September 20, 2024 16:29
Advertisement

-Advertisement-

ހާދިސާ: ހައްވާފުޅާއި ދިމާކުރި ޖިންނި ކޮނޑޭއިން ފޮނުވާލި ގޮތް!

ކުރީ ޒަމާނުގައި ރާއްޖޭގެ ރަށްތަކުގެ ގިނަ މީހުން އަތިރިއަށް ދަނީ ގޮޑުދޮށަށެވެ. އެއްރެއަކު 3:45 ވީއިރު، ގއ.ކޮނޑޭ ފަޅޯމާގެ ހައްވާފުޅަށް ހޭލެވުނީ އަތިރިއަކަށް ދާން ޖެހިގެންނެވެ. އެދުވަސްވަރު ރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ހަނި މަގުތަކެއްކަމުން ކޮނޑޭގެ މަގުތައްވެސް ހުންނަނީ ވަރަށް ހަނިކޮށެވެ. ކޮނޑޭއަކީ ޖަންގަލީ ބޮޑުރަށެކެވެ. ކޮންމެއަކަސް ހަނދުވަރުރީތި އެރޭ ހައްވާފުޅު އަތިރިމައްޗަށް ދާން އޮތް ހަނި މަގުން ދަނިކޮށް މީހަކު ފަހަތުން އަންނަހެން ހީވެގެން ފަހަތްބަލާލިއިރު މީހަކު ފެންނާކަށްނެތެވެ.

ހިނގަމުންގޮސް ގޮނޑުދޮށަށް ފޭބިތަނާ މީހަކު ވަރަށް ބާރަށް ހީގަތްއަޑު އިވުނެވެ. ހައްވާފުޅު މިފަހަރުވެސް ވަށައި ހޯދާލިއެވެ. ނަމަވެސް މީހަކު ފެންނާކަށެއް ނެތެވެ. ހައްވާފުޅު އިށީންތަނުން ބޮޑު ކަކުންޏެއް އައިސް ހައްވާފުޅު ކައިރީގައި މަޑުކޮށްލިއެވެ. ގޮޑުދޮށަކީ ކަކުނި އުޅޭތަނަކަށްވާތީ މިއީ ބޮޑުކަމެއްނޫނޭ ހައްވާފުޅު ހިތަށް އެރިއެވެ. މޫދަށް ފޭބިތަނުން ހައްވާފުޅުގެ ގަޔަށް ލޮނު ވާރޭ ވެހެންފަށައިފިއެވެ. އުޑުމަތީގެ ކަފަ ވިލާކޮޅެއްވެސް ނެތްއިރު މިއީ އަނެއްކާ ކިހިނެއްވާކަމެއްބާއޭ ހައްވާފުޅު ހިތަށްއެރިއެވެ. ތާހިރު ވުމަށްފަހު އެއްގަމަށް އަރަން އެބުރުލީތަނުން ހައްވާފުޅަށް ފެނުނީ ކަޅު އަނދިރިގަޑެކެވެ.

ހައްވާފުޅު ރޯމަހެއްހެން ތުރުތުރުއަޅައިގަތެވެ. އެއްގަމަށް އެރިތަނުން ބޮޑު އަލިގުޅައެއް ހައްވާފުޅު ކުރިމަތިން ދިޔައެވެ. ގެއަށްދާން ހިނގަމުންގޮސް ގެއަށް ވަންނަން ދިމާކުރި ވަގުތު ހައްވާފުޅުގެ ލިބާހުގައި މީހަކު ހިފެހެއްޓިހެން ހީވެގެން ބަލާލިއިރު ހައްވާފުޅު ވަށައިގެންހުރީ ކަށިކެޔޮ ގަސްތަކެވެ. ހައްވާފުޅަށް ގެ ކަމަށް މިވަދެވުނީ ބޯޖަންގައްޔަކަށެވެ. އެވަގުތު 'ވަރަށް ދުވަސްވެއްޖެ ބޯކޮޅުބަލާތާ! އުނަގަނޑުގައި ތަވީދެއް އޮންނާތީ އަތްނުލެވެނީ. މިރޭ ތަވީދެއް ނެތެއްނު. މީހަކު ބުނި އަޑު އިވުނެވެ.' ހައްވާފުޅު ބަލާލިއިރު ތެދެއްމެ ތަވީދެއްނެތެވެ. ބިރުންގޮސް ހައްވާފުޅު ހޭނެތިއްޖެއެވެ.

Advertisement

އަނެއްދުވަހު ހައްވާފުޅު ގެއްލިގެން ރަށު އެންމެންވެގެން ހޯދަމުން ދަނިކޮށް ފެނުނީ ކަށިކެޔޮ ފީއްޏެއްގެ ތެރޭގައި ހޭނެތިފައި އޮއްވައެވެ. ގެއަށް ގެންގޮސް ކުޑަ އަހުމަދުފުޅު ލައްވާ ފަންޑިތަ ހެދުމުން އެވަގުތަށް ރަގަޅުވެ ހައްވާފުޅު ހުރިހާ ވާހަކައެއް ކިޔާދިނުމުން އެއީ މުއުމިން ޖިންނިއެއްގެ ކަމެއްކަން އެގުނެވެ. ކުޑަ އަހުމަދުފުޅު ކިޔަވަން ފެށުމުން ހައްވާފުޅު ބިރުން ތެޅިފޮޅެން ފެށިއެވެ. އަދި ކުޑަ އަހުމަދަށް އެއީ ރަފީޤު ނަމަކަށް ކިޔާ ޖިންނިއެއްކަން އެގުނެވެ. ހައްވާފުޅު ހަމައަކަށް އެޅުމުން ކުޑަ އަހުމަދުފުޅު ޖިންނި އާއި ވާހަކަ ދައްކަން ފެށިއެވެ.

ހައްވާފުޅު ދޫކޮށް ނުދާނަންތަ؟ ކަލޭ އިތުރަށް އޭނައަށް އުދަގޫ ކުރާނަންތަ؟ އިތުރު އުދަގުލެއް އޭނައަށް ކޮށްފިއްޔާމު މިއޮތް ހަންޖަރުން ކަލޭ މަރާލާނަން 'ވިސްނާތި! އެއިރު އަހުމަދުފުޅު ކަޅުވަކަރު ފިލާފޮއްޗެއްގައި ވަޅި ޖަހަން ތައްޔާރުވަނީއެވެ. އަދިވެސް ދޫނުކުރާނަންތަ؟ އެންމެ ފަހުން ޖިންނިއަށް ކެތްނުކުރެވިގެން 'އަހަރެން ނުމަރާތި އަހަރެން މިދަނީ. އެކަމަކު ހައްވާފުޅު ގާތުގައިބުނާތި! މަގުމަތީ ހިގާއިރު އެހެން މަޚުލޫގުންނަށް ދަތިވާގޮތަށް ނުހިނގުމަށް. ދުނިޔޭގައި އުޅެނީ ހަމައެކަނި އިންސާނުން އެކަނި ނޫންކަންވެސް ދަންނަން ވާނެކަމަށް. އަހަރެން ސަލާމަތްކޮށްދީ ދެން ދުވަހަކުވެސް ހައްވާފުޅަށް އުދަގުލެއް ނުކުރާނަން'

ޖިންނި މިހެން ބުނުމުން އަހުމަދުފުޅު ޖިންނި ދޫކޮށްލީ ދުވަހަކުވެސް ކޮނޑޭގެ ފަސްގަޑަށް ނޭރޭގޮތަށް ދިޔަދޫ ފަރުކޮޅުން ދެމޭލުގެ ދުރަށެވެ. މިއީ ހަގީގީ ހާދިސާއެއްކަމަށް ލިޔެފައިވެއެވެ. މިހާރުވެސް އެހިސާބުން ދަތުރުކުރާ ދަތުރުވެރިންނަށް އެޖިންނީގެ އުދަގޫ ފޯރާކަމަށް ދަތުރުވެރިން ބުނެއުޅެއެވެ.

ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނެގިފައިވާ ހާދިސާއެކެވެ. މާނަ ނުގެއްލޭގޮތަށް ޖުމްލަތަކާއި ބަސްތައް ބަދަލުކުރެވިފައިވާނެއެވެ.

+1
4
+1
3
+1
2
+1
37
+1
23
+1
3
+1
4

Advertisement

ގުޅުންހުރި ލިޔުންތައް