މިވަގުތު އިންޑިއާގެ ލިސީ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ފާތިމަތު ހަނާ ޙުސައިން (ހަނާ) އާއި އޭނާގެ މަންމަ ހައްވާ ޢަލީ (ރ.ކަނދޮޅުދޫ) އަދި ބައްޕަ ހުސައިން މުޙައްމަދު (ޅ.ނައިފަރު)، އިންޑިއާ އަށް ދިޔައީ މިއަހަރުގެ މާރިޗް މަހުގެ 8ވަނަ ދުވަހުގައެވެ.
ހިތުގެ އޮޕަރޭޝަން ކުރުމަށް މިޢާއިލާ އިންޑިއާ އަށް ގޮސް ކަރަންޓީނުގައި ތިބީ ގެއެއްގައި ކަމަށް ހައްވަ ވަނީ 'ޒީޓައިމްސް' އަށް މަޢުލޫމާތު ދީފައެވެ.
" ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އަޅުގަނޑުގެ އިނގިލިތައް ދުޅަވެގެން ފަޅަފަޅައިގެން ދާވަރުވުމުން ޑޮކްޓަރަށް ދައްކަންގޮސް ހެދި ޓެސްޓުން. އަޅުގަނޑަކީ ހަކުރު ހުންނަ މީހަކަށްވާތީ އެހެންހުރެފަ ވާގޮތެއް އެއީ އިނގިލިތައް ދުޅަވެ ފަޅައިގެން ދިއުން. އަޅުގަނޑު ކޮވިޑަށް ޕޮޒިޓިވް ވީ މާރިޗް 10ވަނަ ދުވަހު. އަދި ހަނާ އާއި ހުސައިން ޕޮޒިޓިވް ވީ މާރިޗް 12ވަނަ ދުވަހު. ޕޮޒިޓިވް ވުމަށްފަހު އަޅުގަނޑުމެން ތިބީ އަމްރިތާ ހޮސްޕިޓަލުގައި" ހައްވަ ކިޔައިދިނެވެ.
މި ޢާއިލާ އާއި ގުޅޭގޮތުން ޚާއްސަ ރިޕޯޓެއް މިއަހަރު ފެބުރުއަރީ މަހުގެ 9ވަނަ ދުވަހު ޒީޓައިމްސް އިން ވާނީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އެއިރު ޢާއިލާއިން ދިޔައީ އޮޕަރޭޝަނަށް ދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަމުންނެވެ.
" އަޅުގަނޑުމެން އިންޑިއާ އަށް އައިއިރު ގެނައީ ޖުމްލަ 6000 ޑޮލަރު. އޭގެތެރެއިން 5000 ޑޮލަރަކީ އެންސްޕާއިން އޮޕަރޭޝަނަށް ދިން ރުފިޔާ. މިހާރު ލިސީ ހޮސްޕިޓަލަށް ވާނީ 2800 ޑޮލަރު ދައްކާފައި. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިއުޅޭ ކޮޓަރީގެ ކުލީގެ އިތުރަށް އިތުރު ބިލްތަކަށްވާ ފައިސާ އަދި ނުދައްކާހުރީ. އެންސްޕާއިން ލިބުނު ފައިސާގެ ބާކީ ހޮސްޕިޓަލުގެ ދެންހުރި ބިލްތައް ދެއްކުމަށް ވާނީ ބަހައްޓާފައި. މީގެއިތުރަށް ޕޮޒިޓިވްވުމާއި ގުޅިގެން އަމްރިތާ ހޮސްޕިޓަލުގައި ހޭދަކުރި މުއްދަތަށް 5700 ރުޕީސް އެ ހޮސްޕިޓަލުގެ ބިލަށް ދެއްކިން. އިންޑިއާގައި މަހަކަށްވުރެ ގިނަ ދުވަސް ހޭދަވުމުން ގެނައި ހުރިހާ ރުފިޔާ އެއް މިހާރު ހުސްވަނީ. އަދި އިތުރަށް އިންޑިއާގައި މަޑުކުރަންޖެހޭތީ އެހީތެރިކަމަކަށް އެދެން މިޖެހުނީ" ހައްވަ ވަރަށް ދެރަވެފަ ހާލަތުކިޔައިދިނެވެ.
ހަނާގެ ހިތުގެ އޮޕަރޭޝަން ކުރެވުނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުގައެވެ. މިއަދު ވަނީ އައިސީޔޫ އިން ވޯޑަށް ބަދަލުކޮށްފައެވެ.
" ނުސާފު ލެއާއި ސާފު ލޭ އެއްތަނަކަށް ޖަމާވާތީ ހިތުގެ 2 ނާރު މިހާރު ވަނީ ވަކިކޮށްފައި. ހިތުގައި ހުރި ހަތަރު ލޯވަޅު ވަނީ ބައްދާފައި. އަދި 5 އަހަރު ފަހުން ފުއްޕާމޭގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވީ. ބަނޑަށް ގުޅާފަހުރި 2 ޓިއުބް ވެސް މިހާރު ވަނީ ނައްޓާފައި. ހަފްތާއެއްހާ ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވެނީ. އެކަމަކު ރާއްޖެ ދެވޭނެ ދުވަހެއް އަދި ނޭނގޭ." ލިސީ ހޮސްޕިޓަލުގައި ހުރެގެން ހައްވަ މަޢުލޫމާތު ދިނެވެ.
ހަނާ އަކީ ދުވަސްނުފުރާ ވިހޭ ކުއްޖެކެވެ. ހިތުގެ މައްސަލަތަކެއް ހުރިކަން އެންމެ ފުރަތަމަ ފާހަގަވީ އުމުރުން އެއްމަހުގައި ހެދި ޓެސްޓްތަކުންނެވެ. ޑޮކްޓަރާއި ހަވާލާދީ ޢާއިލާ އިން ކުރިން މަޢުލޫމާތުދިންގޮތުގައި ހަނާގެ ހިތް އުފެދިފައިހުރީ ހުންނަންޖެހޭ ތަނުގައެއް ނޫނެވެ. ރޯއިރު އަޑު ނުނުކުމެ ގިނައިރު ހުރުމާއި ނޭވާ ހާސްވެ ހޮޑުލުމުގެ މައްސަލަތައް ހަނާއަށް ދިޔައީ ދިމާވަމުންނެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެ ނާދެވި ތިބުމަށްފަހު އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ދިއުމަށް މި ޢާއިލާ މާލެ އައީ މިއަހަރު ޖެނުއަރީ މަހުގައެވެ. އާމްދަނީ ހޯދުމަށް ފާނަ މަސްވެރިކަން ކުރާ ހަނާގެ ބައްޕަ ދަރިފުޅާއި އެކު ބޭސްފަރުވާ ކުރިއަށްގެންދިއުމަށް މަޑުކުރަންޖެހުމުން އާމްދަނީ ލިބޭނެ އިތުރު ގޮތެއް މިޢާއިލާ އަށް ނެތްކަމަށް ހައްވަ ވަނީ މަޢުލޫމާތު ދީފައެވެ.
ހަނާ އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ވައިބާ އިން ގުޅާނީ:
ނޯޓް: މި ޢާއިލާ އަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު
ދުޢާ އަކިީވެސް ޞޮދަގާތެއް
ކޮމެންޓްސް ބަންދުކުރެވިފައި