November 23, 2024 07:07
Advertisement

-Advertisement-

ބިރުވެރި ހާދިސާ: ކަނަންދޫ ކަމަނާ

އެއްރެއެއްގެ ދަންވަރެވެ. އަހަރެންގެ އުންމީދު ގެއްލިފައިވަނީ އެމީހަކަށްޓަކައި އަހަރެން ހިތްއެދޭ ކަމަނާގެ ތަސްވީރަށެވެ. އަހަންނަށް އޭނާ ފެނުނު ދުވަހު އަހަރެންގެ ނަޒަރު ވަނީ އޭނައަށް ދެވިފައެވެ. އޭނަގެ ކޮންމެ ބެލުމަކުން އަހަރެންގެ ހިތް ރޮއްވަމުންދިޔައެވެ. ފުރަތަމަ ދުވަހު އެ ދިއްކޮއްލި މީރު ގަހުވަ ތަށިން އަހަރެންގެ ހިތަށް ތަސައްލީއެއް ގެނުވިއެވެ. އެ ގަހުވަ ތަށީގެ އަވާގައި އަހަރެން މިވަނީ ދީވާނާވެފައެވެ. ހިތަށް ނުގެނެވޭފަދަ ފޮނި އުންމީދުތައް މިވަނީ ކުރަން ޖެހިފައެވެ.

އިބްރާހީމް ހިތާހިތާ ކިޔަމުން ދިޔައެވެ. މިއީ އާދަޔާއި ޚިލާފް އުންމީދު ތަކެކެވެ. ކަނަންދޫ އަކީވެސް އެކިބޭނުން ތަކަށް ކޮންމެދުވަހަކުހެން މީހުން ގޮސް އުޅޭ ރަށެކެވެ. އެގޮތުން އިބްރާހީމުވެސް އެރަށަށް ދިޔަ ދުވަހެކެވެ. އުޑުމަތި ސާފު ހިތްގައިމު ދުވަހެކެވެ. ހެނދުނު ހަތެއްޖެހި އިރު އިބްރާހީމް އިނީ ކަނަންދޫގެ ހުދު ސާފު ދޮންވެލިގަނޑު މަތީގައި ޚިޔާލީ ދުނިޔެއެއްގެ ތެރެއަށް ގެއްލިފައެވެ. މަޑުމަޑުން މީހެއްގެ ހިލަމެއް ވާހެން ހީވުމުން އިބްރާހީމް ބަލާލިއިރު ކައިރީގައި މިހުރީ އޭނަ އެންމެ އުންމީދުކުރި އެރީތި ކަމަނާއެވެ.

ހަށިފުރާ ނޭވާއެއްލުމަށްފަހު އިބްރާހީމް ބުނެލިއެވެ. 'ކަ.. ކަ.. ކަމަނާ ތިޔަ އައީ ދޯ. ކޯއްޗަކުންތަ ތިއައީ؟ ކަމަނާ މަޑުމަޑުން ބުނެލީ 'ޒަހުވާ މިއައީ ކަރަންކާގޭ ކުޑަދޯނިން. އިބްރާހީމް ފުރިއިރު އަހަރެން އަތިރިމަތީގައި ހުރިން. އެހެންވެ ޒަހުވާވެސް މިއައީ.' ކަމަނަގެ އަސްލު ނަމަކީ ޒަހުވާ އެވެ. އެވަގުތު ދެމީހުން ދޮންވެލިގަނޑު މަތީ ތިބެ އެކަކު އަނެކަކަށް ތަޢާރަފް ވެލިއެވެ. އަހަރެންނަކީ ޗަބޭލީގެ ޙަކީމުގެ ޒަހުވާ އެވެ. މަންމަ އަކީ ކާކުކަމެއް ނޭނގެ. ކުޑައިރު މަންމަ ވަނީ ގެއްލިފައި. މަންމައަށް މީހުން ކިޔަނީ ގުލްފީ އެވެ. މަންމަ އަށް ވީގޮތެއް ބައްޕަ ކިޔައެއްނުދެއްވާ! އެކަމަކު ހުވަފެނުން މަންމަ ފެނޭ. ވަރަށް ދިގު ކަޅު އިސްތަށިގަނޑެއް އޮވޭ. މީހުން ބުނާ ގޮތުން މަންމަ އަކީ ބައެއްފަހަރު ފެނިފަ، އަނެއްބައިފަހަރު ނުފެންނަ މީހުންނާއި ވަރަށް ދުރުގައި އުޅޭ އަންހެނެއް. ބައްޕަ އަށް މަންމަ ފެނުނީ މިރަށުން. އެ ދުވަސްވަރު މަންމަގެ ރަށަކީ ކަނަންދޫ. އިބްރާހިމް ތިކިޔާ ނަމަކީ މަންމަގެ ނަން. އަހަންނަކީ ކަމަނަގެ ދަރިފުޅު ޒަހުވާ އެވެ. އިބްރާހީމް 'އެއްކަލަރޭ ގަހުވަތަށި ދިން ހަދާން ޒަހުވާ އެބަހުރިތަ؟ އާ! އެބަހުރި. އިބްރާހީމަށް އެނގޭހާވެސް ވަރަކީ އެއީ ޗަބޭލީގެ ޙަކީމުގެ ޒަހުވާ ކަމެވެ.

Advertisement

އިބްރާހީމް އާއި ޒަހުވާ އެންމެ ރެއަކާއި ދުވާލުގެ ބައްދަލުވުމަކަށްފަހު ކައިވެނީގެ ވަލީމާ ނިންމާލީއެވެ. އެއްރެއެއްގެ ދަންވަރު، އިބްރާހީމް އޮތީ ކޮޓަރީގެ އެނދުމަތީގައެވެ. ކުޑަކޮށް ނިދި ޖެހެމުން ދިޔަ ވަގުތު ފެނުނީ ޒަހުވާ އާއި ވައްތަރު އަންހެނެކެވެ. އެކަމަކު ވަރަށް ބިރުވެރި ގޮތަކަށެވެ. އެ އަންހެން މީހާ އައިސް އިބްރާހީމް އަނގަޔާއިއެކު ނޭފަތް މަތީގައި އަތްއަޅާ ބާރުކުރި އެވެ. ނޭވާނުލެވިގެން އިބްރާހީމް ހަޅޭއްލަވައިގަތެވެ. ކޮޓަރިވަނީ ވަރަށް އަނދިރިކޮށެވެ. ކޮޓަރީގައި މީހަކު އުޅޭހެން ހީވެއެވެ. ޒަހުވާ! ޒަހުވާ އެކިޔާފައި އިބްރާހީމް ގޮވަމުން ދިޔައެވެ. ނަމަވެސް ޒަހުވާގެ އަޑެއް ނީވެއެވެ. ކޮޓަރިތެރެއިން އިވެނީ އަންހެނަކު ހޭ އަޑެވެ.

ބިރުވެރިކަމުން ފުރިގެންވާ ކޮޓަރިތެރޭގައި އިބްރާހީމް އިނީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. އެހެން އިންދާ އިބްރާހީމް ހޭނެތިގެން ވެއްޓުނީ އެނދުމައްޗަށެވެ. ކޮޓަރި ތެރެއިން އިވޭއަޑަކީ "ތިހެން ސަލާމަތެއް ނުވާނެ. ނުކުޅެދޭ މީހަކަށް ހަދާލާނަން އަހަންނަކީ ކަނަންދޫ ކަމަނާ" މިހެންނެވެ. ޒަހުވާގެ މަންމަ އެވެ. މަގޭ ދަރިފުޅާއި އިނދެގެން މިގެއަކު ނޫޅެވޭނެ. ހަކީމު ވެސް ނެތި ކޮށްލާނަން. ހައް، ހައް ހާ! އިބްރާހީމް އަށް ހޭވެރިކަންވި އިރު ކަމަކުދާކަށް ނެތެވެ. ގައިގެ އެއްފަޅީގައި ވަނީ ވާގި ނެތިފައެވެ. ކޮޓަރިތެރެއިން ފެންނަނީ އުދުހޭ ވާލެކެވެ. މި ވާ އުދުހިފަ އައިސް އިބްރާހީމްގެ ބޮލުގައި ޖެހިފަ ދޮރުން ނުކުމެގެން ދިޔައިރު އިބްރާހީމްއަށް ވާނުވާ އެނގޭވަރު ވެއެވެ.

އިބްރާހީމްގެ މަންމައާއި ޒަހުވާ އައިސް ކޮޓަރިއަށް ވަންއިރު އިބްރާހީމް އޮތީ އެއްވެސް ހަރަކާތެއް ނެތިފައެވެ. ޒަހުވާ އައިސް އިބްރާހީމަށް ގޮވާލިއެވެ. އިބްރާހީމް ރޮމުން އެއް އަތުގެ އިޝާރާތުން އެ ހާދިސާ ކިޔާ ދެވޭތޯ މަސައްކަތް ކުރަނީ އެވެ. އިބްރާހީމްގެ މަންމަ އާއި ޒަހުވާ ރޮނީ އެވެ. މަންމަ ގޮސް ބޭސް ވެރިއަކާއި ފަންޑިތަ ވެރިއަކު ގެނެސްގެން ބަލާލިއިރު ދަރިފުޅު މިއޮތީ ނުކުޅެދޭ މީހަކަށް ވެފައެވެ. އެއްފަޅީގެ ވާގި ނެތި އަދި ސިކުނޑި ވެސް ފެއިލް ވެފައެވެ. މިއީ އިބްރާހިމް ގެ މަންމަ މިވާހަކަ ކިޔާދިން ގޮތެވެ.

މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭ ގޮތަށް ބަސްތައް ބަދަލު ކުރެވިފައިވާނެއެވެ.

+1
6
+1
3
+1
2
+1
10
+1
2
+1
1
+1
3

Advertisement

ގުޅުންހުރި ލިޔުންތައް