November 23, 2024 05:01
Advertisement

-Advertisement-

ހާދިސާ: މަހައްދޫ އަށް އުފަންވި ޖަވާހިރު އަދި ޕަރީ!

މިއީ ހަމަ އަސްލުގައިވެސް ޖަވާހިރެއްބާ! ނުވަތަ މަޖާޒީ ގޮތުން ވަކި އެއްޗަކަށް ނިސްބަތް ވާގޮތަށް ލިޔެފައިވާ ނަމެއްބާ! ހިތާހިތާ ސުވާލު ކުރުމުގެ ބަދަލުގައި މުސައްނިފް ސިފަ ކޮށްފައިވާ މިހާދިސާ ކިޔާލަމާ ހިންގަވާ.! އާދެ! މުސައްނިފް ލިޔުއްވާފައިވާ ގޮތުގައި މިއީ މީގެ ދުއިސައްތަ އަހަރު ކުރީގެ ހާދިސާއެކެވެ. މަހައްދޫ އަކީ އެދުވަސްވަރު މީހުން ދިރިއުޅެމުން އަންނަ މަސައްކަތްތެރި ރަށެކެވެ. ބައެއް ފިރިހެނުން މަހަށް ދަނީ އެވެ. އަނެއްބައި ފިރިހެނުން ވަޑާން ކުރަނީ އެވެ. އަންހެންވެރިން ފަރުހިލަނީ އެވެ. ބައެއް އަންހެނުން ފަންގި ވިޔަނީ އެވެ. މިހުރިހާ ކަމަކަށް ބަލާ އިރު މަހައްދޫ އަކީ ހުވަދު އަތޮޅުގައި ވަރަށް މަޝްހޫރު ރަށެކެވެ.

ރެކިފުތާއި މަރިޔަމް އަކީ ވެސް ވަރަށް މުރާލި ދެމީހުންނެވެ. ދިރިއުޅުމުގައި ލާމަސީލް ދެމަފިރިންނެވެ. ފަސް އަހަރު އަންހެން ކުއްޖަކާ އެކު ދެމަފިރިން ހޭދަކުރަމުން ދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. މަރިޔަމް މަސައްކަތް ކުރާއިރު ދަރިފުޅު ކައިރީގައި ހުރެގެން ކުދި ލަވަތައް ކިޔަމުން މަންމަ ހިތްހަމަ ޖައްސާލަމުން ދެއެވެ. މި ކުއްޖާގެ ރީތި ކަމާއި ވިސްނުން ތޫނުކަމުން އަވައްޓެރިންގެ ލޯބި މިކުއްޖާގެ މައްޗަށް ނުހަނު ފުރިހަމައަށް ލިބެމުން ދެއެވެ. މިހާ ކުޑައިރު މަންމަ ފަރުހިލައިގެން ގެންނަ ބޮލި ގުނުމަށްފަހު އެ ސާފުކުރުމަށްފަހު މަންމައަށް ބޮލިތަކުގެ ހިސާބު ދެމުންދެއެވެ. ބައްޕަ މަހަށް ގޮސްގެން ލިބޭ މަހުގެ ހިސާބުވެސް ބައްޕައަށް ކިޔައިދެމުން ދެއެވެ. މިއީ މީހުން އަޖައިބުވާފަދަ ކުއްޖެކެވެ.

އެއްދުވަހަކު ކުނިގޯނި ހިފައިގެން އަތިރިއަށް ދިޔައިރު މިތުއްތު ކުއްޖާ އިނީ ގޭގެ ދޮރުމަތީ ކުޅޭށެވެ. އެވަގުތު މަތީން އުދުހެމުން ދިޔަ ދޫނިތަކެއް ގޯތިތެރޭގައި ހުރި ފޭރުގަހަކަށް ތިރި ކުރުމަށްފަހު ގޮވަންފެށިއެވެ. އެވަގުތު ދޫނިތައް ފައްސާލުމަށް މި އަންހެން ކުއްޖާ (ކުޑަކަބުލޯ) ވެލި މުށްވަރެއް ނަގާ އުކިއެވެ. އެވަގުތު އެތަނުން އެއްދޫނި ކުޑަކަބުލޯ ކާރިއަށް ތިރިކުރިއެވެ. އެއީ ކުޑަކަބުލޯ ވަރުގެ ކުޑަޕަރީ އެކެވެ. ޕަރީ ބުނަން ފެށިއެވެ. ' ކޮންމެ ދުވަހަކުވެސް ޕަރީދައްތަ ކަބުލޯ ކައިރިއަށް އަންނަންދެން މިގަސް ދޮށުގައި މަޑުކުރާށެވެ. ކަބުލޯ އަށް ބޭނުންވާ ހުރިހާކަމެއް ޕަރީދައްތަ ކޮއްދޭނަމެވެ. މިހެން ބުނެ އެދުވަހު ވަރަށްގިނަ މޭވާ ދިނުމަށްފަހު ޕަރީދައްތަ ދޫންޏަކަށް ބަދަލުވެ އުދުހިގެން ދިޔައީ އެވެ. ކުޑަކަބުލޯގެ މަންމަ އަތިރިން އައިއިރު ކަބުލޯގެ ކައިރީގައި މޭވާ ތިބުމުން މަންމަ ބުނެލިއެވެ. ކަބުލޯ! ކާކުދިން މޭވާ ތަކެއްތަ؟ ކަބުލޯ؛ މިއީ ދައްތަ ގެނަސްދިން ހަދިޔާއެއް. ޕަރީ އާއި ކަބުލޯގެ ގުޅުން ވަރަށްބޮޑަށް ބަދަހިވެއްޖެ އެވެ. ކޮންމެ ދުވަހަކުވެސް ތަފާތު މޭވާ ދީފަ ޕަރީދައްތަ ދަނީ އެވެ. ދުވަސްތައް މާޒީ އާއި އެކުވެ އޮވެދެއެވެ.

Advertisement

އެއްދުވަހަކު ރަށުގެ ހުރިހާ ކުޑަކުދީން ކަބުލޯ މެންގެ ގެޔަށް އައިދުވަހެކެވެ. ކަބުލޯގެ ރީތިކަމާއި ފުރިހަމަކަމުން ހުރިހާ ކުދިން ވެސް ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. އަދި އެކުދިންގެ މަންމަމެން ކައިރީގައި ބުނަމުންދަނީ އެވެ. މިއީ މިރަށަށް އުފަންވި ޖަވާހިރެއްދޯ އެވެ. މަންމަމެންގެ ޖަވާބަކީ ވެސް އާނ! ދަރިފުޅާ ތިއީ މަހައްދުވަށް އުފަންވީ ރީތި ޖަވާހިރެކެވެ. މިހާރު ކަބުލޯ އިހުނައްވުރެ މާރީތިވެފައި ފުރިހަމައެވެ. އުމުރުން ސާދަ ފަނަރައިގެ ޒުވާނެކެވެ.

ރަށުގެ އެފުރައިގެ ހުރިހާ ފިރިހެން ކުދިން ލޯ ހުއްޓިފައި ވަނީ ކަބުލޯ އާއި ދިމާއަށެވެ. މިކަން ކަބުލޯ އަށް ނޭގުނަސް ޕަރީ ދައްތައަށް ވަރަށް ސާފުކޮށް މިކަން އެގެއެވެ. އެހެންވެ ޕަރީ ކުރިކަމަކީ އެހެންމީހުންގެ ލޯތަކަށް ކަބުލޯ ފޮރުވާލުމަށްފަހު ޕަރީ ވެސް އެބުރި ދިޔައީ ކޮންމެ މަހެއްގެ ފަނަރަވަނަރޭ ބާރަ ޖަހާއިރު އަންނަން ވަޢްދު ވުމަށްފަހުގައެވެ. ދުވަސްތަކަކަށްފަހު ޕަރީ އާއި ކަބުލޯ މައިންބަފައިންނަށް ނޭގި ތަފާތު އެކި ބައްދަލުވުންތައް ބާއްވަމުން ދަނިކޮށް ކަބުލޯ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ.

ކަބުލޯ އަށް ބޭނުންވާ ހުރިހާ ފަރުވާއެއް ކުރަމުންދަނީ ޕަރީދައްތައެވެ. މިއިން އެއްވެސް ކަމެއް ކަބުލޯގެ މައިން ބަފައިންނަކަށް ނޭގެއެވެ. ކަބުލޯ މިބަލިން ގަދަނުވާނެކަން ޕަރީއަށް އެގުމުން އެއްރެއަކު ބާރަޖެހިއިރު ކަބުލޯ ގެންގޮސް ގޮނޑުދޮށުގައި ވަޅެއްކޮނެ ވަޅުލިއިރު ކަބުލޯގެ ފުރާނައެއް ނެތެވެ. އޭގެ ފަހުގައި ޕަރީ ކުރިކަމަކީ ކަނބުލޯގެ ސިފައަށް ބަދަލުވުމަށްފަހު ކަނބުލޯގެ ބަލިދާނުގައި އޮށޯވެއްޖެއެވެ. ފަތިހު ކަބުލޯގެ މަންމަ ބެލިރު ކަނބުލޯ ބަލިން ރަނގަޅުވެ އެދުން ތެދުވެގެން ގޮސް ގޯތިތެރެ ކުނިކަހަން ހުއްޓެވެ. ކަބުލޯގެ މައިން ބަފައިންނަށް އެއީ ކަބުލޯ ނޫން ކަމެއް ނޭގެއެވެ. އޭގެ ފަހުގައި މިރަށުމީހުން ރަށް ދޫކޮށް ގއ.ދާންދޫ އަށް ބަދަލުވީ އެވެ. އެދުވަހުއްސުރެ މަހަށްދުއަށް އުފަންވި ޖަވާހިރު ނެތިދިޔައީއެވެ.

 

ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލުގެނެސްފައިވާނެއެވެ.

+1
0
+1
4
+1
0
+1
1
+1
1
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް