September 20, 2024 09:08
Advertisement

-Advertisement-

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް! ޒިންމާ ނަގާނީ ކާކު؟

ކޮވިޑް19ގެ ހާލަތު ބަޔާންކުރައްވައި ޑރ.ޝީނާ މޫސާ ތައްޔާރުކުރެއްވި ބަލިޖެހޭމީހުންގެ ކުރިއަށް ލަފާކުރާ އަދަދުތަކައްވުރެ ބަލިޖެހޭމީހުންގެ އަދަދު މީގެ އެއްއަހަރު ކުރިން ފެންނަމުން ދިޔައީ މަދުންނެވެ. ލޮކްޑައުން އާއި ހުރެ އަދަދުތައް ތިރިވިނަމަވެސް އެއިރުވެސް ބައެއް ޑޮކްޓަރުން ލަފާދެއްވަމުން ދިޔައީ ފިޔަވަޅުތައް ލުއިނުކޮށް ކުރިއަށްދިއުމަށެވެ.

އެހެންނަމަވެސް ވަކި ހިސާބަކުން ފެނުނީ ސަރުކާރުން ވަރަށްބޮޑަށް ދޫދިން މަންޒަރެވެ. ކަރަންޓީންނުވެ ވަކި ބޭނުންތަކަކަށް ރަށްރަށަށް ދެވޭނެގޮތަށް ހުއްދަދީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ޕޮޒިޓިވްވެފައިތިބި މީހުންނަށް އަމިއްލައަށް ގޮސް ވޯޓުދެވޭނެގޮތް ހަމަޖެއްސުން ވެގެންދިޔައީ މިއަދު މިއޮތް ހާލަތަށް ޤައުމު ވެއްޓެން ދިމާވި އެއް ސަބަބުކަމަށް ދެންނެވިދާނެއެވެ.

ޓެސްޓްގެ ނަތީޖާ ލިބުން ލަސްވުން، ކަންބޮޑުވާ މައްސަލައެއް

Advertisement

'ޒީޓައިމްސް' އަށް މަޢުލޫމާތުދެމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އަޒުމާ ބުނީ ކޮވިޑް ޓެސްޓްގެ ނަތީޖާ ލިބުނީ ޓެސްޓް ހެދިތާ 8 ދުވަސް ފަހުން ކަމަށެވެ. ނަތީޖާ ލިބުނުއިރު ގޭގެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. " ޕޮޒިޓިވްކަމެއް ކުރިން ނޭނގޭ. އެހެންނަމަވެސް ކުޑަކޮށް އަލާމާތް ފެނުނަސް ގޭގައި ވަކިން އުޅެވޭނެ ގޮތެއް ނެތް. ނަތީޖާ ލިބުނުއިރު ދަރިންވެސް މިވަނީ ޕޮޒިޓިވްވެފައި" އަޒުމާ ބުންޏެވެ.

2020ވަނަ އަހަރުވެސް ޗުއްޓީއަށް ރަށަށް ނުދެވޭތީ ޢާއިލާ ކައިރިއަށް ރަށަށް ފާތިމަތު ދިޔައީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް 10 ދުވަހަށް ކަރަންޓީނަށް ދިޔަގޮތަށް މިއަދަށް މިވީ 19 ދުވަހެވެ. އަދިވެސް ކަރަންޓީނު ނިންމުމަށްފަހު ޓެސްޓްގެ ނަތީޖާ ނުލިބޭތީ ހުންނަންޖެހެނީ އެހެންމީހުންނާއި ވަކިން ވަކިގެއެއްގައެވެ. ނަތީޖާ ކޮބާހޭ ބުނެ ސޯޝަލް މީޑިއާގައި އަޑު އުފުލިއަސް ކަމާއި ގުޅޭ މުއައްސަސާއަށް ގުޅިއަސް ނަތީޖާ ލިބޭނެ ދުވަހެއް އަދި އެގޭނެގޮތެއް ނެތެވެ. ޗުއްޓީ ނިންމައި އެބުރި މާލެ އަންނަދުވަސް ކައިރިވަނީއެވެ.

ޕޮޒިޓިވްވާ މީހުން ގިނަވުމުން އެކަށީގެންވާ ފަރުވާނުލިބި ލަސްވުން

ނިމިގެންދިޔަ ހަފްތާގައި މީޑިއާގެ ސަމާލުކަމަށް އައީ މާބަނޑު މީހަކު ޕޮޒިޓިވްވެ ފަރުވާ ލިބުން ލަސްވެ އެންމެފަހުން ސިޒޭރިއަން ހަދައި ދަރިފުޅުނެގި ޚަބަރެވެ. މާބަނޑު މީހުން ހިމެނެނީ ބަލީގެ ހައިރިސްކް ކެޓަގަރީގައެވެ. ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވަނީ އައިޖީއެމްއެޗްގަ އެވެ. 50 ވަރަކަށް މީހުންނަށް އެތަނުން ދަނީ ފަރުވާ ދެމުން ކަމަށް ޑރ.މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.

އެކި އުމުރުފުރައިގެ 268 މީހުން މިބަލީގައި އެޑްމިޓްކޮށްގެން މިހާރުވެސް ފަރުވާދެމުންދާއިރު، ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުނުވެއްޖެނަމަ ކުރިއަށްއޮތްތާގައި ފަރުވާހޯދަން އިތުރަށް އުދަގޫވުން އެކަށީގެންވެއެވެ. މިހާރުވެސް ބަލިޖެހިފައިތިބި މީހުން ޑޮކްޓަރަށް ދައްކަންގޮސް ދިގުކިއޫގައި އެތައް ގަޑިއިރަކު މަޑުކުރަންޖެހޭ ކަމަށް އޭގެތެރެއިން ބައެއް މީހުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ހުޅުމާލޭ ފުލޫކުލިނިކް ކައިރީގައި ގިނަ އަދަދެއްގެ މީހުން ވެކްސިން ޖެހުމަށް ކިއުގައި

ކޮވިޝީލްޑް ވެކްސިން ދެވަނަ ޑޯޒު ނުޖެހި 92000 މީހުން

ދިވެހިރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށިއިރު ސަރުކާރުން ބުނަމުންދިޔައީ އެންމެންނަށް ވެކްސިން ލިބޭނެގޮތް ހަމަޖެހިފައިވާކަމަށެވެ. ސަރުކާރުން ދިން ޔަޤީންކަމާއިއެކު ފުރަތަމަ ޑޯޒު ޖެހި ގިނައަދަދެއްގެ މީހުންގެ ތެރެއިން 92000 މީހުން މިއަދުތިބީ ދެވަނަ ޑޯޒު ނުލިބި އެކަމުގެ ކަންބޮޑުވުމުގައެވެ. ކޮވިޝީލްޑް ދެވަނަ ޑޯޒު ނުޖެހި ތިބި މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ބޭނުންކޮށްގެން ދެވަނަ ޑޯޒު ފުރިހަމަކުރެވޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިހަފްތާގައި ވަނީ ބުނެފައެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ދިގު ކިއޫތަކެއްގައި މަޑުކުރަންޖެހުމުން، ގިނަ އަދަދެއްގެ މީހުން 2 ޑޯޒު ފުރިހަމަކުރަން ގިނަދުވަސް ނަގާނެކަމަށް ބެލެވެއެވެ. ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްތަކެއް މިހާލަތުގައި ހަމަޖެއްސުން މުހިންމެވެ.

ކޮވިޑް ކޮންޓްރޯލްނުވެ މަރުވާމީހުންގެ އަދަދު ގިނަވުން

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ރޭގަ އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު 47421 މީހުން މިހާތަނަށް ރާއްޖޭގައިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 18221 މީހުންނަކީ ބަލިން އަދި ރަނގަޅު ނުވާ މީހުންނެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 111 އަށް އަރައިފައިވާއިރު މިއަދު އެކަނިވެސް މިބަލީގައި 6 މީހުން ވަނީ މަރުވެފައެވެ.

ސިއްޙީ އެހީތެރިން އިތުރަށް ބޭނުންވުން

ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ސިއްޙީ އެހީތެރިން ކުރަމުންދާ މަސައްކަތަކީ ނަމޫނާ މަސައްކަތެކެވެ. އެދައްކާ ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ. އެހެންނަމަވެސް ހާލަތު ގޯސްވާއިރުވެސް ތައްޔާރަށް އޮތްކަމަށް ސަރުކާރުން ފުރަތަމަ ދުވަހުންފެށިގެން ބުނަމުން އައިއިރު މިހާލަތަށް ތައްޔާރުވެއޮތްކަމަކަށް މިއަދު ދެންނެވެންނެތެވެ. އަދި ބަލި ބޮޑަށް ފެތުރިއްޖެނަމަ ސިއްޙީ އެހީތެރިންނަށް ފަރުވާނުދެވިދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވި ދުވަސް ކައިރިވެއްޖެކަމަށް ފެންނަ މަންޒަރުތަކުން މިހާރު ހީވެއެވެ. ގިނަ އަދަދެއްގެ ސިއްޙީ އެހީތެރިން ޕޮޒިޓިވްވެ އެންމެބޮޑު ދެހޮސްޕިޓަލުން ދޭ ބައެއް ޚިދުމަތްތައްވެސް މިހާރުވަނީ މެދުކަޑާލާފައެވެ. އަދި ސިއްޙީ އެހީތެރިން އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންތިޒާމުތަކަށް ބަދަލުގެންނަންޖެހޭ

އެޗްޕީއޭ އަށް ނުގުޅި 2 ދުވަސް 3 ދުވަސް އެބަހޭދަވެއެވެ. ކޯލް ސެންޓަރ ނަންބަރު އެހާވެސް ބިޒީއެވެ. ދުވާލަކަށް އެތައްހާސް ކޯލް އަންނައިރު ބިޒީވާނެކަން ޤަބޫލުކުރެވެއެވެ. އެކަމަކު މިނޫންގޮތަކަށް މިކަން އަވަހަށް ހަމަޖެއްސޭނެ އިންތިޒާމެއް ސަރުކާރުން ޤާއިމްކުރަންޖެހޭނެ ކަމަށް ޤަބޫލުކުރަމެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެއްގޮތަށް މިއަދު ޚިދުމަތް ލިބެންނެތްކަން އެތައް ބައެއްގެ ވާހަކަތަކުން ޔަޤީންވެއެވެ. ކުރުކޮށް ދަންނަވާނަމަ ދިވެހިރާއްޖޭގައި ކޮވިޑް ކޮންޓްރޯލްނުވެ ގޯހުން ގޯހަށް މިވަނީ ގޮސްފައެވެ. މިކަމުގައި ޒިންމާނަގާނީ ސަރުކާރުން ހެއްޔެވެ؟ ނޫނީ ދިވެހި ރައްޔިތުންގެ ބޮލުގައި ޒިންމާ އަޅުވާނީ ހެއްޔެވެ؟

އަތޮޅުތެރޭގައި ބަލިފެތުރި ގިނަ އަދަދެއްގެ ރަށަށް އަރައި ފޭބުން މަނާކޮށްފައިވާއިރު، ބަލިފެތުރުމަށް އަވަސް ފިޔަވަޅުތަކާއި އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ބޭރުކޮށްލާފައެވެ. ރައްޔިތުންގެ މަޖިލީހުން ކޮވިޑްގެ ހާލަތު ގޯސްކަމަށް ޤަބޫލުކުރާނީ ހާލަތު ކިހާވަރަކަށް ދިޔައިމަތޯ ސުވާލު އުފެދެއެވެ. ދުވާލަކަށް ޕޮޒިޓިވްވާމީހުން ހާހުން މައްޗަށް ގޮސް މަރުވާ މީހުންގެ އަދަދު އިންތިހާ އަށް މައްޗަށް ދިޔައިރު ހާލަތު ގޯސްކަމަށް ޤަބޫލެއް ނުކުރެވުނެވެ.

ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވުމުން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލޭގައި ކާފިއު ހިންގާ ބަލިފެތުރިފައިވާ ރަށްރަށުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެހެންނަމަވެސް މިވަގުތަށް ބަލިކޮންޓްރޯލް ކުރުމަށް އިންތިޒާމުތަކަށް ބަދަލުގެންނަންޖެހޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިގޮތުން އަވަހަށް ޓެސްޓް ނަތީޖާ ލިބޭނެގޮތް ހަމަޖައްސައި ބަލިޖެހިފައިވާ މީހުންނަށް އަވަސް ފަރުވާ ލިބޭނެގޮތެއް ހަމަޖެހެންޖެހެއެވެ. އަދި ބަލިޖެހިގެން ގޭގައިތިބި މީހުންނަށް އެޗް.ޕީ.އޭ އާއި ފަސޭހައިން ގުޅޭނެގޮތެއް ހަމަޖައްސަން ޖެހެއެވެ.

ބަލިން ރައްކާތެރިވުމަށް އެންމެން މަސައްކަތްކުރަމާ

ބަލިޖެހޭއަދަދު މަދުކުރުމަށް އެޗް.ޕީ.އޭގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރަން ހިގާށެވެ. އަދި އަވަހަށް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށް ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމާ ހިގާށެވެ. އަވައްޓެރި އިންޑިއާ އަށް ވީގޮތް ޢިބުރަތަކަށް ބަލައިގެން މިބަލިމަޑުކަމުން ސަލާމަތްވުމަށް ކުރެވެންހުރި މަސައްކަތެއް ކުރަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.

+1
0
+1
1
+1
0
+1
1
+1
0
+1
0
+1
2

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ވަރަށްދެރަވޭ މިހާލަތަަށް ރާއްޖެވެއްޓުމުން އަދި އަޑުއިވޭ ވާހަކައާއި އިދިކޮޅަށް ކަންތައް މިދަނީ. މިފަހަރު ޒިއްމާ ނަގަންޖެހެނީ ސަރުކާރުގެ މުއައްސަސާ ތަކުންނާއި ސިޔާސީ ޕާޓީތަކުން. ކެމްޕޭނަށް ހާއްބާ ކެނޑިގެން ދުއްވުން. ލޯކަނުކައުންސިލް އިންތިޚާބު ބޭއްވުމަށް މަގުފަހިކޮށްދީ އިންތިޚާބު ބާއްވައި ޢަރަބި ޤައުމުތަކުގައި މަސައްކަތްކުރާ އިންޑިއާގެ 3މިލިއަނަށްވުރެ ގިނަމީހުންގެ ކަރަންޓީންފެސިލިޓީއަކަށް ގިނަރިސޯޓުތަކާއި ގެސްޓުހައުސްތަށް ހަދައި ކޮވިޑުބަލީގައި އިންޑިއާގެ އެންމެ ނުރައްކާވީ ދުވަސްކޮޅު ހިތުުހުރިގޮތަކަށް އިންޑިއާމީހުން އެތެރެވާން ދޫކޮށްލުން. މިއީސަރުކާރު ޒިއްމާވާންޖެހޭ ސަބަބު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް