އެއްދުވަހަކު ހަވީރު ހައްވަ ދުފާތަބައް އުނގުމަތީ ބައިންދައިގެން ދުފާލަދުފާލާ އުނދޯލި ހެއްލަން އިނެވެ.
ހައްވަ އުނދޯލީގައި އިންދާ އެގެއަށް ބިލެތް ގަންނަން އަންނަ މޮހޮދު ދޮރާށިން ވަދެގެން އައިސް ސަލާން ގޮވާލާފައި އަހާލިއެވެ.
މޮހޮދު: ހައްވަ ކޮބާ ބިލެތް ކޮޅެއް ކަނޑާފައި އެބައޮތްތަ؟
ހައްވަ: އާނ މިއަދު ހެނދުނު ކެނޑިތަނުން ވިއްސަކަށް ގަނޑު ބިލެތް އޮންނާނެ.
މޮހޮދު: ތިޔަ ބިލެތްކޮޅު އެއްކޮށް ގުނާލާ މިރޭމީ ބައްޕަގެ ފާތިހާރޭވީމަ ތަންކޮޅެއް ގިނައިން ބޭނުންވާނެ.
މޮހޮދު އެހެން ބުނުމުން ހައްވަ ތެދުވެގެންގޮސް ބިލެތް އަޅާފައި ހުރި މުޅޯށި ގެނެސް އުނދޯލިމަތީގައި ބަހައްޓަމުން ބުނެލިއެވެ.
ހައްވަ: މޮހޮދާ ދުވަސްކޮޅަކުން އަހަރެމެން މިހެން ބިލެތްކޮޅު ވިއްކައިގެން މިލިބޭ ލާރިކޮޅުން ކައިބޮއި ހަދާކަށް ނުޖެހޭނެ!
މޮހޮދު: އެޔޯ އަނެއްކާ؟
ހައްވަ: ދުވަސްކޮޅަކުން އަހަރެމެން އުޅޭނީ ޢަރަބިކަރައިގެ މީހުން އުޅޭގޮތަށޭ. ޚަބަރުފޮށި ނާހަމުތަ؟ މެންދުރުގެ ޚަބަރުގައިވެސް ކިޔޭ ރާއްޖެއިން ފިސާރި ބޮޑެތި ތެޔޮވަޅުތަކެއް ފެނުނު ވާހަކަ!
ހައްވަ އެހެން ބުނުމުން މޮހޮދު ފާޑަކަށްހީގެންފައި ބަލާލިއިރު ހައްވަ ބަލާވެސްނުލާ ބިލެތް ގުނަމުން ދިޔައެވެ.