ގދ. ވާދޫއަށް އުފަން އުމުރުން 30 އަހަރުގެ ޝެނީނާ ޒާހިރު އަކީ ތަފާތު ވައްތަރުގެ ކޭކު އެޅުމުގައި އަވަދިނެތި މަސައްކަތްކުރާ ޒުވާނެކެވެ. 2018ވަނަ އަހަރު މި މަސައްކަތުގެ ތެރެއަށް ވަދެވުނުއިރު އެންމެ ފުރަތަމަ ކޭކު އަޅަން ފެށުނުގޮތް ވަނީ ކިޔައިދީފައެވެ.
11 އަހަރާއި 7 އަހަރުގެ ދެކުދިންގެ މަންމައެއް ކަމުގައިވާ ޝެނީނާ ފާހަގަކުރިގޮތުގައި 2 ކުދިންނާއި އާއިލާގެ މެންބަރުންގެ އުފަންދުވަސް ފާހަގަކުރުމަށް ކޮންމެ ފަހަރަކު ކޭކު އަގުބޮޑުކޮށް ގަންނަންޖެހުމަކީ މި މަސައްކަތް ދަސްކުރާހިތްވި އެއް ސަބަބެވެ.
" އަންހެން ދަރިފުޅު ބުނީ ބައްޕި އުފަންދުވަހު ކޭކު އަޅާބަލާށޭ މަންމީ އަމިއްލައަށް. އެ ކޭކު އަޅަންވެގެން މިކަން ފެށުނީ" ޝެނީނާ ބުންޏެވެ.
ފުރަތަމަ ކޭކު އަޅަން ފެށީ ކޯސް ހަދައިގެނެއް ނޫނެވެ. އެހެންނަމަވެސް ފަހުން ވަނީ ބޭސިކް އަދި އެޑްވާންސް ކޭކް ކޯސް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ވެސް ފްލާވަރ ކޯސް ފަދަ ކޯސްތައް ވަނީ ފުރިހަމަކޮށްފައެވެ. ކޯސް ފުރިހަމަކުރިފަހުން ދަނީ ތަފާތު ވައްތަރުގެ ކޭކުތައް އަޅާ ވިއްކަމުންނެވެ.
މާލޭގައި ދިރިއުޅުނުއިރު އަގުބޮޑުކޮށް ކޭކު ވިކޭއިރު މިހާރު ދިރިއުޅޭ ރަށުގައި ކޭކުގެ އަގު އުޅެނީ މާލޭގެ އަގުތަކާއި ބަލާއިރު ދަށްކޮށް ކަމަށް ވަނީ ބުނެފައެވެ. ޗޮކްލެޓް ކޭކާއި، ބަޓަރ ކޭކާއި، ފުރުޓް ކޭކު އަދި ޗީޒް ކޭކާއި ކަނަމަދު ކޭކުވެސް ވިއްކަމުންދާ ޝެނީނާ ގެ އެންމެ ފާހަގަކުރެވޭ ކޭކަކީ ދަރިފުޅުގެ އުފަންދުވަހަށް 2019ވަނަ އަހަރު އެޅި ކޭކެވެ.
" ފިނިފެންމާ ބޭނުންކޮށްގެން އެޅި ކޭކެއް އެއީ. އެ ކޭކު އެންމެ ފާހަގަކުރެވެނީ އެއީ އެންމެފުރަތަމަ އެޅި އެންމެ އުސް ކޭކު"
ހއ. ދިއްދޫގައި ދިރިއުޅޭ ޝެނީނާ މިހާރު އެންމެ ގިނައިން އަޅަނީ އުފަންދުވަހަށް ޚާއްސަ ކޭކެވެ. އަދި ޗީޒް ކޭކާއި މިލްކް ކޭކުގެ އިތުރުން ކަނަމަދު ކޭކުވެސް ޑިމާންޑް ބޮޑުވެފަ މީރުވެގެން އުޅޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
" މިރަށުގައި ކޭކުގެ ސައިޒާއި ބޮޑުމިނަށް ބަލާފައި އަގު ކިޔަނީ. 300 އަށް އެންމެ ކުޑަ ޗޮކްލެޓް ކޭކު އުޅޭއިރު، ޗީޒް ކޭކު ވެސް އުޅެނީ 350 ރުފިޔާ އަށް އެންމެ ކުޑަ ކޭކު. އެންމެ އަގުބޮޑުކޮށް މިހާތަނަށް އެޅީ 2000 ރުފިޔާގެ ކޭކެއް. ރަނގަޅަށް އޯޑަރު ލިބޭ މަސްމަހު ރަނގަޅު އާމްދަނީއެއް ލިބޭ"
ޝެނީނާގެ ފޭސްބުކް ޕޭޖް 'ޝީނެސް ކޭކްސް' އިން ދަނީ އޭނާގެ މަސައްކަތް ވަރަށް ރަނގަޅަށް ފެންނަމުންނެވެ. ޝެނީނާ ގެ އުންމީދަކީ މިދާއިރާއިން އިތުރަށް ކޯސް ހަދައިގެން ކޭކު ވިޔަފާރި ފުޅާކުރުމެވެ.