ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، ވިދާޅުވިގޮތަށް ވަޒީފާގެ މާޙައުލުގައި އަންހެނުން މަސައްކަތްކުރުމަށް ރައްކާތެރި ފަހި މާޙައުލެއް ޤާއިމްކުރުމަށް ސަމާލުކަންދީ ވަޒީފާއަށް ނިކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށް މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކުރަންޖެހެއެވެ. މިރިޕޯޓުގައި އަޅުގަނޑު މިބަލާލަނީ އެކަނިވެރި މައިންނަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ޙައްލުކުރުމަށް އުފުލަމުންދާ ޒިންމާތަކަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައެއް
އަޒީޒާ އަކީ އެކަނިވެރި މައެކެވެ. ލިބިފައިވާ ހަމައެކަނި ދަރިފުޅަކީ ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ކުއްޖެކެވެ. ދަރިފުޅު ގޮވައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ސިއްޙީ ފަރުވާ ހޯދަމުންދާއިރު، މިހުރިހާ ޒިންމާއެއް އުފުލަމުންދަނީ އުމުރުން ދުވަސްވީ މައިންބަފައިންގެ އެހީތެރިކަމާއިއެކު އަޒީޒާ އެވެ. ދަރިފުޅުގެ ބައްޕަގެ އަޅާލުމެއް ނުލިބެއެވެ. ލިބެނީ ކޮންމެ މަހަކު ދޭން މަޖުބޫރުވެފައިވާ 2000 ރުފިޔާ އެވެ. ބައެއްފަހަރަށް އެރުފިޔާ ހޯދަން ދާންޖެހެނީ ކޯޓަށެވެ. ދަރިފުޅަށް ރަނގަޅު ފަރުވާ ހޯދައިދެވޭތޯ މައިމީހާ އެދަނީ ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
އަޒީޒާ އަކީ ވެސް ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހެކެވެ. ދަރިފުޅުގެ ބޭސްފަރުވާގެ ކަންތައްތައް ހުންނަގޮތުން ބައެއް ފަހަރަށް އޮފީސް ގަޑީގަވެސް ހޮސްޕިޓަލަށް ދާންޖެހެއެވެ. މިގޮތަށް ދާންޖެހުނު ކަމުގައިވިއަސް އޮފީހުގެ މަސައްކަތް ނިންމަންޖެހޭ ގަޑިއަށް އަޒީޒާ ނިންމައެވެ. އެކަމަކު މިފަދަ ޙާލެއްގައި ދިރިއުޅޭއިރު އެކުގައި މަސައްކަތްކުރާ ބައެއްމީހުންގެ ފަރާތުން އިވެމުންދާ ނޭދެވޭ ބަސްތަކުން އަޒީޒާގެ ހިތް ކުދިކުދިވަނީ ކިތައްފަހަރު ކަމެއް ނޭގެއެވެ. އެކަމަކު ވަޒީފާ އަދާނުކޮށް ދިރިއުޅޭނެ އިތުރުގޮތެއް ނެތެވެ. މާލޭގައި ދިރިއުޅޭތަނަށް ކުލިދައްކަންޖެހެއެވެ. ދަރިފުޅުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ފައިސާ ރައްކާކުރަންޖެހެއެވެ. އަމިއްލަ ޚަދަރު ބަލަހައްޓަން ފައިސާ އެހާމެ މުހިންމެވެ.
އޮފީސް މާޙައުލު
ކޮންމެ އޮފީހެއްގައި މަސައްކަތް ކުރިކަމުގައިވިއަސް ވިސްނަންވީ އެކަކު އަނެކަކަށް އެހީތެރިވެދެވެން އޮތްގޮތަކަށް އެހީތެރިވެދިނުމަށެވެ. އެކަނިވެރި މައެއްކަން ދަނެ ދިމާވާ ބޮޑެތި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. މިގޮތުން ރަސްމީގަޑީގައި ކޮންމެހެން ދާން މަޖުބޫރު ތަނަކަށް ފަސޭހައިން ދެވޭނެގޮތަކަށް އޮފީހުގެ މަސައްކަތް ހަމަޖެއްސިދާނެއެވެ.
"އަޅުގަނޑު ދަރިފުޅުގެ ބައްޕައަކީ މާލޭގައި ދިރިއުޅޭ މީހެއް ނޫން. ދަރިފުޅު ގޮވައިގެން ކޮންމެތަނަކަށް ދާންޖެހުނަސް ދާންޖެހެނީ އަޅުގަނޑު. އެހެންވެ ސީދާ ބްރޭކް ނަގަން އޮންނަ ގަޑި ނޫން އެހެން ގަޑިއެއްގައިވެސް ބައެއްފަހަރަށް ބޭރަށް ނުކުންނަންޖެހޭ. މިފަދަ ޙާލަތްތަކުގަ އެކީގައި އުޅޭ މީހުންގެ ފަރާތުން ނުރުހުމާއި ކުރިމަތިލާންޖެހޭ" ސަރުކާރު ބޮޑު ކުންފުންޏެއްގެ އޮފީހެއްގައި މަސައްކަތްކުރާ ފަރީދާ ބުންޏެވެ.
މުޖުތަމަޢު ދެކޭގޮތް
އެކަނިވެރިމައިންނާއިމެދު މުޖުތަމަޢުގެ މަދުބަޔަކު ދެކޭގޮތުން ވަރަށް ހިތްދަތިވާކަމަށް އެފަދަ މަންމައިން ވަރަށްގިނައިން ބުނާ އަޑުއިވެއެވެ. މިފަދަ ޙާލަތްތަކުގައި ގިނަފަހަރަށް އަންހެނުން ގޯސްވާގޮތަށް ވާހަކަ ދައްކާ އަޑުއިވޭއިރު، މިސަބަބާއިހުރެ ދަރިންގެ ޙައްޤުގައި ކަމަށް ބުނެ ފިރިމީހާގެ ފަރާތުން ތަފާތު އަނިޔާތައް ލިބެމުންދާ މަންމައިން އަނިޔާތަކަށް ކެތްކުރާ މަންޒަރުވެސް ފެނެއެވެ.
ތިމާގެ ދިރިއުޅުމާއިމެދު ގޮތް ނިންމާނީ ތިމާ އަމިއްލައަށެވެ. އެހެން މީހަކު ދެކޭނެ ގޮތަކަށް، ނުވަތަ ބުނާނެ އެއްޗަކަށް ވިސްނާ އަނިޔާއަށް ކެތްކުރާކަށް ނުޖެހެއެވެ. އަނިޔާވެރި މާޙައުލެއްގައި އަމިއްލަދަރިން ގޮވައިގެން އުޅުމުން އެކުދިންނަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުން ވަކިކުޑައެއް ނުވާނެއެވެ. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި މަންމައިން ހިއްސާކުރާ މަޢުލޫމާތުތަކުން މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.
ނިންމުން
އެކަނިވެރި މައިން އެމީހުންގެ ދަރިންނަށްޓަކައި އުފުލާ ޒިންމާއަށް ޝުކުރު ހައްޤެވެ. ދިވެހިރާއްޖޭގައި ދުވަހެއް ދުވަހަކަށް ވަރި ގިނަވަމުންދާއިރު ކުޑަކުޑަ ކުދިންތަކެއް ގޮވައިގެން އެކުދިންގެ ބައްޕަގެ މާބޮޑު އެހީތެރިކަމެއް ނުލިބި ދިރިއުޅޭ ވަރަށްގިނަ މަންމައިން އުޅޭ ކަމީ އެންމެން ދަންނަ ހަޤީޤަތެކެވެ. މިފަދަ މަންމައިންނަށް ވަޒީފާ އަށް ނުކުތުމަށް އަދި އަދާކުރަމުންދާ ވަޒީފާގައި ދެމިހުރެވޭނީ ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. އެކަނިވެރި މައިންގެ ތެރޭގައިވެސް ދަރިފުޅުގެ ބައްޕަގެ އެހީތެރިކަން ފުރިހަމަ އަށް ލިބޭ މަންމައިން އުޅުނު ކަމުގައިވިޔަސް އެފަދަ އެހީތެރިކަން ނުލިބޭ މަންމައިންނަށް ތިމާއަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގަންހިގާށެވެ. ޤައުމީ ތަރައްޤީއާއި މުޖުތަމަޢު ބިނާ ކުރުމުގައި އެކަނިވެރި މައިންގެ ދައުރުވެސް މިހާރަށްވުރެ ފުޅާކުރެވޭނީ އެއިރުންނެވެ.
އަންހެނުންގެ ދުވަސް ހަމައެކަނި ދެވޭ ފިނިފެންމަލަކުން ނުވަތަ ހަދިޔާއަކުން ފާހަގަކުރުމުގެ ބަދަލުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން އެކީގައި މަސައްކަތްކުރަން ހިގާށެވެ.