November 22, 2024 12:04
Advertisement

-Advertisement-

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެކު ބަޝީރު

ބަޝީރުގެ އަތޮޅު ސަރުކާރު ކިހިނެއްވާނެބާ!

2021ވަނަ އަހަރު އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ނ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ބަޝީރަކީ ނ. ޅޮހި/ރީފް، އަބްދުﷲ ޝަރީފް (ކަތީބު ޝަރީފް) އާއި ޒުހުރާ އަލީގެ ދޮށީ ފިރިހެން ދަރިފުޅެވެ. އެކުވެރިން ކިޔާ ނަމުން ނަމަ ބައްޓޭ އެވެ.

ސްކޫލު ދައުރުގެ އެކުވެރިންނާއެކު ބައްޓޭ (ކ) ތިން ވަނައަށް

ޅޮހީ މަދަރުސާއިން ގްރޭޑް އެކެއް ނިންމުމަށްފަހު ހޮޅުދޫ މޭނާ ސްކޫލުން ޕްރައިމަރީ، ސެކަންޑަރީ އަދި އޯލެވެލް ނިންމެވިއެވެ. އަދި ސްކޫލުން އޯލެވެލް އިން އެއްވަނަ ހޯއްދެވިއެވެ. އޭލެވެލް ހެއްދެވީ މާލޭ ސީއެޗްއެސްސީ އިންނެވެ.

ޅޮހީގައި އަދާކުރެއްވި ވަޒީފާއަކީ އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތެވެ. އާއިލާއިން ހިންގާ ވައިޑް އޯޝަން ކިޔާ ކުންފުންޏެއްގައެވެ. އެ ވިޔަފާރީގެ ތެރެއިން ވަޑާން ކުރުމާއި ބޯޓް ބިލްޑިންއާއި ގުޅޭ ހުރިހާ ބާވަތެއްގެ މަސައްކަތެއް ދަސްކުރެއްވިއެވެ. 

Advertisement

އެހެންނަމަވެސް އޭނާ މާލެ ބަދަލުވާން ދިމާވި މައިގަނޑު ސަބަބެއް ކަމަށް ވިދާޅުވީ 2012ވަނަ އަހަރުގެ ފެބުރުއަރީ 07 ގައި އޭރު އޮތް ސަރުކާރު ވެއްޓި ރާއްޖޭގެ ސިޔާސީ މަޝްރަހު އުތުރިއަރައިގެން ދިއުމެވެ. 

ބަޝީރުގެ މަންމަ އާއި ބައްޕަ އާއި އެކު. އޭނާގެ ހުންނަނީ ދޮށީ ދައްތައެއް އެކަނި

އޭރު އުމުރުން 27 އަހަރުގެ ބަޝީީރަށް ރަށުގައި ނުހުންނެވިގެން މާލެ ވަޑައިގެންނެވީ ޖެހިގެން އައި ދުވަހެވެ. އެ ދުވަހު އައި ގޮތަށް 2019 މަޖިލިސް އިންތިހާބާއި ހަމައަށް ދިރިއުޅުއްވީ މާލޭގައެވެ. މަޖިލިސް އިންތިހާބަށް ފަހު ލާމަރުކަޒީ ޤާނޫނު އަލުން އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީ ތެރޭގައި ކުރައްވާ މިހާރު ކުރައްސަވާފައި މިވަނީ ލާމަރުކަޒީ ތަސްވީރެކެވެ. އަނބި ދަރިންނާއި އާއިލާ އާއި ރައްޓެހިން ގޮވައިގެން އަތޮޅަށް ރަށަށް ވަޑައިގެންނެވުމަށްފަހު ދެން މާލެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމުގެ ވިސްނުންފުޅެއް ނެތެވެ.

ޒީޓައިމްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބަޝީރު ވިދާޅުވީ "އަތޮޅެއްގެ ރަށެއްގެ ހަޤީޤީ މުއްސަނދިކަން އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި ހޯދިއްޖިއްޔާ މާރީތިކޮށް ރަށްފުށުގައި ދިރިއުޅެވިދާނެކަން މިހާރު ވަރަށް ސާފު. އެހެންވީމަ އަސްލު މިދާއިރާއަށް ނިކުތީ."

ކެމްޕޭނުގެ ތެރެއިން ނ. މަނަދޫގައި

ޒުވާން ދައުރު ސިޔާސީ ދާއިރާއަށް ނިކުމެ ގިނަ ވަގުތު އެކަމަށް ހޭދަކުރުމާއި ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ ބަޝީރު ކަހަލަ މަދު މީހަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. އެމްޑީޕީން 2012 އިން ފެށިގެން ކުރިޔަށް ގެންދާ ކެމްޕޭން ތަކާއި މުޒާހަރާތައް މެނޭޖްކުރާ ފަރާތްތަކާއި އެކު ކޯޑިނޭޓް ކުރުމާއި ބައި އިލެކްޝަންތަކާއި އިލެކްޝަންތައް އަދި ސިޔާސީ އެއްވުންތައް ކޯޑިނޭޓްކޮށް ކޮމާންޑް ސެންޓަރު ބެލެހެއްޓުމަކީ ކޮންމެ ދުވަހަކުހެން ފޫހިކަމެއް ނެތި ބަޝީރު ކުރެއްވި ކަންކަމެވެ.

ރަނގަޅު އާމްދަނީ އެއް ނުލިބި ސިޔާސީ ޕާޓީއަށް ހުރިހާ ވަގުތެއް ހުސްކުރުމުން އަތްމަތި ދަތިވެ އޭނާގެ މައިންބަފައިން ކަންބޮޑުވާ ހިސާބަށްވެސް ކަންކަން ދިޔައެވެ. އަދި ބައެއް އެކުވެރިން "ބައްޓޭ އަކީ ހޭ ޖެހޭ މީހެއް ނޫން ކަމަށް" ވެސް ބުންޏެވެ. އެހެންނަމަވެސް އޭރު އެމްޑީޕީއަށް ވަގުތު ހުސްކޮށްދީގެންވީ ގުރުބާނީގެ އަގަކަށް މިއަދު ނޫނު އަތޮޅު ކައުންސިލުގެ ރައީސްކަން އެމްޑީޕީގެ ޓިކެޓްގަ ވާދަކޮށްގެން ބަޝީރަށް ލިބުން ފުދޭ ކަމަށް އޭނާ ޝުކުރުވެރިކަމާއެކު ޤަބޫލުކުރައްވައެވެ.

އަންހެނުންނާއި ދަރިފުޅާއެކު

އާއިލާގެ ސަޕޯޓާއެކު ކުރިއަށް

"އަންހެނުން ކައިރި އަހާލާފަ ކޮންމެ ކަމެއްވެސް ނިންމަނީ. ކެމްޕޭނަކާއި ހަވާލުވިޔަސް، ނ. އަތޮޅު ރައީސް ކަމަށް ނިކުންއިރުވެސް އަންހެނުންނާ މަޝްވަރާ ކޮށްފަ އޯކޭ ވެގެން ނިކުތީ. އަންހެނުންގެ ކެތްތެރިކަން އެއީ ވަރަށް ބޮޑު ސަޕޯޓެއް ކަަމަށް ދެކެނީ. މައިންބަފައިންގެ ފަރާތުންވެސް ބައެއް ފަހަރު ކަންބޮޑުވުން އާދޭ. އާމްދަނީ ހޯދަން އިތުރު ކަމެއް ނުކޮށް ސިޔާސީ ކަންކަންކަމަށް ހުރިހާ ވަގުތެއް ހުސްކޮށްގެން އަތްމަތި ދަތިކޮށް އުޅެން ޖެހުނީމަ."

2017 ގައި ޖަވާޒީ ހަޔާތެއް ފެއްޓެވުމަށްފަހު އާއިލާގެ މަޝްވަރާ އާއި ލަފާ ކަންކަމުގައި ހޯއްދަވާކަން ހާމަ ކުރައްވާ ބަޝީރު ވިދާޅުވިއެވެ.

ދެއަހަރުގެ ތުއްތު އަންހެން ދަރިފުޅާމެދު ކުރައްވާ އުންމީދުތަކަކީ ކޮބައިތޯ އަހާލުމުން ވިދާޅުވީ "މިސާލަކަށް ރަށްފުށުގަ މާލެއަށްވުރެ މާ ރަނގަޅަށް ޕްރައިމަރީގައި ކިޔެވޭނެ. މޫދާ، ގޮނޑުދޮށާއި، ވަލުތެރެއާއި މިތާންގަ ކިޔެވޭނެ ހަމަ ރަނގަޅަށް. ދަރިފުޅުވެސް އަދި އެހެންކުދިންނަށް ވެސް ރަށުގައި ތިބެގެން މާތަނަވަސް ހަމަޖެހޭ ދިރިއުޅުމެއް ހޯދޭނެ. އެކުދިން އަދި މާފުރިހަމަ ބަދަލު މި ރަށްރަށަށް ގެނެސްދޭނެ.

އެމްޑީޕީ ހިޔާރުކުރީ ކީއްވެ

އެމްޑީޕީގެ ކެމްޕޭން އޮފީސް ހިންގުމުގައި ހުރިހާ ސިފައެއްގައި ބަޝީރު ހަރަކާތްތެރިވެފައިވާއިރު އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އިނގިރޭސި ވިލާތުގެ ކެމްޕޭން މެނޭޖަރުންނާ އެކުގަ އެވެ. ފުރަތަމަ ކެމްޕެއިންގަ މަސައްކަތްކުރެއްވީ ޑރ.އަފްރާޝީމް ނިޔާވުމަށްފަހު ބޭއްވުނު  އުނގޫފާރު ދާއިރާގެ މަޖިލީސް އިންތިހާބުގެ ބައިއިލެކްޝަނުގައެވެ. އެ އިންތިހާބުގެ ކަންކަން ކޯޑިނޭޓް ކުރެއްވުމަށްފަހު "2013 ރިޔާސީ އިންތިހާބު ދެން އައީ. ދެން 2014 މަޖިލިސް އަދި ކައުންސިލް އެފަހަރު ކެމްޕޭން މެނޭޖަރަކަށް ހުރީ ރައީސް ނަޝީދު. އޭގެފަހުންވެސް ވަރަށް ގިނަ ކެމްޕޭންތަކުގަ އާއި މުޒާހަރާ ރޭވުމުގައި މަސައްކަތް ކުރިން."

އެންމެ ޝައުގުވެރިވެލައްވާ ދާއިރާއަކީ ރިސާރޗް އާއި އެނަލިސިސް އާއި ސްޓެޓިސްޓިކްސް އަދި ދިރާސާ ކުރެއްވުމެވެ. މީގެ އިތުރުން އެކި ޖަމްއިއްޔާތަކަށް ބޭރުގެ ހިލޭ އެހީ ހޯއްދަވާ ދެއްވުމަށާއި ކުދި ޕްރޮޖެކްޓްތައް ހިންގެވުންފަދަ ކަންކަމުގައި އެހީތެރިވެދެއްވުމަށް ވަގުތު ހޭދަކުރައްވައެވެ.

ސިޔާސީ ދާއިރާއިން އެމްޑީޕީ ހިޔާރު ކުރެއްވީ ކީއްވެތޯ އަހާލުމުން ބަޝީރު ވިދާޅުވީ "ކިރިޔާވެސް އިޤްތިސާދީ ބާރެއް ރައްޔިތުންނަށް ލިބޭ ސިޔާސަތެއް ވިއްކަން ކެރެނީ އަދި އެކަހަލަ ޕޮލިސީސް އެމްޑީޕީން ގެންގުޅެނީ. ލާމަރުކަޒު ކުރުމުގެ ވިސްނުން ގެންގުޅެނީ އެމްޑީޕީން. ރަށްރަށުގައި ނޫޅެވިގެން އެތައްބައިވަރު މީހުން އެބަތިބި މާލެ އައިސް ދަތި ހާލުގައި ދަރިންނަށް ކިޔަވައިދޭން ބޭސްފަރުވާ ކުރަން. މިކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅެނީ ހަމައެކަނި އެމްޑީޕީން" ކަމަށެވެ.

އިންތިހާބުގެ ކާމިޔާބީއަށްފަހު ބައެއް ރައްޔިތުންނާ އެކު

ބަޝީރު ވިދާޅުވީ ރާއްޖޭގައި ދިމާވެގެން އުޅޭ މައްސަލައަކީ ފަރީގުން އިންތިހާއަށް ފަގީރުވެފައި މުއްސަނދިން އިންތިހާއަށް މުއްސަނދިވުމުގެ ސަބަބުން އޮތް ބޭއިންސާފު ނައްތާލުމަށް ކުޅެދޭ އެއްވެސް ސަރުކާރެއް ނެތުން ކަމަށެވެ. "މުޅި ރާއްޖޭގެ މުއްސަނދިކަން މިއޮންނަނީ މަދު ވިޔަފާރިވެރިންތަކަކަށް. މިކަން ސަރުކާރަކުން ހަމަހަމަ ކުރަން ވިސްނިއަސް ސަރުކާރަކަށް ސަލާމަތް ނުވާވަރުގެ މަހުޖަނުންނާއި ކުރިމަތިލާން މި ޖެހެނީ. އެހެންވީމާ އެއްވެސް ސަރުކާރަަށް ކުޅެދޭ ކަމަކަށް ނުވޭ މިކަމެއް. އެކަމަކު އެމްޑީޕީން ކިރިޔާވެސް ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ރައްޔިތުންނަށް ވަދެވޭ ގޮތަށް ޕޮލިސީތަކެއް ހެދީ. އަދި ލާމަރުކަޒީ އިޤްތިސާދީ ބާރެއް ގެންނަން މި ހިފަނީ، އަތޮޅެއްގެ ގުދުރަތީ މުއްސަނދިކަން ވަގުވިޔަފާރީގެ ކްލަސްޓާއަކުން މިންޖުކުރެވޭނެ ލާމަރުކަޒީ ހަނގުރާމައެއް ހިންގަން ކެރޭ މަދުވެރިއެއްވެސް މިތިބެނީ އެެމްޑީޕީގައި. އެހެންވީމާ އެމްޑީޕީއަށް ތާއީދު ކުރަނީ." ބަޝީރު ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވިއެވެ.

އުންމީދަކީ އެހެންމީހުންވެސް އެނބުރި އައިސް އަތޮޅުގައި ދިރިއުޅުން

ރާއްޖޭގައި އޮތް އެންމެ އަގުބޮޑު ބްރޭންޑް ރިސޯޓް އޮތީ ނޫނޫ އަތޮޅުގައި ކަމަށާއި، ދުބާއީގެ އަމީރު އަޅުއްވާދެއްވާފައިވާ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ ނޫނު އަތޮޅުގައިކަން ފާހަގަ ކުރައްވާ ބަޝީރު ވިދާޅުވީ ނޫނު އަތޮޅު ތަރައްޤީ ކުރުމަށް ވިޔަފާރީގެ ފުރުސަތުތައް އަތޮޅަށް ފަހިވެފައި އެބަހުރި ކަމަށެވެ. އަރަބި ޤައުމުތަކުގެ އަމީރުންނާއި އަމީރާއިން އަދި ޤައުމުތަކުގެ ވެރިންނާއި މަތީފަންތީގެ ވެރިން ޒިޔާރަތް ކުރާ ޓޫރިޒަމް ޑެސްޓިނޭޝަނަކަށް ނޫނު އަތޮޅު ވެފައިވާއިރު ވިޔަފާރީގެ ގޮތުން ނޫނު ކުރިއަރައިގެންދާނީ ރައްޔިތުންނަށް އިޤްތިސާދީ ފުރުސަތުތައް ހޯދައިދެވިގެން ކަމަށެވެ.

"މުއްސަނދިން ވަރަށް ބޮޑަށް އިންވެސްޓްކޮށްފަ ހުރި އަތޮޅެއް ނޫނަކީ. މީހުން އެބަޖެހޭ ތަމްރީން ކުރަން. ދެން ބޭރާގުޅޭ އެކްސްޕޯޓް ވިޔަފާރި އާއި ޓޫރިޒަމް ވިޔަފާރި ވަރަށް ބޮޑަށް ފުޅާ ކުރެވެން އެބަހުރި ރައްޔިތުންނަށް އެ ފުރުސަތު އަދި ފައިސާ ދަރަންޏައް ވިޔަސް ފަހިކޮށްދީފިއްޔާ. އެއީ އަޅުގަނޑުމެންގެ އެއް ޓާގެޓް" ބަޝީރު ވިދާޅުވިއެވެ.

ކެމްޕޭނުގެ ތެރެއިން

މިކަންކަން ހާސިލް ކުރެއްވުމަށް، ނ. އަތޮޅު ކައުންސިލުގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މައި ސަރުކާރަށް ސަލާން ނުޖަހާ މަސައްކަތް ފަށައިގަތުމަށް ބަޝީރު ހުންނެވީ ކެތްމަދުވެފައެވެ. އަދި ގެވަޅު ދޫކުރުމާއި، ގެދޮރު އެޅުމަށް ލުއި ލޯނު ހޯދައިދިނުމާއި ގޯތި ގޮދޮރުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަކީ މައިގަނޑު ވައުދުތަކެވެ.

"އުންމީދަކީ ކެމްޕޭނުގައި ވީ ވައުދުތައް ފުއްދި ރީއްޗަށް އުޅެވޭނެ ދުވަހެއް ހޯދުން. އަދި މާލޭގައި ތިބި ނޫނުގެ އެހެން މީހުންވެސް އެނބުރި އައިސް އަތޮޅުގައި ދިރިއުޅެން ފެށުން. އަދި އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް މިފަދަގޮތެއް ފެނުން." އިންޓަވިއު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

 

+1
0
+1
6
+1
1
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް