November 22, 2024 12:47
Advertisement

-Advertisement-

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަކީ ސަރގެ ދަރިވަރުން!

ށ. ފޯކައިދޫއަށް އުފަން އަހްމަދު ޒަކީ އަކީ ވަރަށް ގިނަ ދަރިވަރުންގެ ހިތުގައި ވަރަށް ޚާއްސަ ޤަދަރެއް ދެވިފައިވާ ބޭފުޅެކެވެ. 1998ވަނަ އަހަރު ކިނާރާ ޓިއުޝަން ކްލާހުގައި ކިޔަވައިދިނުމަށް ލިބުނު ފުރުސަތާއިއެކު ކިޔަވައިދިނުމުގެ ތެރެއަށް ވަދެވިގެން ދިޔައެވެ. އެތަނުގައި އުޅެނިކޮށް އީޕީއެސްއެސްގެ ގްރޭޑް 9, 10 އަކަށް އެކައުންޓިންގ ކިޔަވައި ދިނުމަށް ލިބުނު ފުރުސަތާއިއެކު މި ދާއިރާއަށް ޝައުޤުވެރިކަން އުފެދި 2005ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ސެކަންޑަރީއަށް ކިޔަވައިދިނުމަށް އިކޮނޮމިކްސްއިން ޑިގްރީއެއް ފުރިހަމަ ކުރިއެވެ. އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ދިޔަ ޒަކީ އަކީ 2005ވަނަ އަހަރު ކޮލެޖްގެ ސެކަންޑަރީ ޕްރޮގްރާމްގައި 300 އަށް ވުރެ ގިނަ ދަރިވަރުން ކިޔެވި ބެޗްގެ އެއްވަނަ އެވެ. 

ދަނޑުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަން ކޯޕަރޭޝަންގެ ހެޑްއޮފް މާކެޓިންގައި އުޅުއްވާ ޒަކީ އަކީ ލެކްޗަރަރ އެއްވެސްމެއެވެ. އެމްއައި ކޮލެޖްގައި ޑިގްރީއާއި މާސްޓަރސްއަށް ކިޔަވައިދެއްވާ ޒަކީ ވަނީ 6 އަހަރު ވަންދެން ސްކޫލު ހިންގުމުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައެވެ. މިގޮތުން ހެޑްމާސްޓަރެއްގެ ގޮތުގައި ރާއްޖޭގެ އެކި ސްކޫލުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.

" މި ދާއިރާގައި ވާގޮތަކީ ޓީޗަރަކުން، ހެޑްމާސްޓަރަކުން ގޮސް ސުޕަވައިޒަރަކަށް ވެވުނީމަ ދެން ދެވޭނެ އެންމެ މައްޗަށް އެ ދެވުނީ. ލިބޭ އުޖޫރައާއި ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަންޖެހޭ ވަގުތާއި ބަލާއިރު ހަގީގަތުގައި ޓީޗަރަކީވެސް ހާއްސަކޮށް ހެޑް މާސްޓަރަކަށް އުޅޭ މީހަކީވެސް ސައުވީސް ގަޑިއިރު މަސައްކަތް ކުރަންޖެހޭ މީހެއް. އެހިސާބުން ކުރިއަށް ދާނެ ފުރުސަތުތައް މަދުވީމާ އަޅުގަނޑު އަމިއްލައަށް މަސައްކަތްކުރުމުގެ ހިޔާލު އައީ. އަޅުގަނޑު ބެލީ އަމިއްލައަށް އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތެއް ކުރެވޭނެ ގޮތެއް ވޭތޯ." 

Advertisement

އެ ވިސްނުމުގައި އެންމެ ފަހުން ވިޔަފާރިއާއި އިޤްތިސޯދީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރިއެވެ. އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޭލްސްއިން ބިޒްނަސް މެނޭޖްމަންޓުން މާސްޓަރސް ޑިގްރީ ހާސިލް ކުރެއްވިއިރު އެމްބީއޭ މި ޕްރޮގްރާމުންވެސް ވަނީ އެއްވަނަ ހޯދާފައެވެ. ޒަކީ އަކީ އެ ޕްރޮގްރާމްގެ ގޯލްޑް މެޑަލިސްޓެވެ.

އަމިއްލަ ވިޔަފާރިތައް ކުރައްވަމުންދާ ޒަކީ އަކީ ވަރަށްގިނަ ތަޖުރިބާއާއި ހުނަރު ލިބިފައި ހުރި ފަރާތަކަށްވާތީ އޭގެ ބޭނުން ޤައުމަށް ހިފޭނެ ގޮތަކަށް މަސައްކަތް ކުރައްވަން ބޭނުންވެއެވެ. މިއަދު އަދާކުރައްވަމުންދާ ވަޒީފާގައި ހުންނެވުމުގެ ސިއްރަކީވެސް އެއީ އެވެ. 

އިކޮނޮމިކްސްއަށް ޚާއްސަ ލޯތްބެއް ހުންނަ ޒަކީ ވަނީ މިދިޔަ ލޮކްޑަައުންތެރޭވެސް އިނގިރޭސިން ވާހަކަ ދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކްލާސްތަކެއް ހިލޭ ނަގައިދެއްވާފައެވެ. މިއީ ގޭގައި ބަންދުވެފައި ތިބި ހާލަތުގައި ކިޔަވަން ބޭނުންވާ އަދި ފޫހިވެފައި ގޭގައި ތިބި ފަރާތްތަކަށް ޚާއްސަކޮށް ހިންގި ކްލާސްތަކެކެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ކްލާސްތަކަށް ތަރުހީބު އިތުރުވެެގެން ދިޔައިރު އިނގިރޭސި ބަހުން ވާހަކަދެއްކުމަކީ ޒަކީއަށް ލިބިފައިވާ ވަރަށްބޮޑު ހުނަރެކެވެ.

" އަޅުގަނޑަށް ފުރަތަމަ ދަސްވީ އިނގިރޭސި ބަހުން ވާހަކަ ދައްކަން. އޭގެ ފަހުގައި ލިޔަން ދަސްވީ. އޭރު ކުޑައިރު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވިއިރު އެތާނގައި ތިބޭ ހުރިހާ ބިދޭސީ ޓީޗަރުންނާއި ވަރަށް ގާތްކޮށް އަޅުގަނޑު އުޅުނީ. އަޅުގަނޑަށް އެނގޭނެ ވަރަށް ރީތިކޮށް ބޯކޮށަން. ހުރިހާ ބިދޭސީ ޓީޗަރުންގެ ބޯކޮށައިދެނީ އަޅުގަނޑު. އެހެންވީމަ ބޯކޮށުން އެއީ އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކުރަންވެގެން ކުރިކަމެއް އޭރު. އޭރު ނޭނގެ އެއްވެސް އެއްޗެއް ލިޔާކަށްވެސް." 

މިހާރުވެސް ހުސްވަގުތު ހޯދައިގެން އުނގަންނައި ދިނުމުގެ މަސައްކަތް ކުރައްވާ ޒަކީ ވިދާޅުވާ ގޮތުން މިހާތަނަށް 15000ވުރެ ގިނަ ދަރިވަރުންނަށް ވާނީ ކިޔަވައިދެވިފައެވެ. އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަކީގެ ދަރިވަރުން ތިބިކަން އުފަލާ އެކު ޒަކީ ފާހަގަކުރެއްވިއެވެ.

" ރާއްޖޭގެ ކޮންމެ ހިސާބަކަށް ދިޔަޔަސް ޒަކީ ސަރ އޭ ކިޔާ ގޮވަލާނެ ދަރިވަރަކު ހުންނާނެ. ޤައުމަށްޓަކައި މަސައްކަތްތަކެއް ކޮށްދެވުނުކަމުގެ ހިތްހަމަ ޖެހުން ލިބޭ ސަރ އޭ ކިޔާލާ ގޮވާއަޑު އިވުނީމަ."

ކިޔަވައިދިނުމުގައިވެސް ތަފާތު ގޮތްތަކަކަށް ކިޔަވައިދެއްވުމަށް އިސްކަންދެއްވާ ޒަކީ އަކީ މޯޓިވޭޝަނަލް ސްޕީކަރއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ފަރާތެކެވެ. 

ދުނިޔޭގައި ހުރިހާ ދުވަހަކު އުނގަންނައި ދިނުމުގެ މަސައްކަތް ކުރައްވަން ހިތުގައި އަޒުމް ކަނޑައަޅައިގެން ހުންނެވި ޒަކީއަކީ ރިސާރޗް ކުރުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޑިގްރީއާއި މާސްޓަރސް ޑިގްރީގެ 150 އެއްހާ ޑިސަޓޭޝަން މިހާތަނަށް ވަނީ ސުޕަވައިޒް ކުރައްވާފައެވެ. އަމިއްލަ ގޮތުން ކުރައްވާ ދިރާސާތައް އެވަގުތަކު މުޖުތަމައުން ފާހަގަކޮށްލެވޭކަމަަކަށް ޚާއްސަ ކުރައްވާއިރު މިހާތަނަށް ހެއްދެވި ރިސާރޗްގެ ތެރެއިން ސްކޫލުތަކުގައި ހުންނަ ތަފާތުކުރުންތަކާ ގުޅޭގޮތުން ހެއްދެވި ދިރާސާ ފާހަގަކުރެއްވިއެވެ. އެ ދިރާސާގެ ހޯދުންތައް އެޑިއުކޭޝަން މިނިސްޓްރީއާއި ހިއްސާ ކުރައްވާފައިވާއިރު އެ މަސައްކަތްތަކަށް އެޑިއުކޭޝަން މިނިސްޓްރީންނާއި ސަރުކާރުގެ ސްކޫލުތަކުން ދެއްވި އެއްބާރުލުން ޒަކީ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މަތީ މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ޒަކީ ފާހަގަކުރައްވާ ގޮތުން އެންމެ ކަންބޮޑުވި ކަމަކީ އެންމެ ފުރަތަމަ ހެޑްމާސްޓަރަކަށް ތ. ތިމަރަފުއްޓަށް ދާންޖެހުނު ފަހަރެވެ. އެކި ގޮތްގޮތުން އިވިފައިހުރި ވާހަކަތަކަށް ބަލާއިރު އެރަށަށް ގޮސް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ހާސްވާން ޖެހުނު ކަމެކެވެ. ނަމަވެސް އިވުނު އަޑުތަކާ ޚިލާފަށް އެރަށުގެ ބެލެނެވެރިންނާއި ދަރިވަރުން ދިން ލޯތްބާއި އިޚްތިރާމަކީ ޒަކީގެ ހިތުގައި ބިންވަޅު ނެގިފައިވާ އަދި އަބަދުވެސް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެކެވެ. 

މިހާތަނަށް ސަރުކާރުގައި އަދާކުރެވުނު ވަޒީފާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައި ކުރެވުނު ޚިދުމަތް ވަރަށް ޚާއްސަގޮތެއްގައި ފާހަގަކުރައްވައެވެ. އެއީ ކޮންމެ ހަފުތާއަކު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ޝަރަފެވެ. 

ދިރިއުޅުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ޒަކީއަކީ ތަޢުލީމީ ދާއިރާގައި ގިނަ ބަޔަކަށް ނަމޫނާއެކެވެ.

+1
0
+1
6
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް