ޑްރެގަން ކުކުޅަކީ އާދައިގެ ކުކުޅާއި ތަފާތުކޮށް ފަލަކޮށް ފައި ހުންނަ ކުކުޅެކެވެ. މިއީ ވަރަށް އަގުބޮޑު ކުކުޅެކެވެ. މި ވައްތަރުގެ ކުކުޅު ރަނގަޅު ސިއްހަތެއްގައި ބޮޑުކުރަން ވަރަށްގިނަ ދުވަސް ނަގައެވެ. އަދި ކުކުޅު ބޮޑުކުރުމަށް ޚާއްސަތަނެއް ތައްޔާރުކުރާކަމަށްވެއެވެ. ވިއެޓްނާމްގައި މި ބާވަތުގެ ކުކުޅު ގެންގުޅޭ ފާމްތަކުން އެންމެ ރީއްޗަށް ބެލެހެއްޓިފައިވާ ކުކުޅުތައް ބޭނުންކޮށްގެން ބިއުޓީ ކޮމްޕެޓިޝަން ބާއްވަމުންދެއެވެ.
މި ބާވަތުގެ ކުކުޅު އެހާ އަގުބޮޑީ ކީއްވެ؟
"މި ބާވަތުގެ ކުކުޅު އާލާކުރަނީ ވަރަށް އުދަގުލުން. ސަތޭކަ ކުކުޅުގެ ތެރެއިން އެންމެ ކުކުޅެއް ބިސްއަޅާ ކުކުޅަކަށް މި ލިބެނީ "މި މަސައްކަތުގައި ވިހި އަހަރު ހޭދަކޮށްފައިވާ ވިއެޓްނާމްގެ މީހަކު ބުނެފައިވެއެވެ.
މި ކުކުޅުގެ މަސް ހުންނާނީ ގެރިމަހަށްވުރެ ގަދަ ކުލައެއްގައި އެހެން ބާވަތްތަކުގެ ކުކުޅުމަހާ މުޅިން ތަފާތުކޮށެވެ. މި ބާވަތުގެ ކުކުޅު މަސް ވިއެޓްނާމުގައި އާންމުކޮށް ކައިއުޅުނު ކަމަށް ވަނީ ޝާހީ ޢާއިލާތަކުގެ ބޭފުޅުންނެވެ. އަދި އާއަހަރު ފާހަގަ ކުރުމާއި ޚާއްސަ ހަފްލާ ތަކަށް މި ބާވަތުގެ ކުކުޅުގެ މަސް ބޭނުން ކުރާއިރު، އެކި މުނާސަބަތު ތަކާއި ގުޅިގެން ހަދިޔާ ދިނުމަށްވެސް މި ވައްތަރުގެ ކުކުޅު ބޭނުންކުރަމުންދާ ކަމަށްވެއެވެ.
500 ކުކުޅުގެ ތެރެއިން 15 ކުކުޅު އެންމެ ކޮލިޓީ ރަނގަޅުކޮށް ބޮޑުކުރެވޭއިރު، މިވައްތަރުގެ ޚާއްސަ ކުކުޅެއް 2000 ޑޮލަރަށް ވިކޭކަމަށްވެއެވެ. އަދި ކުކުޅު ވިއްކުމަށް ނުވަތަ ކޮމްޕެޓިޝަނަށް ތައްޔާރު ކުރުމަށް މަހެއްހާދުވަސް ކުރިންފެށިގެން ހައިޕްރޮޓީން ކެއުން ކުކުޅަށް ދޭއިރު، ދުވާލަކު ވަކި ވަގުތަކަށް އަވީގައި ކުކުޅު ބަހައްޓާކަމަށްވެއެވެ. ކުކުޅުގެ ފައި ސައިފަތާ ލޮނާ އެއްކޮށްފައިވާ ފެނުން ދޮވެއެވެ.
2018ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި މިވައްތަރުގެ 802 ކުކުޅުބިސް ޚާއްސަ ލަގެޖެއްގައި އެތެރެކުރަން އުޅެނިކޮށް އިސްތަންބޫލްގެ އެއަރޕޯޓަކުން ފުލުހުން ހިފަހައްޓާފައިވެއެވެ. މީގެ ބިހެއްގެ އަގަކީ ދެހާސް އެމެރިކާ ޑޮލަރު ކަމަށް ފުލުހުން އެއިރު ރޭޓުކޮށްފައިވެއެވެ.
މަސްދަރު: އިންސައިޑަރ