ދުނިޔެއަކީ އިމްތިހާނެކެވެ. އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއް ފަދަ ކަމެކެވެ. އެކި ޢާއިލާތަކަށް ދިމާވެގެން އުޅޭ ހިތްދަތި އެތައް ކަމެއްގެ މަޢުލޫމާތު އަޅުގަނޑު ވާނީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. މިއީ އެފަދަ ހިތްދަތި ޙާލަތެއް ދިމާވެފައިވާ ޢާއިލާއެކެވެ.
އެއްބަނޑު އެއްބަފާ ތިބީ 3 ބެއިންނެވެ. އެ ތިންބެއިންގެ ތެރެއިން އެކަކުގެ ކިޑްނީ ވަނީ އޭނާގެ ދަރިފުޅަށް ހަދިޔާ ކޮށްފައެވެ. އަދި ބާކީތިބި ދެބެއިންގެ ތެރެއިން ކިޑްނީ ފެއިލްވެފައިވާ ކޮއްކޮ އަށް ކިޑްނީ ހަދިޔާކުރުމަށް ބޭބެ ވަނީ ނިންމާފައެވެ. އެހެންވުމުން އެއް ޢާއިލާއެއްގެ 4 މީހުން މީހަކު އެއް ކިޑްނީގައި އުޅެންޖެހިފައިވާ ޙާލަތެއް މިވަނީ މެދުވެރިވެފައެވެ. އަދި މިގޮތަށް މެދުވެރިވީ ކައިރިކައިރީގައި ކަމުގައިވުން މިއީ ޢާއިލާ އަށް ލިބުނު ބޮޑު ހިތާމައެކެވެ. މިޢާއިލާގެ 4 މީހުން މިވަގުތު ފަރުވާ ހޯދަމުން ދަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ބީޖީއެސް ހޮސްޕިޓަލުންނެވެ.
އަޅުގަނޑުގެ މިރިޕޯޓުގައި މިބަލާލަނީ ކިޑްނީ ބަދަލުކުރުމުގެ ބޮޑު އޮޕަރޭޝަނަށް އެޑްމިޓްކޮށްފައިވާ މުޙައްމަދު އަކުރަމް (42އ) އަދި އޭނާގެ ކޮއްކޮ މަރްޔަމް އިކުރާމާ (34އ)ގެ ޙާލަތު މިވަގުތު ހުރިގޮތުގެ މައްޗަށެވެ. އަދި ކޮއްކޮ އަށްޓަކައި ބޭބެ ވަމުންދާ މަތިވެރި ޤުރުބާނީ އަށެވެ.
އިކްރާމާގެ ދެކިޑްނީ ފެއިލްވިކަން އެގުނީ 2020ވަނަ އަހަރު އޯގަސްޓްމަހުގަ އެވެ. ހޯރަފުށީގައި ދިރިއުޅޭ އިކްރާމާ ސިއްޙީ ޙާލަތު ގޯސްވެގެން އެންމެފުރަތަމަ ގެންދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. އެއަށްފަހު މާލެ ގެނައީ ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ.
" މާލެއިން ޑޮކްޓަރު ބުނީ ސްޓޭޖް 5ގައި ކަމަށް ހުރީ، ކިޑްނީ ބަދަލުކުރުން ނޫންގޮތެއް ނެތް ކަމަށް. ދެން އަޅުގަނޑުމެން އެއްބަނޑު އެއްބަފާ ތިންބެއިންގެ އިތުރަށް ޢާއިލާގައި ހުންނާނީ އެއްބަޑު ބޭބެއެއް. އެބޭބެގެ ސިއްޚީ އިތުރު މައްސަލަތަކެއް ހުރުމުން ކިޑްނީ ހަދިޔާއެއް ނުކުރެވޭނެ. އަދި ދެންހުރި ކޮއްކޮ މިއަހަރު ވަނީ އޭނާގެ ދަރިފުޅަށް ކިޑްނީ ހަދިޔާކޮށްފައި. އެހެންވެ އިތުރު މީހަކު ހުރިތޯ ބެލުމުގެ ބަދަލުގައި އަމިއްލަ އަށް ނިންމީ ކިޑްނީ ދޭން" ކިޑްނީ ހަދިޔާ ކުރުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން އަކުރަމް ބުނީ މިގޮތަށެވެ.
އަކުރަމްގެ 18 އަހަރު ނުފުރޭ ތިންކުދިން ތިބޭއިރު ދޮށީ ދެކުދިން ދިރިއުޅެމުންދަނީ އެކުދިންގެ މަންމަ ކައިރީގައެވެ. އަދި ހަގު ދަރިފުޅާއި މިހާރުގެ އަނބިމީހާ މިވަގުތު ތިބީ އިންޑިއާގައެވެ. އަކުރަމް ވަޒީފާ އިން ވަކިވިތާ 7 މަހެއްހާ ދުވަސްވެފައިވާއިރު، ވަޒީފާއަކަށްވުރެ ބޮޑަށް އިސްކަންދެނީ ކޮއްކޮގެ ފުރާނަ ސަލާމަތްކުރެވޭތޯ ކަމަށް ވަނީ ބުނެފައެވެ. އަދި މާލޭގައި ކުއްޔަށް އުޅެމުންދިޔަ ތަން ދޫކުރުމަށްފަހު މިވަގުތު އިންޑިއާގައި ދިރިއުޅެނީ ޢާއިލާ އިން ފޯރުކޮށްދޭ އެހީތެރިކަމާއި އެކުގައި ކަމަށް ވަނީ ފާހަގަކޮށްފައެވެ.
'ޒީޓައިމްސް އަށް މަޢުލޫމާތުދެމުން އިކްރާމާ ބުނީ އެންމެ އުދަގޫވަނީ 4ގަޑިއިރު ވަންދެން ޑައެލިސިސް ހެދުމަށް ހޮސްޕިޓަލުގައި އޮންނަންޖެހޭތީ ކަމަށެވެ.
" ހޮޑުލެވި، ބޮލުގައި ރިއްސާ، ލޭމަދުވެ ހަށިގަނޑު ހިރުވައި ވަރަށް އުދަގޫ މިހާރުވެސް. ކިޑްނީ ފެއިލްވުން މިއީ ވަރަށް ވޭންހުރި ކަމެއް" އަސަރާއި އެކު ދެކުދިންގެ މަންމަ އިކްރާމާ ބުންޏެވެ.
އިކްރާމާގެ 2 ކުދިން މިވަގުތު ތިބީ ހޯރަފުށީގައެވެ. އެކުދިން ބަލަމުންދަނީ މާމައެވެ. ކޮވިޑާއި ގުޅިގެން މީހުން މަދުކުރިއިރު އޭނާގެ ފިރިމީހާ ވަނީ ރިސޯޓުގެ ވަޒީފާއިން ވަކިކޮށްފައެވެ.
އިކްރާމާގެ އޮޕަރޭޝަނަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިއަހަރު ޖެނުއަރީ މަހުން ފެށިގެން އިކްރާމާ އާއި ފިރިމީހާ އަދި ބޭބެ އަކުރަމް އާއި ޢާއިލާ ދިރިއުޅެމުން ދަނީ އިންޑިއާގައެވެ. އިކްރާމާގެ ދައްތަގެ ކިޑްނީ ދައްތަ ދަރިފުޅަށް ހަދިޔާ ކުރުމަށްފަހު އިތުރު ފަރުވާއަށް އިންޑިއާގައި މަޑުކޮށްގެން ތިބުމުން މިވަގުތު މި ތިންބެއިން ދިރިއުޅެމުން ދަނީ އެއް ގެއެއްގައެވެ.
އިކްރާމާ އާއި އަކުރަމް މި ހަފްތާގައި އޮޕަރޭޝަން ކުރުމަށްފަހު އިތުރު 3 މަސް ދުވަހު އިންޑިއާގައި މަޑުކުރަންޖެހޭއިރު މިހާރުވެސް އިކްރާމާގެ ޢާއިލާ އިންޑިއާގައި ދިރިއުޅޭތާ މިވަނީ 3 މަހެއްހާ ދުވަސްވެފައެވެ.
ހުރުމާއި ކެއުމުގެ އިތުރަށް ހޮސްޕިޓަލާއި ގެއާއި ދެމެދުގައި ދަތުރުކުރުމަށް ބޮޑު ޚަރަދެއް ހޭދަވާތީ މި ޢާއިލާއަށް މިވަގުތު ވަނީ އެހީތެރިކަން ބޭނުންވެފައެވެ.
ނޯޓް: މި ޢާއިލާ އަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.