September 20, 2024 15:30
Advertisement

-Advertisement-

ސިންގާއަށް ފިލަން ދުވާ ފަދައިން ޣީބަ ބުނާ މީހުންގެ ކިބައިން ސަލާމަތްވޭ!

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އިސްލާމް ދީނަށް އުޅުމަށް މަސައްކަތް ކުރާ ބައެކެވެ. ދީނުގެ ޙުކުމްތަކަށް އިޙްތިރާމް ކުރާ ބައެކެވެ. މާތްﷲ ގެ އަމުރުފުޅުތަކަށް ވީ ވަރަކުން ކިޔަމަންތެރިކަން އަދާ ކުރާ އަދި އަޅުކަމުގައި ވަގުތު ހޭދަ ކުރާ ބައެކެވެ. މިގޮތުން ނަމާދު ކުރުމާއި ރޯދަ ހިފުމާއި ޞަދަޤާތް ދިނުންފަދަ ހެޔޮ ޢަމަލުތައް ކުރުމުގައި ޙަޔާތުގެ ވަގުތު ހޭދަ ކުރާ މީހުން އުޅެއެވެ. އަދި އެ އަޅުކަންތަކަށް ފަރުވާތެރިވެއެވެ. ރައްކާތެރިވެއެވެ. ހެޔޮ ޢަމަލުތައް ކުރެވޭކަމުގެ އުފާވެރި އިޙްސާސުގައި ޙަޔާތުގެ ދުވަސްތައް ހޭދަ ކުރެއެވެ. މިނޫން ދުނިޔެއެއް އޮތްކަން ދަނެ އެދުވަހަށް ފޮރުވާ ޚަޒާނާއެއްގެ ގޮތުގައެވެ. އެދުވަހަށްޓަކައި ތައްޔާރު ކުރާ ކޮއްތެވެ.

ތިބާގެ ޙަޔާތުގެ ދުވަސްތައް ވެއިތުކުރީ މާތްﷲ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވެއެވެ. އެކަންކަމުން ރައްކާތެރި އަޅެއްގެ ގޮތުގައެވެ. ޒިނޭ އެއް ނުކުރެއެވެ. ރާ ބޮއެ ނޫޅެއެވެ. އަދި މީހަކު ނުމަރައެވެ. ރިބާ އެއް ނުކައެވެ. މައިންބަފައިންނަށް އޯގާތެރިވިއެވެ. މިގޮތުން ތިބާވީ މާތްﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައެވެ. ތިބާ ހުރީ އެ ހުރިހައި ހެޔޮ ޢަމަލުތަކާއެކު ދުނިޔެ ދޫކުރުމަށް ތައްޔާރުވެގެންނެވެ. އެ ހެޔޮ ޢަމަލުތަކާއެކު ސުވަރުގެ ވަނުމުގެ ފޮނި އުއްމީދުގައެވެ.

ތިބާ މި ހުރިހައި ހެޔޮ ޢަމަލެއްކޮށް ނަހީ ކުރެއްވި ކަންކަމުން ދުރުވާން މަސައްކަތްކުރާ ފަދައިން ތިބާގެ ޢަމަލުތައް ގެއްލި ނެތިގެންދާނެ ފަދަ ޢަމަލުތަކުން ރައްކައުތެރިވާން ޖެހޭނެއެވެ. އެއީ ޤިޔާމަތް ދުވަހުގައި ތިބާގެ ހުރިހައި ހެޔޮ ކަމެއް ނެތިގެންދާނެ ފަދަ ޢަމަލެކެވެ. އެ ޢަމަލެއްގެ ސަބަބުން އެތައްހާސް ނަމާދަކުން އަދި ހިފާ ރޯދައަކުން މަންފާއެއް ނުކުރާނެއެވެ. އެކަމުގައި ދެމިހުރި މީހަކަށް، ދެދުނިޔޭގައި ވެސް ގެއްލުމާއި ހަލާކު ހުރި ކަމެކެވެ. ނަމަވެސް ގިނަމީހުންވަނީ މިކަމަމާމެދު ޣާފިލުވެފައެވެ. އަދި ތިމާއަށް މިކުރެވެނީ ކިހާ ވަރެއްގެ ނުބައިކަމެއްކަން އިޙްސާސްވެސް ނުކުރެއެވެ.

Advertisement

އާދެ! އެ ޢަމަލަކީ ކޮބައިތޯއެވެ؟ އެ ޢަމަލެއްގެ ސަބަބުން ބަގުރޫޓުވެގެންދާ ޢަމަލަކީ ކޮބައިތޯއެވެ؟ އެ ޢަމަލަކީ ޣީބަ ބުނުމެވެ. ޣީބަ ބުނުމަކީ ކޮބައިކަން ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " ޣީބައަކީ ކޮން އެއްޗެއްކަން ތިޔަބައި މީހުންނަށް އެނގޭ ހެއްޔެވެ! އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެންމެ މޮޅަށް ދެނެ ވޮޑިގަންނަވަނީ ﷲއާއި އެކަލާންގެ ރަސޫލާއެވެ." ރަސޫލާ ޙަދީސް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނުރުހޭވާހަކަ (އެބަހީ: އޭނާ ނެތްތަނެއްގައި)  ދެއްކުމެވެ." ޞަޙާބީން ސުވާލު ދެއްނެވިއެވެ! "ތިމަންމެން ބުނާ ސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ ހުއްދަވާނެތޯއެވެ؟" ހަދީސް ކުރެއްވިއެވެ. "އެމީހެއްގެ ކިބައިގައި އެސިފައެއް ވާނަމަ އެއީ ޣީބައެވެ. އަދި އެސިފައެއް އެމީހެއްގެ ކިބައިގައި ނުވާނަމަ އެއީ ބުހުތާން ދޮގެވެ." (رواه أبو داود).

ބައެއް މީހުން ބުނާނެ ތިމަންނަ މިބުނީ އޭނަގެ ކިބައިގަ ހުރި ކަމެއްގެ ވާހަކައެވެ. އޭނަގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަ ދެއްކުން ޣީބައަކަށް ނުވާނެއެވެ. އެމީހެއްގެ ގައިގައި ހުރި ސިފައެއްވެސް، ނެތް ތަނެއްގައި ދެއްކީމަވަނީ ޣީބައަށެވެ. އެހެން މީހެއްގެ ކިބައިގައި ނެތް ވާހަކައެއް މީހަކު ކައިރީ ދެއްކުން ވާނީ ދޮގު ވާހަކައެއް ބުނި ކަމަށެވެ. އެކަން އިސްވެދިޔަ ޙަދީޘުން އެނގެއެވެ.

މިއަދުގެ މުޖުތަމަޢުގައި ޣީބައަކީ ވަރަށް އާދައިގެ ކަމަކަށް ވެއްޖެއެވެ. އަނެކާގެ އަބުރު ނަގައިލުމަކީ ކުޑަ ކަމަކަށް ވެއްޖެއެވެ. މީސް މީޑިޔާގައާއި ނޫސްތަކުގައި މީހުންގެ އަބުރުގެ ވާހަކަ ލިޔެ ފަތުރަނީ އެއްވެސް ޚިޔާލެއް ވިސްނުމެއްނެތިއެވެ. ތިމާ މިކުރާ ޢަމަލުތައް ލިޔުއްވާނެ މަލާއިކަތްބޭކަލުން ތިއްބަވާނެކަންވެސް ހަނދާންނެތްފަދައެވެ. މީހަކަށް ކުށެއް ކުރެވުމުން އެކަން މުޅި މުޖުތަމަޢުގެ ތެރޭގައި ފަތުރަނީ ތިމާޢަކީ ކުށެއް ނުކުރެވޭ މީހެއްކަމަށް ދެކިއެވެ. ނަމަވެސް ވިސްނަންވީ ކަމަކީ މި ހުރިހައި ކަމަކީވެސް ޤިޔާމަތް ދުވަހުން ޖަވާބުދާރީ ވާންޖެހޭނެ ކަންކަންކަމެވެ.

އެމީހަކު ކުރާ ނުބައި ޢަމަލުތައް އަމިއްލައަށް ދެއްކުން މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ ޙަރާމް ކުރައްވާފައެވެ. ވީ އިރު އެހެން އަޚެއްގެ ނުވަތަ އުޚްތެއްގެ ވާހަކަ ދެއްކުން ޙަރާމްވެގެންވުން އައުލާކަންބޮޑެވެ. އެންމެ މީހެއް ކައިރީގައި ވިޔަސް ޣީބަ ބުނުން ޙަރާމެވެ. އެހެން ކަމުގައި ވާއިރު ތިބާ މީސް މީޑިޔާއަށް ޚަބަރެއް ފެތުރުމުން ކިތަން މީހުން ކައިރީ އެވާހަކަ ދެކެވުނީ ހެއްޔެވެ؟ މިކަމާ މެދު ވިސްނައިލިން ހެއްޔެވެ؟ އެއިން ކޮންމެ މީހެއްކައިރީ ދެކެވުނީތީ އެކަމުގެ ބަދަލު ދޭން ޖެހޭނެއެވެ.

ތިބާ ޒިނޭ އެއް ނުކުރެއެވެ. އެ ފާފައިގެ ތެރެއަކަށް ނުވަދެއެވެ. އަނެއް މުސްލިމް އަޚާ ނުވަތަ އުޚްތާއަށް އެފަދަ ޢަމަލެއް ކުރެވޭ ހިނދު އެވާހަކަ ފަޅާ އަރުވާ މީހަކަށް ތިބާވެއެވެ. އެކަން ބޭޒާރުކޮށް މީހުންގެ ތެރޭގައި ފަޟީޙަތްކުރާ މީހަކަށް ތިބާވެއެވެ. ތިބާ ހީކުރަނީ މިކުރެވެނީ ވަރަށް ރަނގަޅު ކަމެއްކަމަށް ހެއްޔެވެ؟ އަދި އަނެއް އަޚާ ބޭޒާރު ކުރުމުން ތިމާ ވަރަށް މާތް މީހަކަށް ވަނީ ހެއްޔެވެ؟ ނޫނެކެވެ. ތިބާ ތި ދަނީ ބަގުރޫޓުވެގެންނެވެ. ތިބާ ތިދަނީ ކުރާ ހެޔޮ ޢަމަލު އެއަޚާއަށް ދެމުންނެވެ. މުދަލަކުން ފައިދާ ނުކުރާނެ ދުވަހު ތިބާ ކުރި ހުރިހައި ހެޔޮ ޢަމަލުތައް ތިލަފަތަށް ލެވޭ ދުވަހު، ބައިވަރު ހެޔޮ ޢަމަލުތަކާއެކު ތިލަފަތް ބަރުވެފައިވާތަން ދެކޭނެއެވެ. ނަމަވެސް، ހުރި ހިތާއެއްގެ ބޮޑު ކަމާއެވެ. އެ ހުރިހައި ހެޔޮ ކަމެއް ސިކުންތުކޮޅެއްގެ ތެރޭގައި ނެތިގެން ދާނެއެވެ. ތިބާގެ ދުލުގެ ނުބައިކަމުންނެވެ. ތިބާ އެމީހެއްގެ ޣީބަބުނެފައިވާނަމަ ތިބާގެ ހެޔޮކަމުން އެ މީސްތަކުންނަށް، ދޭންޖޭހޭނެކަން ދަންނާށެވެ. އަދި ތިބާގެ ހެޔޮކަން އެގޮތުގައި ހުސްވުމުން ތިބާ ޣީބަބުނެފައިވާމީހާ ކޮށްފައިވާ ނުބައިކަންތައް ތިބާ އުފުލަން ޖެހިދެއެވެ.

އެދުވަހަކީ ޒައްރެއްގެ މިންވަރުވެސް ހެޔޮކަމެއް ލިބެން އޮތިއްޔާ އެ ހޯދަން ދުވާ ދުވަހެވެ. އެ ދުވަހަކީ ތިބާގެ ހެޔޮ ޢަމަލުން، ތިބާގެ ދަރިން ، މައިންބަފައިން، އަޚުންނަށް ދޭން ޖެހިދާނެކަމަށް ފިލާ ދުވަހެވެ.  އެފަދަ ދުވަހެއްގައި ތިބާގެ ހެޔޮ ޢަމަލު އެހެން މީހަކަށް ދޭން ޖެހުމަށްވުރެ ނިކަމެތި ކަމެއް ކޮބައި ހެއްޔެވެ؟ ހަޤީޤީ ބަގުރޫޓު ވުމަކީ އެއީއެވެ. އެތައް ނަމާދަކާއި ހެޔޮ ޢަމަލުތަކާއެކު ﷲ އާ ބައްދަލު ކުރަން ދިއުމަށްފަހު އެ އެއްކޮށްފައި ހުރި ހުރިހައި ހެޔޮ ޢަމަލެއް ތިބާގެ ދުލުގެ ނުބައިކަމުން އެހެން މީހުނަށް ދޭން ޖެހުމެވެ. އެންމެ ފަހުން ހުސްއަތާ ދިޔަ މީހެއްފަދައިން ނަރަކައަށް އެއްލައިލެވޭނެއެވެ. މިކަމުން ދުރުވެ ރައްކާތެރިވުމަކީ އާޚިރަތުގައި ތިމާގެ ހެޔޮކަންތައް މީސްތަކުންނަށް ބަހަން ނުޖެހި، ތިމާގެ ހެޔޮ އަމަލު ތަކައިގެން ސުވަރުގެއަށް ވަދެވެން އޮތް މަގެކެވެ.

ޣީބައަކީ ހަމައެކަނި މީހެއްގެ ހުރި އުނި ސިފައެއްގެ ވާހަކަ ދެއްކުމެއްނޫނެވެ. އެހެނެއްކަމަކު މީހަކު ޚަލްޤު ކުރައްވާފައިވާ ގޮތާއިމެދު ފާޑު ކިޔުމަކީވެސް ޣީބައެވެ. އާއިޝާ رضي الله عنها ކިބައިން ރިވާވެގެން ވެއެވެ. ތިމަންކަމަނާގެ އަރިއަހަށް އަންހެން ބޭކަނބަލަކު ވަޑައިގަތެވެ. ދެންފަހެ އެކަނބުލޭގެ ދިއުމުން އެއީ ކުރު ބޭކަނބަލެއް ކަމުގައި ބުނުމަށް، ތިމަންކަމަނާ އަތުން އިޝާރާތެއް ކުރެއްވީމެވެ. އެހިނދު ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "ކަމަނާ އެ އަންހެނާގެ ޣީބަ ބުނެފިއެވެ." މި ޙަދީޘުން އެނގެނީ ޣީބަ ބުނެވެނީ ދުލުން އެކަނި ނޫން ކަމެވެ. އިޝާރާތުން ވިޔަސް މީހެއްގެ ހުރި އުނި ކަމަކާއި ބެހޭގޮތުން ބުނެފިމީހަކު، އެބުނީ ޣީބައެވެ.

ޣީބަ ބުނާ މީހާއަށް މާތްﷲ ވަނީ ގަދަފަދަ އަޛާބު ތައްޔާރު ކުރައްވާފައެވެ. އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘް ބަސްފުޅެއްގައި ވެއެވެ. رسول الله صلى الله عليه و سلم ޙަދީޘް ކުރެއްވިއެވެ.  ”ތިމަން ކަލޭގެފާނު މިޢުރާޖަށް އުޑަށް އަރައި ވަޑައިގެންނެވުނު ހިނދު، ލޮއިން ހެދިފައިވާ ނިޔަފަތިތަކެއްގެ ވެރި ބައެއްގެ ކައިރިން ތިމަން ކަލޭގެފާނު ހިންގަވައި ވަޑައިގަތީމެވެ. އެބައިމީހުންގެ ނިޔަފަތިތަކުން އެބައި މީހުންގެ މޫނު ތަކުގައްޔާއި، މޭތަކުގައި އަޅުވައި، ދަމަމުން ދިޔައެވެ. އެހިނދު ތިމަން ކަލޭގެފާނު ދެއްނެވީމެވެ. އޭ ޖިބްރީލް އެވެ. އެއީ ކޮން ބަޔެއްތޯއެވެ؟. ވިދާޅުވިއެވެ. އެބައިމީހުންނީ މީސްތަކުންގެ މަސްކައި، މީސްތަކުންގެ އަބުރަށް އަރައި އުޅުނު މީހުންނެވެ." (ސުނަން އަބީ ދާވޫދު، ކިތާބުލް އަދަބް، ޙަދީޘް ނަންބަރ : 4878).

ދުލަކީ މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ވަރަށް ބާރުގަދަ ހަތިޔާރެކެވެ. އެ ހަތިޔާރުގެ ސަބަބުން ތިބާ ސުވަރުގެ ވަދެއެވެ. އެއީ  ދުލުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމުންނެވެ. އަދި އެ ހަތިޔާރުގެ ސަބަބުން ތިބާ ނަރަކައަށްވެސް ވަދެއެވެ. އެއީ މީހުންގެ ވާހަކަ ދެއްކުމާއި ހުތުރު ބަސްތަށް ބުނުމުގެ ސަބަބުންނެވެ. ދުލުން ބޭރުކުރާ ބަސްތަކަށް ރައްކާތެރިވެއްޖެ މީހާ ޤިޔާމަތް ދުވަހުން ރައްކާތެރިކަން ލިބިއްޖެއެވެ. ތިބާގެ ދުލަކީ އެހެން މީހުންގެ ޢައިބުތައް ދައްކާ ދުލަކަށް ނަހަދާށެވެ. ތިބާގެ ދުލަކީ އެހެން މީހުން ހިމާޔަތްކުރާ ދުލަކަށް ހަދާށެވެ. ނަސޭހަތް ދޭ ދުލަކަށް ހަދާށެވެ. ތިބާގެ ދުލުގެ ސަބަބުން ހެޔޮ ޢަމަލުތައް ބާޠިލުވިޔަ ނުދޭށެވެ. އެހެން މީހަކު އައިސް ތިބާ ކައިރީގައި މީހެއްގެ ވާހަކަ ދައްކާނަމަ، އުޛުރު ދައްކާށެވެ. ސިންގާއަށް ފިލަން ދުވާ ފަދައިން ޣީބަ ބުނާ މީހުންގެ ކިބައިން ސަލާމަތްވުމަށް ދުވެ ފިލާށެވެ.

+1
0
+1
5
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް