September 20, 2024 03:59
Advertisement

-Advertisement-

ވިޔަފާރީގައި އެމޭޒަން ކުރިހޯދީ ކިހިނެއް؟

197 މިލިއަނަށްވުރެ ގިނަމީހުން ކޮންމެ މަހަކު އެމޭޒަން ބޭނުންކުރަމުން އަންނަކަމަށް ރިޕޯޓްތައް ދައްކައެވެ. އެގޮތުން މިއަދުގެ ރިޕޯޓްގައި މިބަލާލަނީ ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ނަން ލިސްޓްގައި ހިމެނޭ އެމޭޒަންގެ ކޯ ފައުންޑަރ އަދި ސީއީއޯ ޖެފް ބެޒޮސްއަށެވެ.

މަންމަ އަދި ބައްޕައާއި އެކު ބެޒޮސް

1964ވަނަ އަހަރު އުފަންވި ބެޒޮސްގެ ހަޔާތަށް ބަލާއިރު، އެނާ ގްރެޖުއޭޓްވެފައިވަނީ ޕްރައިސްޓްން ޔުނިވަރސިޓީއިން 1985ވަނަ އަހަރު އެވެ. އެއަށްފަހު 1994 ވަނަ އަހަރާއި ހަމައަށް އޭނާވަނީ ބޭންކިންގ އިންޑަސްޓްރީގައި މަސައްކަތްކޮށްފައެވެ. 1993ވަނަ އަހަރު އޮންލައިންކޮށް ފޮތްވިއްކުމަށް ނިންމިއެވެ. ކަޑަބްރާގެ ނަމުން އެންމެ ފުރަތަމަ ކުންފުނި އުފައްދާ އެއަށްފަހު ކުންފުނީގެ ނަން އެމޭޒަންއަށް ވަނީ ބަދަލުކޮށްފައެވެ. އެމޭޒަން އުފައްދާފައިވަނީ ވޮޝިންގޓަންގައި ހުންނަ ބެޒޮސް ގޭގެ ގަރާޖްގައެވެ. އަދި މިކަމަށް އޭނާގެ މައިންބަފައިން ވަނީ 250،000 އެމެރިކާގެ ޑޮލަރު ޚަރަދަކޮށްފައެވެ.

އެމޭޒަންއަށް ނަން ދެވިފައިވާ ގޮތައް ބަލާއިރު، "އެމޭޒަން" މި ނަމަކީ ދުނިޔޭގެ އެންމެ ބޮޑު ކޯރުކަމަށްވާ އެމޭޒަން ރިވަރއަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއްކަމަށް ބެޒޮސް ހާމަކުރެއެވެ. އަދި އޭ އަކުރު ބޭނުންކޮށްފައިވަނީ އަލްފަބަޓްގައި އެންމެ ފުރަތަމަ އަންނަ އަކުރަކީ އޭ ކަމަށްވާތީކަމަށް އޭނާ ހާމަކޮށްފައިވެއެވެ. އޭނާގެ އުންމީދަކީ އެމޭޒަން ކޯރެކޭ އެއްފަދައިން އޭނާގެ ފޮތް ވިއްކާ ސައިޓް ފުޅާކުރުމެވެ.

Advertisement

1994ވަނަ އަހަރު ޚިދުމަތް ފެށުމަށްފަހު 'އެމޭޒަން.ކޮމް' އިން އެންމެ ފުރަތަމަ ވިއްކާފައިވާ ފޮތަކީ، ' ޑޮއުގްލްސް ހޮފްސްޓެޑްޓަރސްގެ ފްލުއިޑް ކޮންސެޕްޓްސް އެންޑް ކްރިއޭޓިވް އެނަލޮގްސް' ފޮތެވެ. ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި އެމޭޒަންއިން ވަނީ 45 ޤައުމެއްގެ އިތުރުން އެމެރިކާގެ 50 އަށްވުރެ ގިނަ ސްޓޭޓަށް ފޮތް ވިއްކާފައެވެ. ފޮތުގެ އިތުރުން ބެޒޮސް ވަނީ 20 ޕްރޮޑަކްޓެއް އެއިރު ވިއްކުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރުގެ އެކި ބައިތައް ހިމެނެއެވެ. ފޮތް ވިއްކުމަށް ބެޒޮސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ، ލިޓަރޭޗަރ އަށް އޮންނަ ޑިމާންޑްގެ ސަބަބުންކަން އޭނާ ފާހަގަކުރެއެވެ.

އެމޭޒަންގެ ވިޔަފާރި ފެށިއިރު ބަގުރޫޓުވެދާނެ ކަމުގެ %70 ބިރު އޮތް ކަމުގައިވިއަސް، ވަރަށް ބުރަ މަސައްކަތުން 2013ވަނަ އަހަރު އެމޭޒަން ވަނީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރިކުރާ ސައިޓަށްވެފައެވެ. އެމޭޒަން އަށް އެހާބޮޑު ކާމިޔާބީއެއް ހޯދުމުގެ ފަހަތުގައި ހިދުމަތުގެ އަގު ހެޔޮވުމާއި ކަސްޓަމަރުން ބޭނުންވާ ހިދުމަތް އަވަހަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެމޭޒަން މެދުވެރިކޮށް ބޭނުންވާ ހުރިހާބާވަތެއް ކަސްޓަމަރުންނަށް ގަންނަން ލިބުން މިއީ ވެސް ކާމިޔާބީއާއި ހަމައަށް ވާސިލުވި އެއްސަބަބެވެ. މިގޮތުން އެމޭޒަންގައި މިހާރު ހުރިހާ ބާވަތެއްގެ އެއްޗެހި ވިއްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ހަތަރު ކުދިންނާއި އެކުދިންގެ މަންމައާއި އެކު ބެޒޮސް

1993ވަނަ އަހަރު ބެޒޮސް ވަނީ ވާހަކަ ލިޔުންތެރިޔާ މެކެންޒީ ސްކޮޓް އާއި ކައިވެނިކޮށްފައެވެ. 25 އަހަރުވީ ކައިވެންޏަށް 3 ކުދިން ލިބިފައިވާއިރު، އެދެމަފިރިން ވަނީ ޗައިނާއިން ކުއްޖެއް އެޑޮޕްޓްވެސްކޮށްފައެވެ. އެއީ 3 ފިރިހެން ކުދިން އަދި ޗައިނާއިން އެޑޮޕްކޮށްފައިވަނީ އަންހެން ކުއްޖެކެވެ.

ބެޒޮސް ކައިރިން 2019ވަނަ އަހަރު ވަރިވުމަށްފަހު މެކެންޒީ ވަނީ އާ ކައިވެންޏެއް ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން މެކެންޒީ ކައިވެނިކޮށްފައިވަނީ ޑެން ޖެވެޓް ނަމަކަށް ކިޔާ ސައިންސް ޓީޗަރަކާއި އެވެ. އަދި ޑެން އަކީ މެކެންޒީގެ ދަރިފުޅު ތަޢުލީމް ހާސިލް ކުރަމުންދާ ސްކޫލްގެ ޓީޗަރެކެވެ. ބެޒޮސް ކައިރިން ވަރިވުމުން ލިބުން ފައިސާއާއި އެކު މެކެންޒީ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓްގެ 22 ވަނައިގަ ހިމެނިފައެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 53 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް 'ޒީބިޒް' ގަ ފާހަގަކޮށްފައިވެއެވެ.

ކޮވިޑް 19ގެ ސަބަބުން އެމޭޒަންއަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާއި ކުރިމަތިވިނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެތެރޭގައި ހިމެނޭ ބެޒޮސް އަށް މަހެއްގެ މައްޗަށް 81,840 އެމެރިކާގެ ޑޮލަރު ހަމައެކަނި މުސާރައިގެ ގޮތުގައި ލިބޭކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ނޯޓް: މިރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތު ނަގާފައިވަނީ މާކެޓްރިއަލިސްޓް، ސީއެންބީސީ، ޒީބިޒް ފަދަ ވެބްސައިޓްތަކުންނެވެ.  

+1
0
+1
3
+1
0
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް