'ފަޒީސް ހިޖާމާ ތެރަޕީ' އޭ ބުނުމުން ވަރަށްގިނަ މީހުންނަށް މިހާރު މިދައްކަން މިއުޅެނީ ކޮން ފަޒީއެއްގެ ވާހަކަކަން އެނގޭނެއެވެ. ތ.އަތޮޅު ތިމަރަފުއްޓަށް އުފަން ފަޒީ މިވަނީ 40 ހާސް ފޮލޯވަރުންނާއި އެކު އާންމުންގެ މެދުގައި ހިޖާމާގެ ފަރުވާދިނުމުގައި މަޝްހޫރުވެފައެވެ.
'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި ފަޒީ ވަނީ ހިޖާމާގެ ފަރުވާ ދިނުމުގައި ކާމިޔާބު ލިބުނުގޮތް ކިޔައިދީފައެވެ. "ފަޒީގެ ދައްތައެއް އުޅުނީ ވަރަށްގަދައަށް ބޮލުގައި ރިއްސާތީ އެއީ 2016ވަނަ އަހަރު. އެއިރުވެސް ފަޒީއަށް އެނގޭ ހިޖާމާޖެހީމަ ޝިފާލިބޭކަން. އެހެންވެ ދައްތަކައިރީގައި ބުނީ ހިގާބަލާށޭ ހިޖާމާޖަހަން. ދައްތަ ހިޖާމާޖެހުމުން ﷲގެ އިރާދަފުޅުން ވަރަށް ރަނގަޅު. އެހެންނޫނީ ދައްތަ އުޅުނީ ބޮލުގައި ރިއްސާތީ ކެތްނުވެގެން. އެކަމަކު ހިޖާމާޖެހިފަހުން އެއްކޮށް ރަނގަޅުވި. ދެން ބޮޑަށް ޝައުގުވެރިވީ މިކަމުގައި"
އެހާހިސާބުން ފަޒީ އަމިއްލައަށް ހިޖާމާގެ ފަރުވާދޭން ފެށިއެވެ. އެއިރު ފަޒީގެ ދައްތައަކީ ހިޖާމާއާއި ގުޅުންހުރި ފަރުވާދިނުމަށް ބޭނުންވާތަކެތި ވިއްކާ މީހަކަށްވުމުން ފަރުވާގެ ހިދުމަތް ފެށުމަށް ތަކެތި ހޯދުމަށްވެސް ފަސޭހަވިކަން ވަނީ ފާހަގަކޮށްފައެވެ. ހިޖާމާގެ ފަރުވާދޭންފެށިއިރު ބަލިތަކުން ފަސޭހަވާނެގޮތްތަކާއި ހިޖާމާޖަހަން ޖެހޭގޮތުގެ އެހާބޮޑު ތަފްސީލެއް ނޭނގެއެވެ.
" އެއިރު ކުޑަކޮށް ބިރުގަތް މަޢުލޫމާތު ނޭގިހުރެ ޖަހަން ގެއްލުމެއްވެދާނެތީ. އެހެންވެ ވަރަށްބޮޑަށް އިންޓަނެޓް މެދުވެރިކޮށް މަޢުލޫމާތު ހޯދިން. އެހެންބަލަނިކޮށް މުސްލިމް އަންހެނުންނަށް ޚާއްސަކޮށްގެން ޔޫކޭގައި ބާއްވާ އޮންލައިން ސަމިޓެއްގެ މަޢުލޫމާތު ލިބުނު. ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅަށް ހިޖާމާޖެހުމުގެ މަސައްކަތްކުރާ ބައެއްގެ ސަމިޓެއް އެއީ. އަޅުގަނޑުހިތަށް އެރީ ބައިވެރިވާން. ﷲގެ އިރާދަފުޅުން އެ ސަމިޓުން ލިބުނު މަޢުލޫމާތުގެ އަލީގައި ފަސޭހަވީ ކުރިއަށްދާން. އެ ސަމިޓުގައި ބައިވެރިވި ވަރަށްގިނަ މެޑިކަލް ޑޮކްޓަރުން އެކި ބަލިތަކަށް ޚާއްސަ" ފަޒީ ފާހަގަކުރިއެވެ.
2017ވަނަ އަހަރު ބައިވެރިވި ސަމިޓުގެ ސަބަބުން ފަޒީއަށް ގިނަގުނަ މަޢުލޫމާތުތަކެއް ލިބުނެވެ. މިގޮތުން ހިޖާމާގެ ފަރުވާ އާއި ގުޅޭ ޚާއްސަ ފޮތެއް ލިބުނުކަމަށްވެސް ވަނީ ބުނެފައެވެ. އެއިރު ފަޒީ ހިޖާމާގެ ފަރުވާދެމުންދިޔައީ މާލޭގައި ދިރިއުޅުނު އެޕާޓްމަންޓްގައެވެ.
" ހިޖާމާ ޖަހަން ފެށުމުން ގިނަ މީހުންނަށް ފަރުވާލިބި ރަނގަޅުވާން ފަށައިފި. ހިޖާމާގެ ހުންނާނެ ސެޝަންތައް. ފިޒިއޮތެރަޕީ ގޮތަށް ސެޝަންތައް ނަގަމުންދިޔައިމަ ބޮޑަށް ރަނގަޅުވަނީ. ދަރިމައިވުމަށް އެންމެ ބޮޑަށް ފަރުވާދޭންފެށީ. އޭގެއިން ފަޒީ ބޮޑަށް މަޝްހޫރުވީ. 174ބަލީގެ ޕޮއިންޓްތައް ހުންނާނެ. އެހެންބަލިތަކަށްވެސް ފަރުވާ ލިބެމުންދިޔައީ"
ހިޖާމައިގެ ފަރުވާގައި ފަޒީގެ ކާމިޔާބުގެ ސިއްރަކީ ކޮބައިތޯ އަހައިލުމުން ބުނީ އިހްލާސްތެރިކަމާއި އެކު ޚިދުމަތްދިނުން ކަމަށެވެ.
"އިހްލާސްތެރިވުން އެންމެބޮޑު ކަމަކީ. އިހްލާސްތެރިކަމެއް ނެތިއްޔާ ކާމިޔާބުނުވާނެ. ޚާއްސަކޮށް އަޅުގަނޑު ފަރުވާގެ އެންމެބޮޑު ސިއްރަކީ ދުވަހަކުވެސް ބަލިމީހެއްގެ ގައިގައި އަތްނުލަން އެމީހަކަށް ޝިފާލިބުން އެދި ﷲގެ ހަޒުރަތުގައި ދުޢާކޮށްފައި ނޫނީ. މިއީ އެންމެބޮޑު ކާމިޔާބަކީ"
ފަޒީ ދިޔައީ ފަރުވާދީ ރަނގަޅުވަމުންދިޔަ މީހުންގެ ރިޕޯޓްތައް ފޭސްބުކް ޕޭޖުގައި ހިއްސާކުރަމުންނެވެ. ފަޒީ ޤަބޫލުކުރާގޮތުގައި ބަލި ރަނގަޅުވިކަން އަންގައިދޭ މެޑިކަލް ރިޕޯޓްތައް އެގޮތަށް ހިއްސާކުރުމުން އާންމުން މިޚިދުމަތް ބަލައިގަންނަވަރު ބޮޑެވެ.
"ފަޒީއަށް މިހާހިސާބަށް މިއާދެވުނީ ބޮޑަށް ކްލައިންޓުން ކޮށްދިން ކަންތައްތަކުން. ﷲ ގެ ރަހުމަތްފުޅުން މީހަކަށް ކާމިޔާބު ލިބެން އޮތިއްޔާ އެކަން ނުހިފެހެއްޓޭނެ އެހެން މީހަކަށް. ބަލިމީހުން އެކުރާ އިތުބާރު އެއީ މިހާހިސާބަށް އާދެވުމަށް އެންމެބޮޑު އެހީ. އަދި ފިރިމީހާ ވަރަށްބޮޑަށް އެހީތެރިވެދޭ. އޮފީހުގައި ވަރަށްބިޒީކޮށް އުޅެމުންވެސް ބުނާކަންތައްކޮށްދޭ" ދެކުދިންގެ މަންމަ އުފަލާއިއެކު ފާހަގަކުރިއެވެ.
ހިޖާމާގެ ފަރުވާދިނުމަށް ޚާއްސަ ކުލިނިކެއް މާލޭގައި ކުރިންހިންގިއިރު މިހާރު އެކުލިނިކް ހިންގަމުންދަނީ ހުޅުމާލޭގައެވެ. ކުލިނިކް ހިންގުމަށް ފަޒީއަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ 175000 ރުފިޔާ ހަރަދުކޮށްގެން ފުރަތަމަ ކުލިނިކް ހުޅުވުމަށްފަހު އެކުލިނިކް ހިންގުމަށް ހެލްތްމިނިސްޓްރީގެ ހުއްދަ ނުލިބި ބަންދު ކުރަންޖެހުމެވެ. އެހެންނަމަވެސް މިހާރު ކުލިނިކް ހިންގަމުންދަނީ މީރާގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިއެއްގެ ގޮތުގައެވެ.
ހިޖާމާގެ ފަރުވާދިނުމަށް ބޭނުންކުރާ 4 މެޝިނާއިއެކު ފުޅާދާއިރާއެއްގައި މިޚިދުމަތް ދެމުންދާ ފަޒީ ފާހަގަކުރިގޮތުގައި ކޮވިޑްގެ ހާލަތުގެ ކުރިން ދުވާލަކު 25 ނުވަތަ 30 މީހުންނަށް އެކަނި ވަނީ ފަރުވާދީފައެވެ. ހިޖާމާގެ ފުރަތަމަ ސެޝަންއަށް މީހެއްގެ އަތުން 1000ރުފިޔާ އަދި ދެވަނަ ސެޝަންއަށް 800 ރުފިޔާ ތިންވަނަ ސެޝަންއަށް 500 ރުފިޔާ ނަގަމުންދާކަމަށް ފަޒީވަނީ ބުނެފައެވެ.
"ކުރިން ގުދަށްއޮވެ ގަންއަކުން ހިޖާމާ ޖަހަމުންދިޔައީ. ގިނައަދަދެއްގެ މީހުންނަށް ފަރުވާ ދެމުންދިޔައިމަ ހަށިގަނޑުގެ އެއްބައިގައި ރިއްސާ ވަރަށްބޮޑަށް ބަލިވާންފެށި. ދުވާލަކަށް 25 ނުވަތަ 30 މީހުންނަށް އެކަނި ހިޖާމާޖަހާއިރު ވަރަށް ބަލިވާނެ ނޫންތޯ. އެހެންވެ މިހާރު މެޝިން ހޯދާފަހުންނާނީ. ކުލިނިކް ހުޅުވިފަހުން ވަރަށްފަސޭހަ މަސައްކަތް. މުވައްޒަފުންވެސް ގޮވައިގެން މިއުޅެނީ. ބައެއް ބަލިތަކުގައި އަޅުގަނޑު ކައިރީގައި ހުރެގެން ޖައްސުވަނީ މުވައްޒަފުން ލައްވާ. އެކަމަކު ދަރިމައިވުމަށް އަޅުގަނޑު ހަމަ ފަރުވާ ކުރަނީ. އެއީ އަޅުގަނޑުގެ އެންމެ ކާމިޔާބު ފަރުވާވީމަ ބޭނުންނުވީ އެހެން މީހަކުލައްވާ އެކަންކުރަން"
ފަޒީ އަކީ ހަމައެކަނި ހިޖާމައިގެ ފަރުވާދެމުންދާ މީހެއް ނޫނެވެ. އޮންލައިން ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ކުރާކަމަށް ވަނީ ބުނެފައެވެ. ފަޒީގެ އަމިއްލަ މަސައްކަތުން މާލެއިން 2 ކޮޓަރީގެ އެޕާޓްމަންޓެއް އަދި ހުޅުމާލެއިން 4 ކޮޓަރީގެ އެޕާޓްމަންޓެއް ވަނީ ގަނެފައެވެ.
އިންޓަވިއު ނިންމާލުމުގެ ކުރިން ފަޒީވަނީ ބައްޕަ ނިޔާވުމުގެކުރިން ދެއްވި ނަސޭހަތުގެ ބަސްކޮޅެއް ވެސް ހިއްސާކޮށްފައެވެ. " އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ދިން ނަސޭހަތެއް އެއީ. ދަރިފުޅާއޭ މަސައްކަތްތެރިންގެ އެއްޗެކޭ ރުފިޔާ އަކީ. ރުފިޔާ އަކީ ވިޔަފާރިކުރާ މީހުންގެ އެއްޗެއް ނޫނޭ. ވިޔަފާރި ހަލާކުވެއްޖިއްޔާ ވިޔަފާރިކުރާ މީހުންގެ ދުވަސް ދިޔައީއޭ. މަސައްކަތްކުރާ މީހެއްވިއްޔާ އެމީހާއަށް އަބަދުވެސް ރުފިޔާ ލިބޭނޭ. ބައްޕައަކީ ވެސް ވަރަށް މަސައްކަތްކޮށްގެން ރުފިޔާ ހޯދިމީހެއް"
ބައްޕަ ދެއްވި ނަސޭހަތާއި އެއްގޮތަށް ދިރިއުޅުން ވޭތުކުރަމުންދަނީ އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް ހޯދާ ރުފިޔާއިން ކަމަށް ފަޒީ ވަނީ ފާހަގަކޮށްފައެވެ. އަދި ފަޒީގެ ޢާއިލާއަކީ ވެސް ވިޔަފާރިއާއި އަމިއްލަ މަސައްކަތުން ފައިސާ ހޯދާ ބަޔަކަށްވުމުން ވިޔަފާރި ކުރިއަށްގެންދިއުމުގެ ވިސްނުން އަބަދުވެސް ހުންނަކަމަށް ފަޒީ ވަނީ ބުނެފައެވެ.