އައްޑޫ ސިޓީ ފޭދޫ އަށް އުފަން ފަރަހަތު މުޙައްމަދު (ފަރަހަ) އަކީ ވޭތުވެދިޔަ 20 ވަރަކަށް އަހަރުތެރޭގައި ވަރަށް ފަލަކޮށް ހުރި މީހެކެވެ. އަދި އެހާ ފަލަކޮށް ހުރުން އެއީ ކަންބޮޑުވާ ކަމެއްވެސް ނޫނެވެ. ކާން ބޭނުން އެއްޗެއް ދިޔައީ ކަމުންނެވެ. ބަރުދަނުގައި 109 ކިލޯ ހުރި ފަރަހަ ތިންމަސް ދުވަހުން ވަނީ 21 ކިލޯ ލުއިކޮށްފައެވެ. މިއައި ބަދަލު ސޯޝަލް މީޑިއާގައި ފޮޓޯއާއި އެކު ފަރަހަ ހިއްސާކުރުމުން އިތުރު ތަފްސީލް ހޯދާލާ ހިތްވިއެވެ.
ތަފާތު އެކި ކުލައިގެ ޖޫހާއި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމަނައިގެން ސިއްޙަތަށް ފައިދާހުރި ކެއުންތައް ބޭނުންކުރަމުންދާ ފަރަހަގެ މިހާރުގެ ބަރުދަނަކީ 88 ކިލޯ އެވެ. ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް 2020ވަނަ އަހަރު ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ފެށުނުގޮތް ތަފްސީލްކޮށް ފަރަހަ ވަނީ ކިޔައިދީފައެވެ. އުމުރުން 43 އަހަރުގެ ފަރަހަ އަށް ފުރަތަމަ ދަރިފުޅު ލިބުނުއިރު އުމުރަކީ 15 އަހަރެވެ. 26 އަހަރުގެ އަންހެން ކުއްޖަކާއި، 28 އަހަރާއި 12 އަހަރުގެ 2 ފިރިހެންކުދިން ހުންނައިރު އަބަދުވެސް އިސްކަންދިނީ ޢާއިލާއަށެވެ. ވަޒީފާއަކަށް ނުދިޔަ ނަމަވެސް ކަސްރަތުކުރުމާއި ބަރުދަން ލުއިކުރުމަކީ ކިހާ މުހިންމުކަމެއްކަން ކުރިން ނުވިސްނެއެވެ.
ހިނިގަޑެއް ޖަހާލަމުން ބުނީ މީހުން އަބަދުވެސް ފަރަހަ ދަންނަނީ ވަރަށްފަލަ މީހެއްގެ ގޮތުގައި ކަމަށެވެ. "އަޅުގަނޑުގެ ޢާއިލާގެ ބައެއް މީހުން ބުނާނެ މަޖަލަކަށް ހަދާފަ ނުހިކޭށޭ. ނުގުޅޭނެއޭ ހިކުނީމަ. ބޭނުން އެއްޗެއް ކަމުން ދިޔައީ. އެއްވެސް ވަރަކަށް ހިކެން ނުވިސްނަން ކުރިން. އެކަމަކު 3 ވަނަ ދަރިފުޅު ވިހެއުމަށްފަހު މާބޮޑަށް ފަލަވީމަ މީހުން އެވާހަކަ ދައްކާ. އަދި ހަކުރާއި ކޮލެސްޓްރޯލް މަތިވުމުން އެދެކަމަށް ދިޔައީ ބޭސް ކަމުން" ފަރަހަ ބުންޏެވެ.
އިތުރު ސިއްޙީ މައްސަލަތަކަކާއި ފަރަހަ ކުރިމަތިލިއެވެ. މިގޮތުން ދެފައިތިލަ ދުޅަވުމުގެ އިތުރަށް ކަރުގެ ހަންގަޑުގެ ކުލަ ބަދަލުވަމުން ދިއުން އެއީ ފަރަހަގެ ކަންބޮޑުވުމެކެވެ. އެކަމަކު އެކަންތައްތައް ދިމާވަމުންދިޔައީ ފަލަވުމުގެ ސަބަބުންކަމެއް ކުރިން ނޭގެއެވެ.
"އުފާވެރި ދިރިއުޅުމެއްގައި އުޅުނީ އެއްވެސް ވަރަކަށް އަޅުގަނޑުގެ ހަށިގަޑާއިމެދު ނުވިސްނަން އެހެން ހުއްޓާ ޢާއިލާގެ މީހަކު ދިނީ ' 21 ޑޭސް ސެޝަން' ޕްރޮގްރާމްގެ މަޢުލޫމާތު. އެއީ މެލޭޝިއާގެ ޕްރޮގްރާމެއް. އެއްވެސް އުއްމީދެއް އޮވެގެނެއް ނޫން އިތުރު މަޢުލޫމާތު ހޯދީ އެޕްރޮގްރާމްގެ ދިވެހި ކޯޗެއް ކަމުގައިވާ ނަޖޫ ކޯޗު ކައިރިން. ކޯޗު ކިޔައިދިން ތަފާތު މީހުންގެ ވާހަކަތައް. އެހާހިސާބުން ވަރަށް ބައިވެރިވާހިތުން މިޕްރޮގްރާމްގައި ބައިވެރިވީ"
ކޯޗުގެ އިތުރުން ޢާއިލާއިން ދިން ސަޕޯޓް ވެގެންދިޔައީ ބޮޑު ހިތްވަރަކަށެވެ. 21 ދުވަހުގެ ފުރަތަމަ ޕްރޮގްރާމްގެ ފުރަތަމަ ހަފްތާގައި ފަރަހަވަނީ 5 ކިލޯ ލުއިކޮށްފައެވެ. ބަރުދަން ލުއިކުރީ ކާއެއްޗެއްސަށް ބޮޑު ބަދަލެއް ގެނައުމުގެ އިތުރުން ހިނގައިގެންނެވެ. ބެޑްމިންޓަން ކުޅެނިކޮށް ކަކުލަށް ތަދުވުމާއި ގުޅިގެން އެއިރު އިތުރު އެކްސަސައިޒެއް ނުކުރެއެވެ.
" ކޮންމެ ސީޒަނެއް މިއޮންނަނީ 21 ދުވަހުގެ މުއްދަތަށް. ފުރަތަމަ ސީޒަނުގައި 9 ކިލޯ ލުއިވިއިރު އެސީޒަން އިން އެއްވަނަ ލިބުނު. ދެވަނަ ސީޒަނުގައި 6 ކިލޯ އަދި 3 ވަނަ ސީޒަނުގައި 6 ކިލޯ ވަނީ ލުއިވެފަ. ކެއުން ކޮންޓްރޯލްކޮށް ކޮންމެ ދުވަހަކު 30 މިނިޓް ހިނގީ. ކަރާއި މޫނު ހަންގަނޑު ރީތިވެއްޖެ. ވަރަށް ހިތްހަމަޖެހޭ މިއައި ބަދަލަށް" އުފަލުންހުރެ ފަރަހަ ބުންޏެވެ.
ބަރުދަން ލުއިކުރުމުން ފެންނަ ފެނުމަށްވެސް އިސްކޮޅުން ދިގު ފަރަހަ މިހާރު ވަރަށް ރީއްޗެވެ. އަދި އެއަށްވުރެ އުފާވަނީ ހަކުރު ބައްޔާއި ކޮލެސްޓްރޯލް މަތިވުމުން ކަމުންދިޔަ ބޭސް ޑޮކްޓަރުގެ ލަފައާއިއެކު މިހާރު ކާން ނުޖެހޭތީއެވެ.
އައްޑޫ ސިޓީގައި ދިރިއުޅޭ ފަރަހަގެ އަމާޒަކީ މިހާރެކޭ އެއްގޮތަށް ކޮންމެ ދުވަހަކު ހިނގަންގޮސް ރަނގަޅު ކާނާ ކައިގެން ބަރުދަން 70 އަށް ލުއިކުރުމެވެ. ހަށިގަނޑަށް މިއައި ބޮޑު ބަދަލުގައި މެދުކެޑުމެއްނެތި ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދިން ކޯޗުގެ އިތުރަށް، ޢާއިލާގެ މެންބަރުން ޚާއްސަގޮތެއްގައި ފިރިމީހާއާއި 3 ދަރިންނަށް ފަރަހަވަނީ ޝުކުރު އަދާކޮށްފައެވެ. ކިތަންމެ ފަލަވިއަސް ހިތްވަރާއިއެކު މަސައްކަތްކޮށްފިނަމަ ހިކޭނެކަން ފަރަހަ ވަނީ ސާބިތު ކޮށްދީފައެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
ތިޔަ ކުރައްވާ ހިއްވަރަށް ސާބަސް
inspiration of all chubby ladies here in maldives
ކޮމެންޓްސް ބަންދުކުރެވިފައި