މާކެޓް ކެޕިޓަލައިޒޭޝަން އަގަށް ބަލާއިރު އެޕަލް ކުންފުނި 2020 އޮގަސްޓް 19 ގައި 2 ޓްރީލިއަން ޑޮލަރު ފަހަނައަޅާދިއައެވެ. އެހެންކަމުން އެޕަލްއަކީ މިހާރު ދުނިޔޭގެ އެންމެ އަގުމަތީ ކުންފުނިކަމަށް ބެލެވިދާނެއެވެ. ސުވާލަކީ އެއީ ހަމަ ހުރިހާ އިރެއްގައިވެސް އެންމެ އަގުބޮޑު ކުންފުނިތޯއެވެ.
ސައުދީ އޮއިލް ޖަޔަންޓް އަރަމްކޯގެ އަގު 2019 ޑިސެންބަރުގައި އުޅުނީ 2.03 ޓްރީލިއަން ޑޮލަރުގައެވެ. ނަމަވެސް ކޮރޯނާ ވައިރަހާއިއެކު ތެލުގެ އަގަށް އައި ބަދަލާއެކު އަރަމްކޯއަށް މިޝަރަފު ގެއްލުނެވެ. އެހެންނަމެވެސް ބައެއް ވެބްސައިޓްތަކުގައި ވާގޮތުން އެޕަލްއިން 2 ޓްރީލިއަން ޑޮލަރު ފަހަނައަޅާ ހޯދި ކާމިޔާބައްވުރެ ބޮޑެތި ކާމިޔާބުތައް ދުނިޔޭގެ ތާރީޚްގައި ބައެއް ކުންފުނިތަކުން ހޯދާފައިވާކަމަށް ވެއެވެ.
މިގޮތުން އިނގްލިޝް ސައުތް ސީ ކޮންޕެނީ އަދި މިސިސިޕީ ކުންފުނީގެ އަގު މިލާދީން 1720ގައި 4.5 ޑޮލަރު ނުވަތަ 6.8 ޓްރީލިއަން ޑޮލަރަށް އެރިކަމަށް ލިޔެފައިވެއެވެ. އެހެންނަމަވެސް ދުނިޔޭގެ ތާރީޚްގައި މިހާތަނަށް އެންމެ އަގުބޮޑު ކުންފުނިކަމަށް ބުނެވެނީ ޑަޗް އީސްޓް އިންޑިއާ ކުންފުންޏެވެ. މި ކުންފުނީގެ އަގު 8.28 ޓްރީލިއަން ޑޮލަރަށް އެރިކަމަށްވެއެވެ. މިކުންފުނީގެ އަގު މީލާދީން 1634ގައި ވަރަށް ބޮޑަށް މަތިވެގެންދިއައެވެ. މިކަން ފެށިގެން ދިއަކަމަށް ވަނީ 1643ގައި ޑަޗް ބޯޓްތައް ދުނިޔޭގެ އެތަންމިތަނަށް ދަތުރުކުރިއިރު ހޮލެންޑަށް ގެނައި ޓިއުލިޕް މަލާ ހިސާބުންނެވެ. އެއާއެކު ހޮލެންޑްގައި މަޝްހޫރު ޓިއުލިޕް މޭނިއާ ފެތުރިގެން ދިއައެވެ.
ޓިއުލިޕް މަލުގެ އަގު ވަރަށް ބޮޑަށް ހޮލެންޑްގައި އުފުލުމާއިއެކު ކުންފުނީގެ ހިއްސާއެއްގެ އަގު %1200 (އެއްހާސް ދުއިސައްތަ ޕަސަންޓް)އަށް އުފުލިގެން ދިއައެވެ. މީލާދީން 1637 ގައި ޑަޗް އީސްޓް އިންޑިއާ ކޮންޕެނީގެ އަގު 78 މިލިއަން ޑަޗް ގިލްޑާރސްއަށް އެރިކަމަށްވެއެވެ. އެއީ 8.2 ޓްރީލިއަން ޔޫ.އެސް ޑޮލަރެވެ. އެއީ ގާތްގަނޑަކަށް ޖަރުމަނާ، ފުރާންސް އަދި އިނގިރޭސިވިލާތުގެ ޖީ.ޑީ.ޕީއާއި އެއްވަރުގެ އަދަދެކެވެ.