November 22, 2024 13:39
Advertisement

-Advertisement-

ނަޝީ

ނަޝީ: ހިތްވަރާއިއެކު ކުރި މަސައްކަތުން ކޭކު ވިޔަފާރީގެ އެންމެ ކުރީގައި

ޒީޓައިމްސްގެ 'ފަރުދުން ކެޓަގަރީ' މި ފަހަރު މި ހާއްސަ ކޮށްލަނީ އައިމިނަތު ނަޝީދާ، މަޝްހޫރު ކޭކު ނަޝީ އަށެވެ. ނަޝީގެ ކާމީޔާބީގެ ދިގު ދަތުރުގެ ހަނދާންތައް ޒީޓައިމްސް އާއި ހިއްސާކުރީ އުފަންރަށް ތ. ހިރިލަންދޫގައި ހުރެގެންނެވެ. 

ނަޝީގެ އުމުރުން 5 އަހަރުގައި މަންމަ ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން މާލޭގެ ޤަދަރުވެރި އާއިލާއަކާއި ނަޝީ ހަވާލުކުރިއެވެ. "ބައްޕަ އަޅުގަނޑު މާލެ ގެނެސް ބެހެއްޓެވީ އޯކިޑްމާގޭގަ. އަޅުގަނޑަށް 6 އަހަރުގަ މަންމަ ނިޔާވެއްޖެ." ނަޝީ ބުންޏެވެ. 
އޯކިޑްމާގޭގައި އުޅެނިކޮށް ގޭގައި ބޭއްވި ޕާޓީއަކަށް ގެނައި ކޭކެއް ނަޝީއަށް ވަރަށް ރީތިވިއެވެ. އެހިސާބުން ކޭކު އެޅުމާއި ކޭކު ޑެކަރޭޓް ކުރުމަށް ޝައުގުވެރިކަން އުފެދުނެވެ.

"މިކަމުގެ ތެރެއަށް ވަދެވުނު ގޮތަކީ ވަރަށް ކުޑައިރު ގާތްގަނޑަކަށް އުމުރުން 10 ވަރަކަށް އަހަރުގައި މާލޭގައި ހުރިގޭގައި އޮތް ޕާޓީއެއްގައި ބަހައްޓާފަހުރި ކޭކެއް ފެނިގެން އެ ރީތިވެގެން ބޭނުންވީ ދަސްކުރަން. އޭރު ބައްޕަ މަސައްކަތް ކުރަނީ ލަންކާގައި. އެހެންވެ ލަންކާއަށް ގޮސް ސްކޫލަށް ވަދެގެން ޗުއްޓީ ދުވަސްތަކުގައި ދަނީ ކޭކު ހަދަން ދަސްކުރަން." 
ކޭކު ކޯހުގެ އިތުރުން ފަހާ ކޯހާއި މާޖަހާ ކޯހާއި ތަފާތު ހުނަރު ދަސްކޮށްދޭ ކޯސްތައް ހަދައިގެން ނަޝީ މާލެ އައީ އުމުރުން 16 އަހަރުގައެވެ. ކައިވެނި ކުރުމާއި ހަމައަށް އުޅުނީ އޯކިޑްމާގޭގައެވެ. ނަޝީގެ އެންމެ ފުރަތަމަ ވަޒީފާއަކީ އޭރުގެ ޖެނެރަލް ޕޯސްޓް އޮފީހުގެ ޓައިޕިސްޓެއްގެ ވަޒީފާއެވެ.

Advertisement

"މާލެ އައިސް ޓައިޕިން ކޯހެއް ހަދައިގެން ޕޯސްޓް އޮފީހަށް ވަނީ. ދެން ކައިވެނިކޮށްގެން ކުއްޖެއް ލިބުނު ހިސާބުން 1981ގައި ވަޒީފާ ދޫކޮށްލާފަ ގޭގަހުރީ. ހިތަށްއެރީ ގޭގަ ހުރެގެން ލާރިލިބޭ ކަހަލަ ކަމެއް ކުރަންވެއްޖެއޭ. އެންމެ ފުރަތަމަ ކަޕްކޭކް ހަދަންފެށީ މާލޭގެ ހޮޓާތަކަށް. ވަރަށް ކާމިޔާބު ކަމާއިއެކު ވިކުނު. ދެން މިލްކް ޓޮފީސް ހެދީ" އޭގެ ފަހުން މާލޭގައި މީހުން އެމަސައްކަތް ފަށައިގަނެ އަގު ދަށްކޮށްލުމުން ނަޝީ އެކަން ހުއްޓާލީއެވެ. 

"ދެން ހިތަށްއެރީ ކޭކު ޑެކަރޭޓިންގެ ބަޔަށްދާން ވެއްޖެއޭ. އޭރު މާލޭގައި ބޭރު ދެޓީޗަރުން ފިޔަވާ އިތުރު މީހަކު އެކަމެއް ނުކުރޭ. ދެން ނޫހަށް އިޝްތިހާރެއް ހަދާފަ ދިނީމަ އޯޑަރުތައް ލިބެން ފަށައިފި. ޓީވީ މޯލްޑިވްސްގައި ވެސް އިޝްރިހާރުކުރިން. އޭގެ ފަހުން ދެން ވިޔަފާރި ވަރަށް ރަނގަޅުވި" ކަމަށް ނަޝީ ފާހަގަކުރިއެވެ. 

"ލަންކާގައި އުޅުނުއިރުވެސް މާލެ އައިސް ރައްޓެހިންނަށް ފްރީކޮށް ކޭކު އެއްޗެހި ހަދައިދެން. އޭރު ދަސްކުރަމުން ދިޔައީ. ވިޔަފާރިއެއް ގޮތަށް މިކަން ފަށައިގަތީ ދަރިފުޅަށް 4 އަހަރުގައި. އޭރު އަވަނެއް ނުހުންނާނެ. ޓޫލްސް އެއްޗެހިވެސް ނުހުންނާނެ. ދަރު އުނދުނުން އަންދައިގެން ވަރަށް ހާލުގައި ކޭކު ފިހަނީ. ދެން ގާތް މީހަކު ދިން އަލިފާން އުނދުން މަތީ ބަހައްޓާ އެއްޗެއް" އޭރުގެ ހާލަތު ނަޝީ ކިޔައިދިނެވެ.

ގިނަ އޯޑަރުތައް ލިބެން ފެށުމުން ނަޝީ ވިސްނީ އަނެއްކާވެސް ކޭކު ޑެކަރޭޓިންގެ ބައި އިތުރަށް ދަސްކުރުމަށެވެ. އެގޮތުން އެޑްވާންސް ކޯހެއް ހެދުމަށް ލާރި ހޯދަން މާލޭގައި ކޭކް ކޯސްތަކެއް ފެށިއެވެ. "ދުވާލު މަސައްކަތްކޮށްފަ ރޭގަނޑު ކޯސް ހިންގަންފެށީ. ދެން އެ ލާރި ސޭވް ކޮށްފަ ލަންކާއިން އެޑްވާންސް ކޯސް ހެދީ. ދެން މާލެ އައިސް ކޭކު ހަދައިގެންނާއި ކޯސް ހިންގައިގެން ލާރި އެއްކޮށްގެން ދިޔައީ 3 މަސް ދުވަހުގެ ކޯހަކަށް އޮސްޓްރޭލިއާ އަށް. އޭގެފަހުން ދިޔައިން ސިންގަޕޫރުގައި އޮތް ކޯހަކަށް." މިއީ މިކަމުގެ ވައްޓަފާޅި ދަސްކުރުމަށް ނަޝީ ގަދައަޅާ ކުރި ހިތްވަރެވެ. 

މީގެ އިތުރުން ސިންގަޕޫރުގެ ކޮންކޯޑް ހޮޓެލްގައި އެއްމަސް ވަންދެން މަސައްކަތް ކުރުމުގެ ފުރުސަތު ނަޝީއަށް ލިބުނެވެ. އެއީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ފަރާތުން މުހައްމަދު ވަހީދުއްދީން ހޯއްދަވައިދެއްވި ފުރުސަތެކެވެ. "އެ ހޮޓެލްގެ ހެޑްޝެފްގެ ކޭކެއް އަޅުގަނޑު ހަދައިދިނީ. ވެޑިން ކޭކެއް. އޭތި އޭނައަށް ވަރަށް ރީތިވި. ދެން އޭނަބުނި ކޮންމެ ދެ އަހަރަކުން އެއް އަހަރު ހޮޓެލް އޭޝިއާ އޮންނާނެއޭ ބައިވެރިވާންވީ ނުންހޭ" ރާއްޖެއަށް ކޭކު ޑެކަރޭޓިންގެ ބައިން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ރަން މެޑަލެއް ހޯދައިދިން ނަޝީ ބުންޏެވެ. 
"ހޮޓެލް އޭޝިއާ އެގްޒިބިޝަނުގައި ބައިވެރިވެގެން ސިލްވަރ މެޑަލްއެއް ލިބުނު. ލައިވް ކޮމްޕެޓިޝަން ބައިން ގޯލްޑް މެޑަލް ލިބުނީ. ލައިވް ކޮންޕެޓިޝަނެއްގައި ދެން ދުބާއީއަށް ދިޔައީ. އެފަހަރުވެސް ގޯލްޑް މެޑަލް ލިބުނު."

ނަޝީގެ ވިޔަފާރީގައި އެންމެކައިރިން އެހީތެރިކަން ފޯރުކޮށްދޭ ޝަފީގާ އާއި އެކު

ނަޝީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކޮންބައެއް؟
ނަޝީ ޤަބޫލުކުރާ ގޮތުގައި މިހާހިސާބަށް އާދެވުނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ލޯބިންނެވެ. 10 އަހަރު ވަންދެން ކޭކު އެޅުމުގެ މަސައްކަތް ގޭގައި ކުރުމަށްފަހު ކޭކު ވިއްކާ ފިހާރައެއް ހުޅުވުނީ އޭރުގެ ފިރިމީހާގެ އެހީތެރިކަން ލިބިގެންނެވެ. 
"އޭރުގެ ފިރިމީހާގެ އަތުން 500 ޑޮލަރު ހޯދައިގެން ސާމާނު ގަތީ. ދެން އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ މަރިޔަމް ޝަފީގާ. އަޅުގަނޑު ކައިރިން ދަސްކޮށްގެން ޝަފީގާ މިހާރު 36 އަހަރު ވަރުވީ ނަޝީ ކޭކާއި އެކު މަސައްކަތްކުރާތާ"

މެދުކެނޑުމެއް ނެތި ނަޝީ ކޭކު އަޅާތާ 38 އަހަރުވެއްޖެއެވެ. ހުއްޓުމެއްނެތި މި މަސައްކަތުގައި ދެމިހުރެވުނީ، އަމިއްލަ ދަރިއެއް ފަދައިން ނަޝީ ގެންގުޅުއްވި އޯކިޑްމާގޭ އަލްމަރްހޫމް އަހުމަދު ޒަކީގެ ދެމަފިރިކަނބަލުންނާއި އެޢާއިލާގެ ރަނގަޅު ކަމުންނެވެ.

"ލަންކާއިން އައިތާ ދުވަސްތަކެއް ފަހުން ބައްޕަ ނިޔާވެއްޖެ. ދަރިފުޅުގެ(ނަބީލް) ބައްޕައާއި ވަކިވެގެން އުޅުނުއިރު މިކަން ކުރިއަށް ނުގެންދެވިދާނެއޭ ހިތައްއެރި. އެކަމަކު މަސައްކަތް ކުރިއަށް ގެންދެވޭގޮތް ހައްދަވައިދެއްވީ އޯކިޑްމާގޭ ބޭފުޅުން. އެ ބޭފުޅުން އަޅުގަނޑަށް ރަނގަޅު ބަދިގެއެއް އަޅުއްވާދެއްވި. އެބޭފުޅުންގެ ގެއެއްގައި ނަޝީ ކޭކްސް ފިހާރަ އެހުންނަނީ ވެސް" ނުހަނު ޝުކުރުވެރިކަމާއެކު ނަޝީ ފާހަގަކުރިއެވެ.

ކަސްޓަމަރުންނަށް އެންމެ ކަމުދަނީ ނަޝީގެ ބަޓަރު ކޭކެވެ. ކަސްޓަމަރުންނަށް އެ ކޭކު މީރުވެގެންނާއި އޭގައި ހުންނަ އައިސިންކޮޅު މީރުވެގެން ވަރަށް ގިނައިން ފީޑްބެކް އަންނަ ކަމަށް ނަޝީ ބުންޏެވެ. 
"ދިމާވާ ކޮންމެ މީހަކުވެސް ބުނަނީ މިހާ މީރު ބަޓަރކޭކެއް ނެތޭ. ރާއްޖެތެރެއިން ވިޔަސް ބޭރު ޤައުމަކުން ވިޔަސް ދިވެއްސަކާ ބައްދަލުވެއްޖެއްޔާ ކިޔާނީ އެހެން. އަނެއްކާ ލަންކާ، އިންޑިއާ ،މެލޭޝިއާ އަދި ބެންކޮކް އަށް ކޭކު ހަދައިގެން ގެންދާ މީހުން އުޅޭނެ ހަމަ ގަވާއިދުން" 

ނަޝީގެ އާއިލާ. ފިރިމީހާ ނާސިހް އާއި ދަރިފުޅު ނަބީލް އަދި ނަބީލުގެ ހަތަރު ދަރިންނާއި އެކު

ދަރިފުޅަކީ ޝެފެއް. މާމަ ކުދިންވެސް ކޭކުގެ މަސައްކަތައް ފޯރިހުރޭ
ނަޝީގެ ހުރި ހަމައެކަނި ދަރިފުޅު ނަބީލަކީ މާލޭގެ މަޝްހޫރު ބޭކަރީއެއްގެ ޝެފެކެވެ. "ދަރިފުޅު ހޮޓެލް ސްކޫލު ހަދައިގެން ޝެފަކަށްވީ. ދެން މާމަ ކުދިންގެތެރެއިން ދެ އަންހެން ކުދިން ވަރަށް ކޭކު ހަދާހިތްވޭ. ޔޫޓިއުބުންވެސް ބަލާނީ ކޭކު ޑެކަރޭޝަންއާއި ގުޅޭ އެއްޗެހި. މާމަ ކުދިންގެ ތެރެއިން ހަގު ފިރިހެން ދަރިފުޅު ބޭނުންވަނީ ޝެފަކަށްވާން. އެ ދެ ކުދިންވެސް ބައިވެރިކޮށްގެން ނަބީލް މަސައްކަތް ކުރިޔަށް ގެންދާނީ" މި ކުދިންނާއި ނަޝީގެ ފިރިމީހާ އަކީވެސް ކުރިއަށް ދިއުމުގައި ވަރަށްބޮޑު ހިތްވަރެކެވެ.

ނަޝީގެ ފިރިމީހާ ނާސިހު ތައުފީގާއި އެކު. ދެމަފިރިން އެކުގައި ދަތުރުކުރުމަށް އިސްކަންދޭ

އިންޓަވިއު ނިންމާލަމުން ކޭކު އެޅުމުގެ މަސައްކަތަށް ނިކުންނަ ފަރާތްތަކަށް ނަޝީ ދިން އަގުހުރި ނަސޭހަތަކީ ކެރިގެން މިކަން ކުރުމަށާއި ހުއްޓާނުލާ ކުރިއަށް ގެންދިއުމަށެވެ. "މީ ކެރިގެން ކޮށްފިއްޔާ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމެއް. ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ ވަރަށް ރަނގަޅު ކަމެއް."

ނަޝީ ވަނީ މި މާރިޗް މަހު އޭނާގެ 60ވަނަ އުފަންދުވަހާ ދިމާކޮށް ވިޔަފާރި އިތުރު ހަރުފަތަކަށް ޖައްސާލާ ހާއްސަ ޗޮކްލެޓެއް ތަޢާރަފް ކޮށްފައެވެ. 

+1
2
+1
5
+1
0
+1
3
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް