުގެ ޕްރޮގްރާމަކާއި، ޔޫއެސް އާރމީ އެއަރބޯން ސްކޫލުގައި ހެއްދެވި "އެއަރބޯން" ކޯސް ފާހަގަކުރެވެއެވެ. އަދި ޔޫއެސް މެރިންކޯރގެ ކުއާންޓިކޯ ބޭސްގައި އޮފިސަރ ކޯސް ފުރިހަމަ ކުރެއްވިއެވެ. މިދުވަސްވަރު އިހުސާންވަނީ 'ޖާރމަން އާމްޑް ފޯސަސް ޕްރޮފިޝިއެންސީ ބެޖް' ގޯލްޑް ސްޓޭންޑަރޑްގައި ހާސިލުކުރައްވާފައެވެ. އަދި ޔޫއެސް މެރިންކޯރގެ "ރައިފަލް އެކްސްޕާރޓް" އަދި "ޕިސްޓަލް ޝާރޕްޝޫޓަރ" ބެޖް ވަނީ ހޯއްދަވާފައެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަތީ 2016ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ.
" ކައިވެނިކޮށްގެން 5 އަހަރުން ދަރިފުޅު ލިބުނީ. ރައީސްގެ ލޯންޗުކޮޅު ގޮވައިގެން ވަރަށް ހަލަބޮލި މާޙައުލެއް އެއިރުއޮތީ. ވަރަށްގިނަ ދުވަހު އާއިލާ ނުފެނިވެސް ދޭ. ވަރަށްބޮޑު ދުރުކަމެއް އަންނަމުން ދިޔައީ ދަރިފުޅާއި އާއިލާއާ. އެއީ ވަރަށް އުދަގޫ ކަމަކަށްވި. އަބަދުވެސް ބޭނުންވަނީ ޤައުމަށް ޚިދުމަތްކުރަން. އެހެންވީމަ ބޭނުންވީ އާއިލާ ކައިރީގަ އުޅެފަ ޤައުމަށް ޚިދުމަތްކުރެވޭނެ ގޮތަކަށް މަސައްކަތްކުރަން" ގިނަ ކާމިޔާބީތަކަކާއި އެކު ސިފައިންގެ ވަޒީފާގައި 11 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި ސަބަބު ވިދާޅުވިއެވެ.
ސިފައިންގެ ހިދުމަތަށްފަހު ހެޕީމާކެޓާއި ގުޅިވަޑައިގެންނެވި ގޮތަށް ދެމިހުންނެވީ އެވިޔަފާރި ހިންގެވުމުގައި ސީއީއޯގެ މަޤާމުގައެވެ. ހެޕީ މާކެޓު ހިޔާރުކުރެއްވީ ރާއްޖޭގައި 25 އަހަރު ފުޅާދާއިރެއްގައި ވިޔަފާރި ކޮށްފައިވާ ގިނަ ސްޓާފުން މަސައައްކަތް ކުރާ އަދި ވަރަށް އެސްޓަބްލިޝްޑް ކުންފުންޏަކަށް ވާތީއެވެ. "ގިނަ ކަންކަން ދަސްވެ ޚިދުމަތްކުރުމުގެ ދާއިރާގެގޮތުން ބޮޑަށް މަސައްކަތްކުރެވޭނެ ކުންފުންޏަކަށް ހެޕީމާކެޓް ވާތީ މިތަން ޚިޔާރުކުރީ" އިހުސާން ވިދާޅުވިއެވެ.
1992ވަނަ އަހަރުފެށި މި ވިޔަފާރިއާއި އިހުސާންގުޅިވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވީ ހިންގުން ހަރުދަނާ ކުރެއްވުމަށެވެ. "ޒަމާނީ މެނޭޖްމަންޓް ޕްރެކްޓިސްތަކެއް އިމްޕްލިމެންޓްކޮށް ޑީސެންޓްރަލައިޒްޑް ކޮށް މެނޭޖްކުރަން ފަސޭހަވާނެގޮތަށް ތަނުގެ މަސައްކަތް ބައްޓަންކުރީ. ވަރަށްބޮޑަށް ސާވިސްތައް ޑިސްޓްރިބިއުޓްކޮށް ރާއްޖޭގެ އެކިދިމަދިމާގަ ޑިސްޓްރިބިއުޝަން ފައްޓަމުންދަނީ. ޕްރޮޑަކްޓް ރޭންޖް އިތުރުކޮށް އާންމުކޮށް ކާން ބޭނުންވާނެ ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭނެތަނެއް ހެދުމަށް އެމިސްރާބަށް މިހާރު މިދަނީ" ހެޕީމާކެޓުން މިހާރު ހުޅުވުމަށް މަސައްކަތް ކުރަނީ 12ވަނަ އައުޓްލެޓެވެ.
އިހުސާން އެންމެ އިސްކަމެއް ދެއްވަނީ ހެޕީމާކެޓްގެ އައުޓްލެޓްތަކުން ވިއްކަން ހުންނަ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ރަށްރަށުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމުގައިވާ ހެޕީމާކެޓުގެ ސިސްޓަރ ކުންފުނިތަކުން 4 ރިސޯޓެއް ހިންގަމުން އަންނައިރު ލައިފް ފެނަކީވެސް އެއްކުންފުނިން އުފައްދާ ވިއްކާ އެއްޗެކެވެ. ވަކި މެނޭޖްމަންޓެއްގެ ދަށުން 2 ކުލިނިކެއް ހިންގަމުން އަންނައިރު އިހުސާންއަކީ އެދެތަނުގެވެސް މެނޭޖިންގ ޑިރެކްޓަރެވެ. އަދި އިހުސާންއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑު މެމްބަރެއްގެ އިތުރުން އޮޑިޓް ކޮމިޓީގެ ޗެއާމަން އެވެ.
ސިޔާސީ ދާއިރާ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނުވަތަ ސިޔާސީ ޕާޓީއަކުން ފެނިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އިހުސާންވިދާޅުވީ " ދިވެހި ރާއްޖެއާއި ރައްޔިތުންނަށް މިވަގުތު ކުރަމުންދާ ހިދުމަތަށްވުރެ އިތުރަށް ފުޅާކޮށް ހިދުމަތްކުރަން ލިބިއްޖެނަމަ އެފުރުސަތުގެ ބޭނުންކުރާނަން. އެގޮތަށް ފުރުސަތެއް ލިބިއްޖިއްޔާ އަޅުގަނޑު ހިދުމަތަށް ނުކުންނާނަން. ޔަގީން އިގޭތޯ.." މިގޮތަށެވެ.
އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް ކުރިމަތިނުލައްވާނެ ކަމަށް އެދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)ގެ ހަގު ދަރިކަލުން އިހުސާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
"ޤައުމަށް ކާރިޘާއެއް ނުވަތަ އުދުވާނެއް ކުރިމަތިވެ ސިފައިންގެއަށް އެނބުރި ދާންޖެހިއްޖިއްޔާ ހަމަ ވަގުތުންދާނަން. ކިޔަވައިގެން އައިސް ކަންކަމުގައި ޚިޔާލު ދޭންޖެހޭނެ ކޮންމެ ތަނެއްގައި ބިނާކުރަނިވި ޚިޔާލު ދޭނަން. ވަރަށްގުޅާ ސިޔާސީ ޕާޓީތަކުން ހުރިހާ ދިމާއަކުން. އެކަމަކު މިވަގުތު ސިޔާސީ ޕާޓީތަކާއި ގުޅިގެން ކުރިއަށްދިއުމުގެ ވިސްނުމެއް ނެތް." އިހުސާން ވިދާޅުވިއެވެ.
އަމިއްލަ ދިރިއުޅުއްވުން
ކައިވެނި ބައްލަވައިގެން 5 އަހަރުގެ އަންހެން ކުއްޖެއް އިހުސާންގެ ހުންނައިރު އެދެމަފިރިންގެ ކައިވެންޏަށް މިހާރު ވަނީ 11 އަހަރުވެފައެވެ. " ސިފައިންގޭގައި އުޅުނުއިރުވެސް މިހާރުވެސް ވަރަށްބުރަކޮށް މިމަސައްކަތް ކުރަނީ. ގިނަވަގުތު ދަރިފުޅު ބެލުމުގަ އަންހެނުން ވަގުތު ހޭދަކުރަނީ." އިހުސާން ފާހަގަކުރެއްވިއެވެ.
އިހްސާންގެ މައިންބަފައިން ކަމުގައިވާ އައްޑޫ ސިޓީ ފޭދޫ ޙައްވާ އަނީސާ އާއި އިބްރާހީމްދީދީ އަށް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. "މައިންބަފައިނަކީ އަޅުގަނޑު މިހިސާބަށް އައުމުގެ އަސްލު" ކަމުގައި އިހުސާން ފާހަނގަކުރެއްވިއެވެ.
"އަޅުގަނޑު ކިޔެވިއިރު ބައްޕަ ވަޒީފާއަދާކުރެއްވީ ރިސޯޓުގަ. ވަރަށްބޮޑު ގުރުބާނީއެއް ވެގެން ދެމަފިރިން ދުރުގަ އެތައް އަހަރެއް ހޭދަކުރެއްވުމަށްފަހު އަޅުގަނޑުމެން 4 ދަރިން ބަލާ ބޮޑުކުރީ. ކޮންމެ މީހެއްވެސް ކާމިޔާބު މިވަނީ މުޅި އާއިލާ އެއްކޮށް އެމީހެއްގެ ފަހަތުގައި މަސައްކަތް ކުރީމަ" އާއިލާއިން ދެއްވާ އެއްބާރުލުން އުފަލާއިއެކު އިހުސާން ފާހަގަކުރެއްވިއެވެ.
އިންޓަވިއު ނިންމަވާލައްވަމުން ވިދާޅުވީ ހޮބީއެއްގެ ގޮތުގައި ވަގުތު ހޯއްދަވައިގެން ރައްޓެހިންނާއި އެކު އަބަދުވެސް މަސްވެރިކަން ކުރައްވާ ކަމަށެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
10 ކުޅެގެން ދައްވާތީ އެއް ވާހަކަ ނުބުނީ
!!!Gadha vaaa
ކޮމެންޓްސް ބަންދުކުރެވިފައި