November 22, 2024 15:09
Advertisement

-Advertisement-

އަކިޓޯ އޭނާގެ ދެ ދަރިންނާއެކު ކުޑަބަނޑޮހުގައި

ޖަޕާނު އަކިޓޯ ބައިޤަރުނު ރާއްޖޭގައި، ޤައުމަށް ދެވޭ ގޮތެއްނުވި

ޖަޕާނުގެ ކަނަގަވާ ސިޓީ އަށް އުފަން އަހުމަދު އަކިޓޯ އަކީ 1970 ގެ ތެރޭގައި ރާއްޖެއައި މީހެކެވެ. އޭނާގެ ރަސްމީ ނަމަކީ އަކިޓޯ ފުރުޖޯ އެވެ. އެހެން ނަމަވެސް ދިވެހި އެކުވެރިން އޭނާ އާއި މުހާތަބު ކުރަނީ ނަންބާގެ ނަމުންނެވެ. ރާއްޖެއައިސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ 'ހޯކޯ ބޯޓު'ގައެވެ. އެކި ރަށްރަށުން މަސް ކިރަން ބަނދަރު ކުރާ އެބޯޓަކީ ވަރަށް ގިނައިން ބ.އޭދަފުއްޓަށް ބަނދަރުކުރާ ބޯޓެއް ކަމުން އަކިޓޯ އެރަށުތެރެއަށް ފައިބާ އުޅެއެވެ. އަދި ޒުވާން ފުރައިގެ އަންހެން ކުއްޖަކާ ރަހުމަތްތެރިކަން ބާއްވަން ފެށިއެވެ. އެއީ މިހާރު އަކިޓޯގެ އަންހެނުން އޭދަފުށީ ހައްވާ ޔޫސުފެވެ.

އަކިޓޯ އޭނާގެ އަނބިމީހާ ހައްވައާއި އެކު. ހައްވައާއި ކައިވެނި ކުރުމުގެ ކުރިން ޖަޕާނު މީހަކާވެސް ކައިވެނިކުރި. އެކައިވެންޏަށް ދަރިއަކު ނުލިބެނީސް ވަނީ ކައިވެނި ރޫޅިފަ.

1934ވަނަ އަހަރު ޖަޕާނަށް އުފަން އަކިޓޯ އަކީ އޭނާގެ އަމިއްލަ ކަންކަން މީހުންނާ ހިއްސާ ކުރާހިތްވާ މީހެއް ނޫނެވެ. އެހެންނަމަވެސް ބައްދަލުވާ ކޮންމެ ފަހަރަކުވެސް ސިޔާސީ ވާހަކަ އާއި ޖަޕާނުގެ އާދަކާދަތަކާއި ގުޅޭ ވާހަކަތައް އަޅުގަނޑާއި ހިއްސާ ކުރެއެވެ. އަދި ޖަޕާނަށް ދާން ބޭނުންވާ ވާހަކަ އާއި ޓިކެޓް އަގުބޮޑުކަމުން ޤައުމަށް ނުދެވިގެން އުޅޭ ވާހަކަވެސް ބުނެއެވެ.

ނަމަވެސް މިފަހަރު އިންޓަވިއު ނަގާލަން 'ޒީޓައިމްސް'ގެ ފަރާތުން ގުޅާލިއިރު އަކިޓޯ އާއި ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. 2020ވަނަ އަހަރު ޖޫންމަހު ސްޓްރޯކެއް ޖެހިގެން މިހާރު އޮތީ ބަލި އެނދުގައެވެ. ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ދައްކާ ވާހަކަ އެހާ ސާފެއް ނުވިއެވެ. އެހެންކަމުން އަޅުގަނޑާއި މަޢުލޫމާތު ހިއްސާކުރީ އަކިޓޯގެ އަންހެނުން ހައްވަ އާއި ހަގު ދަރިފުޅު އާއިޝަތު ސޫދާ އެވެ.

Advertisement

"ޑިންގީއެއްގައި ރަށަށް ފައިބާނީ. ގެއަށް އަންނާނެ ބޭބެ (އަޒީޒު) ހޯދަން ވެގެންނޭ ކިޔާފަ. ބޭބެއަކީ މަސްވެރިކަމުގައި އުޅޭ މީހެއްވީމަ އަކިޓޯ އުޅޭ ބޯޓަށް މަސްކިރުވަން ކައިރިކުރާތީ އެތަނުން ބޭބެ ދަންނަނީ. ބޭބެއާއި ރައްޓެހިކަމަށް ހެދިގެން އުޅެނީ. މާފަހުން މި އެނގުނީ އަޅުގަނޑު ހޯދަންވެގެންކަން މި އަންނަނީ."

ބޯޓުގައި އުޅުނު ދުވަސްވަރު އަކިޓޯ އާއި އެކު މަސައްކަތްކުރި ބައެއް ދިވެހިންނާއެކު

1979ގެ ހަނދާންތައް ހައްވަ ޒީޓައިމްސް އާއި ހިއްސާ ކުރަމުން ބުނީ "އޭރު އެއްއިރު ކައިގެން ތިބިއްޔާ އަނެއް ފަހަރު ނުކައިވެސް ތިބޭ ހަނދާން ހުރޭ. އެހާވެސް ދަތިކޮށް އުޅުނީ. ދެން މަޑުމަޑުން އެއްޗެހި ދޭން ފަށައިފި. ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭތީ ހިތަށްއެރީ މީ ހަމައެކަނި ބޭބެގެ ރައްޓެހިކަމުގައި އަންނަ މީހެއް ނޫނޭ." އޭރު ހައްވަގެ އުމުރުން 18 އަހަރެވެ. 

އަކިޓޯގެ އެއްބަނޑު އެއްބަޕާ މީހުންނާއެކު. އޭނާ އަކީ އާއިލާގެ އެންމެ ހަގު މެންބަރު.

ދަތުރުވަރެއްގައި ހައްވަ މާލެ އައިސް ހުއްޓާ ބާޒާރުމަތިން ދިމާވި އޭދަފުށީ ދެމީހަކު ހައްވައަށް އެ ޚަބަރު ދިނެވެ. "އެދެމީހުން ބުނީ އެނގޭހޭ އަކިޓޯ ހައްވަ އާއި އިންނަންވެގެން އިސްލާމުވެގެން ހައްވަ ބަލާ މާލެ އެބަ އާދެއޭ. އަޅުގަނޑު ގަބޫލެއްވެސް ނުކުރަން. އެބޯޓު މާލެ އައި ދުވަހުގެ ރޭ އަޅުގަނޑު އިންޖީނު ދޯންޏެއްގައި އޭދަފުއްޓަށް ދާން ފުރައިފިން." އަކިޓޯ މާލެއައިސް މީހުން ކައިރިން ޚަބަރު ހޯދައިގެން ހައްވަ މާލޭގަ ހުރިގެޔަށް ދިޔައެވެ. އޭރު ހައްވަ ރަށަށްދާން ފުރައިފި ކަމަށް އެގެއިން ބައްދަލުވި ހައްވަގެ ދައްތައަކު ބުނުމުން ދެން އަނެއްކާވެސް ހައްވަ ހޯދުމަށް އޭދަފުއްޓަށް ދިޔައެވެ.

"އޭރު އަޅުގަނޑު އެހެން މީހަކާ އިންނަން ކޯޓަށް ސިޓީލާފަވީ. ދެން އޭނަ އެހާވަރުން އިންނަން ބޭނުންވެގެން އައީމަ އެ ސިޓީ ކެންސަލްކުރަން ކޯޓުގަ އެދިފަ އަކިޓޯ އާއި އިނީ ޢާއިލާއިން ބުނި ބުނުމަކަށްް."
އަކިޓޯ އާއި ކައިވެނި ކުރުމުގެ ކުރިން ހައްވައަށް އަކިޓޯގެ މެސެޖުތައް ގެނެސްދެނީ އަކިޓޯ މަސައްކަތްކުރި ބޯޓުގައި އުޅުނު ނައިފަރު ދެ ޒުވާނެކެވެ. "ވަރަށް އުނދަގޫ އިނދެގެން ފުރަތަމަކޮޅު ވާހަކަ ދައްކަން. ފަހުން އެހެން އެކީގައި އުޅެމުން ގޮސް ދިވެހި ދަސްކޮށްގެން ވާހަކަ ދައްކަނީ ދިވެހިން" ހައްވަ ބުންޏެވެ.

އަކިޓޯ ބޯޓުގައި އުޅުނު ދުވަސްވަރު. އޭނާ އަކީ ހޯކޯބޯޓުގެ އިންޖިނިއަރެއް

އަކިޓޯގެ އެންމެ ފުރަތަމަ ދިވެހި ވަޒަނަކީ އޭދަފުށި ނަމަވެސް ފަހުން ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް މާލެއަށް ހިޖުރަ ކުރިއެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން މާލޭގައި ދިރިއުޅޭނެ ދެ ގެވެސް ގަތެވެ. އެހެންނަމަވެސް ގެ ވިއްކި ދެ ދިވެހިންވެސް އޭނާއަށް ލަނޑުދިނީކަމަށް ބުންޏެވެ. އޭގެފަހުން މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި އުޅުމަކީ އެހާ ހިތްއެދޭ ގޮތަކަށް ނުވާތީ އެޕާޓްމެންޓެއް ގަނެގެން ހުޅުމާލެއަށް އޭރުގެ ހަމަހިމޭން މާހައުލަށް ބަދަލުވިއެވެ.
"ފުރަތަމަ ދަރިފުޅު ސުހޭލަށް ބަނޑުބޮޑުވެގެން މާލެއައިސް ތަނެއް ކުއްޔަށް ނަގައިގެން އުޅުނީ. ވިހައިގެން ދެން ރަށަށް ދިޔައީ. ދެވަނަ ދަރިފުޅު ޝަފްނާ އާއި ސޫދާ ވިހެއީ ރަށުގައި. ހަގު ދަރިފުޅަށް 2 އަހަރާއި ބައިގައި އެއްކޮށް މާލެ ބަދަލުވެގެން އެ ދަރިފުޅު ވެއްދީ މާފަންނު ސްކޫލަށް" އެހާ ހިސާބުން އަކިޓޯގެ ދިރިއުޅުން މާލޭގައި ބިނާ ކުރަން ފެށިއެވެ.
އޭދަފުށީގައި ތިބި ހައްވަގެ ޢާއިލާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އައި އަކިޓޯ އަކީ އޭނާގެ އަނބިމީހާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނަށް ނުހަނު އިހްތިރާމާއި ޤަދަރުކުރާ މީހެކެވެ. އެކަމުގެ ހެއްކަކީ އޭނާ ހައްވަ އާއި އިނދެގެން ދަރިން ލިބުމުގެ ކުރިން ޖަޕާނަށް ދިރިއުޅުން ބަދަލު ކުރަން އުޅުމުން ހައްވަގެ ޢާއިލާއިން ރުހޭ ކަމަކަށް ނުވާތީ އެއްވެސް ޝަކުވާއެއް ނެތި އެހިޔާލު ދޫކޮށްލުމެވެ.

އަކިޓޯ އަމިއްލައަށް ޑިޒައިންކޮށްގެން ބަދެފައިވާ ފެރީ ދޯނީގެ މޮޑެލް އެއް. މި ކުޑަ ދޯނި މިހާރުވެސް އެގޭ ސިޓީންރޫމުގައި އިނދޭ

ވަޑާން ކުރުމާއި ބޯޓު ފަހަރު ބަނުމާއި ކާރު އެތެރެކޮށްގެން ވިއްކުންފަދަ އެކިއެކި ވިޔަފާރިތަކުގައި އުޅުނެވެ. ހުޅުމާލެ އާއި މާލެއާއި ދޭތެރޭ ދަތުރު ކުރާ ފެރީ ދޯންޏެއް އަމިއްލައަށް ޑިޒައިންކޮށްގެން ބަނެވެ. އެ ދޯނި ވަރަށް ފަހަކާއި ޖެހެންދެންވެސް މާލެ އާއި ހުޅުމާލެއާއި ދެމެދު ދަތުރު ކުރިއެވެ. އަކިޓޯގެ އަނެއް ހުނަރަކީ ކެއްކުމެވެ.
މިހާރު 86 އަހަރުގެ އަކިޓޯ އާއި ބެހޭ ގޮތުން އޭނާގެ އެންމެ ހަގު ދަރިފުޅު އައިޝަތު ސޫދާ ބުނީ "ބައްޕަގެ މާ ގިނަ ރައްޓެހިންނެއް ނުތިބޭނެ. ވަރަށް މަޑުމައިތިރިވާނެ. ބައްޕަގެ ހުނަރެއް އެއީ ކެއްކުން. ޖަޕާނު ކެއްކުންތައްވެސް ތައްޔާރުކުރާނެ. ބައްޕަގެ ހުރިހާ ކަމެއްވެސް އަމިއްލައަށް ކޮށްގެން އުޅެން ބޭނުންވާނީ" ސޫދާ ބުންޏެވެ.

އަދި ބައްޕަ ވަނީ މަންމަގެ ޢާއިލާގެ 7 މެންބަރުން ހައްޖަށް ފޮނުވަދީފައި ކަމަށާއި، ކުރިން މުޅި އެޢާއިލާގެ ކަންކަންވެސް މައިގަނޑު ގޮތެއްގައި ބެލެހެއްޓީ އަކިޓޯ ކަމަށް ސޫދާ ފާހަގަ ކުރިއެވެ. ހައްވަ ބުނީ އޭނާގެ ފިރިމީހާ "ދަރިންދެކެ ވަރަށް ލޯބިވާނެ. އަޅުގަނޑު ދެކެ ހިތްހަމަ ނުޖެހޭނެ ކުދިންނަށް ބާރަށް އެއްޗެއް ބުނެވިއްޖިއްޔާ. އަބަދުވެސް ބުނާނެ އެއްޗެހި ނުކިޔާށޭ. ލޯބިން ދަރިންނާ މުހާތަބު ކުރާށޭ."

އަކިޓޯ އާއި ހައްވަ އެންމެ ދޮށީ ދަރިފުޅު ސުހައިލް އާއި އެކު

އަކިޓޯގެ ދަރިންނަށް ހާސިލް ނުކޮށްދެވި އޮތް ބައްޕަގެ ހުވަފެނަކީ ތަޢުލީމީ ގޮތުން ޑިގްރީއެއް ހާސިލް ކުރުމަށް އެބައްޕަ ދެކެމުން އައި ހުވަފެނެވެ. އެހެންނަމަވެސް ހަގު ދަރިފުޅު ސޫދާ އަދިވެސް ހުރީ އެ އުންމީދު ހާސިލްކޮށްދިނުމުގެ އަޒުމުގައެވެ. "ބައްޕަ ވަރަށް ބޭނުންވި ކަމެއް އެއީ ހުރިހާ ދަރިންވެސް ޑިގްރީއަށް ކިޔަވާ ނިންމުން. ދޮންތަ އެކަނި އެހިސާބަށް ކިޔެވީ. ބައްޕަ ބޭނުންވާނެ ދަރިން ޖަޕާނުބަސް ދަސްކުރަން. އެކަމެއްވެސް އަޅުގަނޑުމެންނަކަށް ނުކުރެވުނު. އަޅުގަނޑުމެން ޖަޕާނަށް ގެންދަންވެސް ވަރަށް މަސައްކަތް ކުރި."

އަކިޓޯ އޭނާގެ ތިން ދައްތަ އަދި ބޭބެ އާއި އެކު

މިކަންކަން ހާސިލުނުވިނަމަވެސް ހައްވަ ބުނީ އަކިޓޯގެ ޢާއިލާ ހޯދުމަށް ދަރިން ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ޖަޕާނު އެންބަސީ މެދުވެރިވެގެންވެސް އަކިޓޯގެ ޢާއިލާގެ މީހަކު ޖަޕާނުގައި ހުރިތޯ ބަލަން މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.
"ކުރިން ދަރިން ކުޑައިރު ޖަޕާނަށް ފޮނުވާނެ ފޮޓޯވެސް. އަދިވެސް ކުދިން ބޭނުންވޭ ބައްޕަގެ ޢާއިލާ މީހުންނާ ބައްދަލުކުރަން" ހައްވަ ބުންޏެވެ.

އަކިޓޯ އޭނާގެ ތިން ދަރިންނާއެކު

"އަބަދުވެސް ބުނާނެ ފަހުން ނުވަތަ މާދަމާ ނުކިޔާށޭ. އެއްވެސް ކަމެއް ފަހަށް ނުބަހައްޓާ އެކަމެއްގެ ވަގުތުގައި އެކަމެއް ކުރުމަށް ބައްޕަ ނަސޭހަތްތެރިވާނެ." މިއީ ދޮށީ ފިރިހެން ދަރިއަކާއި ހަގަށް ދެއަންހެން ދަރިން ހުންނަ މި ބައްޕަ އާއި ބެހޭ ގޮތުން ސޫދާ ފާޅުކުރި ޝުއޫރުތަކެވެ.

+1
1
+1
35
+1
2
+1
2
+1
0
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް