November 23, 2024 06:30
Advertisement

-Advertisement-

އަކުރުގެ އަޑު ބޭނުންކޮށްގެން ދަރިފުޅަށް ކިޔަވައިދޭން ކުރެވިދާނެ ކަންތައްތައް!

ދިރިއުޅުމަށް އަންނަ ކޮންމެ ބަދަލަކާ އެކުވެސް ގިނަ ކަންތައްތަކެއް ދަސްކޮށް އެކަމަކުން އަރައިގަންނަން މަސައްކަތްކުރާ ފަދައިން ދިމާވާ ކޮންމެ ކަމަކާ އެކުވެސް ލޮލުގެ ކޮއި ފަދަ ދަރިފުޅަށް ރަނގަޅު ގޮތެއް ހޯދައިދޭން މަސައްކަތްކުރަން ކޮންމެ ބެލެނިވެރިއެއްވެސް ބޭނުންވާނެ އެހެންނޫންތޯ؟

މިފަހަރު އަޅުގަނޑުގެ މި އާޓިކަލްގައި ކުޑަދަރިފުޅަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގައި ގޭތެރޭގައި ބެލެނިވެރިންނަށް ކޮށްދެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ބެލެނިވެރިންގެ ހިތުގައި އުފެދޭ ބައެއް ސުވާލުތަކަށް ޖަވާބުދެވޭތޯ މަސައްކަތްކުރާނަމެވެ.

އަކުރުގެ އަޑު ބޭނުންކޮށްގެން ދަރިފުޅަށް ކިޔަން ދަސްކޮށްދޭނީ ކިހިނެއް؟

Advertisement

އިނގިރޭސި ބަސް ލިޔަން ކިޔަން ދަސްކޮށްދޭން މަސައްކަތްކުރާ ކޮންމެ ބެލެނިވެރިއަކަށްވެސް މިހާރު "ފޮނިކްސް" މިބަސް އާބަހަކަށް ނުވާނެ އެހެން ނޫންތޯ؟ ފޮނިކްސް މިބަހުގެ މާނައަކީ އަކުރު ނުވަތަ ބަހެއް ކިޔުމުން އެއަކުރެއްގެ އަޑު އިވޭގޮތެވެ. އަދި ދިވެހިން އާންމުކޮށް މިބަހަށް ކިޔާއުޅެނީ އަކުރުގެ އަޑުތަކެވެ. އަކުރުގެ އަޑުތައް ދަސްކޮށްދިނުމުން ދަރިވަރުން ކިޔަން އަދި ލިޔަން އަވަހަށް ފަށައިގަތުމަށް މަގުފަހިވޭ އަދި ބަސްތަކުގެ "ސްޕެލިންގް" ހިތުދަސްކުރަން ނުޖެހި "ލޮޖިކަލް" ނުވަތަ ކުދިންނަށް ވިސްނޭގޮތަށް ސިކުނޑި ބޭނުންކޮށްގެން އެބަހެއްގެ އަޑުތައް ބޭނުންކޮށްގެން ލިޔަން މަގުފަހިވެގެންދެއެވެ.

ލިޔަންކިޔަން ދަސްކޮށްދިނުމަށް ފުރަތަމަ ދަރިފުޅަށް އަކުރުގެ އަޑުތައް، ދެން ދެއަކުރު ގުޅުވާލައިގެން ކިޔަން، އެއަށްފަހު ތިންއަކުރުގެ ބަސްތައް ކިޔައިދެވިދާނެއެވެ. މިގޮތަށް ކިޔައިދޭއިރު ފަހަރަކު އަޑެއް ނުވަތަ "ފޮނިކް ސައުންޑެއް" ކުދިންނަށް ދަސްކޮށްދެވިދާނެއެވެ. ގިނަފަހަރަށް ތަޖުރިބާކާރުން ވިދާޅުވަނީ ފުރަތަމަ  ވަވްލް އަކުރުތައް “a,e,i,o,u” ކުދިންނަށް ދަސްކޮށް ދިނުމަށެވެ. މީގެ މަޤަސަދަކީ ގިނަ ބަސްތަކެއްގައި މި އަކުރުތައް ތަކުރާރުކޮށް ހިމެނިފައިވުމެވެ. މިހެންވުމުން ދަރިވަރުންނަށް އެއްވައްތަރުގެ ބަސްތައްކިޔާއިރު ތަފާތު ކުރަން ދަސްވެގެން ދެއެވެ.

