November 23, 2024 21:50
Advertisement

-Advertisement-

ހަލީމަ މެދުގައި

ޢީދު މަރުހަބާ ކިޔާލާ މަނަދޫ އެކުވެރި ކުލަބުގެ ރަންއަޑު!

ޢީދެއް ނަމަ ނ.މަނަދޫ ރަށުތެރެއާއި ފަޅުމަތިން އިވޭ އަޑެއް މިއަދުވެސް ހަނދާނަށް އާދެއެވެ. މަނަދޫގެ ކުދިބޮޑު އެންމެންނާއި އެރަށަށް ޢީދަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފާހަގަ ކުރެވޭނެ އެ އަޑަކީ ކޮންމެ އީދެއްގައިވެސް އިވި އިވި ހުންނަ ރަންއަޑެކެވެ.
ބަނޑިޔާ ޖެހުން، ދަނޑިޖެހުން، ކުރުފަލިޖެހުން އަދި ބިލެއްދަފި ނެގުންފަދަ ހުރިހާ ހަރަކާތެއް ފުރިހަމަވެގެން އަންނަނީ މަނަދޫ އިރުމަތީ އަވަށު، އެކުވެރި ކުލަބުން ހުށަހަޅައިދޭ ފަރި ހަރަކާތްތަކަށް ދިރުން ގެނެސްދޭ އެރަން އަޑުންނެވެ. އެކުވެރި ކުލަބުގެ އަޑުތަކުގެތެރެއިން ފަނޑުކަމެއްނެތި މިއަދާ ހަމައަށްވެސް އިވެމުން އަންނަ ދުވަސްވީ އަންހެން އަޑަކީ މިއަޑެވެ.

މި ރަންއަޑުގެ ވެރިޔަކީ މަނަދޫ، ޗާންދަނީގޭ، ހަލީމާ އަލީއެވެ. އަޅުގަނޑުމެން އުމުރުގެ މީހުން ކިޔާ ނަމުންނަމަ ހަލިންތައެވެ. އިންޓަވިއު ހޯދާލަން 'ޒީޓައިމްސް' އިން ގުޅާލިއިރުވެސް ހަލީމަ އުޅެނީ އީދަށް ތައްޔާރުވާން ވަރަށް ބުރަކޮށެވެ. ވަޒީފާއަށް ދަމުން ގޭތެރޭގެ ކަންތައް ބަލަހައްޓަމުން އަދި ކޮންމެ ޢީދެއްގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ހަލީމަ އަކީ ހީވާގި ކަނބަލެކެވެ.
އޭޕްރީލް 2021ގައި ބޭއްވި އިންތިޚާބު ކާމިޔާބު ކޮށް، މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް އިންތިޚާބުވެފައިވާ ހަލީމަ ބުރަކޮށް އުޅެމުންވެސް ޒީޓައިމްސްއަށް ވަގުތު ހުސްކޮށްދިނުމުން ޝުކުރު އަދާކުރަމެވެ.

ހަލީމަ ނޫ ކުލައިގެ ދިގުހެދުމުގައި ކުރީސަފުގައި - ފޮޓޯ: އެކުވެރި ކުލަބު

ކުޅިވަރުގެތެރެއަށް ވަދެވުނީ 12 ވަރަކަށް އަހަރުގައި
"އަޅުގަނޑުމެ ކުޑައިރު ވަރަށް އަވަށު ވާދައަށް ކުޅިވަރު ކުޅޭނެ. ހަނދާންވަނީ 12 ވަރަކަށް އަހަރުގައި އެއްފަހަރެއްގައި ކުޅިވަރުގެއަށް ދެވުނީ. އެހެން ދަމުން ދަމުން ގޮސް ކުުޅިވަރުގެތެރެއަށް ވަދެވުނީ. ލަވަކިޔަން ފެއްޓީ 15 ނޫނީ 16 ވީ ފަހުން" ހަލީމަ ޒީޓައިމްސްއަށް ކިޔައިދިނެވެ.

Advertisement

އޭނާގެ މަންމަ މަރްހޫމާ ހަފީޒާ މޫސާ އަކީވެސް ޒުވާން ދުވަސްވަރު އިރުމަތީ އަވަށުގައި ނެށުމާއި ކުޅިވަރުގެތެރޭގައި އުޅުނު މީހެއް ކަމަށްވެއެވެ. އެހެންކަމުން ހަލީމަގެ މި ހުނަރަކީ އާއިލީ ހުނަރެއް ކަމުގައިވެސް ބެލެވިދާނެއެވެ.
ނ. މަނަދޫގައި ހުންނަ އަތޮޅު މަދަރުސާއިން ގްރޭޑް 6 އާއި ހަމައަށް ތަޢުލީމް ހާސިލް ކުރުމަށްފަހު ވަކި ޚާއްސަ ދާއިރާއަކުން ކުރިޔަށް ދާކަށް އޭރަކު ޝައުޤުވެރިކަމެއް ނެތެވެ. މިހާރު އުމުރުން 49 އަހަރު ވެފައިވާއިރު ހަލީމަގެ 3 ކައިވެންޏަކަށް 6 ދަރިން ލިބިފައިވެއެވެ.
ދިރިއުޅުމުގައި މިހާތަނަށް އެންމެ ބޮޑު އުފަލަކީ އެދަރިންނެވެ.

ހަލީމަ އޭނާގެ ބައެއް ދަރިންނާއެކު

"ދަރިން ބޮޑެތިވެ ދަރިންގެ ފުށުން މަންމައަށް ލިބެމުންދާ ލުއި ފަސޭހަކަން އެއީ މިހާތަނަށް އެންމެ އުފާވާ ކަމަކީ" ހަލީމަ ބުންޏެވެ. ދަރިންނާ މެދު ވަރަށް ފޮނި އުންމީދު ތަކެއް އަބަދުވެސް ކުރާ ކަމަށާއި ހުރިހާ ދަރިންނަކީވެސް ޤައުމު ބިނާކުރުމުގައި ފައިދާހުރި މަސައްކަތްތެރި ބަޔަކަށް ވުމަކީ މައެއްގެ ހައިސިއްޔަތުން އޭނާގެ ދަރިންނަށް ދޭން ބޭނުންވާ ނަސޭހަތެވެ.

ހަލީމަ އެކުވެރި ކުލަބުގެ ބައެއް މެންބަރުންނާއެކު

ކުރީގެ ދިރިއުޅުން މިހާރާ ވަރަށް ތަފާތު
ދިރިއުޅުމުގައި ހަލީމަގެ މޮޅިވެރި ސަފްހާތައް އުކަން ފެށުނީ ތިންވަނަ ދަރިފުޅު ލިބުނު ފަހުންނެވެ. އެއީ އެންމެ ލޯބިވާ މަންމަ އާއި ވަކިން ތާއަބަދަށް ދިރިއުޅުން އާރާސްކުރަން މަޖުބޫރުވި ހިސާބުންނެވެ.
"ތިންވަނަ ދަރިފުޅު ލިބުނު ދުވަހު މަންމަ ނިޔާވީ. ބައްޕަ ލޮލަށް ފެނުމުގެ ނަސީބެއް ނުލިބެ. އެންމެ ހިތްދަތި ހަނދާނަކީ މަންމަ ނިޔާވުން. އެ ދުވަސް" އަސަރާއި އެކު އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް އެ މޮޅިވެރިކަން ދޫކޮށް މަންމަ ކޮށާދިން މަގުން ދިރިއުޅުން އާރާސްތުކުރުމަށް ގަދައަޅާ ކުރި މަސައްކަތުން މިއަދު އެހުރީ އަމިއްލަ ދިރިއުޅުމާމެދު ފަހުރުވެރިވާ ފަދަ ހިސާބަކަށް އާދެވިފައެވެ.

ހަލީމަ (ގަދަ ނޫ ކުލައިގެ ހެދުމުގައި) އޭނާގެ މަންމަ އާއި ކޮއްކޮ އަކާއި އެކު

ތުއްތު ކުދިންތަކެއް ގެންގުޅެމުން އާމްދަނީ ހޯދަން ވަލަށް ވަދެ ފަން ހޮވިއެވެ. މަދު ފަޅައިގެން ކަނަމަދު ވިއްކިއެވެ. ފަންގި ވިދެގެން އާމްދަނީ ހޯދިއެވެ. ދަރިން މަދަރުސާއަށް ގެންގޮސް ގޭތެރެ ކުނިކަހާ ސާފުކޮށް ކެއްކުމާއި އަދި މިސްކިތްދޮށަށް ދެއިރު ހިނގައިގެން ބޯ ފެންބަނޑިޔާވެސް ގެއަށް ގެނެސް ހަދައެވެ. މިއީ ބައެއް ދަރިން ތުއްތު އިރުގެ ހަނދާންތަކެވެ. ޅަދަރިމައިކޮށް އުޅެންޖެހުނު ދުވަސްވަރުވެސް ލަވަކިޔަން ވަގުތު ހުސްކުރިއެވެ.
"ހަވީރު ކުދިން ފެންވަރުވާ ރީތިކޮށްގެން ކުޅިވަރުގެއަށް ގޮސް ކުޅިވަރުތައް ނިންމާފަ އިރު އޮއްސޭއިރު ގެއަށް އައިސް ކުދިންނަށް ކާންދީ ނިންދަވާފަ ދެން އަނެއްކާ ރޭގަނޑު ބަޔަށް ދަނީ. ދަރިން ބޮޑެތިވީމަ ފުދޭވަރަކަށް ވަގުތު ލިބޭ." މިހާރު މަނަދޫ ޕޮލިސް ސްޓޭޝަނުގައި ކައްކާއެއްގެ ވަޒީފާ އަދާކުރަމުން އަންނަ ހަލީމަ ބުންޏެވެ. 

ހަލީމަ އަކީ ގިނަ ލަވަތައް ލީޑްކުރާ ފަރާތް

މަނަދޫ ޢީދު ފޯރި އާއި ވައްޓަފާޅިވެސް ބަދަލުވެއްޖެ
ކުރީގައި ހުޅަނގު އަވަށާއި އިރުމަތީ އަވަށުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ހަލީމަ ފާހަގަކުރި ގޮތުގައި ކޮންމެ ކުޅިވަރެއްގައިވެސް ކޮންމެވެސް ވަރަކަށް ވާދަވެރިކަން އޮންނާނެއެވެ. އެހެންނަމަވެސް އިހުގައި އޮތް ވާދަވެރިކަން މަނަދޫގެ ޢީދު ކުޅިވަރުން އުވިގެން ހިނގައްޖެއެވެ.
"ކުރީގައި އަވަށު ވާދަ ވަރަށް އޮންނާނެ. މިހާރު އެހާ ބޮޑަކަށް އެވާދަވެރިކަމެއް ނޯވޭ. ދެން ތަފާތަކީ ކުރީގައި އަޅުގަނޑުމެން އަނގައިން ލަވަކިޔައިގެން ބެރު ޖަހައިގެން ޢީދު ކުޅިވަރު ކުޅެނީ. މިހާރު ސެޓުންވެސް ލަވަޖަހާ އޯގަންވެސް ކުޅޭ"
ޢީދު ކުޅިވަރު ބަލަންދާ މީހުންނަށް ހަލީމަގެ ހުށަހެޅުންތަކާމެދު ދެކޭގޮތް އެނގޭތޯ އަހާލުމުން ބުނީ "އަޅުގަނޑު ލަވަ ކިޔަނީ އެއްވެސް ތަމްރީން އެއް ފުރިހަމަކޮށްގެނެއް ނޫން. ހަމަ ކިޔަނީ. އާންމުން ބުނޭ ރަނގަޅޭ ކިޔާލެއް"

ހަލީމަ އެކުވެރި ކުލަބުގެ މެންބަރަކާއެކު

ހަލީމަގެ އަޑަކީ ހަމައެކަނި ޢީދުގައި މަނަދޫއިން އިވޭ އަޑެއް ނޫނެވެ. ސިޔާސީ ޢީދެއް އަޔަސް އަދަބީ ޢީދެއް އަޔަސް ލަވަ ކިޔާދޭ މީހެކެވެ. އެގޮތުން 2019ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރ އާއި އެ މިނިސްޓްރީގެ އިސްވެރިން އަދި ދިވެހިބަހުގެ އެކަޑަމީގެ އިސްވެރިން ބައިވެރިވެޑައިގެން މަނަދޫގައި ފާހަގަކުރި އަދަބީ ޢީދުގައިވެސް ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ.

އިންޓަވިއު ނިންމާލަމުން ހަލީމަ ބުނީ "އިޖުތިމާއީ ކަމެއްގެ ގޮތުގައި މި ދާއިރާގައި ވަރަށްގިނަ ދުވަހު އުޅެވިއްޖެ. އަންހެނުން ކޮމިޓީއަށް މިފަހަރު އަޅުގަނޑު ހޮވިއްޖެ. ދެންބޭނުންވަނީ ރަށަށް ޚިދުމަތް ކުރުމަށް އިރާދަކުރެއްވިއްޔާ." ހަލީމަގެ މި މަސައްކަތުގައި ކާމިޔާބީއަށް އެދެމެވެ.

+1
0
+1
10
+1
2
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. 2019 ވަނަ އަހަރު މަނަދޫގައި ފާހަގަކުރި އަދަބީ އީދުގައި އެންމެ ޝައުގުވެރި އަޑަކީ ހަލީމަގެ އަޑު. ލަވަތައް ވަރަށް ހިތްގައިމު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް