September 20, 2024 16:34
Advertisement

-Advertisement-

ހުކުރު ދުވަހުގެ ހިދާޔަތާއި މާތްކަން

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އަހަރެމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރެމެންނަށް ހުކުރުދުވަހުގެ ހިދާޔަތާއި މާތްކަން ދެއްވިއެވެ." (މުސްލިމް 856)

މި ޙަދީޘުން އެނގެނީ މާތްﷲ އެބައެއްގެ މައްޗަށް ފޮތް ބާވައިލެއްވި މީހުންނަށް ޚާއްޞަ ދުވަހެއް ލެއްވިކަމެވެ. މިގޮތުން ޔަހޫދީންނަށް އެމީހުންގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދީއްތަ ދުވަސް ލެއްވިއެވެ. އަދި ހުކުރު ދުވަސް މިއުންމަތުގެ މުސްލިމުންނަށް ޚާއްޞަ ދުވަހެއްކަމުގައި ލެއްވިއެވެ.

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ހުކުރު ދުވަހަކީ ޢަރަފާތު ދުވަހަށްވުރެވެސް މާތް ދުވަހެކެވެ. ކީރިތި ރަސޫލާ  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " އެދުވަހެއްގެ މައްޗައް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެހެނީ އާދަމުގެފާނު ޚަލްޤު ކުރެއްވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނީ ހުކުރުދުވަހެއްގައެވެ. ހަމައެހެންމެ ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތްނުވާ ހުއްޓެވެ." (މުސްލިމް 854).

Advertisement

ހުކުރު ދުވަހަކީ  ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހެވެ. އެއީ ހަފުތާގެ ޢީދުދުވަހެވެ. މިދުވަސް ޚާއްޞަވުމުގެ ސަބަބުތައް ގިނައެވެ. މި ދުވަހަށް ޚާއްޞަ ކުރައްވައި އަޅުކަންތައް ލައްވާފައިވުމީ މި ދުވަހުގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ ކަމެކެވެ. ހުކުރު ވިލޭރެއިން ފެށިގެން، އެ ދުވަހުގެ މާތްކަން ފެށެއެވެ. މި ގޮތުން ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ." (ރަވާހު ބައިހަޤީ).

މި ދުވަހުގެ މަތިވެރިކަން އިތުރުވެގެންދަނީ މިދުވަހަށްޓަކައި ޚާއްޞަވެގެންވާ ނަމާދެއް ލައްވާފައިވުމެވެ. އެއީ ހުކުރު ނަމާދެވެ. ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، މިނިވަން، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! (ޖުމްޢަ).

ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ ޘަވާބާއި ދަރުމަ އިތުރުވާ ކަމެކެވެ. މަތިވެރި އަޅުކަމެކެވެ. އަދި ހުކުރު ނަމާދަށް ދިޔަ މީހުންގެ ލިސްޓުގައި ތިބާގެ ނަން އޮންނާނީވެސް އޭރުންނެވެ. ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެތެވެ. އަދި ހުކުރަށް އަންނަ މީހުން، އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެތެވެ. އިމާމު މީހާ މިންބަރަށް އެރުމުން މަލާއިކަތް ބޭކަލުންވެސް ފަތްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ. ހަމަގައިމުވެސް ދުނިޔަވީ ކަމެއްގައި ތިބާއަށް ފައިދާއެއް ލިބެން އޮތިއްޔާ އެތަނަކަށް އެންމެ އަވަހަށް ދާނެއެވެ. މިކަމަކީ އެއަށްވުރެވެސް ފައިދާ ބޮޑު ކަމެކެވެ. ޘަވާބާއި ދަރުމައިގެ ގޮތުންނެވެ. ގެއްލިގެން ނުދާނެ ދަރުމައެކެވެ.

ހުކުރު ނަމާދަށް ރައްކާތެރި ވުމަކީ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެނީ، ޝަރުޢީ ޢުޛުރަކާ ނުލައި ހުކުރު ނަމާދު އަޅައިފި މީހަކު ފާފަވެރިވާނެއެވެ. އަދި ކިއެއްތަ އެއީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވެއެވެ. "ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާ ހުއްޓެވެ."  ހަމައެހެންމެ ހުކުރު ނަމާދަށް ދިއުމަށްޓަކައި ދަތް އުނގުޅުމާއި، ރީތިވުމާއި، މީރުވަސް ދުއްވުމާއި، އަދި އެންމެ ރީތި ހެދުމެއްލުމަކީ ސުންނަތްވެގެންވާ ކަންތައްތަކެވެ. އަދި ހުކުރު ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ޚުޠުބާ ކިޔަމުންދާ ވަގުތުގައި ވާހަކަދައްކާ ހެދުމަކީ މަކުރޫހަ ވެގެންވާ ކަމެކެވެ. 

ހުކުރު ދުވަހުގެ މާތްކަމުން ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރިގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރެއްވިއެވެ. "ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ." (ތިރްމިޛީ).

ހުކުރު ވިލޭރޭ އާއި ހުކުރު ދުވަހު އެކަލޭގެފާނު މައްޗަށް ޞަލަވާތް ކިޔެވުމަށް އިރުޝާދު ދެއްވައި ޙަދީޘް ކުރައްވާފައިވެއެވެ.  " ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ". ގިނަގިނައިން ޞަލަވާތް ކިޔެވުމަކީ ޤިޔާމަތް ދުވަހުން އެކަލޭގެފާނުގެ ޝަފާޢަތް ލިބޭނެކަމެކެވެ. ރަސޫލުގެ ޝަފާޢަތް ޙާޞިލުކުރުމަށްޓަކައި ހެދުނާއި ހަވީރު އެކަލޭގެފާނުގެ މައްޗައް ދުވާލަކު ދިހަ ފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށާއި، ބަންގި ގޮވާއަޑު އިވުމުން އެކަލޭގެފާނަށް މާތްﷲގެ ޙަޟްރަތުން މަތިވެރި މަޤާމު ދެއްވުމަށް އެދެފި އަޅަކަށް ޤިޔާމަތްދުވަހުން އެކަލޭގެފާނުގެ ޝަފާޢަތް ޙަލާލުވެއްޖެއެވެ.

ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. ޤަޟާ ޤަދަރުގައި ލިޔުއްވާފައިވާ ކަމެއް ބަދަލު ކުރުމުގެ ބާރުވެސް އޮތީ ތިބާ ކުރާ ދުޢާގައެވެ. ވީމާ، ގިނަގިނައިން އެކަލާންގެއަށް ދުޢާ ދެންނެވުމަކީ މުސްލިމުން ކުރަންޖެހޭ އަޅުކަމެކެވެ. އަދި މީގެ ތެރެއިންވެސް ދުޢާ އިޖާބަ ކުރައްވާ ވަޤުތުތަކަށް ޚާއްޞަ ކަމެއް ދޭންވާނެއެވެ. ހުކުރު ދުވަހުގައި މުސްލިމު އަޅަކު ﷲގެ ޙަޟްރަތުން ކަމަކަށް އެދެފިނަމަ، އެކަމެއް ފުއްދަވައި ނުދެއްވައި ދޫނުކުރައްވާނޭ ސާޢަތެއް ވެއެވެ. ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އެއީ އަޞުރުފަހު އިރުއޮއްސުމާ ދެމެދު އޮންނަ ވަގުތެވެ. ވީމާ، މިދުވަހުގެ ބަރަކާތް ޙާޞިލު ކުރުމަށް ތިބާ ﷲ އަށް ގިނަގިނައިން ދުޢާ ކުރާށެވެ. ދުނިޔެއާއި އާޚިރަތުގެ ކަންކަމަށް އެދި ދަންނަވާށެވެ. މި ސާޢަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

މި ހުރިހާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ، ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމެވެ. ހުކުރު ދުވަހުގައި ކަހަފު ސޫރަތް ކިޔެވުމަކީ ނޫރެއް ލެއްވޭ ކަމެކެވެ. ވީމާ، ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން (އެބަހީ ޝަރުޢީ ގޮތުން ރޭގަނޑު ފެށުމުން) ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާ ހަމައަށް (ހުކުރު ދުވަހުގެ މަޣްރިބް ނަމާދު ވަގުތު) ކަހަފު ސޫރަތް ކިޔެވޭނެއެވެ. މި ސޫރަތް އެއްފަހަރާވެސް ކިޔެވޭނެއެވެ. އަދި ބައިބަޔަށް ބަހައިގެންވެސް ކިޔެވޭނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ." (ޞަޙީޙުލް ޖާމިޢު 6470).

އިބްނު ޤައްޔިމް ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. "ފަހެ، ހުކުރު ދުވަހަކީ އަޅުކަމުގެ ދުވަހެކެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހުގެ މިސާލަކީ މަސްތަކުގެ ތެރެއިން ރަމަޟާން މަހުގެ މިސާލެވެ. (އެބަހީ:  ހިޖްރީ މަހުގެ 12 މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް މާތްވި ފަދައިން ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް މާތެވެ.)  އަދި ރަމަޟާން މަހުގައި ލައިލަތުލް ޤަދްރި ވިލޭރޭ ވާ ފަދައިން ހުކުރު ދުވަހުގައި ދުޢާ އިޖާބު ކުރެއްވޭ ވަގުތެއްވެއެވެ." (ޒާދުލް މަޢާދު 398/1).

ވީމާ، އެ ދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި ވުމަށް ގަދައަޅާ  އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެއެވެ. މިކަމަށްޓަކައި މި ދުވަހުގައި ކުރުމަށް އަންގަވާފައިވާ ސުންނަތް ކަންކަން ކުރުމުގައި ދެމި ތިބުމަށް މަސައްކަތް ކުރަންވާނެއެވެ.

+1
0
+1
3
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް