November 23, 2024 07:56
Advertisement

-Advertisement-

ކުޑަކުދިންނަށް ޤުރުއާން އުގަންނައިދޭން ގޭގައި ކުރެވިދާނެ ކަންތައްތައް!

ކުޑަކުދިންނަށް ޤުރުއާން އުގަންނައި ދިނުމަށް ގޭގައިވެސް މަސައްކަތް ކުރެވިދާނެއެވެ. ކޮވިޑްގެ ހާލަތުގެ ސަބަބުން ޤުރުއާން އުގަންނައިދޭ ކްލާސްތަކަށް ކުދިން ގެންދެވޭނެގޮތެއް ނެތެވެ. އަދި އަލަށް ޤުރުއާން އުގަންނައިދޭ ކުޑަ ކުދިންނަށް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް 'ޒީޓައިމްސް' އިން ވާހަކަ ދައްކާލި ބައެއް މުދައްރިސުން ވަނީ ފާހަގަކޮށްފައެވެ.

އަކުރުތައް ދަސްކުރުން

އަލިފުބާ އަކުރުތައް ދަސްކޮށްދޭއިރު ވަކިވަކިން ހުރިހާ އަކުރެއް ފިލާގައި ނުވަތަ ފޮތެއްގައި ލިޔެގެން ދަސްކޮށް ދެވިދާނެއެވެ. މިގޮތަށް ދަސްކޮށްދޭއިރު އަބަދުވެސް ކުއްޖާ އަށް ފެންނަގޮތަށް ފާރުގައި ނުވަތަ އެއްޗެއްގައި އަކުރު ހަރުކޮށްފައިވެސް ބެހެއްޓިދާނެއެވެ. އެހެން އަބަދު ފެންނަންހުރުމުން ކުއްޖާ އަށް ދަސްކުރަން ފަސޭހަވެ ހަނދާނުގައި އަކުރުތައް ބަހައްޓަން ފަސޭހަކަން ވަނީ ފާހަނގަކުރެވިފައެވެ.

Advertisement

އަދި އަކުރުތައް ވަކިވަކިން ލިޔަންވެސް ދަސްކޮށްދެވިދާނެއެވެ. މިގޮތުން ބެލެނިވެރިޔާ އަމިއްލައަށް އެއަކުރުތައް ލިޔުމަށްފަހު އޭގެމަތީގައި ލިޔުމަށް ފުރަތަމަ ކުއްޖާ ކައިރީގައި ބުނެވިދާނެއެވެ. އަދި އެއަށްފަހު ބަލައިގެން އަކުރުތައް ލިޔުމަށް ދަސްކޮށްދެވިދާނެއެވެ.

ބެލެނިވެރިޔަކު އަމިއްލައަށް 4 އަހަރުގެ ދަރިފުޅަށް ލިޔަން ދަސްކޮށްދެނީ

ފިލިތައް ދަސްކުރުން

ދަރިފުޅުގެ އުމުރުން 3 ވަނަ އަހަރު ފިލިތައް ދަސްކޮށްދިނުމަށް މަސައްކަތްކުރީ އައްމާފޮތުގައި ފިލިތައް ހުރި ތަރުތީބުންނެވެ. މިގޮތުން ފަހަރަކު ފިލިބައެއް ލިޔެފަ ވަކިވަކިން ކިޔަން ދަސްކޮށްދިނީއެވެ. އަދި މިގޮތަށް ދަސްކޮށްދިން އިރު ކުއްޖާއަށް ފަސޭހަވާނެ ގޮތަށް އަކުރުތައް ބޮޑުކޮށް ލިޔެ ގުޅުވާލަންވެސް ދިނީމެވެ. މިސާލަކަށް އަލިފުގައި އަބަފިލި ޖެހުމަށްފަހު އެއަކުރު ދެތަނެއްގައި ލިޔެ ގުޅުވާލުމަށް ބުނީމެވެ. އެގޮތަށް ހެދުމުން ދަރިފުޅު ޝައުގުވެރިކަމާއިއެކު މަސައްކަތް ފުރިހަމަކުރާކަން ފާހަގަކުރެވެއެވެ.

އަދި ކަރުދާސް ގަނޑެއްގައި އަކުރުތައް ލިޔުމަށްފަހު ދަރިފުޅު އަމިއްލައަށް ފިލިތައް ލިޔުމަށް ވެސް ހަވާލުކުރެވިދާނެއެވެ. ބެލެނިވެރިޔާ ބުނާ ފިލިތަކެއް ދަރިފުޅު ލައްވާ ލިޔުމަށް ބާރުއެޅުމުން ތަފާތުގޮތަކަށް ދަސްކުރަން ފަސޭހަވާކަން ވަނީ ފާހަގަވެފައެވެ. ވައިޓްބޯޑެއް ނުވަތަ ފާރުގައި ކަރުދާސް ހަރުކުރުމަށްފަހު ޤުރުއާނުގެ އަކުރުތައް ކުއްޖާއަމިއްލައަށް ލިޔުމަށްވެސް ބާރުއެޅިދާނެއެވެ. މީގެއިތުރުން ކުދިކޮށް ކަރުދާސް ކެފުމަށްފަހު ޤުރުއާން ލިޔެ، ފުޅިއަކަށް އެޅުމަށްފަހު ކުއްޖާލައްވާ ފަހަރަކު ކަރުދާސްކޮޅެއް ނަގައި ކިޔަން މަސައްކަތް ކުރެވިދާނެއެވެ. ރަނގަޅަށް ކިޔާނަމަ ހިތްވަރު ދިނުމުގެ ގޮތުން ކުއްޖާ އުފާވާނެފަދަ ހަދިޔާއެއްވެސް ދެވިދާނެއެވެ.

މިގޮތަށް އަކުރުތައް ލިޔުމަށްފަހު ފިލިތައް ލިޔަން ދެވިދާނެ

ފިލިތައް ދަސްކޮށްދޭއިރުވެސް ހުރިހާ ފިލިތަކެއް ފެންނަގޮތަށް ލިޔެފައި ފާރުގައި ހަރުކޮށްފައި ބެހެއްޓިދާނެއެވެ. އަދި ދުވާލުގެ އެކި ވަގުތުތަކުގައި އެ ފެންނަން ހުރި ފިލިތަކާއި ގުޅޭގޮތުން ދަރިފުޅާއި ސުވާލު ކުރެވިދާނެއެވެ.

ސޫރަތްތައް ކިޔަވައިދޭނީ ކިހިނެއް؟

ސޫރަތްތައް ކިޔަވައިދޭން ފަށާއިރު ބޭނުމިއްޔާ ފޮތް ބަލައިގެން ކިޔަން ފަރިތަކުރެވިދާނެއެވެ. ނޫނީ ފިލާގައި ވަކިވަކިން ކޮންމެ ސޫރަތެއް ލިޔުމަށްފަހު ދަސްކޮށްދެވިދާނެއެވެ. ފިލާގައި ނުވަތަ ފޮތެއްގައި ލިޔުމުން ލިބޭ ފައިދާއަކީ އެ ލިޔަމުންދާއިރު ކުއްޖާކައިރީގައި ބައިންދައިގެން ލިޔާނަމަ ލިޔާވަރަކަށް ކުއްޖާއަށް ކިޔަން ދަސްކޮށްދެމުން ގެންދެވިދާނެއެވެ. މިގޮތުން ލިޔުނު ތަންކޮޅު ތިންފަހަރު ކިޔުމަށްފަހު އާތަންކޮޅެއް ލިޔެވިދާނެއެވެ. އެއިރުން ލިޔެ ނިމޭއިރު ކުއްޖާއަށް ހުންނާނީ އަމިއްލައަށް ކިޔަން ފަރިތަވެފައެވެ.

ދިގު ސޫރަތްތައް ބައިބަޔަށް ބަހާލައިގެން ދަސްކޮށް ދެވިދާނެއެވެ. ސޫރަތްތައް ކިޔަވައިދޭއިރު ކުދިންނަށް ދަސްކޮށްދިނުމަށް ޔޫޓިއުބްވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް މަރްޔަމް މަސްއޫދު އަދި ފާތިމާ މަސްއޫދު ފަދަ ކުދިން ކިޔަވާ ވީޑިއޯ ކުދިންނަށް ދެއްކިދާނެއެވެ. އެއިރުން އަޑު ދަށުންވެސް ކިޔަން ބައެއް ކުދިން ދަސްކޮށްފާނެއެވެ. މިގޮތަށް ވީޑިއޯ ދެއްކުމުންވެސް ކުދިން އިތުރަށް ޤުރުއާން ދަސްކުރުމަށް ޝައުގުވެރިވެއެވެ.

ކުއްޖަކު އަމިއްލައަށް ޤުރުއާނުގެ އަކުރުތައް ބޭނުންކޮށްގެން ޓުކުރިއެއް ހަދަނީ

ޒީޓައިމްސް އިން ވާހަކަދައްކާލި ޤުރުއާން ދަސްކޮށްދޭ ބައެއް މުދައްރިސުން ފާހަގަކުރި ގޮތުގައި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށްވުމުން އުގަންނައިދޭން އެންމެ ފަސޭހަގޮތެއް އެނގޭނީ އެކުއްޖާގެ ބެލެނިވެރިންނަށެވެ. އޮންލައިންކޮށް ޤުރުއާން ކިޔަވައިދޭން ކުޑަކުދިންނަށް ފަސޭހަނުވަނީ ބައެއް ކުދިންނަށް ސަމާލުކަންދެވޭ މިންވަރު ކުޑަވީމައެވެ. ކައިރީގައި ބައިންދައިގެން ކިޔަވައިދިނުމާއި އޮންލައިންކޮށް ކިޔަވައިދިނުމާއި ތަފާތުވުމުންނެވެ. ކޮވިޑްގެ ހާލަތު ދިގުދެމިގެންދާއިރު ގޭގައި ތިބެގެން އަމިއްލައަށް ޤުރުއާން އުގަންނައިދޭން ކުރެވެން ހުރި މަސައްކަތެއް ކުރެވިދާނެއެވެ.

+1
5
+1
30
+1
6
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް