November 23, 2024 08:01
Advertisement

-Advertisement-

ކުޅުމުގެ ތެރެއިން ދަރިފުޅަށް ކިޔަވައިދޭން ގޭތެރޭގައި ކުރެވިދާނެ ކަންތައްތައް

ދިވެހިރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކާއި މޫދަކީ މުޅި ދުނިޔޭގެވެސް ގިނަބައެއްގެ ކަޅި ހުއްޓޭ ދިމާލެކެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ބަލާލަންރީތި އަތިރިމައްޗެއް ނެތް ރަށެއް މަދުވާނެއެވެ. ޖެހޭ ތާޒާ ވަޔާއި ހިތްފަސޭހަ މާހައުލުގައި ބޮޑުވަމުން އައި ދިވެހިންނަށް މިއަދު އުޅެންޖެހިފައި މިވަނީ ގޭތެރޭގައެވެ. ގެއިން ނިކުމެވެނީ ވަގުތު ކޮޅަކަށެވެ. ކުޑަކުދިން ކުޅެލަން ނިކުމެވެނީ ގޯތިތެރެ ނުވަތަ ގޭކުރިމައްޗަށެވެ. މިފަހަރު އަޅުގަނޑުގެ މި އާޓިކަލްގައި ކުޑަ ދަރިފުޅަށް އުނގަންނައި ދިނުމުގައި ކުޅުމުގެ ތެރެއިން ކުދިން ފޫހިނުވާ ގޮތަށް ކަންތައްތައް ކުރެވިދާނެ ގޮތްތަކަށް އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނަމެވެ.  

ކުޅުމުގެ ތެރެއިން ދަސްކޮށްދިނުމުގެ މުހިންމުކަން

ކުޑަ ދަރިފުޅަށް ކުޅުމުގެ ތެރެއިން ދަސްކޮށްދިނުމުން އެކަމުން އެއް ފައިދާއަށްވުރެ ގިނަ ފައިދާ ލިބިގެން ދެއެވެ. މިސާލަކަށް ހަތަރު އަހަރުގެ ކުއްޖަކު ކުލާހަކަށް ވަންނައިރު "ކުޅޭ ސަރަހައްދު" ގައި ކުޅޭ އެއްޗެހިތަކެއް ހުރުމުން އެދިމާލަށް ކުއްޖާގެ ނަޒަރު ހުއްޓެއެވެ. އަދި ދާން ބޭނުންވެއެވެ. މީގެ ސަބަބުން ކުލާހުގައި ހުންނަން ބޭނުންވުމާއި އާކުޅޭ އެއްޗެހިތައް ކުޅެލާ ތަޖުރިބާ ކޮށްލަން ބޭނުންވެއެވެ. މިފަދަގޮތަކަށް ކުލާސްރޫމް ތައްޔާރުކޮށްފައި ހުރުމުގެ މައިގަނޑު ބޭނުމަކަށްވެގެންދަނީ ދަރިވަރުން ޝައުޤުވެރިކަން އުފެއްދުމާއި ފޫހިކަމެއް ވަރުބަލިކަމެއް ނެތި ކިޔެވުމުގައި އަދި ދަސްކުރުމުގައި ޝާމިލުވުމެވެ.

Advertisement

ދެން އެހެން ސިނާރިއޯއެއް އެހެން ނަޒަރަކުން ބަލާލަމާ ހިނގާށެވެ.

ހަތަރު އަހަރުގެ ކުއްޖަކު ކުލާހަކަށް ވަންނައިރު މޭޒުތަކުގައި ވަނީ ވޯކްޝީޓްކަތެއް އަތުރާފައި އަދި މުދައްރިސް ދަރިވަރުންނަށް އިރުޝާދު ދެމުންގެންދިޔައީ އަޑުމަޑުކޮށްގެން ގޮނޑިތަކުގައި އިށީނދެ ތިބުމަށެވެ. މިމާހައުލުން ދަރިވަރަށް ކުރާނެ އަސަރު ވިސްނާލަމާތޯ؟ ކިޔަވަން ބޭނުންވާނެތޯ؟

ގޭތެރޭގެ މާހައުލު ކުދިންކުޅޭ ހިތްވާ، އުޅޭހިތްވާ ޢިލްމީ ޚަޒާނާ މުއްސަނދިވާ މާހައުލަކަށް ބަދަލުކޮށްލުން މުހިންމު

"އަޅުގަނޑު ގެ ދަރިފުޅު އުޅެނީ އަބަދު ކުޅެން. ފޮތެއްގަ އަތްލާން ބޭނުމެއް ނުވޭ. އަދި ވަރަށް ހަލަނި" މިއީވެސް ބައެއް ބެލެނިވެރިންގެ ކަންބޮޑުވުމެއް. އެހެން ނޫންތޯ؟

ކުދިން ގޭގައި ގިނަދުވަހު ތިބެންޖެހުމުގެ ސަބަބުން އެކުދިންނަށް ތަފާތު ގޮތްގޮތުން އަސަރުކުރެއެވެ. މިގޮތުން ކުރިން އުޅުނުހެން ހެލިފެލި ނޫޅެވުމުން މުޅިދުވަހު ކުދިންގައިގައި ހުންނަ "އެކްސެސް އެނާޖީ" ނުވަތަ އިތުރު ހަކަތަ ބޭރުނުވުމުގެ ސަބަބުން އެއްތަނެއްގައި މަޑުން އިންނަން އުނދަގޫވެއެވެ.            

އެހެންކަމުން އުޅޭ މާހައުލު އެކުދިން ގަޔާވާގޮތަށް އަދި ޢިލްމު ޙާޞިލްކުރެވޭގޮތަށް ކުޅުމުގެ ތެރެއިން ކަންތައްތައް ދަސްކުރެވޭނެގޮތަށް ރާވާލުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކިޔާހިތްވާ ކަހަލަ ފޮތްތައް އަތުޖެހޭ ހިސާބުގައި ބެހެއްޓުން، އެންމެ ގަޔާވާ ކެރެކްޓަރތައް ހިމަނައިގެން ގޭމްސް ތައްޔާރުކޮށްދިނުން. މިފުރުސަތުގައި ކުދިންނަށް ކެތްތެރިވުމާއި އެކަކު އަނެކަކަށް އަޅާލުން، ޒިންމާ ނެގުން، އަމިއްލަ ނަފްސަށް އިތުބާރުކުރުން ފަދަ ހުނަރުތައްވެސް ދަސްކޮށްދެވިދާނެ އެވެ. މިގޮތުން ގިނަކުދިން އުޅޭ ގޭގޭގައި އެކުދިންނާއިއެކު ކުޅެވޭނެހެން އެއްކުއްޖަކު އަނެއް ކުއްޖަކަށް އިޙްތިރާމްކޮށްގެން ކުޅެން ދަސްކޮށްދެވިދާނެ އެވެ.                         

ކުޅުމުގެ ތެރެއިން ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑި ކަނޑައެޅުން.

ވަރަށްގިނަ ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވަނީ ދަރިފުޅުގެ ލިޔުމާއި ކިޔުން ގްރޭޑާއި އެކަށީގެންވާ މިންވަރަށް ގޭތެރޭގައި ނުގެންދެވިދާނެތީ އެވެ.                                  

އާންމުގޮތެއްގައި ބަސް ކިޔަވައިދިނުމުގެ މަޤްޞަދުތަކުގެތެރޭގައި ހަތަރު ހުނަރެއް ހިމެނެއެވެ. މިގޮތުން އަޑުއެހުން، ލިޔުން، ކިޔުން އަދި ވާހަހަކަދެއްކުމުގެ ހުނަރު ހިމެނެއެވެ. އަދި އެ ގްރޭޑެއްގެ ފޮތުގައި ހިމެނޭ ސުރުޚީތައް ނުވަތަ ބަސްތައް ހިމެނޭގޮތަށް ކުޅިވަރުތަކެއް ތައްޔާރުކޮށްލެވިދާނެއެވެ. މިގޮތުން ސްޕެލިންގް ބީ ގޭމްސް، ބަސް ބުނުމުން އޭގެ މާނަ ބުނާ ކަހަލަ ގޭމްސް، އަދި ލިޔުން ރީތިކުރަންވެސް ފާރުގައި ގަނޑުތަކެއް ހިއްޕާފަ އޭގައި ކުދިން ލިޔާ ފޮތްތަކުގައި ހުންނަގޮތަށް ރޮނގުދަމާފަ ބެހެއްޓިދާނެ އެވެ. މިފަދަ ތަފާތު ގޮތްތަކަށް ކުޅުމުގެ ތެރެއިން ލިޔަން ކިޔަން ކުދިންނަށް ދަސްކޮށްދެވިދާނެ އެވެ. އަދި މިފަދަގޮތަކަށް ރާވާލުމުން މުޅިދުވަހުކުޅެން ބޭނުންވެގެން އުޅުނު ކަމުގައިވިޔަސް އެކުޅުމަކީ ކުދިންނަށް ކޮންމެވެސް އެއްޗެއް ދަސްވެގެންދާ ކުޅިވަރަކަށް ވެގެން ދިޔުން އެކަށީގެންވެއެވެ. އަދި ކުޅިވަރުތައް ރޭވުމުގައި ހެލިފެލިވެ އުޅޭ ކުޅިވަރުތައް ރޭވުންވެސް ވަރަށް މުހިންމެވެ. ސަބަބކީ ގޭތެރޭގައި ތިބެންޖެހުމުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އަދި ކަސްރަތުކުރުމަށްވެސް ބާރުއެޅުމުގެ މަޤްސަދުގައެވެ.

ގިނަ ކުދިން ގޮވައިގެން އުޅެންޖެހުމާއި ގޭތެރޭގެ ޒިންމާގެ ސަބަބުން ދުވާލުގަޑީގައި މިފަދަ ކުޅިވަރުތައް ތައްޔާރުކޮށްލުމަށް މައިންބަފައިންނަށް ދަތި ވެދާނެއެވެ. ރޭގަނޑު ކުދިން ނިންދެވުމަށްފަހު އަނެއްދުވަހަށް ކުޅިވަރުތައް ނުވަތަ ކިޔަވައިދޭން ޤަސްދުކުރާ ކަންތައްތައް ތާވަލުކޮށް ތައްޔާރުކޮށްލެވިދާނެއެވެ. އަދި މިކަމުން އަމިއްލަ ނަފްސަށްވެސް ހިތްހަމަޖެހުމެއް ލިބޭގޮތަށް ކުދިން ހޭލަންވާއިރަށް "ސަޕްރައިޒް" ތައްޔާރުކޮށްލެވިދާނެއެވެ. އަދި ދަރިފުޅު ހޭލަންވާއިރަށް މިގޮތަށް ތައްޔާރުކޮށްފައި ބހައްޓަން ފެށުމުން ކުޅުމުގެ ތެރެއިން ކުދިންނަށް ކޮންމެ ދުވަހަކުވެސް އާހުނަރުތަކެއް ދަސްވެގެން ދެއެވެ. އެކުދިންވެސް އަނެއްދުވަހުގެ "ކުޅިވަރުތަކަށް" އުންމީދުކުރެއެވެ.                                 

އަޅުގަނޑުމެންގެ ދަރިންގެ އެންމެ ހިނިތުންވުމަކީވެސް އަޅުގަނޑުމެންގެ ދުނިޔެ އުޖާލާ ކޮށްދޭނެކަމެއްކަން ޔަޤީނެވެ.                                                         

+1
1
+1
14
+1
5
+1
5
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް