September 21, 2024 01:33
Advertisement

-Advertisement-

ރޭގެ އެއްވުމުގެ ތެރެއިން/ ފޮޓޯ ޝަޢުނާ (ޓްވިޓަރ)

އަނިޔާވެރިކޮށް މުޒާހަރާތައް ރޫޅާލުން، ނުހުއްޓުވުނު ސަޤާފަތެއް!

އަޅުގަނޑު ހަނދާނަށް އަންނަނީ 2007ވަނަ އަހަރު އަމީނީ މަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކެވެ. މަރާލާފައި އޮއްވާ ފެނުނު ހުސައިން ސަލާހު މާލޭގެ އާސަހަރާގައި ވަޅުލި ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރު ކުރުމަށް އަޅުގަނޑު އެއިރު ހުރީ އަމީނީ މަގުގައެވެ. މިއަދު ނޫހުގެ ސީނިއަރ ރިޕޯޓަރ އެއްކަން އަންގައިދޭ ފާސް ފެންނަގޮތަށް އަޅުވައިގެން ހުރިއިރު ވެސް ފުލުހުން އަޅުގަނޑު ހައްޔަރުކުރީ މުޒާހަރާގައި ހައްޔަރުކުރަމުން ދިޔަ މީހުންގެ ފޮޓޯ ނަގަމުންދަނިކޮށެވެ. ބިޑިއަޅުވައިގެން ބޭރު ނުފެންނަގޮތަށް ބެދިފަހުރި ޖިޕަކަށް އަރުވައިގެން އަޅުގަނޑާއި އެކީގައި އިތުރު ނޫސްވެރިންތަކެއް ދޫނިދޫއަށް ގެންދިޔަ ހަނދާން މިއަދުވެސް އެބަހުއްޓެވެ. ހައްޔަރުކުރިތާ 5 ވަރަކަށް ގަޑިއިރު ފަހުން ފުލުހުންގެ ބެލުމުގެ ދަށުން އަޅުގަނޑު ދޫކޮށްލީ ފުލުހުންނާއި ދެކޮޅަށް މަޢުލޫމާތު ނުފެތުރުމަށް އެދިފައެވެ. އެއިރު ހައްޔަރުކުރި ބައެއް ނޫސްވެރިން ޖަލަށްވެސްލިއެވެ. އެދުވަހެކޭ އެއްގޮތަށް، ރޭގަ ކުރިއަށް ގެންދެވުނު މުޒާހަރާގައި ވެސް ފެނިގެންދިޔައީ، ކަވަރުކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި މުޒާހަރާ ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި މަންޒަރެވެ.

ރަސްފަންނު ސަރަހައްދުގައި ކުރިއަށްގެންދިޔަ އެއްވުން

މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލާތީ، މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް މަދު އަދަދެއްގެ މީހުން ރަސްފަންނު ސަރަހައްދުގައި އަޑުއުފުލަމުން ދަނިކޮށް ފުލުހުން މިވަނީ އަނެއްކާވެސް ހިތުހުރި ގޮތަކަށް ބާރުގެ ބޭނުންކޮށްފައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ގިނަބަޔަކު އެއްވެ މުޒާހަރާކުރުމަކީ މަނާކަމެކެވެ. އެއްވި މީހުން ރަސްފަންނުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރިގޮތާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

އެއްވުން ރޫޅާލުމަށް ޕެޕަރ ސްޕްރޭ ޖަހަމުންދިޔަ މަންޒަރު ފެނުމުން އަޅުގަނޑަށް ސިފަވީ ކުޑަކުއްޖަކަށް ސްޕްރޭ ފުޅިއެއް ލިބުމުން ތަނެއްދޮރެއް ބެލުމެއް ނެތި ސްޕްރޭކުރާ ގޮތެވެ. މީހުންގެ ލޮލަށް ބެލުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އަނިޔާވާގޮތަށް މީހުން ހައްޔަރުކުރުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފުލުހުންނާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

Advertisement
ރޭގެ އެއްވުމުގައި މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހަނީ

ރޭގެ މުޒާހަރާގައި ޕެޕަރ ސްޕްރޭ ޖަހާ ވީޑިއޯ ލިންކް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެފައިވެއެވެ. " ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން އަހަރެންގެ ލޭ ކެކޭ. ރުޅިވެސް އާދޭ. ދެރަވެސްވޭ. މިހާރު ޤަބޫލުކުރަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް މި ސަރުކާރުންވެސް އަދި ކުރެވިފައި ނުވާކަން"

އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވަނީ " މިވަރަށް ޕެޕަރ ސްޕްރޭ ނުޖަހާ މިހާ އަނިޔާވެރިނުވެ މިކަން ނުކުރެވެނީތަ" މިގޮތަށް ދިވެހި ފުލުހުންގެ މުއައްސަސާ ޓެގްކޮށް ސުވާލު ކުރައްވާފައެވެ.

ހުއްޓުމެއްނެތި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ހަވީރު ފުލުހުންގެ މުއައްސަސާއިން ބުނެފައިވަނީ ރޭގެ އެއްވުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުންނާއި، ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީއިން ބަލައި ގޮތެއް ނިމެންދެން 'ފްރޮންޓް ލައިން ޕޮލިސިން'ގެ މަސްއޫލިއްޔަތު ތަކުން އެފުލުހުން މިހާރުވަނީ ދުރުކޮށްފައި ކަމަށެވެ.

އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ވަނީ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ރޭގެ އެއްވުމުގައި ފުލުހުންގެ އަމަލު ހުރިގޮތް ބެލުމަށް އަންގަވާފައިވާނެ ކަމަށެވެ.

ރޭގެ އެއްވުން ކަވަރު ކުރުމަށް އުޅުނު ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވާތީ، ފުލުހުންގެ ރަސްމީ މީޑިއާ ގުރޫޕުގައި ވެސް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން އިން ނެރުނު ބަޔާނުގައި ވަނީ މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ނޫސްވެރިންނަށް ވެސް ވަނީ ޤާނޫނާއި ޤަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށް އިލްތިމާސްކޮށްފައެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ވެސް ވަނީ ރޭގެ އެއްވުމުގައި ކަންހިނގާފައިވާ ގޮތް ބަލައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައިވާނަމަ އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ރޭގެ އެއްވުމުގައި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެއް

ރައީސް އަލްއުސްތާޛު މަޢުމޫން ޢަބުދުލް ޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު، ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައިވެސް މިފެންނަނީ އެއް މަންޒަރެކެވެ. މިހުރިހާ ވެރިކަމެއްގައިވެސް ބައެއް މުޒާހަރާތައް ރޫޅާލުމުގައި، އަނިޔާވެރިކަން ފުލުހުން އިސްކުރި މަންޒަރު ވަނީ ފެނިފައެވެ.

ފުލުހުންގެ މަސައްކަތުގެ މަޤްސަދުގެ ތެރޭގައި މުޖުތަމަޢުގެ އާންމު މަސްލަހަތާއި އަމަން ޢާންމު ދެމެހެއްޓުން ހިމެނޭއިރު ފުލުހުންގެ ކިބައިން އަނިޔާވެރިކަން ފެނި މިކަމަށް ދާއިމީ ހައްލެއް ނުލިބުން މިއީ ކަންބޮޑުވުމެކެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
5

Advertisement

ގުޅުންހުރި ލިޔުންތައް