މިސާލަކަށް "ބުޅާ" މިބަސް ދިވެހިން ކިޔާއިރު އިވެނީ ދެއަކުރެއްގެ އަޑު އެއީ "ބ" އަދި "ޅަވިޔަނި" ދިވެހިބަސް ދަސްކޮށްދިނުމުގައި އަކުރު އެކަނި ދަސްކޮށްދިނުމުގެ ބަދަލުގައި އެއަކުރުގައި ފިލި ޖަހައިގެން ދަސްކޮށްދިނުމުން ބަހުގެ އަޑުތައް ކުދިންނަށް ނަގައިގަންނަން ފަސޭހަވެގެން ދެއެވެ. މިސާލަކަށް އަކުރާއި ފިއްޔާއެކު "ބު/ޅާ" މިގޮތަށް ކިޔައިދެވިދާނެއެވެ. މިގޮތަށް ކިޔައިދޭއިރު ކުދިންނަށް ވިސްނޭގޮތަށް ފިލިތަށް ދައްކާ އަދި ފިލިތަކުގެ ބައްޓަންތައް ހުންނަގޮތް އަދި ހުންނަ ފަރާތް ނޯޅޭ ގޮތަށް ކިޔައިދެވިދާނެއެވެ.

ދެން ހަމަ މި މިބަސް އިނގިރޭސިން ފޮނިކްސް ބޭނުންކޮށްގެން ކިޔައިދެމާތޯ އެވެ. މިސާލަކަށް “cat” އޭ ބުނުމުން އިވޭ އަކުރުތަކުގެ އަޑުތަކަކީ “c/a/t” މި ތިން އަކުރުގެ އަޑުތަކެވެ. ފޮނިކްސް ނުވަތަ އަޑު ބޭނުން ކޮށްގެން ދަސްކޮށްދިނުމުގައި އަކުރުގެ އަޑުތައް ދެނެގަނެ ދަރިފުޅަށް ކިޔައިދިނުމުގެކުރިން ރަނގަޅަށް ފަރިތަކޮށްލުން މުހިންމެވެ. ސަބަބކީ ކުޑަކުދިންނަށް އެބަހެއް ފުރަތަމަ ފަހަރަށް އަޑުއިވޭގޮތް ނުވަތަ ނަގައިގަނެވޭގޮތަށް އެކުދިން އެބަސް ކިޔަން މަސައްކަތްކުރާތީއެވެ.

މި ހިމަނާލެވުނީ އެންމެ ގޮތެކެވެ. އަދި މީގެ އިތުރުންވެސް ގޭގައި ހުންނަ ބައެއްކަހަލަ ސާމާނުތައް ބޭނުންކޮށްގެން ކުދިން ގަޔާވާގޮތަށް ބަސްތަކާއި އަޑުތައް ހިމަނައިގެން ބަސްތައް ފަރިތަވާނޭ ކަހަލަ ތަފާތު ކުޅިވަރުތައް ކުޅެވިދާނެއެވެ. މިގޮތަށް ބަސްތައް ޚިޔާރުކުރާއިރު ކުއްޖާ ގަޔާވާ ބަސްތަކުން ފެށިދާނެއެވެ.

ސައިޓް ވޯޑްސް ކިޔައިދިނުމުގެ މުހިންމުކަން

ތުއްތުކުދިންނަކީ ވަރަށް އަވަހަށް ކިޔައިދޭ އެއްޗެއް ނަގައިގަންނަ ކުދިންނަށްވުމުން ގިނަގިނައިން އެއްބަސްތަކެއް ތަކުރާރުކޮށް ފެންނަ ނުވަތަ އަޑުއިވޭނަމަ އެބަސްތައް ކިޔާލެއް އަވަސް ވެގެންދެއެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމުގައި ފުރަތަމަ 3 އަހަރު ދަސްކޮށްދެވޭ އެއްޗެއް ގިނަ ދުވަހު ސިކުނޑީގައި ހަރުލާ ކަމަށެވެ.

ގިނަގިނައިން އެއްބަސްތަކެއް ފަރިތަވަންދެން ދަސްކޮށްދެވިދާނެއެވެ. އަދި އެބަސް އެހެން ފޮތަކުން ނުވަތަ ތަނަކުން ފެނިއްޖެނަމަ ހަނދާންކޮށްދެވިދާނެއެވެ. ވަކި ބަސްތަކެއް ޚިޔާރުކޮށް އަދި އެއްއަޑެއްގެ ބަސްތަކެއް ޚިޔާރުކޮށް ދަރިފުޅަށް ފެންނަހެން ގޭތެރޭގައި ހަރުކޮށްފައި ބެހެއްޓިދާނެއެވެ.މިގޮތަށް ކުދި ބަސްތަށް ދަސްކޮށް ދިނުމަށް ގޭތެރޭގައި މަސައްކަތްކުރެވިދާނެއެވެ. 

ފޮތްކިޔައިދިނުމުގެ މުހިންމުކަން

ކޮންމެދުވަހަކުވެސް ކޮންމެވެސް ވަގުތަކު ފޮތެއް ކިޔާލަން ކުއްޖާ އަށް ހިތްވަރުދެއްވާށެވެ. ފޮތް އަމިއްލަ އަށް ކިޔަން ނޭނގޭ ކުދިންނަށް ފޮތް ކިޔައިދެއްވާށެވެ. އަދި ކިޔައިދޭއިރު ކުދިން ގަޔާވާ، އުމުރާ ގުޅޭ ފޮތް ޚިޔާރުކުރުން މުހިންމެވެ. ބާރަށް، ތަފާތު އަޑުތައް ބޭނުންކޮށްގެން ފޮތްކިޔުމުން ކުދިން ފޮތަށް ހުންނަ ޝައުޤު އިތުރުވެގެންދެއެވެ. އަދި ކުދިންގެ އަތް ފޯރާ ހިސާބުގައި ފޮތްތައް ބަހައްޓައި ކިޔާހިތްވާ ފޮތް ކިޔަން ފުރުޞަތު ދިނުން މުހިންމެވެ. ބައެއް ކުދިން އެއްފޮތެއް އެތައް ފަހަރަކުވެސް ކިޔައިފާނެއެވެ. އަދި ބައެއް ކުދިންނަށް ތަންކޮޅެއްލަހުންވެސް ކިޔަންފެށިދާނެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކޮންމެ މަލެއްވެސް ފޮޅޭނީ އެމަލުގެ ވަގުތު އައިސް ޖެހުނީމައެވެ.    

ލިޔަން ދަސްކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް  

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދެވަނަ ފަހަރަށް ފުރަބަންދަކަށް ދާންޖެހުމުގެ ސަބަބުން ދަރިން ގިނަ ވަގުތު ގޭގައި ތިބެންޖެހުމުން ދަރިފުޅަށް ކިޔަވައިދިނުމަށް މައިންބަފައިން ހޭދަކުރަންޖެހޭ ވަގުތު ގިނައެވެ. މަދަރުސާތައް ބަންދުވުމުން އެކަށީގެންވާ ވަރަށް ދަރިވަރުންނަށް ލިބެންޖެހޭ ޢިލްމު ނުލިބޭތީ މިކަމާއި އެންމެބޮޑަށް ކަންބޮޑުވާ ބެލެނިވެރިންގެތެރޭގައި އޮގަސްޓް މަހު ގްރޭޑް އެކަކަށް ދާ ދަރިވަރުންގެ ބެލެނިވެރިން ވަރަށް ގިނަކަން ފާހަގަވެއެވެ. އަދި މިގޮތުން ގްރޭޑް އެކަކަށް ކުއްޖާ ދިޔުމުގެ ކުރިން ކުއްޖާ އަށް ލިޔަން ކިޔަން ދަސްކޮށްދޭންޖެހޭ "މިންވަރަށް" ދަސްކޮށްނުދެވިދާނެތީ މިކަމާ ގުޅޭގޮތުން ގޭގައި ކުރެވޭނީ ކޮން ކަންތައްތަކެއްތޯ މިއީ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާއިވެސް ކުރާ ސުވާލެކެވެ.     

"އަޅުގަނޑުގެ ދަރިފުޅު އެހާ ލިޔާހިތެއް ނުވާނެ" މިއީ އަޅުގަނޑަށް ވަރަށް ގިނަ ބެލެނިވެރިން ހިއްސާ ކުރާ ވާހަކެއެކެވެ. ދަރިފުޅަށް ލިޔަން ދަސްކޮށްދިނުމުގެ ކުރިން އަކުރުގެ ބައްޓަންތައް ކުދިންނަށް ދަސްކޮށްދެވިދާނެއެވެ. މިގޮތުން ގޭގައި ބޭނުންކުރާ ތަކެތި މިސާލަކަށް ފުށް ނުވަތަ ކުދިން ގެންގުޅޭ ކްލޭ ނުވަތަ ސްލައިމް ބޭނުންކޮށްގެން އަކުރުގެ ބައްޓަން އަޅަން ކިޔައިދެވިދާނެއެވެ. މީގެން ކުދިން އަކުރު ލިޔަން ފެށުމުގެ ކުރިން އަކުރުގެ ބައްޓަން ސިކުނޑިއަށް ނަގައިގަންނަން ފަސޭހަވެގެން ދެއެވެ.

ތިރީގައި މިހިމާނަލަނީ ކުޑަކުދިންނަށް ލިޔަން ދަސްކޮށްދިނުމުގެ ކުރިން އަކުރުގެ ބައްޓަން ދަސްކޮށްދިނުމުގައި ބެލެނިވެރިންނަށް ގޭތެރޭގައި އަކުރުތައް އަލާނެ ގޮތް ކިޔައިދެވިދާނެގޮތެކެވެ. މި ނޫންވެސް ތަފާތުއެތައް ގޮތްތައް ބޭނުން ކުރެވިދާނެއެވެ.

މޭޒުކައިރީ އިށީނދެގެން ލިޔަން ބޭނުންނުވުމަކީ އަދި ޚާއްޞަކޮށް ގޭތެރޭގައި ގިނަ ކުދިންތަކަކާއިއެކު އުޅޭއިރު ކުޑަކުދިން މިހެން އިންނަން ބޭނުން ނުވުމަކީ މިއި އާންމު ކަމެކެވެ. އެހެންކަމުން ފާރުގައި ގަނޑެއް ނުވަތަ ބްރިސިލް ބޯޑެއް ތަތްކޮށް ނުވަތަ ވައިޓް ބޯޑެއްގައި ކުދިން ލިޔަން މަގުފަހިކޮށްދެވިދާނެއެވެ. އަދި މިގޮތަށް ލިޔާއިރު އެންމެ ފުރިހަމައަށް ނުލިޔެވުނުކަމުގައި ވިޔަސް ހިތްވަރުދިނުން މުހިންމެވެ.                         

ރަނގަޅަށް އަކުރުތަކުގެ ބައްޓަންތައްދަސްވުމުން ފޮތުގައި ހުންނަ ރޮނގުތަކުގައި ލިޔަން ދަސްކޮށްދެވިދާނެއެވެ. އަދި މިގޮތަށް ދަސްކޮށްދޭއިރުވެސް އިނގިރޭސި ލިޔާފޮތް ނުވަތަ ދިވެހި ލިޔާފޮތުގެ ޕޭޖްތައް ލެމިނޭޓްކޮށް ކުދިން ލިޔާ ހިތްވާ ގޮތަށް ވައިޓްބޯޑް މާކަރަކާއިއެކު ދެވިދާނެއެވެ.   

މިވަގުތަކީ ދަރިވަރުން މަދުރަސާ އަށް ނުދާ ވަގުތަކަށްވުމުން ކޮންމެވެސް އެއްވަގުތަކީ ކުއްޖާ އަބަދުވެސް ކިޔެވުމުގައި ޝާމިލު ވާ ވަގުތަކަށް ހެދިދާނެއެވެ. މީގެ މާނައަކީ ކުއްޖާ މޭޒެއްކައިރީގައި ފޮތްދީފައި ބެހެއްޓުމެއްނޫނެވެ. ކުއްޖާއަށް ކިޔަވައިދޭނެ ބައިތައް ކުޅުމުގެ ތެރެއިން ރާވާލުމެވެ. މިގޮތުން ކިޔަން ފަރިތަކުރުމުގެ ގޮތުން ބައެއް ކުޅިވަރުތައް، ލިޔަން ފަރިތަކުރުމުގެ ގޮތުން ބައެއް ކުޅިވަރުތައް ރޭވިދާނެއެވެ. އަޅުގަނޑު މިތަނުގައި "ކުޅިވަރު" މިހެން މިބަސް މިހިމަނާލީ ގިނަ ވަގުތު ގޭގައި ތިބެންޖެހުމުން ހެދިބޮޑުވުމަށް އެކުދިންނަށް ލިބެންޖެހޭ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަޤްޞަދުގައެވެ.

ދަރިފުޅު ނިދުމުގެ ކުރިން ދުވަހުގައި ދަރިފުޅާއިއެކީ ހޭދަކުރެވުނު ގޮތް  އަދި ދަސްކުރަން މަސައްކަތްކުރި އަކުރު ނުވަތަ ބަސްތައް ބޭނުން ކޮށްގެން ވާހަކައެއް ކިޔާލުން ނުވަތަ އެބަސްތައް ހަނދާންއާކޮށްދެވިދާނެއެވެ. ކުޑަ ދަރިފުޅު ނިދުމުގެ ކުރިން ރަނގަޅު އާދަތައް ދަސްކޮށްދެވިދާނެއެވެ. އަދި ދަރިފުޅާއިއެކު މާދަމާކުރާނެ ކަންތައް ރާވާލެވިދާނެއެވެ. ފޮތް ކިޔައިދިނުމުން އަދި ދީނަށް ކުދިން ލޯބިޖެއްސުމަށް ޝަހާދަތް ކުރުސި އަދިވެސް ސޫރަތްތައް ހިތުން ކިޔައިވެސް ދެވިދާނެއެވެ. މިގޮތަށް ތަކުރާރުކޮށް ކިޔަންފެށުމުން މިފަދަ ކަންތައްތަކަށް ކުދިން އާދަވެގެންދިޔުން އެކަށީގެންވެއެވެ.                                                                   

+1
6
+1
20
+1
8
+1
0
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް