September 20, 2024 16:33
Advertisement

-Advertisement-

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް: ދަރުމައާއި ޘަވާބު ހޯދުމަށް ކުރާނެ ކަންތައްތައް!

ބަރަކާތްތެރި ދިހަ ދުވަހެވެ. މާތް الله ގެ ހަޟްރަތުގައި ލޮބުވެތިކަން ބޮޑު ދިހަ ދުވަހެވެ. ހެޔޮކަންތަކުން ފުރިގެންވާ ދިހަ ދުވަހެވެ. އެ މަހުގެ ފުރަމަތަ ދިހަ ދުވަހަކީ އެފަދަ ދެވަނައެއް ނުވާ ދުވަސްތަކެކެވެ. އެ ދިހަ ދުވަހަކީ މާތްވެގެންވާ ދިހަ ދުވަހެވެ. މަތިވެރި ދިހަ ދުވަހެވެ. ޘަވާބާއި ދަރުމަ އެހެން ދުވަސްތަކަށްވުރެ އިތުރުވެގެންވެއެވެ. ދުނިޔެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކެވެ. އާދެ އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އެދުވަސްތަކެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

މާތްﷲގެ ޙަޟްރަތުގައި އެންމެ މާތް ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހެވެ. ޢިލްމުވެރިން ވިދާޅުވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް، ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަށް ވުރެ މަތިވެރިވެގެންވެއެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ރޭތަކަށްވުރެ މަތިވެރިވެގެންވެއެވެ.

މި ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ބަޔާން ކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَفْضَلُ أَيَّامِ الدُّنْيَا أَيَّامُ الْعَشْرِ "މާނައީ: ދުނިޔޭގެ (ދުނިޔެ ދެކޭ) އެންމެ މަތިވެރި ދުވަސްތަކަކީ (ޛުލް ޙިއްޖާމަހުގެ) ދިހަ ދުވަހެވެ." ބުޚާރީ އިބުނު ޢައްބާސު رضي الله عنهما ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "މިދުވަސްތަކުގައި ( އެބަހީ: ޙައްޖުމަހުގެ ދިހަދުވަސް) ކުރެވޭ ހެޔޮއަމަލު ފިޔަވައި މާތް الله ގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ޢަމަލެއް ނުވެއެވެ. އެބޭކަލުން (އެބަހީ: އަޞްހާބުބޭކަލުން ދެންނެވިއެވެ.) الله ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ތޯއެވެ؟ ޙަދީޘުކުރެއްވިއެވެ. ޢާނއެކެވެ. الله ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑެވެ. އެކަމަކު الله ގެމަގުގައި ޖިހާދުކުރުމުގައި، އެމީހެއްގެ ނަފުސާއި މުދަލާއިގެން ނުކުމެގޮސް އެއިން އެއްވެސް އެއްޗެއް އަނބުރާ ނުގެންނަ މީހާ ފިޔަވައެވެ." އެބަހީ الله ގެ މަގުގައި ޖިހާދުކޮށް ޝަހީދުވެ ދުނިޔެ ދޫކޮށްދާ މީހާފިޔަވައެވެ."

Advertisement

މިހައި މަތިވެރި، ދަރުމައިގެ ގޮތުން އިތުރު ދުވަސްތަކަކާއި ބައްދަލުކުރާއިރު މިދުވަސްތަކަށް ތައްޔާރުވާންޖެހެއެވެ. މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގައި ހީވާގި ވާން ޖެހެއެވެ. އާދަވެ ކުރަމުން އަންނަ ހެޔޮ ޢަމަލުތަކުގެ ލިސްޓު އިތުރު ކުރަންޖެހެއެވެ. އަދި މިދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ތާވަލެއް ރާވަންޖެހެއެވެ. ތިބާގެ ޙަޔާތުގެ ބިޒީ ޝެޓިއުލަށް ހެޔޮ ޢަމަލުތައްވެސް އިތުރު ކުރާށެވެ. އަދި މާތްﷲ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން މި މައްސަރާ ކުރިމަތިލާށެވެ. އެންމެ ފުރަތަމަ ފުރިހަމަ ތައުބާ އަކުން ތައުބާވެގެންވާ ޙާލު މިދުވަސްތަކާއި ކުރިމަތިލާށެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ މިއީއެވެ. ތައުބާވުމުން މާތްﷲގެ ރަޙުމަތުގެ ދޮރުތައް ހުޅުވިގެންދެއެވެ. މާތްﷲ ގެ ރަޙުމަތާއި ނުލައި އިންސާނުންނަށް އެއްވެސް ޢަމަލެއް ނުކުރެވޭނެއެވެ.

މި ދިހަ ދުވަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ހެޔޮ ކަމުގެ ތިލަފަތް ބަރުކުރާނީ ކިހިނެތް ހެއްޔެވެ؟ އާދެ މި ދިހަ ދުވަހަކީ ޝަރުޢީ ގޮތުން އެތަށް ކަމެއް އެކުލެވިގެންވާ ދުވަސްތަކެކެވެ. ޙައްޖުގެ އަޅުކަމާއި، މި ދުނިޔެމަތީގައި ލެއްވި އެންމެ މާތް ދުވަސްކަމުގައި ޢަރަފާތު ދުވަހާއި، އަދި އުޟްހިޔާ ކަތިލުން ފަދަ ކަންކަން އެކުލެވިގެންވެއެވެ.

މިދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހޭދަކުރުމަށް މާތްﷲ އަށް ކިޔަމަން ގަންނާށެވެ. އެކަލާނގެ އަމުރު ކުރެއްވި އެންމެހައި ކަންކަމެއް އަދާ ކުރުމާއި ނަހީ ކުރައްވާފައިވާ އެންމެހައި ކަމަކުން ދުރުވާށެވެ. އެއީ އެކަލާނގެ އަށް ތައުބާވެ ކުށްތަންވުމުގެ ގޮތުންނެވެ. އަދި މާތްﷲ އަށް އަޅުކަން ކުރުމާއި، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމުގައި ދެމި ހުރުމަށް މަސައްކަތް ކުރާށެވެ. ހެޔޮ ޢަމަލުގެ ގޮތުގައި ކުރާ އެއްވެސް ޢަމަލެއް ދޫ ނުކުރާށެވެ. އެއީ ކިތަންމެ ކުޑަ ޢަމަލެއް ކަމުގައިވިޔަސް އެޢަމަލެއްގައި ދެމި ހުރުމަށް މަސައްކަތް ކުރާށެވެ. ޢާއްމު ގޮތެއްގައި އެހުރިހާ ދުވަހެއްގައި ހެޔޮޢަމަލުކުރުމަށް ދީންވަނީ ހިތްވަރުދީ އެކަމުގައިހުރި މާތްކަން ހާމަކުރައްވާފައެވެ. ހެޔޮޢަމަލުތަކުގެ ތެރޭގައި ތަފާތު އަޅުކަންތައް އެކުލެވިގެންވެއެވެ. ރޯދަހިފުމާއި ތަކުބީރު ކިއުމެވެ. ޛިކުރުކުރުމާއި ނަމާދުކުރުމެވެ. ޤުރްއާން ކިޔެވުމާއި ހެޔޮކަންކަމުގައި ވަގުތު ހޭދަކުރުމެވެ.  އިސްތިޣުފާރު ކުރުން ގިނަކޮށް ރަޙިމުގެ ގުޅުން ބަދަހިކުރުމެވެ. މައިންބަފައިންނަށް އޯގާތެރިވުމެވެ. އެ މީހުންނަށް ޚިދުމަތް ކުރުމެވެ. ހެޔޮ ކަންކަމަށް އަމުރު ކުރުމެވެ. ނުބައި ކަންކަން މަނާ ކުރުމެވެ. ބަލި މީހަކަށް ގޮވާލަން ދިއުމެވެ. ހާޖަތަށް ޖެހިފައިވާ މީހެއްގެ ހާޖަތް ފުއްދައި ދިނުމެވެ. ޞަދަޤާތް ކުރުމެވެ. ހިނިތުންވުމެވެ. ހިތް ސާފު ކުރުމެވެ. ތިބާގެ އަޚާ ނުވަތަ އުޚްތާއަށް ނޭނގޭ ގޮތަށް ދުޢާ ކުރުމެވެ. އަދި މިނޫންވެސް ދަރުމަ އެދިގެން ކުރާ ކޮންމެ ހެޔޮކަމެކެވެ. މާތްﷲ ރުއްސަވާ ކޮންމެ ކަމެކެވެ. ހަމަ މިފަދައިން ތިބާ ޣީބަ ބުނުމާއި، ދެ ބައުޑުވުމާއި، ހަސަދަވެރިވުމާއި ބޮޑާވުމާއި މިފަދަ ކަންކަމުން ތިބާގެ ހިތް ސާފު ކުރުމަކީވެސް ހެޔޮ ޢަމަލެވެ.

ވީމާ، މިދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްލުމަށް އިސްވެދި ބަޔާންކުރި ކަންކަމުގެ އިތުރުން، މި ދުވަސްތަކުގައި އަންނަނިވި ކަންކަން ކުރުން މުހިންމެވެ.

ފުރަތަމަ ކަމަކީ: ޙައްޖު މަހުގެ ފުރަތަމަ 8 ދުވަހު ރޯދަ ހިފުމެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. ނަމަވެސް، މިކަމުގައި ޞައްޙަ ބަސްފުޅަކީ މި ދުވަސްތަކުގައިވެސް ރޯދަ ހިފުން އެދެވިގެންވުމެވެ. އެއީ ރޯދައަކީވެސް ހެޔޮ ޢަމަލެކެވެ. އަޅުކަމެކެވެ. މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް މާތް ނަބިއްޔާ ބާރު އަޅުއްވާފައިވެއެވެ. މިގޮތުން މި އަށް ދުވަހުގެ ދަރުމައާއި ޘަވާބަށް އެދި މި ދުވަސްތަކުގައި ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ޚާއްޞަކޮށް ޢަރަފާތު ދުވަހުގައި ރޯދަ ހިފުމެވެ. ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. ޙައްޖުވެރިން މި ދުވަހުގައި ރޯދަ ހިފުމެއް ނުވެއެވެ. މި ދުވަހު ރޯދަ ހިފުމަށް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.“ (މުސްލިމް).

ދެވަނަ ކަމަކީ: ތަހުލީލާ ތަކުބީރު ކިޔުމެވެ. މާތް ﷲއަށް ހަމްދުކުރުން ގިނަކުރުމެވެ. އަދި ތަޞްބީޙަ ކިޔުމެވެ. ފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. އެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ(لا إله إلا الله )ތަކުބީރާ އަދި ތަޙްމީދު(ޙަމްދުކުރުން) ގިނަކުރާށެވެ. (أخرجه احمد7/224).

ތިންވަނަ ކަމަކީ: ގިނަގިނައިން ޤުރްއާން ކިޔެވުމެވެ. ޤުރްއާނަކީ ޛިކުރުގެ ތެރެއިން އެންމެ މާތް ޛިކުރެވެ. ޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ޘަވާބު ލިބެއެވެ. ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ  ޘަވާބާއި ދަރުމަ އެހެން މަސްތަކަށްވުރެ އިތުރުވެގެންވެއެވެ. ޤުރްއާން ކިޔެވުމުގައި ހަނދާނުގައި ބަހައްޓަންވީ ކަމަކީ މާނައަށް ވިސްނައިގެން ކިޔެވުމަށެވެ. އެ ގޮތް ދަރުމައިގެ ގޮތުން އިތުރުވެގެންވެއެވެ.

ހަތަރުވަނަ ކަމަކީ: ސުންނަތް ނަމާދު ކުރުމެވެ. ކުޅަދާނަ ވީ މިންވަރަކުން ސުންނަތް ނަމާދު އިތުރު ކުރާށެވެ. އަދި ކުރާ މިންވަރުގައި ހިފަހައްޓަން ގަދަ އަޅައި މަސައްކަތް ކުރާށެވެ. އެ ގޮތް މާތްﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. މަދު ވިޔަސް ދާއިމަށް ކުރާ ޢަމަލުތައް ހެޔޮކަން ބޮޑެވެ.

ފަސްވަނަކަމަކީ: އަޟްޙާ ޢީދު ދުވަހެވެ. މި ދުވަހުގައި ޢީދު ނަމާދު ކުރުމާއި، އުޟްޙިޔާ ކަތިލުމެވެ. އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ. އެ ޤުރުބާނުގެ ސަބަބުން ﷲގެ ޙަޟްރަތަށް ކުއްތަންވުން ޙާޞިލް ކުރެވޭނެއެވެ. އެއީ  ﷲގެ މަގުގައި މުދާ ހޭދަކުރުމާއި ނިކަމެތިންނަށް އިޙްސާންތެރިވުމެވެ. عَائِشَةَ رَضِيَ اللهُ عَنْهَا ގެ އަރިހުން ވާރިދުވެގެންވެއެވެ. ހަމަކަށަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އުޟްޙިޔާ ކަތިލުމަށްވުރެ ﷲ ލޯބިވެ ވޮޑިގެންވާ އެހެން އެއްވެސް ކަމެއް ޢީދު ދުވަހު އެއްވެސް މީހަކު ނުކުރާނެއެވެ. ހަމަކަށަވަރުން އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެއްޗެއް ޤިޔާމަތްދުވަހު އެ އެއްޗެއް ޤުރުބާންކުރި މީހަކަށް ފާފަ ފުއްސެވުމަށް އެދިގެން އޭގެ ކެހެރިތަކާއި ދަޅުތަކާއި މޮށްގަނޑާއެކު އަންނަހުއްޓެވެ. އުޟްޙިޔާ ކަތިލުމުން ފައިބައިގެންދާ ލޭ ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފޮހެވޭނެއެވެ. ފަހެ ތިޔަބައިމީހުން ތެދު ނިޔަތުގައި ހިތްނިޔަތް ޚާލިޞްކޮށްގެން ﷲ އަށްޓަކައި އުޟްޙީޔާ ކަތިލާށެވެ!

މިއީ ޙަޔާތުގައި ލިބޭނެ އެންމެ ފަހު ޙައްޖު މަހަށް ވެދާނެއެވެ. މި ފުރުޞަތު ދެވަނަ ފަހަރަށް ނުލިބިދާނެއެވެ. މި ދިޔަ އަހަރު ދުނިޔޭގައި ތިބި ކިތަށް މީހުން ތިބާގެ ކުރިމަތީ މި ދުނިޔެ ދޫކޮށްފި ހެއްޔެވެ؟ މިއީ ތިބާގެ ވެސް ފަހު ފަހަރަށް ވެދާނެއެވެ. މި ފުރުޞަތު ނަގާ ނުލާށެވެ. މި ހެޔޮ ކަމުގެ ދުވަސްތައް ގެއްލުވައި ނުލާށެވެ. މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. އެ ދުވަހުން (ޤިޔާމަތް ދުވަހުން) އަދި އިތުރަށް ހެޔޮ ޢަމަލު ކުރެވުނު ނަމައޭ ހިތަށް އެރުމުގެ ކުރިން ހެޔޮ ޢަމަލު ކުރާށެވެ. މި ދުވަސްތަކުގެ ބޭނުން ހިފާށެވެ.

+1
0
+1
2
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް