November 23, 2024 05:00
Advertisement

-Advertisement-

ހާދިސާ: ދިރިއުޅުން ބަދަލުވި ދަތުރު

"އަހަރެން މީ ކިހާ ނިކަމެތި މީހެއްހެއްޔެވެ. އަޅާލާނެ މީހަކު ނެތެވެ. އެއްމެ ކުޑަމިނުން ކާއެތި ކޮޅެއް ދިއްކޮށްލާނެ މީހަކުވެސް ނެތެވެ. އަހަރެންނަށް ކުރެވެނީ މީހުން ނަފްރަތުވާ ކަންތައްތަކެވެ. ވައްކަމާއި ފޭރުމާއި އަދި މީހުންނަށް ޖެއްސުން ކުރުމެވެ. ނުވިތާކަށް މީހުންނަށް އަނިޔާކުރުމެވެ. މިއީ އަހަރެންގެ ތަބީއަތުގައި އެކުލެވިފައިވާ ކަންކަމެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު އިންސާނެއްހެއްޔެވެ. މިއީ މީހުން ރުހޭ ސިފަތަކެއްނޫންކަން އެނގެއެވެ. ނަމަވެސް އަހަރެންނަށް އޮތީ މިނޫން ކޮންގޮތެއްބާއޭ ހިތަށްއަރައެވެ. ބަނޑުފުރާނަ މުއްތިކުރަން މި ކުރެވެނީ ވަށްކަމެވެ. މިއީ ހިތްއެދޭ ގޮތެއްނޫނެވެ. އަހަރެން އިސްލާހުވާން ބޭނުމެވެ. ހެޔޮ ނަސޭހަތެއް ދޭނީ ފަހެ ކާކުތޯ އެވެ. މިއީ ހަތްތާވެސް ހިތުގައި އުފެދޭ ސުވާލު ތަކެވެ." ދިލާސާގޭ ޝަފީގުގެ ހިތަށް އަރަމުންދެއެވެ.

މިގޮތަށް ޝަފީގުގެ ހަޔާތް ވޭތުކުރަމުން ދަނިކޮށް އެއްދުވަހަކު ނުވެސް ދަންނަ ގެއަކުން ވައްކަން ކުރަން އުޅެނިކޮށް ބަޔަކުމީހުން ޝަފީގުގެ ގައިގައި ތަޅަންފެށިއެވެ. ވީތަދުން ރޮމުންގޮސް އިނީ އަތިރިމަތީގައެވެ. މަންމައާއި ބައްޕަ ވަނީ މަރުވެފައެވެ. ތިމާގެ މީހެއްވެސް ނެތެވެ. މިހުރިހާ ކަމަކަށް ވިސްނަމުން ދަނިކޮށް ހޭވެރިކަންވީ އެރަށު ދެކުނުގޭ އަޒީޒު އައިސް ގޮވީމައެވެ. އަޒީޒަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. ފަސްވަގުތު ނަމާދުކުރާ ރަށުގެ ގަދަރުވެރި އާއިލާއެއްގެ ކުއްޖެކެވެ. އަޒީޒު އާއި ޝަފީގު އަކީ އެއް އުމުރުގެ ދެކުދިންނެވެ. ޢުމުރުން ތޭރަ ސާދަ އަހަރުގެ ދެކުދިންނެވެ.

"އަހަރެމެން މިއުޅެނީ މިރޭ ހިތާއިދޫއަށް ދަތުރަކުދާން. ޝަފީގު ދާނަންދޯ!" އަޒީޒު ބުނެލިއެވެ. މިރޭގޮސް ހޯރަ ހިފައިގެން މާދަމާ ހެނދުނު ރަށަށް އަންނާނީ. އަދި ދަތުރުމަތީ ކާން ބޮޑިބަތާއި ވަޅޯމަސް ވެސް ހުންނާނެ. މިހެން ބުނުމުން ޝަފީގު ދަތުރުދާން އެއްބަސްވިއެވެ.

Advertisement

އެއާއިއެކު ޝަފީގު ބުނެލިއެވެ. އަޒީ އެވެ. "އަހަންނަކީ ކިހާ ބަދުނަސީބު މީހެއް. އަޅާލާނެ އެއްވެސް މީހެއްނެތް. ކުޑަމިނުން ކާއެތިކޮޅެއް ދިއްކޮށްލާނެ މީހަކުވެސް ނެތް. ބަނޑުފުރާނަ މުއްތިކުރަން މިޖެހެނީ ވައްކަން ކޮށްގެން. މީ އަހަރެން އެދޭގޮތެއްނޫން ނަމަވެސް އިތުރުގޮތެއް އަހަންނަކަށް ނެތް."

އަޒީޒު ބުންޏެވެ. "ތިހުރިހާ ކަމެއް އަހަރެންނަށް އެނގޭ. އިރާދަކުރެއްވިއްޔާ އަހަރެން ޝަފީގު އަށް އެހީތެރި ވެދޭނަން. އެ އިރުން ތިހުރިހާކަމަކުން ސަލާތްވެ މުޖުތަމަޢުގައި ރަނގަޅު މީހަކަށްވެސް ވެވިދާނެ. ދެން އަވަހަށް ދަމާހިނގާ".

އެވަގުތު ކުޑަ ބޮއްކުރައެއްގައި ހިތާއިދޫ އަށް ދާން ދަތުރުފެށީއެވެ. ދެއްވަދޫއިން ފުރައިގެން ހިތާއިދޫ އަށް ދެވުނީ އެއްގަޑި އިރުފަހުން ނެވެ. ބޮއްކުރާ އިން ތިންކުދިން ފޭބިއިރު ޅޮސްގަސްތަކުގެ މަތީން ހޯރަތައް އުނދުހި އުނދުހި ތިއްބެވެ. އެއިރު ގަޑީން ރޭގަނޑު ހަތްގަޑި ބައިވީއެވެ.

ގެންދިޔަ ކާތަކެތިން ބައެއް ކެއުމަށްފަހު އަޒީޒު ބުންޏެވެ "ޝަފީގު ހޯރަ ހިފަން ގޯނި ހިފައިގެން ގަސްތަކަށް އަރާށެވެ. ޝަފީގަކީ ގަސްގަހަށް އަރަން ވަރަށް ފަރިތަ މީހެއްނުދޯ" ޝަފީގު ގޯނި ހިފައިގެން ގަހަކަށް އެރިތަނުން ބޮޑު އަލިގުޅައެއް ގަހަށް ތިރިކޮށްފިއެވެ. އެވަގުތު ގަތްބިރުން ޝަފީގު ގަހުން ވެއްޓިއްޖެއެވެ. ނަމަވެސް ބިމަކުނުޖެހެއެވެ. ޝަފީގު ބަލާލިއިރު އޭނައަށް މިއޮވެވުނީ ކަޅު ބޮޑުމީހެއްގެ އަތްމަތީގައެވެ. އެވަގުތު ބިރުން ވަރަށް ބާރަށް ގޮވާލެވިއްޖެ އެވެ. އަހަރެން ސަލާމަތް ކުރާށެވެ. އަހަރެން މިއޮތީ ފުރޭތައެއްގެ އަތްމަތީގައެވެ.

މިއަޑަށް އަޒީޒު އާއި ދެންހުރި ކުއްޖާ ގަސްދޮށަށް ވަންއިރު ޝަފީގުއޮތީ ވެއްޓިފައެވެ. މަޑުމަޑުން ޤުރުއާނުގެ ކޮންމެވެސް އާޔަތެއް ކިޔަވާލަ ކިޔަވާލައެވެ. ބިރުންގޮސް މުޅިމީހާ ތުރުތުރު އަޅަނީއެވެ. ހީވަނީ ރޯމަހެއް ތެޅެނީހެންނެވެ. އަޒީޒު އަކީ ދެއްވަދޫ ޙަކީމް ދީދީގެ ތިންވަނަ ކާފަ ދަރިފުޅެވެ. އެހެން ވުމުން ފަންޑިތަ އަކީ އެދުވަސްވަރު ޙަކީމްދީދީމެންގެ އާއިލާގެ ތެރޭ ވާރުތަވަމުން އަންނަ ކަމަކަށްވުމުން އަޒީޒް އަށްވެސް ކޮންމެވެސް ވަރަކަށް ފަންޑިތައެގެއެވެ.

ޝަފީގު އޮތް ހާލަތު ފެނިފައި އަޒީޒު ކުރިކަމަކީ، ކޮންމެވެސް ދަލީލެއް ކިޔަވާފައި މަޑުމަޑުން ފަތްކޯޅިއަކުން ޝަފީގުގެ މުޅިގައިގައި ހާކަން ފެށިއެވެ. އިސާހިތަކު ޝަފީގުއަށް ރަނގަޅުވެ ވާހަކަ ދައްކަން ފަށައިފިއެވެ. ޝަފީގު ކިޔަން ފެށިއެވެ. " އަޒީޒު އަހަރެން ދޫކޮށް ނުލާތި. އަހަރެންނަކީ ވާލެއް އިޔާރެއް ހުރިމީހެއް ނޫން. އަހަރެން އުޅެމުން މިއަންނަނީ ކިހާ ގޯސްކޮށް. ރަނގަޅު މީހަކަށްވާން އަޒީޒު އަހަންނަށް އެހީވެދީ! މިރޭ އަހަންނާއި އެދިމާވި ކަމަކީ އަހަންނަށް މެދުވެރިވި އިމްތިހާނެއް. ޤުރުއާނުގެ އާޔަތެއް ކިޔެވީމަ އަހަރެން އެފުރޭތާގެ އަތްދަށުން ސަލާމަތްވީ. ނަމަވެސް އަހަރެންގެ މި ވިޔާނުދާ އުޅުން ރަނގަޅު ކުރުމަށްޓަކާ އެހީތެރިވާނެ މީހަކު އެބަބޭނުންވޭ"

އަޒީޒު ބުންޏެވެ. އިރާދަ ކުރެއްވިއްޔާ ޝަފީގުއަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭނަމެވެ. އޭގެފަހުގައި އެ ތިންމީހުން ހޯރަގޯނި ހިފައިގެން ރަށަށް ދިޔައީއެވެ. އޭގެފަހުގައި ޝަފީގު އުޅެމުން އަންނަނީ އަޒީޒުމެންގެ ގޭގައެވެ.   

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ޖުމްލަތަކަށް ބަދަލުގެނެވިފައިވާނެއެވެ.

+1
0
+1
0
+1
3
+1
4
+1
0
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް