September 21, 2024 00:34
Advertisement

-Advertisement-

ކަންކަން ފަހަށް ބެހެއްޓުން- ނުރައްކާ ހަތުރެއް، ހައްލު މިއޮތީ!

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަހަރެން އޮތީ ގޭގައި ވަރަށް އަރާމުކޮށް ޓިކްޓޮކް ބަލާށެވެ. މަޖާ ވީޑިއޯތަކާއި ރީތި ފަރި ޑާންސްތައް ބަލަމުން ދިޔައިރު ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ހިޔާލުތަކެކެވެ. މިރެއަކީ އެސައިންމަންޓް ނިންމާފަ ހަވާލު ކުރަންޖެހޭ ރެއެވެ. މިރޭ ކްލާސް ފެށުމުގެކުރިން ނިންމަންޖެހޭ ޓިއުޓޯރިއަލް އަދި އޮތީ އަތްވެސް ނުލައެވެ. މިއަދު އޮފީހުގައި ކުރަން ހުރި ކަންކަމުން ބޮޑުބައި އޮތީ ނުނިމިއެވެ. މާދަމާ އެކަމާއި ބެހޭ ގޮތުންވެސް ސުވާލުތައް އަންނާނެއެވެ. ހަވީރު ކަސްރަތުކުރަން ޖިމްއަށް ދާން ކިޔާތާވެސް ލައްކަ ދުވަހެވެ. އަދިވެސް އެކަމެއްވެސް ނުވެއެވެ. މިހެންގޮސް އެތައް ކަމެކެވެ. އަހަރެން އެންމެ ކުރާހިތްވާ މަސައްކަތްތައް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގެ ޓްރެވަލް އެޖެންސީ ފަށައިގަންނަން ބޭނުންވާ މުހިންމު މަސައްކަތްތައްވެސް އޮތީ އަދިވެސް ނުފެށިފައެވެ. މިހުރިހާކަމެއް ނުނިމި ހުރިއިރުވެސް އަހަރެން މިއޮތީ ޓިކްޓޮކް ބަލާށެވެ.

މިކިޔައިދެވުނީ އާ ވާހަކައެއް ހެއްޔެވެ. ނޫނެކެވެ. މިއީ ހަމައެކަނި އަހަރެންގެ ހާލެއް ނޫނެވެ. އަހަރެންގޮތަށް ވަރަށް ގިނަ މީހުންނަށް ދިމާވެފައިވާ މައްސަލައެކެވެ. 'ޕްރޮކްރާސްޓިނޭޓް' ކުރުން، ނުވަތަ ފަހަށް ބެހެއްޓުމެވެ. މިއަދު ކުރަންޖެހޭ ކަންކަން މާދަމަޔަށް ބަހައްޓައިގެން، އެމާދާމާ ދުވަހަކުވެސް ނައިސް، އިތުރު ބޮލުރިހުންތަކާއި ކުރިމަތިވެ، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުނުވެ، މާޔޫސްވެފައިތިބީ ކިތައް މީހުންހެއްޔެވެ. ބައިވަރު ތިބޭނެކަން ޔަޤީނެވެ. އެހެންކަމުން، މިކަމުން އަރައިގަނެ، މިމައްސަލައަށް ހައްލެއް ހޯދަން އަހަރެން އަޒުމް ކަނޑައެޅީމެވެ. މިގޮތުން އެންމެ ފުރަތަމަ ބެލީ މިއީ ކިހިނެތްވެގެން ވާކަމެއްތޯއެވެ.

އިންސާނުން ޕްރޮކްރާސްޓިނޭޓް ކުރުން، ނުވަތަ ފަހަށް ބެހެއްޓުމަކީ އިއްޔެއަކު މިއަދަކު އެކަނި ހިނގާ ކަމެއް ނޫނެވެ. މިއީ މީގެ އެތައް ގަރުނެއް ކުރީންވެސް ދިމާވަމުން އަންނަ މައްސަލައެކެވެ. މިގޮތުން ގްރީކުގެ މަޝްހޫރު ފިލޯސަފަރުން ކަމަށްވާ އެރިސްޓޮޓްލްއާއި ސޮކްރޭޓްސް ވަނީ މިކަމަށް ބަހެއްވެސް އުފައްދާފައެވެ. "އެކްރާސިއާ"، މިބަހުގެ މާނައަކީ އަމިއްލަޔަށް ކުރަންޖެހޭ ކަންތައް އެނގިހުރެމެ އެކަންނުކޮށް އެހެންކަމެއް ކުރުމެވެ. 'ޕްރޮކްރާސްޓިނޭޓް' ކުރާއިރުވެސް ހަދަނީ މިހެން ނޫންތޯއެވެ. 'ޕްރޮކްރާސްޓިނޭޓް' މިބަސް އައިސްފައިވަނީ ލެޓިން ބަހެއް ކަމުގައިވާ "ޕްރޮކްރާސްޓިނާރ" މިބަހުންނެވެ. މީގެ މާނައަކީ މާދަމާއަށް ބެހެއްޓުމެވެ.

Advertisement

ޔުނިވަރސިޓީ އޮފް ކާލްގަރީގެ މޯޓިވޭޝަލަން ސައިކޮލޮޖީ ޕްރޮފެސަރ ޑރ.ޕިއަރސް ސްޓީލް، އޭނާގެ ފޮތެއްކަމުގައިވާ 'ދަ ޕްރޮކްރާސްޓިނޭޝަން އީކުއޭޝަން – ހައު ޓު ސްޓޮޕް ޕުޓިންގ ތިންގްސް އޮފް އެންޑް ސްޓާޓް ގެޓިންގ ސްޓަފް ޑަން' ގައި ވިދާޅުވަނީ މިއީ އަމިއްލަ ނަފްސަށް ގެއްލުން ދިނުންކަމަށެވެ. ދޮގެއްވެސް ނޫންތާއެވެ. ހާދަހާވާ ބޮޑު ބޮލުރިހުމެކެވެ. މިހެންވަނީ އަހަރެމެންގެ އަމިއްލަ ނަފްސުގެ ހޭލުންތެރިކަން ނުވަތަ ސެލްފް އެވެއަރނަސްގެ ސަބަބުން މިކުރެވެނީ ގޯސްކަމެއްކަންވެސް އިނގޭތީއެވެ. އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑްގެ ސައިކޮލޮޖީ ޕްރޮފެސަރ ޑރ.ފައުޗިއާ ސިރޯރިސް ވިދާޅުވަނީ ޕްރޮކްރާސްޓިނޭޓް ކުރުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. ސަބަބަކީ އެކަން ކުރުމުން ނިކުންނަ ނޭދެވޭ ނަތީޖާ އެގިތިބެވެސް އިންސާނުން އެކަން އެގޮތަށް ކުރާތީއެވެ. ޑރ.ފައުޗިއާ އިތުރަށް ވިދާޅުވީ، ބުއްދިހަމަޖެހޭ ކަމަކަށް ނުވިނަމަވެސް މީހުން އެގޮތަށް ކަންތައްކުރަނީ އަމިއްލަޔަށް އެމީހުންގެ ނެގެޓިވް މޫޑް މެނޭޖްކުރަން ނޭގޭތީއެވެ. މިޖެހުނީ އިތުރަށް މިކަން ބަލަން ތާއެވެ.

ކެނެޑާގެ ކާރލްޓަން ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރ، އަދި ޕްރޮކްރާސްޓިނޭޝަން ރިސަރޗް ގްރޫޕްގެވެސް މެމްބަރުކަން ކުރައްވާ ޑރ.ޓިމް ސައިކީލް ވިދާޅުވަނީ ޕްރޮކްރާސްޓިނޭޓް ކުރުމަކީ ވަގުތުގެ ބޭނުން ހިފަން ނޭގުމަށްވުރެ ބޮޑަށް، ޖަޒުބާތުތައް ހަމަޔަކަށް އަޅުވައިގެން ގެންގުޅެން ނޭގުމުގެ (މެނޭޖް ނުކުރެވުމުގެ) މައްސަލައެއް ކަމަށެވެ. އަހަރެމެން ފަހަށް ކަންކަން ބަހައްޓަނީ ޖަޒުބާތުތަކާއި، މޫޑް ބަދަލުވުމާއި، ފޫހިވުމާއި، ހާސްވުމާއި، އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ކުޑަވުމާއި، އަމިއްލަ ނަފްސާއިމެދު ދެކޭ ގޮތާއި، އަދިވެސް މިފަދަ އެތައް އިހުސާސްތަކާއި ޖަޒުބާތުތަކުގެ ސަބަބުންކަމަށް ޕްރޮފެސަރ ވިދާޅުވެފައިވެއެވެ. ޑރ. ސައިކީލްއާއި ޑރ.ފައުޗިޔާ 2013ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކަނީ ޕްރޮކްރާސްޓިނޭޓް ކުރުމަށް ދިމާވަނީ، ދުރުމުސްތަޤުބަލުގައި ހާސިލު ކުރަން ބޭނުންވާ ކަންކަމާއި ނަތީޖާއަށްވުރެ ވަގުތީގޮތުން އަހަރެމެންގެ ޖަޒުބާތުތަކުގެ ސަބަބުން އެހުންނަ މޫޑް ރަނގަޅު ކުރުމަށް އިސްކަން ދެވުމުގެ ސަބަބުންނެވެ. އެހެންކަމުން  އެސައިންމެންޓާއި، މަސައްކަތްތައް ފުނިޖެހިފައި ހުއްޓާވެސް ޓިކްޓޮކް ބަލަން އޮވެވޭ ސަބަބު މިއެގުނީއެވެ. ޓިކްޓޮކް ބަލައިގެން ނަމަވެސް މޫޑް ރަނގަޅުކޮށް، ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ.

މިހާރު ކޮންމެވެސް ވަރަކަށް އަހަރެމެން ކަންކަން ފަހަށް ބަހައްޓަން މެދުވެރިވަނީ ކީއްވެކަން އެގިއްޖެއެވެ. އެހެންކަމުން ދެން އޮތީ މިކަމުން އަރައިގަންނާނެ ގޮތްތަކެވެ. ހޯދި ހޯދުންތަކުން، ކަންކަން ފަހުން ކުރަން ދޫކޮށްނުލައި ގަޑިއަށް ކުރެވޭނެކަމަށް ބެލެވޭ އުކުޅުތަކެއް ފެނުނެވެ. ވީމާ އެކަންކަންވެސް ހިއްސާ ކޮށްލާނަމެވެ.

  1. ތަރުތީބު ވުން:- ކުރަން ހުރި ކަންކަން ތަރުތީބު ކޮށްލާށެވެ. މިގޮތުން އެންމެ އަވަހަށް ނިންމަން ޖެހޭ ކަންކަމާއި އެންމެ މުހިންމު ކަންކަމަށް އިސްކަން ދޭށެވެ.
  2. ލަނޑުދަނޑިތައް ކަނޑައެޅުން:- ކޮންމެ ދުވަހަކުވެސް އެދުވަހަކު ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. އެންމެ ފުރަތަމަ ފަސޭހައިން ހާސިލުކުރެވޭނެ ކުދިކުދި ކަންކަމުން ފަށާށެވެ.
  3. ތާވަލެއް އެކުލަވާލުން:- ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް ފަހު، އެކަންކަން ކުރާނެ ތާވަލެއްވެސް ހަދާށެވެ.
  4. ސުންގަނޑި ކަނޑައެޅުން:- މިއީ އެންމެ މުހިންމު ކަމެވެ. އެކި ކަންކަން ކޮށްނިންމާނެ ސުންގަނޑި ކަނޑައަޅައި، އެގަޑިއަށް ކަންކަން ނިންމަން މަސައްކަތް ކުރާށެވެ.
  5. ޑިސްޓްރެކްޝަންސް މަދުކުރުން:- މަސައްކަތް ކުރަމުން ގެންދާއިރު، އެކަމުގެ ފޯކަސް ގެއްލިދާނެހެން ހީވާ އެހެން ކަންކަމުން ދުރުވާށެވެ. ޝައްކެއްވެސް ނެތްގޮތުގައި ފޯނަކީ އެންމެ ބޮޑު ޑިސްޓްރެކްޝަނެވެ. މަސައްކަތް ކުރާ ގަޑީގައި ފޯނު ދުރުގައި ބާއްވާށެވެ. ނުވަތަ ސައިލެންޓަށް ލާފައި ބާއްވާށެވެ.
  6. ބްރޭކް ނެގުމާއި އަރާމު ކުރުން:- ބައެއްފަހަރު މާބޮޑަށް މަސައްކަތް ކުރުމުން އަންނަ ވަރުބަލިކަމުގެ ސަބަބުން ދެން ކުރަން ހުންނަ މަސައްކަތް ދޫކޮށްލެވެއެވެ. އެހެންކަމުން، ރާވައިގެން ކަނޑައެޅިފައިވާ ވަގުތުތަކުގައި، ކަނޑައެޅިފައިވާ މިންވަރަށް ބްރޭކް ނަގާށެވެ. އެއަށްފަހު އަނެއްކާވެސް ފަށާނީއެވެ.
  7. އެންމެ އުނދަގޫ ކަންކަން އެންމެ ފުރަތަމަ ކުރުން:- މިގޮތަށް ހެދުމުން ދެން ކުރަން ހުންނަ ކަންކަން ފަސޭހައިން، އަދި ދޫކޮށްނުލައި ފުރިހަމަ ކުރެވޭނެއެވެ.
  8. އެހެން މީހަކާއި ހިއްސާކުރުން:- ކުރަން ކަނޑައެޅި ކަންކަމުގެ ލަނޑުދަނޑި އެހެން މީހަކާއި ހިއްސާކުރާށެވެ. އަދި އެމީހެއް ގާތުގައި ދޭތެރެއަކުން އެކަންކަން ކުރޭތޯ ބަލައި ހަނދުމަކޮށްދޭން ބުނާށެވެ.
  9. ކާމިޔާބީތައް ފާހަގަ ކުރުން:- އެކި މަސައްކަތްތައް ނިންމާލެވުމުން އެކާމިޔާބީތައް ފާހަގަކޮށް އަމިއްލަ ނަފްސަށް ކޮންމެވެސް ކަހަލަ ހަދިޔާއެއް ދޭށެވެ.
  10. ދިހައެކާއި ހަމަޔަށް ގުނުން:- ކަމެއް ކުރަން ފަށަން އުނދަގޫ ނަމަ، އެކަކުން ފެށިގެން ދިހައެކާއި ހަމަޔަށް ގުނަން ފަށާށެވެ. މިގޮތަށް ގޮސް ދިހައެކާއި ހަމަޔަށް ގުނޭއިރު، އޮށޯވެގެން އޮތްނަމަ ތެދުވާށެވެ. ނުވަތަ މަސައްކަތް ކޮންމެވެސް ގޮތަކަށް ފަށާށެވެ. ފެށުނީމައި ދެން ނިމޭނީއެވެ. 

ދެންވެސް ހަނދާން ކުރައްޗެވެ. މިއަދު ކުރެވެން އޮތްކަމެއް މާދަމަޔަށް ފަސްކޮށްލާނީ ވަރަށް ބޮޑު މޮޔައެކެވެ. މާދަމާ އަންނާނެ ކަމެއް، އަދި އަޔަސްވެސް، މާދާ ކަންކަން ދިމާވާނީ ކިހިނެތްކަމެއްވެސް ނޭގޭ ނޫންހެއްޔެވެ. އެހެންކަމުން ޕްރޮކްރާސްޓިނޭޓް ނުކޮށް، ކަންކަމާއި ކުރިމަތިލައިގެން ނިންމަން ހިނގާށެވެ. އަހަރެމެން ކޮންމެ މީހަކީވެސް ވަރަށް ގިނަ އުންމީދުތަކާއި ހުވަފެންތަކެއްވާ މީހުންނެވެ. ނަމަވެސް ކާމިޔާބު މީހުންނާއި އެހެން މީހުންގެ ތަފާތަކީ، ކާމިޔާބު މީހުން އެމީހުން ކުރަންޖެހޭ ކަންކަން ވަގުތުން ކުރުމެވެ.

+1
0
+1
4
+1
0
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް