September 21, 2024 00:27
Advertisement

-Advertisement-

ކޮންމެ ބަދަލަކީ ތަރައްޤީއެއް ނޫން، ދިވެހިންނަށް ވާނެ!

ކުރިޔަށް އޮތީ ހުކުރުދުވަސް ކަމުން އޮފީހުން ނިމިގެން އަންނަމުން ބޯކޮށާލާނަމޭ ހިތައި، ރަނގަޅު ތަނެއް ފެނޭތޯ ދުއްވާލީމެވެ. ތިން ހަތަރު ތަނެއް ފެނުނުއިރު، އެތަންތާގެ ބޭރުގައި އެކިއެކި ގޮތްގޮތަށް ބޯކޮށާފައިވާ މީހުންގެ ފޮޓޯތަކާއި ޕޯސްޓަރުތައް ހުއްޓެވެ. އެތަނުން އެންމެ ރަނގަޅުވާނެހެން ހީވާތަނަށް ވަންއިރު ނަސީބަކުން އިތުރު ބަޔަކު މަޑުކޮށްގެން ނެތެވެ. ބޯކޮށަން ހާއްސަކޮށްފައި ހުރި ގޮނޑީގައި ޖައްސާލުމުން ކަރުން ފެށިގެން ގައި ނިވާވާނެހެން ފޮތިގަނޑެއް އަޅަމުން "ބޭބެ ކޮން ވައްތަރު ކޮށަން ބޭނުން؟" ހޭ އެހުމުން ކޮށަން ވީގޮތް ކިޔާލަ ދިނީމެވެ. ބޯކޮށުމާއިގެން އެމީހާ ކުރިޔަށް ދިޔައިރު އަހަރެންގެ ހިޔާލާއި ފިކުރު ގެންދިޔައީ މާޒީގެ ސޮފުހާތަކުން ލައްކަ ދުރު ހިސާބަކަށެވެ.

ހުޅުމާލޭގައި ހިންގާ ބޯކޮށާތަނެއް. މިފަދަ ހުރިހާތަނެއްގައި ބިދޭސީން މަސައްކަތް ކުރާތަން ދަނީ ފެންނަމުން

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. އުޅެމުން ދިޔައީ އައްޑުއަތޮޅު ހުޅުމީދޫގައެވެ. ސްކޫލު ދުވަސްވަރު ކަމަށްވުމުން، މާގިނަ ގޮތްގޮތަށް އިސްތަށިގަނޑު ކިއްސަރު ނުކުރެވުނަސް އޭރުވެސް ނިތްކުރިން އިސްތަށިކޮޅެއް ހިއްލާލުންފަދަ ގޮތަތަކަށް އިސްތަށިގަނޑު ބަހައްޓައިގެން ކްލާސް ކުދިން އުޅެއެވެ. އެހެން ހަދަން ބޭނުންވީނަމަވެސް އެފުރުސަތު ނުލިބޭތީ ކޮންމެ މަހަކުވެސް ބޯކޮށާ ދުވަހަކީ އެންމެ ރުޅިއަންނަ ދުވަހެވެ. މިއަދު އެމާޒީއިން ހަނދާންކޮށް އައުކޮށްދިނީ އަދި މުޅިން އެހެންކަމެކެވެ. އެދުވަސްވަރު އެރަށު އެންމެންގެ ބޯކޮށުމުގެ މަސައްކަތް ކުރަމުންދިޔައީ އަންހެނެކެވެ. އާނއެކެވެ. ދިވެހި އަންހެނެކެވެ. މިތަނުގައި ދިވެހި އަންހެނެއްކަމަށް މިހާ ބާރުލާފައި ބުނަން މިޖެހުނީ މިއަދު އެކަންތައް ބަދަލުވެފައިވާލެއް ބޮޑުކަމުންނެވެ.

ޒަމާނާއިއެކު މީހުންނާއި ކަންކަން ބަދަލުވެ ތަރައްޤީ ވަމުންދެއެވެ. ނަމަވެސް ކޮންމެ ބަދަލަކީ ތަރައްޤީ ނޫންކަން މިއަދު ރާއްޖޭގެ ވަޒީފާގެ ބާޒާރުން ހާމަވެއެވެ. މިކަމުގައި ޒިންމާ ނަގަން ޖެހޭނީ ކާކުތޯއެވެ. ހަމަ ޔަޤީނުންވެސް ފެންނަން އޮތް ހަޤީގަތަކީ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައި އެކަންކަން ތަންފީޒު ކުރަންތިބި ފަރާތްތަކުގެ އިހުމާލު މިކަމުގައި އޮތް މިންވަރެވެ. ސަބަބުތައް ވަރަށް ގިނައެވެ. މިސާލަކަށް ރާއްޖޭގައި ޓެކްސީ ދުއްވާ މީހުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި ކަނޑައެޅުމުން މިއަދުވެސް އެކަން އޮތީ އެހެންނެވެ. ޓެކްސީ ދުއްވައިގެން ފައިދާ ހޯދާ ދިވެހިން ގިނައެވެ. ހަމަ އެގޮތަށް މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެކަމަށް ކަނޑައެޅުމުން މިއަދު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރަމުން ދަނީ ދިވެހިންނެވެ. ނުހަނު ބޮޑު އާމްދަނީ ލިބޭ ދެމަސައްކަތެވެ. ފައިސާވެރިންނަށް ކާރު ގަނެފައި ދުއްވަން ކުޑަ މުސާރައިގައި ބިދޭސީއަކަށް ހަވާލު ކުރިނަމަ އޭނާއަށް މާގިނައިން ފައިސާ ލިބުނީހެވެ. އޮޑިވެރިޔާއަށްވެސް މިބީދައިން ކަންކުރެވުނީމާ ޖީބަށްލާނެ ފައިސާ ގިނަވީހެވެ. ނަމަވެސް މިދެދާއިރާވެސް ބިދޭސީންގެ އަތްދަށުން ސަލާމަތް ކުރެވުނީ އުސޫލުތައް ކަނޑައަޅައި ތަންފީޒު ކުރެވުމުންނެވެ.

Advertisement
ބާޚިރާ ދޯނި: ދިވެހިން ފޯރީގަ މަސްބާނަނީ

ދެން އޮތީ މިލިޔަން ޑޮލަރުގެ އަގުހުރި ސުވާލެވެ. މިހާ ފަސޭހަކޮށް ބިދޭސީންގެ އަތްދަށުން ވަޒީފާތައް ސަލާމަތް ކުރެވެން އޮވެމެ އެކަން ނުކުރެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ. މިއެވެ. ޖަވާބެއް ލިބޭތޯ އަޅުގަނޑުގެ ކޮށި ވިސްނުމަށްއައި ކަންކަން ހިއްސާކޮށްލާނަމެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެންމެބޮޑު އިސްކަމެއް ދެނީ އެޤައުމެއްގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްގީއަށެވެ. އިހަކަށް ދުވަހު ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާގައި ޗައިނާއާއި ދެކޮޅަށް ވިޔަފާރީގައި ހަރުކަށި ފިޔަވަޅުތަކެއް އެޅީވެސް ހަމަ މިބޭނުމުގައި އެމެރިކާ މީހުންގެ ވަޒީފާތައް ސަލާމަތް ކުރާށެވެ. ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ އުފެއްދުންތަކާއި މަސައްކަތްތެރީނަށް އިސްކަން ދެއެވެ. މިގޮތުން އެޤައުމުގައި އުފައްދާ ތަކެތި ބޭރުން ގެނައުން ހުއްޓުވުމާއި، އެޤައުމުގެ ރައްޔިތުން ކުރާ މަސައްކަތްތައް ބޭރުން އަންނަ ބިދޭސީންނަށް ނުކުރެވޭނެ ގޮތްތައް ހަދައެވެ. އަޅުގަނޑުމެންގެ ޤައުމުގައި ކަންހިނގަނީ މިމަގުންތޯއެވެ. ހަގީގަތަކީ ކަމާއިބެހޭ ފަރާތްތައް ތިއްބެވީ ނިދާފަކަމެވެ.

ކަމެއް ގޯސްވުމުގެ ކުރިން އެކަމާއި ވިސްނައި ފިކުރުކޮށް އެކަމުން ރައްކާތެރިވާން ފިޔަވަޅު އެޅުމަކީ ބުއްދިވެރީންގެ އާދައެއް ކަމުގައި ވީނަމަވެސް، މިއީ އަޅުގަނޑުމެން އެހާ އަހުލުވެރި ވިސްނުމެއް ނޫނޭ އެބަހީވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވެ، ސަލާމަތް ނުވާ ހިސާބަށް ދިޔައިމާ، ނިސްބަތުން ވަކިވަރަކަށް ދިވެހިން ތިބެން ޖެހޭނެކަމަށް ލިޔުނީއެވެ. ދިވެހި ފޮޓޯގްރާފަރުން ފޮޓޯ ނަގަނަގައި ތިއްބާ ބިދޭސީން އައިސް އަތްގަދަ ކޮށްގެން ދިވެހި ފޮޓޯގްރާފަރުން ބަނޑަށް ޖެހޭ ހިސާބަށް ދިޔުމުގެ ކުރިން އެކަމަށް ފިޔަވަޅެއް ނޭޅުނެވެ. ރިސޯޓުތަކުގައި އެތައް ޒަމާނެއް ވަންދެން ދިވެހިން މިއުޒިކު ކުޅެކުޅެ ތިއްބައި ބޭރުން މީހުން ގެނެސްގެން އެކަން ކުރަން ފެށުމުގެ ކުރިން މިއުޒިކު ކުޅޭ މީހުންނަށް ރައްކާތެރިކަމެއް ނުދެވުނެވެ. މިފަދަ ކިތަންމެ ކަމެކެވެ. ފިހާރަ ތަކުގައި ފައިސާ ބަލައިގަންނަން ބިދޭސީންނަށް ނުތިބެވޭނެކަމަށް ކަނޑައެޅިޔަސް އެއީ ތަންފީޒުވާ ނިންމުމެއް ނޫންކަން ފިހާރަތަކަށް ވަންނަ މީހުންނަށް އެގޭނެއެވެ. މިއިން ކޮންމެ ކަމަކީވެސް ކަމާބެހޭ އިދާރާތަކުން ކުރިޔާލައި ތައްޔާރުވެ ހުށިޔާރުކަމާއެކު ރައްކާތެރިވާން ފިޔަވަޅު އެޅިނަމަ ތަފާތު ނަތީޖާއެއް ފެންނާނެ ކަންކަމެވެ.

ރޭނުމާއި ސިމެންތިޖެހުން ފަދަ މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ

އަޅުގަނޑުމެން ކުޑައިރު ގޭގޭގައި ތަންތަން ރާނައި ރީތިކޮށް ސިމެންތި ޖަހައި، ކުލަލައި ހެދީ ހުނަރުވެރި ދިވެހީންނެވެ. ނިދާ އެނދުން ފެށިގެން އަލަމާރިތަކާއި މޭޒާއި ގޮނޑިއަކީ ދިވެހި ވަޑީންގެ މަސައްކަތްތަކެވެ. ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާ އެއްކޮށް އޮތީ ބިދޭސީންގެ އަތްދަށުގައެވެ. ރާނާ މީހެކޭ ކިޔާފައި އަންނަ މީހާއަށް ހަނދިގަނޑުގައި ހިފަން ނޭގުނަސް، ވަޑިއެކޭ ކިޔާފައި އަންނަ މީހާއަށް މޮހޮރެއް ޖަހަން ނޭގުނަސް އެކަން ކުރަނީ އެމީހުންނެވެ. ރެސްޓޯރެންޓަކަށް ނޫނީ ކެފޭއަކަށް ވަނަސް އެބައި މީހުންނެވެ. ކުރިން ވޮޗަރުންގެ ގޮތުގައި ހޭލާ ފޯރިމަރަން ދިވެހިން ތިއްބެއްކަމަކު، މިއަދު ގިނައީ ބިދޭސީންނެވެ. އިދާރާތައް ހަމަ ގަދަ ނިދީގައެވެ.

މިހާރު ފާހަގަވާ އަދި އެހެންކަމެއް އެބައޮތެވެ. އަވައްޓެރި ޤައުމުތަކުގެ މަގުތަކުގައި ހުންނަހެން މަގުމަތީގެ ކާނާ ނުވަތަ ސްޓްރީޓް ފުޑް ވިއްކާ ކުދިކުދި ކަޑަތައް ފަތުއަޑު ކިޔާފައި ގިނަވަމުން އެބަދެއެވެ. ކޮފީއާއި ޖޫގޯގެ އިތުރުން އެކި ބާވަތްތަކުގެ ޖޫހާއި ލުއި ކާނާ ވިއްކާ ތަންތަނެވެ. މުޅިންވެސް ބިދޭސީންނެވެ. ކޮންމެ ހޮޓަލެއްގެ ކަނުގައި އަދި ވަކީން މަސްރޮއްޓާއި ސޮސެޖު ފިހެފައި ވިއްކާ ބިދޭސީއެއް ހުރެއެވެ. މިއީ ފެންނަ ފެނުމަށް ހޮޓަލުގެ ބައެއް ކަމުގައި ހީވިޔަސް، ވަކި ވިޔަފާރިއެއްކަން އެގެނީ ދެތަނަށް ވަކީން ފައިސާ ދައްކަން ޖެހުމުންނެވެ. ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރެވެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮވެގެން ވަކި މިންގަނޑުތަކެއްގައި ކަންކަން ހުންނަ ތަންތަނުން ކަމުގައިވީނަމަވެސް، ރަނގަޅަށް ބަލައިފިނަމަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނާނީ މަދު މީހެއްގެ އަތުގައެވެ. ހޭލާކަށް ނުވޭތޯއެވެ.

ބިދޭސީއަކު ކާއެއްޗެހި ވިއްކާ ތަނެއްގައި

ވަކި މަސައްކަތެއް ނޫނީ ދިވެހިން ނުކުރާނޭ، ކަންނެތްކަމޭ ބުނެގެން ފަރުޖެހޭކަށް ނެތެވެ. ވެމްކޯއަކީ މިކަމުގެ އެންމެ ފުރިހަމަ މިސާލެވެ. ބިދޭސީން ބައިސްކަލު ތަކުގައި އުކަމުން ދިޔަ ކުނި މިއަދު އުކާލަނީ އެކަމަށް ހާއްސަކޮށްފައިވާ އުޅަނދެއްގައި ގޮސް، ރީތިކޮށް ޔުނީފޯމު އަޅާފައި ތިބޭ ދިވެހިންނެވެ. ހަރުދަނާ އުސޫލުތަކުގެ ތެރެއިން ދިވެހިންގެ ވަޒީފާތައް ސަލާމަތްކޮށް، ޤައުމުން ބޭރުވާ ފައިސާ ހުއްޓުވުމުގެ އުންމީދު އާލާވަނީ މިފަދަ ކަންކަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެއްސަކަށް ނުކުރެވުނު ކަމެއް ވަކި ބިދޭސީއަކަށް ކުރެވޭނެހެއްޔެވެ. ފިހާރަ ތަކުގެ ސޭލްސް އެސިސްޓެންޓްކަމާއި ކޭޝިއަރުކަން ކުރަން ކުޅަދާނަ ދިވެހިން ނެތީހެއްޔެވެ. މޮޅަށް ރާނައި، ސިމެންތި ޖަހައި، ވަޑާންކުރަން ދަންނަ ޒުވާނުން ނެތީތޯއެވެ. ހޮޓާތަކުގައި ތާޒާކަމާއެކު ވަގުތުން ހެދިކާ ހަދަން ދަންނަ ދިވެހިން ނެތީހެއްޔެވެ. ނޫނީ ކުދިކުދި ކަޑަތައް ހަދައިގެން ޖޫހާއި ކޮފީ ފަދަ ކުދި ވިޔަފާރިއަކުން ފަށައިގަނެގެން ބޮޑު ވިޔަފާރިވެރިޔަކަށް ވާން އުއްމީދުކުރާ ދިވެހިން ނެތީހެއްޔެވެ. ރީތިކޮށް ބޯކޮށާލަން އެގޭނެ ހުނަރުވެރިން ނެތް ޤައުމަކީހެއްޔެވެ. ނޫނެކެވެ. ތިބޭނެއެވެ. ބޭނުންވަނީ ހަރުދަނާ އުސޫލުތަކާއި، އެއުސޫލުތައް ނަޒާހަތްތެރިކަމާއެކު ތަންފީޒު ކުރާނެ ފާރާތްތަކެވެ. އަދި ކެރިގެން މަސައްކަތްކުރާނެ ދިވެހިންނެވެ. 

މާދަމާވެސް ސަރުކާރުގެ ޤަވާއިދަކުން ރާއްޖޭގައި ބޯކޮށުމުގެ މަސައްކަތް ކުރެވޭނީ ދިވެހިންނަށް ކަމަށާއި، ސްޓްރީޓް ފުޑް ވިއްކާ ހަޓްތައް ހިންގޭނީ ދިވެހިންނަށް ކަމަށް ނިންމާބަލާށެވެ. ދިވެހިން ނިކުމެ މާ ފެންވަރުގައި އެކަން ކުރާނެއެވެ. އޭރުން ދިވެއްސެއް ލައްވައި ބޯކޮށާލައިގެން ގޮސް، ދިވެއްސެއް ހިންގާ ގާޑިޔާއަކުން މީރު ޖޫހެއް ހަވީރު ބޯލައިގެން، ދިވެއްސަކަށް ވީތީ ފަހުރުވެރިވެލާފައި އިރުއޮއްސޭ މަންޒަރު ބަލާލުމުގެ ހިތްހަމަ ޖެހުން ހޯދާނަމެވެ. މިނޫން މަގަކުން މިކަން ހިނގައިގެން ކޮންމެ ބަދަލަކީ ތަރައްޤީ ކަމުގައި ދެކިގެން ތިބެން ހެޔޮވާނީ ކިހިނަކުންތޯއެވެ.

+1
0
+1
14
+1
5
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް