ދާނިޝް ނިދުމުގެ ކުރިން ދާނިޝްގެ މަންމަ މިންނާ ކޮންމެ ރެއަކުވެސް ދާނިޝް އަށް ކިރުތަށްޓެއް ގިރާފައި ދެއެވެ.
އެ ކިރުތަށީގައި ދޭނީ ވަރަށް މަޑު ފޮނި ރަހައެކެވެ.
އެހެންވެ ދާނިޝް އަށް އެކިރުތަށި އެހާ މީރެއް ނޫނެވެ.
ދާނިޝް ހަދާގޮތަކީ ދާނިޝްގެ މަންމަ ބަލަން ނެތިއްޔާ އެގޭގައި އޮންނަ ދޮންބުޅަލުގެ ފެންބޯތަށްޓަށް ކިރުތަށި އޮއްސާލާނީއެވެ.
ބުޅާ އައިސް ވަރަށް މީރުކޮށް ކިރުތަށި ބޯލައެވެ.
ދާނިޝް އަށް އެންމެންވެސް ލޯބިން ގޮވަނީ ދާންކޮ ކިޔާފައެވެ.
އެއްރެއަކު ދާންކޮ ގޭމްކުޅެން އިންދާ ދާންކޮގެ މަންމަ 2 ތަށިކިރު ތަބަކެއްގައި ބަހައްޓައިގެން އައިސް 1 ތަށި ބޯލާށޭ ކިޔާފައި މޭޒުމަތީގައި ބަހައްޓާފައި ކޮއްކޮއަށް އަނެއް ކިރުތަށި ހިފައިގެން ގޮސްފިއެވެ.
ދާނިޝް ކިރުތަށި ހިފައިގެން ކާކޮޓަރިއަށް ދިޔައިރު ދޮރުމަތީގައި ދޮންބުޅާ ވަރަށް ހަމަޖެހިލައިގެން އޮށޯވެލައިގެން އޮތެވެ.
ބުޅަލަށް ދާންކޮ ފެނުމުން ފޮނި ފާޑަކަށް ބުނެލިއެވެ.
ބުޅާ: މިރޭ ކިރުތަށި ބޯހިތެއްނެތް
ދާންކޮ: އެއީ ކީއްވެ؟
ބުޅާ: މިރޭ މިއޮތީ ވަރަށްބޮޑު މީދަލެއް ކާލައިގެން
ދާންކޮ: އެހެންވެ ދޯ މާހެވިފައި ތިއޮތީ
ބުޅާ: ހެވޭނެއެއްނުން ކިތަންމެ ދުވަހެއްވެއްޖެވިއްޔާ އެ މީދަލަށް ފާރަލާތާ
ދާންކޮ: އެހެންދޯ!
ބުޅާ: ދާންކޮ ދެންމިރޭ ކިރުތަށި އުކާނުލާ ބޯލާ! ކިރުން ކެލްސިއަމް ލިބޭނެ ކަށި ވަރުގަދަކުރަން ކެލްސިއަމް ބޭނުންވާނެ އެހެން ނޫނިއްޔާ ދުވަސްވާން ފެށުމުން ކަށިފީވާނެ.
ދާންކޮ: އެކަމަކު ކިރުތަށީގައި ފޮނިރަހަ ނުދޭތީ ދާންކޮއަށް ނުބޮވެނީ.
ބުޅާ: ދާންކޮގެ މަންމަ ދާންކޮ ފަލަވެދާނެތީ މަދުން ހަކުރު އަޅަނީ ކަމަށްވާނީ.
ދާންކޮ: މިހާރުވެސް ކުޑަކޮށް ފަލަދޯ އެކަމަކު ދާންކޮ ބޭނުމެއްނޫން ފަލަވާކަށް އަދި ކަށި އަވަހަށް ފީވާކަށް.
އޭގެފަހުން ދާންކޮގެ މަންމަގާތު ބުނެގެން އެއްގޮތަކަށްވެސް ހަކުރު ނާޅާ ކިރުތަށި ބޯން ފެށުމުން ދާންކޮއަށް ހަކުރުނާޅާ ކިރުތަށި ބޯން އާދަވިއެވެ.